އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލެ ސަރަހައްދުގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެވޭނީ އިތުރު ސްކޫލް އަޅައިގެން: އެޑިޔުކޭޝަން

މާލެ ސަރަހައްދުގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެވޭނީ އިތުރު ސްކޫލް އަޅައިގެން: އެޑިޔުކޭޝަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 51 ސިކުންތު

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި، އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށް ކަމަށް  އަދި މާލޭގައި ދެ ދަންފަޅިއަށް ހިންގާ 13 ސްކޫލް ހުރުމާއެކު ހުސްޖާގަ ނެތުމަކީ މާލެ ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. 

ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ކުރި އޮޑިޓަށްފަހު އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް މި އޮޑިޓްގެ އެހީގައި ވަނީ ޕްލޭނެއް އެކުލަވާލެވިފައި ކަމަށާއި އެގޮތުން ސްކޫލްތަކުގައި ޖާގަ އިތުރުކުރުމުގެ ބަދަލުގައި އިތުރު ސްކޫލްތައް އިމާރާތް ކުރުން މުހިއްމު ކަމަށް ވަނީ ފާހަގަކޮށްފައި ކަމަށެވެ.

 

އެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާން:       

ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ކުރިއަށް ގެންދެވުނު އޮޑިޓް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގައި ކުރަން ހަމަޖައްސާފައިވާ ކަންތައްތަކުގެ ތެރެއިން ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޯޑިޓެއް ހެދުމުގެ މަސައްކަތްވަނީ މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މި މިނިސްޓްރީން ފަށާފައެވެ.  

މި އޮޑިޓްގައި ރާއްޖޭގެ ސްކޫލްތަކުގެ މިހާރުގެ ހާލަތު ދެނެގަނެ ދެދަންފަޅިއަށް ހިންގާ ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ފާހަގަކޮށް އެކަމަށް ހިނގާނޭ ޚަރަދުތައް ވަނީ އަންދާޒާކުރެވިފައެވެ.

ރާއްޖޭގައި މިވަގުތު ހުރި 213 ސަރުކާރު ސްކޫލުގެ ތެރެއިން 151 ސްކޫލު މިހާރުވެސް ހިންގަނީ އެއްދަންފަޅިއަށެވެ. އަދި 62 ސްކޫލެއް އެއްދަންފަޅިއަށްވުރެ ގިނަ ދަންފަޅިއަށް ހިންގައެވެ. މިނިސްޓްރީން ކުރިއަށް ގެންދެވުނު އޮޑިޓްގެ ނަތީޖާއަށް ރިއާޔަތްކޮށް މި 62 ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރުމަށް ރޭވިފައިވަނީ 3 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ކެޓަގަރީގައި ފާހަގަ ކުރެވިފައިވަނީ ސްކޫލު އެއްދަންފަޅިއަށް ހިންގުމަށްޓަކައި 10 ކިލާސް ނުވަތަ އެއަށްވުރެ މަދު ކިލާސްރޫމް ބޭނުންވާ ސްކޫލުތަކެވެ. މި ކެޓަގަރީގައި 37 ސްކޫލެއް ހިމެނެއެވެ. ދެވަނަ ކެޓަގަރީގައި ހިމެނެނީ އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި 10 ކިލާސްރޫމަށް ވުރެ އިތުރަށް ޖާގަ ބޭނުންވާ އަތޮޅުތެރޭގެ 13 ސްކޫލެކެވެ.

އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގައި، އެންމެ ބޮޑު ގޮންޖެހުމެއް އޮތީ މާލޭ ސަރަހައްދުގެ ސްކޫލްތަކަށެވެ. މިއީ މި ޕްރޮޖެކްޓް ހިންގުމުގެ ތިންވަނަ ކެޓަގަރީއެވެ. މާލޭގައި ދެ ދަންފަޅިއަށް ހިންގާ 13 ސްކޫލް ހުރުމާއެކު ހުސްޖާގަ ނެތުމަކީ މާލެ ސަރަހައްދުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ދިމާވެފައިވާ ގޮންޖެހުމެކެވެ. މިކަންކަން ހައްލުކުރުމަށް މި އޮޑިޓްގެ އެހީގައި ވަނީ ޕްލޭނެއް އެކުލަވާލެވިފައެވެ. އެގޮތުން ސްކޫލްތަކުގައި ޖާގަ އިތުރުކުރުމުގެ ބަދަލުގައި އިތުރު ސްކޫލްތައް އިމާރާތް ކުރުން މުހިއްމު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

މިހާރު އެއްދަންފަޅިއަށް ބަދަލުނުކުރެވިހުރި ހުރިހާ ސްކޫލެއް 2023 ވަނައަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ޢިމާރާތް ކުރުމަށް ބޭނުންވާ 838 ކްލާސްރޫމާއި އެހެނިހެން ވަޞީލަތްތައް ޤާއިމް ކުރުމަށް 2,379,000,000/- ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކުރެވެއެވެ.

މިރޭ ފުރިހަމަކުރެވިގެން މިދާ ދެވަނަ ވައުދަކީ ސްކޫލުތަކުގެ އިތުރުއެހީގެ ނިޒާމު ވަރުގަދަކޮށް ހަރުދަނާ ކުރާނޭ ގޮތުގެ އެސެސްމަންޓެއް ހަދާ އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަނެ އެކަން އިޢުލާން ކުރުމެވެ. މި އެސެސްމެންޓްއަށް ރިއާޔަތްކޮށް މިހާރުވަނީ ސްކޫލްތަކުގައި އިތުރުއެހީ ދިނުމާ ބެހޭ އުސޫލެއް އެކުލަވާލާފައެވެ. މި އުސޫލުގައި ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން މި ޕްރޮގްރާމްގައި އަދާކުރަންޖެހޭ ރޯލަކީ ކޮބައިކަން ފާހަގަކުރެވިފައިވާނެއެވެ.

ދަރިވަރުންނަށް އިތުރު އެހީ ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ މައިގަނޑު ތިން ބައެއްގެ މައްޗަށް ބަހާލެވިގެންނެވެ. އެއީ މަންހަޖުގައި ދަރިވަރަށް ހާސިލްވާންޖެހޭ މިންވަރުކަމަށް ކަނޑައެޅިފައިވާ މިންވަރު ހާސިލް ނުވާ ދަރިވަރުންނަށް އެ މިންވަރު ހާސިލްކޮށްދިނުމަށް ކޮށްދެވޭ މަސައްކަތާއި، ދިރާސީ އަހަރު ތެރޭގައި ދަރިވަރަށް ހާސިލްކޮށްދިނުމަށް ކަނޑައެޅިފައިވާ މުޤައްރަރު ފުރިހަމަ ކުރުމަށް ކޮށްދެވޭ މަސައްކަތާއި މަންހަޖުގައި ހާސިލްކުރަން ކަނޑައެޅިފައިވާ މިންވަރު ފަސޭހަކަމާއެކު ހާސިލްކުރާ ދަރިވަރުން އެއަށްވުރެ މަތީ ދަރަޖައަކަށް ވާސިލްވުމަށް މަގުފަހިކޮށްދިނުމަށް ކޮށްދެވޭ މަސައްކަތެވެ.

މި ދެ ވައުދުގެ ސަބަބުން ދަރިވަރުންނަށް ވަށާ ޖެހޭ ތަޢުލީމެއް ދިނުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި ތަޢުލީމީ ނިޒާމުން ނުކުންނަ ދަރިވަރުންނަކީ ދީންވެރި، ޚުލްޤުހެޔޮ، މުޖުތަމަޢަށް ބޭނުންހިފޭ، އަމިއްލައަށް ދިރިއުޅެވޭ، މަސައްކަތަށް އަހުލުވެރި، ޒިންމާދާރު، ޤައުމު ބިނާކުރާނެ ދަރިން ތަކަކަށް ވެގެންދާނެއެވެ. 

11 ފެބްރުއަރީ 2019

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު