އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައިވެސް ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު: ރައީސް

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައިވެސް ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 32 ސިކުންތު

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައިވެސް ދިވެހި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށާއި މިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ކުރަމުންދާ، ބައިނަލްއަޤްވާމީ އިޤްތިޞާދީ ދަތުރުތަކަށް، ސަލާމަތްތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައިވެސް، ދިވެހި ސިފައިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ދިވެހިންގެ 127 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށް ވީނަމަވެސް ދިވެހި ސިފައިންނަކީ މަދަނީ އެތައް ޚިދުމަތެއް ފޯރުކޮށްދިނުމުގައި، މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. "ދިވެހި މަސްކަނޑުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދެނީ ދިވެހި ސިފައިން. ކަނޑުމަތީގެ ހާދިސާތަކާއި ޤުދްރަތީ ކާރިސާތަކުގައި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީވެސް ސިފައިން"

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

މީގެ އިތުރުންވެސް މަދަނީ އެތައް ދާއިރާއަކުން، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް އަންނަނީ ލިބެމުން. އެކަމަށްޓަކައި، ދިވެހި ސިފައިންގެ ހިންގުންތެރި ވެރީންނަށާއި، ހީވާގި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. 

ލާމަރުކަޒީ ނިޒާމުން ވެރިކަން ކުރުމުގެ އެއް އަސާސަކީ، ޤައުމީ ދިފާޢީ ބާރުގެ ޚިދުމަތްތައްވެސް، ލާމަރުކަޒީ ކުރެވިގެން ދިޔުން. އެކަމަށްޓަކައި މިހާރު ޤާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށްޓަކައި، ކޯސްޓްގާޑާއި ފަޔަރުގެ ޚިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓްޕޯސްޓްތައް ޤާއިމުކުރެވިގެންދާނެ. 

ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި، ސިފައިން ފޯރުކޮށްދޭ އަވަސް އެހީތެރިކަން، ރައްޔިތުން ހެޔޮހިތުން ބަލައިގަންނަކަން، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. ޚާއްޞަކޮށް މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ހިނގި އަލިފާނުގެ 80 އަށްވުރެ ގިނަ ހާދިސާގައި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ސިފައިން ފޯރުކޮށްދިން ޚިދުމަތް، ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު. 

މިރޭ އިފްތިތާޙް ކުރި، ސިފައިންގެ ޑޮކްޓްރީންގެ އެހީގައި، ދިވެހި ސިފައިންގެ ޚިދުމަތް، ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެކަން ޔަޤީން. އޭގެ އިތުރުން، ދުނިޔޭގެ ސަލާމަތީ މަސްރަޙަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް، ދިމާވާ ގޮންޖެހުންތަކާއި ނުރައްކާތަކާ ކުރިމަތިލެވޭނެ ގޮތަށް، ދިވެހި ޢަސްކަރިއްޔާގެ އިސްތިރާޖީ ކުރިމަގުވެސް ބައްޓަންވެގެންދާނެ. 

މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ޢަސްކަރިއްޔާގެ ބާރުތައް އަލުން އެކުލަވާލައި ތަރުތީބުކުރެވިގެންދާނީ، މިރޭ މި އިފްތިތާޙްކުރި ޑޮކްޓްރީންގެ އަސާސްތަކުގެ މައްޗަށް. އެ ޑޮކްޓްރީންއިން ގެނެސްދޭ ބަދަލުތަކާއެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ވެގެންދާނީ، ޢަސްކަރިއްޔާއެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ، ހުނަރާއި ތަމްރީން ލިބިފައިވާ އަދި ވަސީލަތުގެ ގޮތުންވެސް ޤާބިލުކަން ލިބިފައިވާ ލަޝްކަރަކަށް. 

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، އިންޞާފުގެ މަގަށް މުޅި ޤައުމު އަނބުރާ ގެނައުން. ސިފައިންގެ ތެރޭގައިވެސް، އެންމެންނާމެދު ޢަމަލުކުރެވޭނީ، ޢަދުލު އިންޞާފާއި ހަމަހަމަކަމާ އެކުގައިކަން ކަށަވަރު ކުރުމަށްޓަކައި، ލިޔެވިފައި އޮންނަ ޑޮކްޓްރީންއެއްގެ ހިޔާވަހިކަން ލިބުމަކީ، ޢަސްކަރިއްޔާއަކަށް ވަރަށް ބޭނުންތެރި ކަމެއް.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު