އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްކޫލްތައް ހިންގުން ސްކޫލްގެ ފެންވަރަށް ބަދަލުކުރެވޭނެ: ތައުލީމީ ވަޒީރު

ސްކޫލްތައް ހިންގުން ސްކޫލްގެ ފެންވަރަށް ބަދަލުކުރެވޭނެ: ތައުލީމީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 12 ސިކުންތު

އައު ދިރާސީ އަހަރު ފެނިގެންދާނެ އައު ބަދަލުތަކަކީ، މިހާރުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ތަޢުލީމީ ހިންގުން ލާމަރުކަޒީ ކުރެވޭތަން ފެނުން ކަމަށާއި މާޒީ ދެކެފައިވާ ދުވަސްތަކާއި ޚިލާފަށް، ސްކޫލްތައް ހިންގުން ސްކޫލްގެ ފެންވަރަށް ބަދަލުކުރެވޭ މަންޒަރު ކަމަށް ތައުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ސަރުކާރުން ޚަރަދުކޮށްގެން ދޭން ފެށުން ިފްތިތާޙްކުރުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ތައުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލްތަކުގައި، ނާސްތާ ނުވަތަ މެންދުރު ކެއުން ދިނުމަކީ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގައި ވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ކުރުމަކީ، ކަންކަން ނިންމުމުގެ ބާރާއި ޒިންމާތަކާއި މަސައްކަތްތައް، ތަނެއްގެ މަތީ ލެވެލްތަކުން، ތިރީ ލެވެލްތަކަށް ބަދަލުކުރުން ކަމަށާއި ބާރުތައް އެކެއްގެ އަތްމައްޗަށް ނުދީ، ފަތުރައިލުމުން ކަމަށެވެ. ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ، ސީދާ ކަމާ ގުޅޭ މީހުންނާ ހިސާބަށް ބާރުތައް ފޯރާނެ ކަމަށެވެ. ތަންފީޒީ ފެންވަރުގައި ތިބޭ މީހުން ކަންކަން ނިންމުމަށް ބާރުވެރިކުރުމުން، ޖެހޭ މައްސަލަތައް އަވަހަށް، އެދެވޭ ގޮތަކަށް ޙައްލުކުރެވޭނެ ކަމަށާއި ތަޢުލީމީ ދާއިރާގެ ހިންގުން "އެފިޝަންޓް" ވާނެ ކަމަށާއި އެފިޝަންޓްވުމަކީ، އަވަހަށް އެދެވޭ ނަތީޖާ ނެރެވުން ކަމަށެވެ.

"ދިވެހިރާއްޖޭގައި މިކަން ފެށިގެން އައީ ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މައްސަލަތައް ދިރާސާ ކުރިއިރު، މުހިއްމު ކަސްރެއްގެ ކުދިން، ހެނދުނު ނުކައި ސްކޫލަށް އަންނަކަން ފާހަގަ ކުރެވިގެން. ބަނޑުހައިވުމުގެ ސަބަބުން، ކުދިންނަށް ކިޔެވުމަށް ސަމާލުކަން ދިނުމަށް، ފޯކަސް ކުރުމަށް ދަތިކަން ފާހަގަކުރެވިގެން. އެކަށީގެންވާ ކާނާ ނުލިބުމުން، ކުދިން އަނަރޫފަވެ، ބައެއް ކުދިން އެކަށީގެންވާ ވަރަށް ބޮޑު ނުވާކަން ފާހަގަ ކުރެވިގެން... މި ތަޖުރިބާތަކުން، ހެނދުނުގެ ނާސްތާ ދިނުންވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިންތިޚާބީ ވަޢުދަކަށް. މިއަހަރަކީ، މި ވައުދު ފުއްދޭ އަހަރު."

މިނިސްޓަރުގެ މިވާހަކަފުޅަށް ތާއީދުކުރަން ޖެހެއެވެ. ހެނދުނުގެ ނާސްތާ ދިނުމަށް މިއަހަރު ދައުލަތުން 50 މިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތުމުން އެކަމަށް ދައުލަތުން ދެއްވާ ސަމާލުކަން ފާހަގަކުރެވެއެވެ.

މިނިސްޓަރުގެ ވާހަކަފުޅު:

الحمد لله رب العالمين والصلاة والسلام على

أشرف الأنبياء والمرسلين، نبينا محمد وعلى آله وصحبه أجمعين

ކޮންމެ ދިރާސީ އަހަރެއް ފެށޭ ދުވަހަކީ ދަރިވަރުންނާއި ބެލެނިވެރީންނަށް،  މުދައްރިސުންނާއި ހިންގުންތެރީންނަށް އަދި ތަޢުލީމީ ދާއިރާގެ އެހެން ޙިއްޞާދާރުންނަށް، އުފާވެރި ޝުޢޫރުތަކެއް ވެރިކުރުވާ ވަގުތެއް.  ބައެއް މީހުން މިދުވަހާ ކުރިމަތިލަނީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު.... ދިރާސީ އަހަރު ގެނެސްދޭނޭ އައު ތަޖުރިބާތަކަށް ކުރަމުން ދިޔަ އިންތިޒާރާއި  ސްކޫލަށް ދިއުމަށް ވަމުންދިޔަ ތައްޔާރީތައް ނިމުމުން ލިބޭ ހިތްހަމަ ޖެހުމާއެކު...ޗުއްޓީ ދުވަސްތަކަށް ފަހު، ރައްޓެހި ކުދިންނާއި  އެކުގައި މަސައްކަތް ކުރާ މީހުންނާ އަލުން ބައްދަލުވާތީ، ހިނިތުންވަމުން.

މަދްރަސީ ތަޢުލީމުގެ މަސްއޫލިއްޔަތު އުފުލާ ވަޒީރެއްގެ ހައިސިއްޔަތުން، އައު ދިރާސީ އަހަރުގެ ތަހުނިޔާ އާއި މުބާރިކުބާދީ ހުރިހާ ދަރިވަރުންނަށާއި މުދައްރިސުންނަށް، އަދިބެލެނިވެރިންނަށާއި އެހެން ފަރާތްތަކަށް ފޮނުވަން.  މިއީ އައު ދަތުރެއްގެ ފެށުން. ދަށު ގްރޭޑްތައް ނިންމާ، ސާނަވީ ސްކޫލް ފެށުން ފަދަ، އައު މަރުޙަލާތަކަށް ބަދަލުވާ ކުދީންނަށާއި ބެލެނިވެރީންނަށް މިއަދަކީ ޚާއްޞަ ދުވަހެއް. އަދި ޢަމްދުން، މުޅިން އަލަށް ސްކޫލަށް ދާ ކުދިންނަށާއި އެކުދީންގެ ބެލެނިވެރީންނަށް، މިއަދަކީ މުޅި ޢުމުރުގައި ހަނދާން ހުންނާނޭ ދުވަހެއް.

 

ސަރުކާރުގެ ފަރާތުން ކޮންމެވެސް މިންވަރަކަށް ޢާއްމުންނަށް ތައުލީމު ދެމުން ގެންދާތާ މިހާރު 100 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. ވޭތިވެދިޔަ ޤަރުނުގައި ތަޢުލީމު ދިޔައީ އެކި ގޮތްގޮތަށް ތަރައްޤީވަމުން. މިއަހަރަކީ މި ފަޚުރުވެރި ދިގު ތާރީޚްގައި އައު ކަމެއް ފެށޭ އަހަރެއް. އާދެ!

ސްކޫލް ދަރިވަރުންނަށް ނާސްތާ ނުވަތަ ހެނދުނުގެ ކެއުން ދެވެން ފެށޭ އަހަރު. ދިމާވާ މައްސަލަތައް ދެނެގަނެ ތަޖުރިބާތަކެއް ކުރުމަށް ފުރަތަމަ ޓާމްގައި، 25 ސްކޫލެއްގައި މިކަން ފެށިއަސް،  ދެވަނަ ޓާމުން ފެށިގެން ހުރިހާ ސަރުކާރުގެ ސްކޫލެއްގައި އިރާދަކުރެއްވިއްޔާ ނާސްތާ ދެވޭނެ. 

 

ސްކޫލްތަކުގައި، ނާސްތާ ނުވަތަ މެންދުރު ކެއުން ދިނުމަކީ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ޤައުމުތަކުގައި ކުރަމުންދާ ކަމެއް. ދިވެހިރާއްޖޭގައި މިކަން ފެށިގެން އައީ ދިވެހިރާއްޖޭގެސްކޫލްތަކުގެ މައްސަލަތައް ދިރާސާ ކުރިއިރު، މުހިއްމު ކަސްރެއްގެ ކުދިން، ހެނދުނު ނުކައި ސްކޫލަށް އަންނަކަން ފާހަގަ ކުރެވިގެން.

ބަނޑުހައިވުމުގެ ސަބަބުން، ކުދިންނަށް ކިޔެވުމަށް ސަމާލުކަން ދިނުމަށް، ފޯކަސް ކުރުމަށް ދަތިކަން ފާހަގަކުރެވިގެން... އެކަށީގެންވާ ކާނާ ނުލިބުމުން، ކުދިން އަނަރޫފަވެ،  ބައެއް ކުދިން އެކަށީގެންވާ ވަރަށް ބޮޑު ނުވާކަން ފާހަގަ ކުރެވިގެން... މި ތަޖުރިބާތަކުން، ހެނދުނުގެ ނާސްތާ ދިނުންވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިންތިޚާބީ ވަޢުދަކަށް. މިއަހަރަކީ، މި ވައުދު ފުއްދޭ އަހަރު. 

ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ދިހަވަރަކަށް އަހަރު ކާމިޔާބުކޮށް ކުރިއަށް ގޮސްފިނަމަ  އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭނީ، ސްކޫލް ކުދިންގެ ހިތްއަލިވެ، މުރާލިވެ، ރޫފަޖެހި، އިސްކޮޅުން ދިގުވެ،  ދިވެހިރާއްޖެ އައު އުސްމިނަކަށް އުފުއްލާލާނޭ މުލައްދަނޑީގައި ބާރު ހުރި، ބުންވަރުގައި ޖޯރުހުރި،ފަހުލަވާނުންތަކަކަށް އެކުދީން ވާނެކަން.ނާސްތާގެ އިތުރުން، ދަރިވަރުން ދޮޅަހި ޞިއްޙަތެއްގައި، ހަށިލުއި ގޮތެއްގައި، ބޮޑެތިކުރުމަށް އިތުރު ބާރެއް ސަރުކާރުން ލާނެ.

ތަޢުލީމީ ދާއިރާގެ ހުރިހާ ބައިވެރީން.

އައު ދިރާސީ އަހަރު ފެނިގެންދާނޭ އައު ބަދަލުތަކަކީ، މިހާރުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ތަޢުލީމީ ހިންގުން ލާމަރުކަޒީ ކުރެވޭތަން. މާޒީ ދެކެފައިވާ ދުވަސްތަކާ ޚިލާފަށް، ސްކޫލްތައް ހިންގުން ސްކޫލްގެ ފެންވަރަށް ބަދަލުކުރެވޭ މަންޒަރު. ލާމަރުކަޒީ ކުރުމަކީ، ކަންކަން ނިންމުމުގެ ބާރާއި ޒިންމާތަކާއި މަސައްކަތްތައް، ތަނެއްގެ މަތީ ލެވެލްތަކުން، ތިރީ ލެވެލްތަކަށް ބަދަލުކުރުން. ބާރުތައް އެކެއްގެ އަތްމައްޗަށް ނުދީ،

ފަތުރާލުމުން، ސްކޫލްތަކަށް ކަންކަން ނިންމުމަށް އިތުރު ބާރުތައް ލިބިގެންދާނެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެ، ސީދާ ކަމާ ގުޅޭ މީހުންނާ ހިސާބަށް ބާރުތައް ފޯރާނެ. ތަންފީޒީ ފެންވަރުގައި ތިބޭ މީހުން ކަންކަން ނިންމުމަށް ބާރުވެރިކުރުމުން، ޖެހޭ މައްސަލަތައް އަވަހަށް، އެދެވޭ ގޮތަކަށް ޙައްލުކުރެވޭނެ. ތަޢުލީމީ ދާއިރާގެ ހިންގުން އެފިޝަންޓް ވާނެ. އެފިޝަންޓްވުމަކީ، އަވަހަށް އެދެވޭ ނަތީޖާ ނެރެވުން.

ތަޢުލީމާ ބެހޭ މިނިސްޓްރީގެ މަސައްކަތްތައް ލާމަރުކަޒީ ކުރުމުގެ ތެރޭގައި، ބޮޑެތި މީހުންގެ ނުރަސްމީ ތަޢުލީމު، ކައުންސިލްތަކަށް ބަދަލުކުރުންވެސް ހިމެނޭ. ނުރަސްމީ ތަޢުލީމު ރަށު ފެންވަރަށް ބަދަލުވުމުން، އެކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ރައްޔިތުން ބޭނުންވާ ހުނަރުތައް ގާތުން ފޯރުކޮށްދިނުމަށް މަގު ފަހިވާނެ. މި ތައުލީމަށް އައު ރޯޝަންކަމެއް އަންނާނެ.

މި ފުރުޞަތަކީ މި މުނާސަބަތަކީ އައު އަހަރު ގެންނަން ރޭވިފައިވާ ތަޢުލީމީ އެތައް އިޞްލާޙްތަކެއް ވިޔަކޮށް ބަޔާންކުރުމުގެ މަޤާމެއް ނޫން. ނަމަވެސް، އަދި އެއްކަމެއް ދަންނަވާލާނަން. އަތެއްގެ ހުރިހާ އިނގިލިތައް އެއްވަރު ނުވާފަދައިން، ހުރިހާ ދަރިވަރުންނަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން، ހަމަހަމަ ކުދިންނެއް ނޫން. ދަރިވަރުންގެ ތަފާތުތައް ދެނެގަނެ، ކޮންމެ ކުއްޖަކަށް ބޭނުންވާ އަޅާލުންތެރިކަން ދީގެން، ހުރިހާ ކުދިން ހިމެނޭގޮތުން ދެވޭ ތަޢުލީމަށް މިހާރަކަށް އައިސް ކިޔަނީ އިންކްލޫސިވް އެޑިޔުކޭޝަން.

މި ނިޒާމް މިހާރަށް ވުރެ ފުރިހަމަ ކުރުމަށްޓަކައި، ވަކި ޑިވިޜަނެއް މި ވުޒާރާގައި އުފައްދައި، ސަފުން އިތުރު ސަމާލުކަމެއް، މި ނިޒާމް ފުރިހަމަ ކުރުމަށް ދޭނެ ވާހަކަ ދަންނަވާލަން. މިއަހަރު، އަލަށް ތަންފީޒުކުރާ ސަރުކާރުގެ ތަޢުލީމީ އިތުރު ސިޔާސަތުތައް، ފަހު ފުރުޞަތެއްގައި، ދަންނަވާލާނަން. 

ބޮޑެތި އިޞްލާޙްތައް ތަޢުލީމީ ދާއިރާއަށް ގެންނަން ރާވާފައިވާ އަހަރު، ނާޒިރުންނާއި މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނާއި ސްކޫލްތަކުގެ ހުރިހާ ސްޓާފުންގެ ފަރާތުންލިބެމުންދާ ކެތްތެރިކަމާއި އެއްބާރުލުމަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި މި ފުރުޞަތުގައި، ހުރިހާ ދަރިވަރުންނާއި މުދައްރިސުންނަށް ކާމިޔާބު، ފާގަތި، ފަހި، ފެހި ދިރާސީ އަހަރަކަށް އެދެން.  ދިވެހި ދަރިވަރުންނަކީ، އަޅުގަނޑުމެން އެންމެންގެ އެހީތެރިކަމާއި އަޅާލުންތެރިކަން ބޭނުންވާ ބައެއްކަން، ހުރިހާ ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަން. އެކުދީން ކިޔަވައި، ކުޅެ، ބޮޑުވާނޭ ރައްކާތެރި، އުފާވެރި މާޙައުލެއް ހޯދައިދިނުމަކީ ހުރިހާ ދިވެހީންގެ ވާޖިބެއްކަން ދަންނަވަން. މިއަދު އިންދި އޮށުން ނޫނީ މާދަމާ ގޮވާމެއް ނުކެނޑޭނެކަން ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ދަރިވަރުން ކުރާ ތަޢުލީމީ ތަޖުރިބާއަކީ، ޙިކްމަތާއި ކެތްތެރިކަމާއި ޢިލްމާއި އިޙްސާންތެރިކަމާއި ހަމަހަމަކަން ލިބިގެންވާ ތަޖުރިބާއަކަށް ހެއްދެވުން. މާތް ﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލައްވާށި. އާމީން.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް