އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް އެހާ ބޮޑު ޚަރަދުތަކެއް ކުރުމަށް ނިންމާފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 11 ވަނަ ކުޅިވަރު މުބާރާތް ރާއްޖޭގައި ބޭއްވުމަށް ފުރުޞަތު ލިބުނީ މޮރިޝަސްގެ އިންޓަރ ކޮންޓިނެންޓަލް ހޮޓަލްގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައި މަޑަގަސްކަރަ އަދި ކޮމޮރޯސް އާވާދަކޮށްފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް 4 ވޯޓު ލިބުނުއިރު، މަޑަގަސްކަރަ އާއި ކޮމޮރޯސް، މި ކޮންމެ ޤައުމަކަށް ލިބުނީ އެންމެ ވޯޓެކެވެ.
މި ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވަން ފުރުޞަތު ލިބުމުން ރައީސް ސާލިޙް ވިދާޅުވީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ލިބުނު ފުރުޞަތަކީ ރާއްޖެއަށް ލިބޭނެ ޝަރަފެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިމުބާރާތަށް ކުރަންޖެހޭ މަސައްކަތްތަކާއި ހަދަންޖެހޭ ތަންތަން ހެދުމާއި ޤާއިމުކުރަންޖެހޭ ވަޞީލަތްތައް ޤާއިމުކުރާނީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ދުރާލައި ފެށުމަށް ކަމަށާއި އެގޮތުން މިއަހަރުގެ ގޭމްސް ނިމޭގޮތަށް އެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މި ގޭމްސްގެ ފައުންޑަރ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، މިހާތަނަށް ގޭމްސް ބޭއްވި 10 ފަހަރުވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކޮންޓިންޖެންޓަށް މިހާތަނަށް މި ގޭމްސް ބޭއްވި ޤައުމުތަކުން ވަރަށް ރަނގަޅު އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެހެންކަމުން ދެން އޮތީ 2023 ވަނަ އަހަރު އެކުވެރި ޖަޒީރާ ޤައުމުތަކަށް އެކަން ރައްދު ކޮށްދިނުން ކަމަށްވެސް ރައީސްވިދާޅުވިއެވެ.
Advertisement
27 ޖުލައި 2019