އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މީދޫ ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި

މީދޫ ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާޅޮސްމަޑުލު އުތުރުބުރި މީދޫ ކައުންސިލަރުންނާއި އެރަށުގެ މުޢައްސަސާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރު މީދޫ ސްކޫލްގައި ބޭއްވެވި މިބައްދަލުކުރެއްވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި މުޢައްސަސާތަކާ މިގޮތަށް ގާތުން ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ކައުންސިލާއި ރައްޔިތުންނާއި ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅުންހުރި ކަންކަން ގާތުން ބެއްލެވުމާއި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ބަޖެޓުގައި ހިމެނުމަށް ކައުންސިލުތަކާއި މުޢައްސަސާތަކުން ބޭނުންވާ ކަންކަމާއި އެކަންކަން ކުރިއަށް ގެންދިއުމުގައި އެބޭފުޅުން އިސްކަންދެއްވާ ތަރުތީބު އޮޅުންފިލުއްވައި މަޝްވަރާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ލާމާރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ކަންކަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހަ ތަކުގެ މަޢުލޫމާތު ޙިއްޞާކުރެއްވުމާއި މި އިޞްލާހުތަކާއެކު ކައުންސިލުތަކުން އަދާކުރަންޖެހޭ ޒިންމާތަކުގެ މަޢުލޫމާޠު ކައުންސިލުތަކާ ޙިއްޞާކުރެއްވުމަކީވެސް މިބައްދަލުކުރެއްވުމުގެ އެއް ބޭނުންފުޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ޞިއްޙީ މަރުކަޒު ތަރައްޤީކުރުމާއި، ކުނީގެ މައްސަލަ ޙައްލުކުރުމާއި، ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމުގެ އިތުރުން ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާބެހޭ މަޢުލޫމާތު ކައުންސިލަރުންނާއި މުޢައްސަސާތަކުގެ އިސް ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ މަގުތައް ހެދުމާއި ރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށް ރައްޔިތުން ބޭނުންވާކަން އެބޭފުޅުން ފާހަގަ ކުރެއްވިއެވެ. އަދި ރަށުގައި އިޖްތިމާޢީ ގޮތުން ޙަރަކާތްތެރިވާ ޖަމުޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާއި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މިނޫން އިތުރު ކަންކަމާ ގުޅޭގޮތުން ވެސް ކައުންސިލަރުންނާއި މުޢައްސަސާ ތަކުގެ އިސް ވެރިން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީދޫ ކައުންސިލާއި މުޢައްސަސާތަކުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތަކާއި ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެއްވޭ ތާރީޚުތައް ޙިއްޞާކުރެއްވިއެވެ. މީގެއިތުރުން ކައުންސިލާއި މުޢައްސަސާތަކުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގެ ހަވާސާގައި ރަށުގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއާއި ވަކިން ބައްދަލު ކުރައްވައި ޚާއްޞަ މައްސަލައެއްގެގޮތުގައި، މަރާލެވިފައިވާ އެރަށުގެ ޒުވާނެއް ކަމުގައިވާ މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލަ ފާހަގަ ކުރައްވައި އެމައްސަލަ ބައްލަވައި ދެއްވައި އިންޞާފު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.

އަނަސްގެ ޢާއިލާއާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މައްސަލަ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާކަން ހާމަކުރައްވައި، އަނަސްގެ ޢާއިލާއަށް އިންޞާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު