އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރަން އިންޑިއާއިން އަންނަނީ އެހީތެރިވަމުން: ރައީސް ޞާލިޙް

ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރަން އިންޑިއާއިން އަންނަނީ އެހީތެރިވަމުން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު

ރާއްޖޭގެ މާލީ ޙާލަތު ރަނގަޅުކުރަން އިންޑިއާއިން އަންނަނީ އެހީތެރިކަން ފާރުކޮށްދެމުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުން: 

ބަޖެޓަރީ ސަޕޯޓާއި، ޓީ-ބިލް، ކަރެންސީ ސްވަޕް އަދި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދިނުމަށް އިންޑިއާއިން ވެދީފައިވާ މާލީ އެހީތެރިކަމަށް ބޮޑުވަޒީރަށް އަޅުގަނޑު ޝުކުރު ދެންނެވިން. މީގެ ތެރެއިން ބަޖެޓަރީ ގްރާންޓް އަދި ޓީ-ބިލްތަކުގެ ސަބްސްކްރިޕްޝަންތައް ވަނީ މިހާރު ލިބިފައި.

އޭގެ އިތުރުން، މި އަހަރުގެ މާރިޗު މަހު ދެ ޤައުމުން ސޮއިކޮށްފައިވާ، 800 މިލިއަން އެމެރިކާ ޑޮލަރުގެ [ލައިން އޮފް ކްރެޑިޓް] އެއްބަސްވުން ތަންފީޒު ކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު މަޝްވަރާ ކުރިން. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް، ދާދި އަވަހަށް ފަށައި، ކުރިއަށް ގެންދިޔުމަށް ދެ ޤައުމުންވެސް އަންނަނީ މަސައްކަތް ކުރަމުން. މި މަޝްރޫޢުތަކުގެ ތެރޭގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، ޢުމްރާނީ ތަރައްޤީއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީ ކުރުމަށް އެހީތެރިވެދިނުން ހިމެނޭ. އަދި، ބަނދަރު ހެދުމާއި، ސިއްޙަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި ހަކަތައިގެ ދާއިރާއިން މިހާރު މަސައްކަތް ފަށާފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު. 

ހަމަ އެހެންމެ، އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އާލާކުރުމަށާއި، ތަޢުލީމާއި ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށާއި، ޤާނޫނުގެ ނިޒާމު ނެގެހެއްޓުމަށާއި، ތިމާވެށި ރައްކާތެރި ކުރުމަށް، މިދިޔަ މާރިޗު މަހު، ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަން ނިންމާފައިވާ ކަމަށް އިޢުލާނު ކުރެވުނު ހިލޭ އެހީ ބޭނުންކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން. 

ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އިތުރުން، ދެ ޤައުމުގެ މަސްލަޙަތާ ގުޅިފައިވާ ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު އަޅުގަނޑު މަޝްވަރާ ކުރިން. މޫސުމަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެން ވަގުތުން ސަމާލުކަން ދޭންޖެހިފައިވާ، ވަރަށް ބޮޑު ނުރައްކަލެއް ކަމަށް، ބޮޑުވަޒީރުވެސް އެއްބަސްވެވަޑައިގެންނެވިކަމީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް އަޅުގަނޑުމެން އެއްބަސްވިން. އޭގެ އިތުރުން، [ފްރޭމްވަރކް އެގްރީމަންޓް ފޮރ އެސްޓަބްލިޝިންގް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް] ރާއްޖެއިން ތަޞްދީޤު ކޮށްފައިވާކަން، އަޅުގަނޑު ބޮޑުވަޒީރަށް ދެންނެވިން. އަދި، ބައިނަލްއަޤްވާމީ އިޤްތިޞާދީ ނިންމުންތަކުގައި، ކުރިއަރަމުން އަންނަ ޤައުމުތަކުގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބަލައިގަނެ އިތުރުކުރުމަށްޓަކައި، އ.ދ.ގެ ސަލާމަތީ މަޖިލިސް ފަދަ އ.ދ.ގެ މައިގަނޑު ގުނަންތައް އިޞްލާޙް ކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް އަޅުގަނޑާއި ބޮޑުވަޒީރަށް އެއްބަސްވެވުނު. 

ޓެރަރިޒަމްގެ ހުރިހާ ޢަމަލުތަކެއް، ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާކަމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރަޙައްދުގަޔާއި، މި ސަރަޙައްދުން ބޭރުގައިވާ ޤައުމުތަކާއެކު ގަދައަޅައި މަސައްކަތް ކުރުމަށް މި ސަރުކާރު ތައްޔާރަށް އޮތްކަން އަޅުގަނޑު ބޮޑޮވަޒީރަށް ދެންނެވިން. 

އަޅުގަނޑު ވެރިކަމާ ޙަވާލުވި ދުވަހުން ފެށިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން، އަލުން އިޢާދަކޮށް ބަދަހިކުރުމާއެކު، އަވަށްޓެރި އެހެން ޤައުމުތަކާއެކުވެސް އިތުރަށް ގުޅުން ބަދަހިކުރުމަށް. އިންޑިއާ ކަނޑުގެ ޞުލްޙަމަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަކީ، އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއް. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، އިންޑިއާ ކަނޑުގެ ހަމަޖެހުން މުހިންމުވަނީ، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާމަލާތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް އެކަންޏެއްނޫން. ރާއްޖޭގެ ތަރައްޤީއާއި، ޞުލްޙައާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައިވެސް، އިންޑިއާ ކަނޑުގެ ޞުލްޙަވެރިކަމާއި ހަމަޖެހުން ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް