އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު
މައިންބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް، ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަންބޮޑުވުން ފައުޅުކުރައްވައިފި އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ތަފާސް ހިސާބުތަކުން އެނގޭ ފަދައިން މަތީ މިންވަރުގެ އުފެއްދުންތެރި އާބާދީއަކާއެކު، ޤައުމު ތަރައްޤީ ކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، އިތުރު 35 ވަރަކަށް އަހަރުގެ މުއްދަތެއް، ރާއްޖެއަށް ތަނަވަސްވެފައި އެބައޮތްކަމަށާއި ނަމަވެސް ހިތާމައަކީ، އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް، ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިއުން ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤައުމީ އާމްދަނީގައި ޙިއްޞާނުވާ ބައަކު އާބާދީގައި ތިބުމަކީ، އިޤްތިޞާދަށް ލޮޅުންއަރާނެ ކަމެއް ކަމަށެވެ. "ތަފާސް ހިސާބުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށްވުރެ، ފިރިހެން ދަރިވަރުންގެ ޢަދަދު، 2010 ވަނަ އަހަރުން ފެށިގެން ދަނީ މަދުވަމުން. އަދި އަހަރުން އަހަރަށް، އެ ފަރަޤު ބޮޑުވަމުން ދިޔުމަކީ، ޤައުމީ ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޤައުމުގެ އާބާދީގައި، މަސައްކަތްކުރާ ޢުމުރުގެ މީހުން ގިނަވުމަކީ، އޮޓަމެޓިކުން ޤައުމު ތަރައްޤީވާ ސަބަބެއް ނޫން ކަމަށެވެ. "އުފެއްދުންތެރިކަން އިތުރުވެ ޤައުމު ތަރައްޤީވަނީ، މަސައްކަތްކުރާ ޢުމުރުގެ ވީހާ ގިނަ ބަޔަކު ޢަމަލީ މައިދާނަށް ނުކުމެގެން. ޙާލަތާ އެކަށޭނަގޮތަށް ސިޔާސަތުތައް ބަދަލުކޮށް، އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުޞަތުތައް ފަހިކޮށްދެވިގެން."
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
މި ކަންކަން ޙައްލުކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ، ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމާ އެކުއެކީގައި، މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމުގެ ސިޔާސަތު ހަރުދަނާކުރުން. އެ ނޫންގޮތަކަށް، އާބާދީއާ ފައިހަމަވާ މިންވަރަށް އިޤްތިޞާދު ކުރިއެއްނޭރުވޭނެ.
ހަމައެފަދައިން، އުފެއްދުންތެރި މަސައްކަތުގެ އާބާދީގައި، އަންހެނުންގެ ޙިއްޞާ އިތުރުކުރުމަކީވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. ރާއްޖޭގެ ސިވިލް ސަރވިސްގެ ގާތްގަނޑަކަށް 61 އިންސައްތައަކީ އަންހެނުން. ނަމަވެސް، ޕްރައިވެޓް ސެކްޓަރ ހިމަނައިގެން ބަލާއިރު، ވަޒީފާ އަދާކުރާ އާބާދީގައި ގިނައީ ފިރިހެނުން.
އެންމެފަހުގެ ބޯހިމެނުން ދައްކާގޮތުން، ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތަކީ އެންމެ 37 އިންސައްތަ. ފިރިހެނުންގެ ނިސްބަތަކީ 63 އިންސައްތަ. ދެ ޖިންސުގެ ތަފާތު މިހާ ބޮޑުއިރުވެސް، ދިރިއުޅުމުގެ ވަކި ހިސާބަކުން ވަޒީފާ ދޫކޮށްލާ އަންހެނުންގެ ނިސްބަތްވެސް އެހާ މަތި. އެގޮތަށް ގިނައިން މެދުވެރިވަނީ، ޒަވާޖީ ޙަޔާތެއް ފެށުމުން، ނުވަތަ ދަރިޔަކު ލިބުމުން.
ކުރިއަރަމުން އަންނަ އާބާދީއާ އެކަށޭނަ މިންވަރަށް، އިޤްތިޞާދު ރަނގަޅު ކުރެވޭނީ، ސިޔާސީ، އިޤްތިސާދީ އަދި ސަޤާފީ ދާއިރާތަކުގައި އަންހެނުންގެ ޢަމަލީ ބައިވެރިވުން އިތުރުކޮށްގެންކަން ޔަޤީން. އަދި މަސައްކަތް ނުކޮށް ތިބި ޒުވާނުންގެ ބޭނުން ހިފޭނެ ގޮތްތަކެއް ހޯދުމަކީވެސް ކުރަން ޖެހިފައިވާ ކަމެއް.
މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. ނަމަވެސް ފަރުދީ ޒިންމާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ. ދިވެހި ކޮންމެ ޒުވާނަކީ، އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން.
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައްޔިތުންނަށް، އަމާން، ރައްކާތެރި، ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، އެކަން ކާމިޔާބު ކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. ދިވެހި ރައްޔިތުންނަކީ ފުރިހަމަ ޞިއްޙަތެއްގައި ދިރިއުޅޭ، ބާއްޖަވެރި ބަޔަކު ކަމުގައި ލައްވާށި! އާމީން.
Advertisement
12 ޖުލައި 2019