އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޮކްޓަރުންގެ ދުވަހު ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! - އޭ ޕްލަސް ހަމަ ޙައްޤު!

ޑޮކްޓަރުންގެ ދުވަހު ޑޮކްޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! - އޭ ޕްލަސް ހަމަ ޙައްޤު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 59 ސިކުންތު

ޑޮކްޓަރުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު ޑޮކްޓަރުންނަށް "ވަރަށް ބޮޑަށް ޝުކުރިއްޔާ" ބުނެލަން ގިނަ ބައަކު ހަމަ ބޭނުންވެއެވެ. ދިވެހި ޑޮކްޓަރުން ހޯދާފައިވާ އަދި ހޯދަމުން ގެންދާ ކުރިއެރުންތައް ފާހަގަކޮށެވެ. ސަބަބުތައް ވަރަށް ގިނައެވެ. 

ދުނިޔޭގެ އެހެން ޤައުމުތަކުގައި އަލަށް ނުކުންނަ ޑޮކްޓަރުން ކުރިއަރައިގެންދަނީ އެމީހޔުންގެ އަތުގައި ހިފައިގެން ކުރިއަށް ގެންގޮސްދޭނެ ޕްރޮފެސަރުންތައް ތިބޭތީއެވެ. އަދި ޕްރޮފެސްރުންގެ އެހީތެރިކަން ލިބޭތީއެވެ. ނަމަވެސް ރާއްޖޭގެ ޑޮކްޓަރުން ކުރިއަރައި ސަރަހައްދީ ފެންވަރުގައި ފައިހަމަކުރަމުން އެގެންދަނީ ހަމަ އެމީހުންގެ އަމިއްލަ މަސައްކަތުންނެވެ. އަމިއްލަ ހިތްވަރުންނެވެ. އަމިއްލަ ތަޖުރިބާއިންނެވެ. 

ރާއްޖޭގެ ޑޮކްޓަރުންނަށް ފާޑުކިޔުން އެއީ މައްސަލައެއް ނޫނެވެ. ދެލޯ ހުޅުވައިގެން ކަންކަން ބަލައި ދިރާސާކޮށްފިނަމަ އިތުރު ކަންކަން އެނގި ފާޑުކިޔުން ބަދަލުވެގެންވެސް ހިނގައިދާނެއެވެ. ރާއްޖޭގެ ޑޮކްޓަރެއްގެ އަތުން ކަމެއް ވެއްޖެނަމަ އެކަމުގެ އަޑު ގަދަވަނީ އެކަން ފަސޭހައިން ގިނަ ބައަކަށް އެނގޭތީއެވެ. ބޭރުގެ ޑޮކްޓަރުން އަތުން ހިނގާ ދެރަ ކަންތައްތައް މަދުވެގެނެއް ނޫނެވެ.

 

ހަމައެކަނި މިދިއަ އަހަރަށް ބަލާއިރު މިއަދުނޫހަށް ޔަޤީންކަމާއިއެކު ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި އޮޕަރޭޝަން ކުރުމަށް ބެލި ނަމަވެސް އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާގައި ވަނީ 11 ދިވެއްސަކަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ. އެކަންކަމުގެ ތެރޭގައި އޮޕަރޭޝަން ކުރަން ނުޖެހޭ ފައި އޮޕަރޭޝަންކުރުން، ކޮނޑުގެ މަސްގަނޑު އިރިގެން އޮޕަރޭޝަން ކުރި އޮޕަރޭޝްނެއްގައި އެއްވެސް ފަރުވާއެއް ދީފައި ނެތުން ފަދަ ވަރަށް އާދައިގެ ކަންކަމުގައިވެސް ވަނީ އިހްމާލުވެފައެވެ. 

ދިވެހި ޑޮކްޓަރުންގެ މުސްތަޤްބަލު މިހާރު ފެންނަނީ ވަރަށް އުޖާލާ ކޮށެވެ. އެންމެ ބޮޑު ސަބަބަކީ ކޮންމެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރިނަމަވެސް އަނެއް ހޮސްޕިޓަލުން އެދިއްޖެ ނަމަ ގުޅިގެން މަސައްކަތްކުރާ މަންޒަރު ފެންނަމުން އަންނަ ކަމެވެ. ހަމައެއާއިއެކު ބަލި މީހުންނަށް ދޭންޖެހޭ ފަރުވާގެ މައުލޫމާތު ބެލެނިވެރިންނަށް ވަރަށް ފުރިހަމައަށް ކިޔައިދީ ބެލެނިވެރިންގެ ސަމާލުކަމަށް ކަންކަން ގެނެސްދީގެން ފަރުވާކުރުމުގެ ރޫޙު ފެނިގެންދާތީއެވެ. 

މިކަމުގައި އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން މިހާރު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިކަން ފާހަގަކުރެވެއެވެ. މިކަން ފާހަގަކުރަން މިޖެހުނީ ހަމަ ވަރަށް ބޮޑަށް ހައިރާން ކުރުވި ކަންތައްތަކެއް ދާދިފަހުން ފެނިގެން ގޮސްފައިވާތީއެވެ. 

ބަލިމީހެއްގެ އެމްއާރުއައި ހެދުމަށްފަހު ފެނުނު މައްސަލަތައް ޢާއިލާގެ މީހުންނަށް ޑޮކްޓަރުން ކިޔައިދިނީ ކޮމްޕިޔުޓަރުން މައްސަލަތައް ދައްކައިދެމުންނެވެ. ބައެއް ކަންކަމުގައި އެކަމަކާއި ގުޅުންހުރި 6،7 ޑޮކްޓަރުން އެކުގައި ތިބެގެން ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދޭތަންވެސް ވަނީ ފެނިފައެވެ. އަދި ބެލެނިވެރިން ކުރަން ބޭނުންހައި ސުވާލެއް ކުރުމުގެ ފުރުޞަތުވެސް ދެއެވެ. އިތުރު އެއްވެސް ސުވާލެއް އެބައޮތްތޯ ވެސް ސުވާލުކުރެއެވެ. 

އޭޑީކޭގެ މިވާހަކަ މިގެނައީ އެއްވެސް ޙާލެއްގައި އެހެން ހޮސްޕިޓަލެއްގެ ޚިދުމަތްތަކަށް ނުވަތަ ޑޮކްޓަރުންނަށް ފާޑުކިޔުމުގެ ގޮތަކުން ނޫނެވެ. އަމިއްލަ ލޮލަށް މިކަންކަން އޭޑީކޭ ހޮސްޕިޓަލުން ފެނުމުން އެކަން ޙިއްޞާ ކުރުމަށެވެ. 

މިކަންކަމުން އެނގިގެންދަނީ އެ ޑޮކްޓަރުން ފަރުވާ ކުރަމުން އެގެންދަނީ ވަރަށް ސާބިތުކަމާއިއެކުގައި ކަމެވެ. އަދި ކަންކަން ކުރަމުން ގެންދަނީ މިކުރެވެނީ ކޮން ކަމެއް ކަމާއި ދެން ކުރަންވީ ކޮން ކަމެއްކަން ވަރަށް ރަނގަޅަށް އެނގިތިބެ ކަމެވެ. މިގޮތުގައި ކުރިއަށްދާނަމަ ރާއްޖޭގެ ޞިއްހީ ޚިދުމަތް ދާދި އަވަހަށް ފެނިގެންދާނީ އޭޕްލަސް ޚިދުމަތެއްގެ ގޮތުގައެވެ. 

އަދިވެސް އެއްފަހަރު ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ތަހުނިޔާ އަރިސްކުރަމެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް