އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެޒޯގެ އުންމީދު: ވިލިމާލެ އަކީ ހަގީގަތުގައި ވެސް މާލޭގެ އަވަށެކޭ ބުނެވޭވަރު ކުރުން!

މެޒޯގެ އުންމީދު: ވިލިމާލެ އަކީ ހަގީގަތުގައި ވެސް މާލޭގެ އަވަށެކޭ ބުނެވޭވަރު ކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 6 ސިކުންތު

މުޙައްމަދު މާޖިދު އޭ ބުނުމުން ނޭނގިދާނެ ބައެއް މީހުން ފަހަރެއްގައި އުޅެދާނެއެވެ. ނަމަވެސް "މެޒޯ މުޙައްމަދު" އޭ ބުނުމުން ނޭނގޭނެ މީހުން ވަރަށް މަދުވާނެއެވެ. 

އާންމުންނަށް އޭނާ އެންމެ ބޮޑަށް އެނގިފައިވަނީ މިޔުޒިކް ކުޅުންތެރިއެއް ނުވަތަ ލަވަ ކިޔުންތެރިއެއް ގޮތަށެވެ. އޭގެ އިތުރުން ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުގެ ބައްޕަގެ ގޮތުގައެވެ. 

ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ މެޒޯ މުޙައްމަދު އާއި ބެހޭގޮތުން މުޅިން އެހެން ވާހަކައެކެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާއަށް ވާދަ ކުރުމަށް، އޭނާ އެމްޑީޕީ ޕްރައިމެރީގައި އޭނާ ބައިވެރިވެފައިވަނީ، ވިލިމާލޭ ރައްޔިތުންނަށް ނުހަނު ފޮނި އުންމީދުތަކަކާއި ހުވަފެންތަކަކާއެކުއެވެ. 

އެގޮތުން "މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި މެޒޯ މުޙައްމަދު ބުނެފައިވަނީ، އޭނާއަކީ މާލޭ ރައްޔިތަކަށްވީ ހިނދުވެސް، ވިލިމާލޭ ދާއިރާއަށް ކުރިމަތިލާން ޚިޔާރުކުރީ ވަރަށް ގިނަ ކަންތައްތަކެއް ބެލުމަށްފަހު އެކަންތައްތައް ފުރިހަމަ ކޮށްދިނުމުގެ އުންމީދުގައި ކަމަށެވެ. 

"އަޅުގަނޑު މިއައީ ރާއްޖޭގެ އެކި ދިމާތައް ބަލަމުން. އެގޮތުން އަޅުގަނޑު ބެލިން ގއ. ގދ. ހިސާބުވެސް، ނ. އަތޮޅާއި ށ. އަތޮޅު ހިސާބުވެސް ބެލިން. އަޅުގަނޑު ބެލިން އަޅުގަނޑުގެ ސީދާ އުފަން މާލެ ވެސް. ހުޅުމާލެ ވެސް ބެލިން. އެހެން އުޅުމުގެ ތެރޭގައި އަޅުގަނޑަށް މިހާރު އާދެވިފައި މިހުރީ ވިލިމާލެއަށް. ވިލިމާލެއަށް އައީ އަޅުގަނޑަކީ ހަމަހިމޭން ކަމާއި، ގަސްތަކާއި މޫދު ފެންނަން ލޯބިކުރާ، އަދި ބައެއް ގަޑިތަކުގައި އެކަނި އިންނަން ލޯބިކުރާ މީހަކަށްވާތީ ރައްޓެއްސަކު ދިން ޚިޔާލެއްގެ މަތިން. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑަކީ ހަމައެކަނި ލަވަކިޔާ މީހެކޭ، މީރާގެ ބައްޕައޭ ބުނެ އެހިސާބުން ނިމޭކަށް. އެލަވަ ނިމުމުން އަޅުގަނޑަކީ ދެން ނެތް މީހެއް ކަމުގައި މީހުން ދެކޭކަށް ބޭނުމެއް ނޫން. އަޅުގަނޑު ކުރާ ހިތްވާ ކަމަކީ ތަފާތެއް ދެއްކުން." ވިލިމާލެއާއި ހަމައަށް އާދެވުނު ގޮތް ކުރުގޮތަކަށް ކިޔައި ދެމުން މެޒޯ މުޙައްމަދު ބުންޏެވެ. 

މެޒޯ މުޙައްމަދު ބުނި ގޮތުގައި އޭނާ ބޭނުންވަނީ އޭނާގެ ދަރިންނަށް ރަނގަޅު "ޕްލެޓްފޯމެއް" ގާއިމްކޮށްދީ އަދި ޤައުމަށް ވެސް އިޚުލާސްތެރި ޚިދުމަތެއް ކޮށްދޭ މީހަކަށް ވާށެވެ. 

"ވިލިމާލެ" އަކީ އޭނާގެ ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ. އެގޮތުން "ވިލިނގިލި" ގެ ނަމުން ކުރިން ރިސޯޓެއްގެ ގޮތުގައި އެތަން އޮތްއިރުވެސް މެޒޯ މުޙައްމަދު އެތަނަށް ގޮސްފައިވެއެވެ. 

"ޔުނިވާރސަލް މީހުންނަށް ވިލިނގިލި ރިސޯޓެއްގެ ގޮތުގައި ހަދަން ލިބުމުގެ ކުރީގައި އެތަން އޮތީ ޖަލެއްގެ ގޮތުގައި. ދެން އަޅުގަނޑު ދުށް ވިލިނގިއްޔަކީ ހިތްގައިމު ރިސޯޓެއްގެ ގޮތުގައި ހަދާފައިވާ ތަނެއް. ދެން މިހާރު އަޅުގަނޑު މިތަނަށް (ވިލިނގިއްޔަށް) އައިސް ބަލާލާއިރު، މިއީ ހަމަ އެވިލިނގިލި. އެއިމާރާތްތައް އެބަހުރި، ވަރަށް ރީތި ނަމެއް ދީފައި މިއިންނަނީ. އެއީ 'ވިލިމާލެ'. އަދި ވިލިމާލޭގެ މީހުން ބަލަންވީ، މިއީ މާލޭގެ އަވަށެއް ކަމަށް. އެހެންނަމަވެސް ޚިދުމަތްތަކާއި ރަށުތެރޭގެ ކަންތައްތަކާއި ލިބެންހުރި ރިސޯސެސްތަކަށް ބެލީމަ ވިލިމާލެއެކޭ ހިއްމަފުށްޓެކޭ ތުލުސްދޫއެކޭ ގާފަރެކޭ ނޫނީ ގުރައިދޫ އެކޭ ވެސް ވަކި ތަފާތެއް ނެތް. ތަފާތަކަށް އިނީ އެރަށްތަކަށް ވުރެ ވިލިމާލެ މާލެއާއި ކައިރިކަން. ތަންކޮޅެއް އަވަހަށް މާލެ ދެވޭކަން. މާލެ ނުގޮސް ކުރެވޭނެ މާގިނަ ކަންތައްތަކެއް ނެތް. މިއަތޮޅުގެ އެހެން ރަށަކުން ވެސް ނުކުރެވޭ ކަމެއްވިއްޔާ މިތަނުންވެސް ވަކި ކުރެވޭކަށް ނުހުރޭ. ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އޮންނަ ގޮތަށް ވިލިމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނެއް ވެސް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ" ވިލިމާލޭގެ ހާލަތު ހުރިގޮތް ކުރުގޮތަކަށް ބަޔާން ކޮށްދެމުން މެޒޯ މުޙައްމަދު ބުންޏެވެ. 

މެޒޯ މުޙައްމަދު ބުނިގޮތުގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ޙިދުމަތްތައް ވަރަށް މަދުވެފައި "ލިމިޓެޑް" އެވެ. އެގޮތުން ސިއްޙީ ދާއިރާއަށް ބަލާލި ކަމުގައިވިޔަސް، ރަނގަޅު ބޭސްފަރުވާއެއް އަދިވެސް ވިލިމާލެއިން ނުލިބޭކަން ފާހަގަކޮށް، އޭނާ ބުނެފައިވަނީ އެހުރިހާ ކަމެއް ވެސް އިސްލާޙުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭފަދަ ގޮތްތަކެއް ގާއިމު ކޮށްދޭން މަސައްކަތް ކުރަން އޭނާ އުންމީދުކުރާ ކަމަށެވެ. 

ގިނަ މީހުން އާންމުގޮތެއްގައި އެންމެ ގިނައިން ދައްކާ އެއް ވާހަކައަކީ މަޖިލިހަށް ހޮވުމަށް ނުވަތަ އިންތިހާބަކަށް ކުރިމަތިލުމަށްފަހު އެމީހަކު ހޮވުމަށްފަހު ދެން ރައްޔިތުންނަށް "ގެއްލޭ" ކަމެވެ. އެހެންކަމުން އެދާއިރާއަކަށް ހޮވާ އެމްޕީ އަކާއި ހަމައަށް ރައްޔިތުންގެ އަޑު ފޯ÷ރުވުން ވަރަށް ވެސް ދަތިކަން ގިނަ ރައްޔިތުން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މެޒޯ މުޙައްމަދު ވިލިމާލޭ ދާއިރާއަށް ހޮވިއްޖެނަމަ ރައްޔިތުންނާއި ގާތްކަން ބާއްވާނީ ކިހާވަރަކަށްތޯ ކުރި ސުވާލަށް އޭނާ ބުނެފައިވަނީ.. 

"އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން އަޅުގަނޑު ހޮވުމަށްފަހު، އަޅުގަނޑަކީ ހަމައެކަނި އަރާމު ފްލެޓެއްގައި، އަގު ބޮޑު ކާރުގައި ދަތުރުކޮށް، އަގުބޮޑު ގަޑި އަޅައިގެން، ރައްޔިތުންނަށް އަޅުގަނޑަކީ ހަމަ އެކަނި މަޖިލިސް ތެރެއިން އެކަނި ފެންނަ މީހަކަށް ނުވަތަ ކޮންމެވެސް ޕްރެސް ކޮންފެރެންސަކުން ޓީވީން އެކަނި ރައްޔިތުންނަށް ފެންނަ މީހަކަށްވާކަށް. މިސާލަކަށް އަޅުގަނޑަށް އެމްޑީޕީގެ ޓިކެޓެއް ދީފައި، އަޅުގަނޑު ރައްޔިތުންގެ ވޯޓުން މަޖިލީހާާއި ހަމައަށް ދެވުމުން، އަޅުގަނޑާއި ބާއްވާ ގާތްކަން ކަނޑާނުލުމަށް އަޅުގަނޑު މިހާރުވެސް މިދަނީ އަޅުގަނޑު ރަށްޓެހިންގެ ގާތުވެސް ބުނަމުން. އަޅުގަނޑު ބުނަން އަޅުގަނޑު މިހާރު އެމީހުން ކައިރީގައި މިދައްކާ ވާހަކަތައް އެދުވަހުން ވެސް އަދި އަބަދުވެސް އަޅުގަނޑަށް ހަނދާން ވެސް ކޮށްދޭން. ހަމަޔަގީނުން ވެސް އަޅުގަނޑެއް ނުފިލާނަން. މިސާލަކަށް އަޅުގަނޑު މަޖިލީހުގެ ގޮނޑިއަށް ހޮވިއްޖެނަމަ، އަޅުގަނޑު ދިރިއުޅޭނީ ވެސް ވިލިމާލޭގައި. މިއީ ބަލާ އަޅުގަނޑު ކުރާ ވައުދެއް ކަމަށް ވެސް. ހޮވިއްޖެނަމަ އަޅުގަނޑު ދިރިއުޅޭނީ ވިލިމާލޭގައި ކޮންމެވެސް ހިޔާވަހިކަމެއްގައި. ފަސް އަހަރު ނިމުމުގެ ކުރިން އެހެން ބިމަކަށް ބަދަލެއް ވެސް ނުވާނަން. އެހެންކަމުން ވިލިމާލޭގައި ދިރިއުޅޭއިރު، ނުފިލޭނެ ނޫންތޯ. ހުންނާނީ ހަމަ ރައްޔިތުންނަށް އެންމެ ފަސޭހައިން ހޯދޭނެހެން، ރައްޔިތުން ދައްކާ ވާހަކަތައް އަޑުއަހަން މިތަނުގައި، ރައްޔިތުންގެ ގާތުގައި. އަދި މީގެއިތުުރުން (އަޅުގަނޑަށް މަޖިލީހާއި ހަމައަށް ދެވިއްޖެނަމަ) އަޅުގަނޑު ބަލާނަން ވިލިމާލޭގައި އޮފީހެއް ވެސް ގާއިމު ކުރެވޭތޯ. އެއީ ވެސް ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން އަޑުއެހުމަށް. އަޅުގަނޑު އަބަދުވެސް ވަރަށް ބަލާ ކަމެއް އަޅުގަނޑު ދެކެ ކިތަންމެ ނުރުހޭ މީހެއްގެ ވެސް ރުހުން ހޯދޭތޯ މަސައްކަތް ކުރުމަކީ"

އެމްޑީޕީގެ ޕްރައިމެރީގައި މެޒޯ މުޙައްމަދުގެ އިތުރުން އަށް ފަރާތަކުން ވަނީ ވާދަ ކުރަން ނިންމާފައެވެ. އެހެންކަމުން މިދުވަސްވަރަކީ ކެމްޕެއިނު ހަރަކާތްތައް ވެސް ކުރަމުންދާނެ ދުވަސްކޮޅަކަށްވާތީ ތާއީދު ހޯދުމަށް މެޒޯ އޭނާ ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ސުވާލު ކުރުމުން ބުނީ އޭނާ ވިލިމާލެއަށް ދިޔައީ ވަރަށް ފޯރިއާއެކު ކެމްޕެއިނު ކުރުމަށް ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވެސްވި ކަމަށެވެ. އެގޮތުން ޕޯސްޓަރުތައް ޕްރިންޓުކޮށް، ބޮޑުބެރު ގްރޫޕުތަކާއި ވާހަކަ ދައްކާ މިހުރިހާކަމެއް ވަރަށް ފޯރީގައި ކުރި ކަމަށާއި މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ ޕްރައިމެރީ ކަމަށްވާތީ، ވަރަށް ފޯރިގަދަ ވާނެ ކަމަށް އުންމީދު ކުރި ކަމަށް މެޒޯ މުޙައްމަދު ބުންޏެވެ. ނަމަވެސް ވިލިމާލޭގައި ކެމްޕެއިނު ހަރަކާތްތައްދަނީ ހީކުރި ވަރަށްވުރެ "ވަނދުކޮށް" ކަން ހިތާމައާއެކު އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް އޭނާ އުންމީދު ކަނޑާނުލާ ކަމަށާއި އެމްޑީޕީގެ ހިތްވަރުގަދަ އެހެން ފަރާތްތަކާއިވެސް އެކު ކެމްޕެއިނު ހަރަކާތްތައް މަދުން ނަމަވެސް އަދިވެސް ކުރިއަށް ގެންދާކަމަށް އޭނާ ބުންޏެވެ.

" ވަރަށް މާޔޫސްވާ ކަނއްތައްތައް ވެސް ދިމާވި. މިސާލަކަށް އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމެއް، އަޅުގަނޑު ވިސްނީ ކުޑަ ޖާފަތެއް ހަދާލައި އިސްރަށްވެހިންނަށާއި އެހެން ވެސް ބައެއް ބޭފުޅުންނަށް ހަމަ ދައުވަތު ކާޑެއް ދީގެން ވީހާވެސް ގިނަ މީހުން ބައިވެރިކުރަން. އެކަން އަޅުގަނޑު ކުރިން، ޚާއްސަކޮށް އަޅުގަނޑާއި ވާދަކުރާ އަނެއް އަށް މީހުންގެ ނަން ޖަހާފަ ކާޑެއް ދޭން ނިންމިން. ދެން އެދުވަހު އިއްތިފާގަކުން ދިމާވި ހާދިސާއެއް. އެޖާފަތައް ދެ މީހަކަށް އަޅުގަނޑު ފުރަތަމަ ކާޑު ދިނިން. ދެން އެހިސާބުގަނޑު އެހެން އެއްވެސް ގެއަކަށް ކާޑު ނުލަން. ދެން އަޅުގަނޑަށް (އެހެން ކުއްޖަކު ދައްކައިގެން) ފެނުނީ، އަޅުގަނޑު ދިން ދައުވަތު ކާޑު އިރާލާ ދެބުރި ކޮށްލާފައި މަގުމައްޗަށް އެއްލާލާފައި އޮތްތަން. އެއީ ކެމްޕެއިނު ހަރަކާތެއް ވެސް ނޫން އިނގޭތޯ، އެއީ ދައުވަތު ކާޑެއް. ނަމަވެސް އެކާޑު އިރާލާފައި މަގުމައްޗަށް އެއްލާލާފައި އޮއްވާ ފެނުނީ. އަޅުގަނޑު ހިތައް އެރި މިއީ ބާއޭ މިކަން ކުރަންވާނެ ގޮތަކީ، ހާދަ ބޮޑު ސައިކޮލޮޖިކަލް އިޝޫ އެކޭ އެއޮތީ، ހަމަގައިމުވެސް ކާޑު ދިން މީހުން ނުވާނެ 18 އަހަރުން ދަށެއް. 18 އަހަރު ފުރިފަ ހުންނަ މީހަކު އަޅުގަނޑު ޤަބޫލެއް ނުކުރަން އެއްވެސް ސަބަބަކާއިހެދި މީހަކު ދޭ ދައުވަތު ކާޑެއް (ސިޓީ އުރައަކަށް ވެސް ލާފަ އޮތް ދައުވަތު ކާޑެއް)، އެމީހަކީ އެތަނަށް ދާން ބޭނުން ނުވާ މީހެއް ކަމުގައި ވިޔަސް ނުވަތަ ފޫހިވާ މީހެއް ކަމުގައި ވިޔަސް، މަގުމައްޗަށް އެއްލާލަން ވާނެ ކަމަކަށް. ދާން ބޭނުން ނުވި ކަމުގައި ވިޔަސް ގޭގެ ޑަސްބިނާއި ހަމައަށް އެކާޑު ގެންގޮސް ދެވެން ވާނެ، އެގޮތަށް ކަންތައް ނުކޮށް. އެކަކު އަނެކަކަށް އިޚުތިރާމް ކުރަންވާނެ ދެއްތޯ؟" އެހާދިސާއާއި ގުޅިގެން ކުރި އަސަރަކުން މެޒޯ މުޙައްމަދު ކިޔައިދިނެވެ.

ކޮންމެހެނަކަސް، މެޒޯ މުޙައްމަދު މާޖިދަކީ އަޚުލާޤު ރަނގަޅު ރީތި ސިފަތަކަކާއި އުސޫލުތަކެއްގެ މަތީގައި ދިރިއުޅެމުން އަންނަ މީހެއްކަން އޭނާ ދަންނަ ގިނަ މީހުން އެއްބަސްވެއެވެ. އިންތިހާބަކަށް ކުރިމަތިލުމުގެ ވަގުތު ނުހަނު ކައިރިވެފައިވާއިރު އޭނާ ވިލިމާލޭގެ ރައްޔިތުންނަށާއި އަދި މިވަގުތު އެންމެ ޚާއްސަކޮށް އެމްޑީޕީގެ މެމްބަރުންނަށް ދޭން ބޭނުންވާ މެސެޖަކީ، ޕްރައިމެރީގައި ވޯޓުލާން ދާން ޖެހޭ ދުވަހު އެޙައްޤު ލިބިގަނެ، ވޯޓު ފޮށްޓާއޮ ހަމައަށް ވަޑައިގެން ވޯޓުލުމަށެވެ. 

"އެދުވަހު ގޭގައި ނުތިއްބަވާ، ފުރުސަތުގެ ބޭނުން ކުރައްވަން ވޯޓު ފޮށްޓާއި ހަމައަށް ވަޑައިގަންނަވާށެވެ. އަދި އަޅުގަނޑަށް ވޯޓު ދިނުން ރަނގަޅު ކަމަށް ފެންނަންޏާ އަޅުގަނޑަށް ވެސް ވޯޓެއް ދެއްވާށޭ އެއީ އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ" ބަސްދީގަތުން ނިންމާލަމުން އޭނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ