އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދީނާއި ދުރުވުމުގެ ސަބަބުން ހާސްވުމުގެ ބައްޔާއި ނަފްސާނީ ބަލީގެ ޝިކާރައަކަށްވި އުޚްތަކަށް ޙިދާޔަތް ލިބުނު ގޮތުގެ ވާހަކަ

ދީނާއި ދުރުވުމުގެ ސަބަބުން ހާސްވުމުގެ ބައްޔާއި ނަފްސާނީ ބަލީގެ ޝިކާރައަކަށްވި އުޚްތަކަށް ޙިދާޔަތް ލިބުނު ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 9 ސިކުންތު

މިއީ "މިއަދުނޫހުގެ" ކިޔުންތެރިއަކު ހިއްސާކުރި ހަގީގީ ހާދިސާއެކެވެ. އެއުޚްތާ ބޭނުންވަނީ، އޭނާގެ ވާހަކައިން ވެސް އިބްރަތެއްލިބި، އޭނާ ފަދައިން ގިނަ ބަޔަކަށް ޙިދާޔަތް ލިބި ސީދާ ވެގެންވާ ތެދުމަގަށް އުޅުމެވެ.

 

"ބޮޑުވަމުން އައި އިރު އަޅުގަނޑަކީ ދީނާއި ބެހޭގޮތުން މާބޮޑު އެއްޗެއް އެނގުނު މީހެއް ނޫނެވެ. ސްކޫލްގައި އުޅުނުއިރު، 'އިސްލާމް' މާއްދާއެއްގެ ގޮތުގައި ކިޔެވިކަމުގައި ވިޔަސް، ދީނީ ކަންކަމަށް އަޅުގަނޑުގެ މާބޮޑު ސަމާލުކަމެއް އެއިރަކު ނުހުރެއެވެ.

މަންމަ ނަމާދު ކުރާތަން ފެނެއެވެ. އެވަރުން ވެސް ނަމާދު ކުރަން އަޅުގަނޑުގެ ހިތެއް ނުޖެހުނެވެ. އެއިރު ނަމާދު ކުރަނީ ވެސް މަންމަ ބުނެގެންނެވެ. އެއްވެސް ވަރަކަށް އަޅުގަނޑު އެކަން ކުރާހިތަކުންނޫނެވެ.

އެހެން އުޅެނިކޮށް، އުމުރުން 12 އަހަރުގައި، އަޅުގަނޑު ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރިއެވެ. އަޅުގަނޑު ބާއްވާފައި އޮތް އެނދުގެ އަނެއް ފަރާތުގައި ހުރި އެނދެއްގައި އަޅުގަނޑު ދަންނަ ކުއްޖެއް އެޑްމިޓު ކޮށްފައި އޮތެވެ. އޭނާ އެޑްމިޓް ކުރީ ވަރަށް ބޮޑަށް ހުން އައިސްގެންނެވެ. އެއިރުވެސް އޭނާގެ ހާލު ވަރަށް ދެރައެވެ.

ހަފްތާއެއް ވަންދެން އެޑްމިޓް ކޮށްފައި އޮތުމަށްފަހު، އަޅުގަނޑު ދޫކޮށްލިއެވެ. ނަމަވެސް އެކުއްޖާ އެއިރުވެސް އޮތީ ބާއްވާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަޅުގަނޑަށް ޚަބަރު ލިބުނީ އެކުއްޖާ ނިޔާވެއްޖެ ކަމަށެވެ.

އޭގެ ފަހުން އަޅުގަނޑުގެ ހިތުތެރޭގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދުނެވެ. އަދި އެބިރުވެރިކަން ދިޔައީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. ބިރުވެރިކަން އިތުރު ވެގެންގޮސް ނަތީޖާއަކަށްވީ އަޅުގަނޑަށް ހާސްވުމުގެ ބަލިޖެހުމެވެ. އަބަދުވެސް ހުރެވުނީ މަރުވެދާނެތީ ބިރުގަނެ، ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައެވެ. ބުނެދޭން ނޭނގޭފަދަ ނުތަނަސްކަމެއް ވެސް ހިތުގައި އުފެދިފައިވެއެވެ.

އޭގެފަހުން އަޅުގަނޑުގެ އުމުރުން 20 އަހަރު ވަންދެން ވެސް އުޅުނީ އެބަލި ތެރޭގައެވެ. ބަލިބޮޑުވެ ވަރަށް ބޮޑަށް ހިތްދަތިވާން ވެސް ފެށިއެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެސް ވިއެވެ. ޝިފާއެއް ހޯދުމުގެ ގޮތުން އެތައް ޑޮކްޓަރުންނަކަށް ދެއްކުނެވެ. ވަގުތީ ލުޔެއް ލިބުނު ކަމުގައި ވިޔަސް ދާއިމީ ޙައްލެއް ނުލިބުނެވެ. އަދި އެކަންކަން އެއްކޮށް ފިލައިގެނެއް ވެސް ނުދިޔައެވެ.

އަޅުގަނޑުގެ ހާލަތު މިގޮތަށް ހުރިކަމުގައިވީ ނަމަވެސް، އެވަރުންވެސް ދީނީ ކަމަކަށް އެހާބޮޑު ސަމާލުކަމެއް ނުދެވެއެވެ. ހާސްވާން ފެށުމުން ބޮޑަށް އުޅެވުނީ ފިލްމެއް ބަލާލެވޭތޯއެވެ. ނޫނީ ލަވައެއް އަޑުއަހާލެވޭތޯއެވެ. ނަމާދުކުރަން މަންމަ ބުނީމަވެސް ވަރަށް ފަރުވާ ކުޑަކޮށް ނަމާދުކޮށްލާފައި ނިންމާލެވެނީއެވެ. އެހެންނޫނީ ފޭސްބުކްއިން ކޮންމެވެސް ފިރިހެން ކުއްޖަކާ ވާހަކަ ދެއްކުމުގައި ވަގުތު ހޭދަ ކުރީއެވެ.

ހައްލެއް ނުވަތަ ޝިފާއެއް ހޯދުމުގެ ގޮތުން އަޅުގަނޑު ކުރި އޭގެން އެއްވެސް ކަމަކުން އަޅުގަނޑަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން ދެން ހީކުރީ ކައިވެނި ކުރުމުން އެކަންކަން ރަނގަޅު ވާނެ ކަމަށެވެ. ކައިވެނިވެސް ކުރީމެވެ. އެވަރުން ވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ.

ވަޒީފާ ވެސް އަދާ ނުކުރެވި ހާލަތު އިތުރަށް ގޯސްވާން ފެށިއެވެ. ބިރުން ގޮސް ރޮވި، ރޭގަނޑުގެ ނިދިން މަޙްރޫމްވާ ހިސާބަށް ވެސް ދިޔައެވެ. ދުނިޔެ މަތިން ފޫހިވެ، ދުނިޔެއިން މޮޔަވާން އުޅޭކަމުގެ އިޙުސާސްވެސް ކުރެވެން ފެށުނެވެ.

އެންމެފަހުން ކެތް ނުވެގެން މިވާހަކަތައް މަންމައާއި ހިއްސާ ކުރީމެވެ. އެކަންތައްގަނޑުން ސަލާމަތް ކޮށްދިނުމަށް އެދި އަޑުން އަޑުނަގާ ރޮއެ އާދޭސް ކުރީމެވެ. މަންމަ ދިނީ ކުރިން ވެސް ދިން ނަސޭހަތެވެ. މަންމަ ބުންޏެވެ.

'ދަރިފުޅާއެވެ. ތިކަމަށް އޮތް ހައްލަކީ ފަސް ވަގުތު އަދާ އަށް ނަމާދުކޮށް، ސުންނަތް ނަމާދުވެސްކޮށް ދުއާ ކުރުމެވެ. ހެނދުނާއި ހަވީރުގެ ޒިކްރްތައް ކިޔައި، ގިނަ ގިނައިން ޤުރްއާން ކިޔެވުމެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލާ (ޞޢޥ) އެންގެވި ގޮތަށް އުޅުމެވެ.'

މަންމަ ދިން ނަސޭޙަތް އަޑުއަހައި، މަންމަ ބުނި ފަދައިން ކަންތައް ކުރުމަށް އަޅުގަނޑު އެރެއިން ފެށިގެން އަޒުމް ކަނޑައެޅީމެވެ.

އަލްޙަމްދުލިﷲ .. ނަމާދު އަދާކުރަންވާ ގޮތަށް އަދާކުރުމުން އެލިބުނު ހިތްހަމަ ޖެހުން ބަޔާން ކޮށްދޭން ވެސް ދައްޗެވެ. މާތް ﷲ އެންގެވި ގޮތަށް އުޅެން ފެށުމުން ވަރަށް ބޮޑަށް ލުއިވާން ފެށިއެވެ. އެކަލާނގެ ހަޒްރަތަށް ތަޢުބާވެ އުޅުން އިސްލާޙު ކުރަން އަޅުގަނޑު ނިންމީމެވެ. މަންމަ ބުނި ފަދައިން ކަންތައް ކުރަން ފެށީމެވެ. މިޔުޒިކް އަޑުއެހުމާއި ފާޙިޝް މަންޒަރުތައް ބެލުމުން ދުރުހެލިވީމެވެ. ހިތަށާއި ސިކުނޑިއަށް ހުރީ ބުނެދޭން ވެސް ނޭނގޭފަދަ ލުޔެއް ލިބިފައެވެ.

އަދިވެސް އަޅުގަނޑުގެ ހާސްވުމުގެ ބަލި ހުރެއެވެ. ނަމަވެސް ކުރިން ވީވަރެއް ނުވެއެވެ. އަދި މިބައްޔާއިމެދު ކުރިން އަޅުގަނޑު ދެކުނު ގޮތް ވެސް މިހާރު ތަފާތެވެ. މިހާރު އަޅުގަނޑު ދެކޭ ގޮތުގައި މިބައްޔަކީ އަޅުގަނޑަށް ލެއްވި ރަޙުމަތެކެވެ. މިބަލިވީ އަޅުގަނޑަށް ޙިދާޔަތް ލިބުމަށް މެދުވެރިވި ސަބަބަކަށެވެ. މިބަލި އަޅުގަނޑު ދީނާއި ކައިރި ކޮށްދެއެވެ. އިރާދަކުރެއްވިއްޔާ މިބަލިން އަދި އަޅުގަނޑު އެއްކޮށް ރަނގަޅުވާނެ ކަމުގެ އުންމީދުވެސް ކުރެވެއެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ