އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރެވުނު މިންވަރަށް ބަލާއިރު، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން، ދިވެހިރާއްޖެ ވަނީ ވަރަށް ރަނގަޅު ނަތީޖާއެއް ހާސިލުކޮށްފައިވާ ކަމަށާއި އުފަންވެނި ޞިއްޙަތަށާއި، ދަރިމައިވުމުގެ ޞިއްޙަތަށް ޤައުމީ ފެންވަރުގައި ދިން ސަމާލުކަމުގެ ސަބަބުން، ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތުކުދިން މަރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޅަފަތުގައި ކުދިން މަރުވާ ނިސްބަތް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައި ކަމަށެވެ. އުފަންވާއިރު، ދިރިހުންނާނެ ކަމަށް ލަފާކުރެވޭ އެވްރެޖް ޢުމުރު، ކުރިއާއި އަޅައިބަލާއިރު، ގާތްގަނޑަކަށް 10 އަހަރު އިތުރުވެއްޖެ ކަމަށާއި 10 އަހަރުގެ ރަސްމީ ތަޢުލީމު ހާސިލުކުރާ ކުދިންގެ ނިސްބަތްވެސް ވަރަށް ބޮޑަށް މަތިވެއްޖެ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެހެން ނަމަވެސް، އާބާދީއާއި ތަރައްޤީ، އެއްހަމަ ކުރުމުގައި އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި ޙައްލުކުރަންޖެހޭ އެތައް މައްސަލަތަކަކާއި، ހާސިލުކުރަންޖެހޭ އެތައް ލަނޑުދަނޑިތަކެއް އަދިވެސް އެބަހުރި ކަމަށެވެ. ރައްޔިތުންގެ އުންމީދުތަކާ އެއްވަރަށް ޚިދުމަތްތައް ދެވޭނީ، އެކަންކަމަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށް، އެ މަގަށް ކަންކަން ތަރުތީބު ކޮށްގެން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މުޖުތަމަޢުގައި އެންމެ ނާޒުކު ޙާލަތުގައި ތިބި އަންހެނުންނާއި، އަންހެން ކުދިންގެ އުފަންވެނި ޞިއްޙަތު ރަނގަޅު ކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށާއި ހަމައެފަދައިން، ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިކަންކަން ފުރިހަމަކުރުމަށްޓަކައި މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
މިއަދު މުޅި ދުނިޔޭގައި ފާހަގަކުރާ، މި އަހަރުގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ އަޅުގަނޑު އަރިސްކުރަން. އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމަށާއި، އެ މިނިސްޓްރީގެ އިސް ވެރިންނަށާއި މުވައްޒަފުންނަށް، އަދި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ބޭފުޅުންނަށްވެސް ތަހުނިޔާ ދަންނަވަން.
އަދި މި އަހަރަކީ ޔޫ.އެން.އެފް.ޕީ.އޭ އަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ އެފަރާތަށްވެސް ދަންނަވަން. އަދި އެ ޖަމުޢިއްޔާއިން ރާއްޖެއަށް ވެދޭ އެހީތަކަށްޓަކައި ޔޫ.އެން.އެފް.ޕީ.އޭ.ގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.
ކޮންމެ އަހަރަކު ވަކި ޝިޢާރެއްގެ ދަށުން، އާބާދީ ދުވަހެއް ފާހަގަކުރަމުން އަންނަނީ، ވަރަށް މުހިންމު މަޤްޞަދެއްގައި. އެއީ ޤައުމުތަކުން ހާސިލުކުރާ އިންސާނީ އަރުތަތައް ފާހަގަކޮށް، އެކަން ދެމެހެއްޓުމަށް ހިތްވަރުދިނުމާއެކު، އާބާދީއާއި ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރާއިރު، ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، މުހިންމު މައްސަލަތަކާމެދު ޢާންމުން ހޭލުންތެރިކުރުވުމަށް.
މި އަހަރުގެ ޝިޢާރު ބިނާކޮށްފައިވަނީ، މީގެ 25 އަހަރު ކުރިން، 1994 ވަނަ އަހަރު، މިޞްރުގެ ޤާހިރާގައި ބޭއްވި، އާބާދީއާބެހޭ މަހާސިންތާގައި ކަނޑައެޅި އެކްޝަން ޕްލޭންގެ ވަޢުދުތައް ފުއްދުމަށް، ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތްތައް ހަލުވިކުރުމުގެ މައްޗަށް.
އެ އަހަރުގެ މަހާސިންތާގައި ބައިވެރިވި 179 ޤައުމަށް އެއްބަސްވެވުނީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި، ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް. ވަކިން ޚާއްޞަކޮށް، ދަރިމައިވުމުގެ ޞިއްޙަތާއި، ޖިންސީ ތަފާތުކުރުންތަކަކީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރަން އެދޭނަމަ، ކޮންމެހެންވެސް ޙައްލުކުރަންޖެހޭ ދެ މައްސަލަ ކަމަށް، ހުރިހާ ޤައުމުތަކަށް އެއްބަސްވެވުނު.
Advertisement
11 ޖުލައި 2019