އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު
ހަގީގީ ހައްދުފަހަނަ އަޅައި ދިއުމަކީ ﷲ އަދި ރަސޫލާ ކަނޑައަޅުވައިފައިވާ ހައްދުތައް ފަހަނަ އަޅައި ދިއުން ކަމަށް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝައިޚް އަނީލް މިމޭރުމުން ވިދާޅުވީ "ނިރުބަވެރި ފިކުރުތަކުން ސަލާމަތްވުމަށް" މި މަޢުޟޫއަށް މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މަޙަލްދީބް ފައުންޑޭޝަން ގުޅިގެން އެކަމަށް ޙާއްސަކޮށްގެން ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ސެމިނަރއެއްގައެވެ.
ވަރަށް ކުރީއްސުރެ ފެށިގެން ހަރުކަށި ފިކުރާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ބުރަ މަސައްކަތް ތަކެއް ކުރަމުން އަންނަ ޝައިޙް މުހައްމަދު އަނީލްގެ ތަޤްރީރުގައި ވިދާޅުވެފައިވަނީ، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުޅެމުންދާ ނިރުބަވެރި، ޓެރެރިޒަމް ފިކުރުގެ މީހުން ހިންގަމުންދާ ޖަރީމަތަކަކީ އިސްލާމް ދީނަށް އޭގެ ހުތުރު ނަންރައްދުވާ ފަދަ ޖަރީމާ ތަކެއްކަމާއި އެއީ ރަސޫލާ މުޙައްމަދު ސައްލައް ﷲ އަލައި ވަސައްލަމްގެ ރިވެތި ސުންނަތާއި އަޙްލާޤާ މުޅިން ޚިލާފު ޢަމަލު ތަކެއްކަމެވެ. އަދި އިސްލާމްދީނަށް ކުރާ ފުރައްސާރައެއްކަމާއި މިފުކުރުގެ ހަޤީޤަތް ދެނެގަތުމަކީ ކޮންމެ ފަރުދެއް މިހާރު ކުރަން ޖެހޭކަމެއްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އިސްލާމް ދީނުގެ ތާރީޙަށް ބަލައިލި ކަމުގައިވީނަމަވެސް ރަސޫލާ ސައްލަ ﷲ އަލައި ވަސައްލަމްވެސް މިފިކުރުގެ މީހުންގެ ނުބައިކަމުން ރައްކާތެރިވުމަށް ނަސޭހަތް ތެރިވެފައިވާކަން އަނީލް ހާމަކުރައްވައިފައިވެއެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގައި "ހައްދުފަހަނައަޅައި ދިޔުން" މިލަފްޒު ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށާއި، މިއަދު އިސްލާމްދީނުގެ އަދުއްވުން މުސްލިމުންގެ ސިކުނޑިތަކަށް ވައްދާއިދޭން މަސައްކަތް ކުރާ ވިސްނުމަކީ، ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކޮށް، އިސްލާމްދީނުގައި އަންގަވާފައި ގޮތައް އުޅޭ މީހުންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް ޝައިޚްގެ ތަގްރީރުގައިވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ހަގީގީ ހައްދުފަހަނަ އަޅައި ދިޔުމަކީ ﷲ އަދި ރަސޫލާ ކަނޑައަޅުވައިފައިވާ ހައްދުތައް ފަހަނަ އަޅައި ދިއުން ކަމަށާއި މިއަދު އިސްލާމީ އުންމަތަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމްދީނުގެ ނަމުގައި ، ހައްދުފަހަނައަޅާ ދިޔުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އިސްލާމީ ގައުމުތަކުން ފެނިގެންދަނީ މިފިކުރުތަކުގެ މީހުން ފާޅުވެގެން ދިއުމުގެ ސަބަބުން އިސްލާމް ދީނުގެ އަދުއްވުން އެގައުމުތަކަށް އަރައި އިސްލާމްދީން ފޮހެލުމަށް ލިބިގެންދާ ހިއްވަރެއްކަމުގައެވެ. ހަރުކަށި ފިކުރު ފަތުރާ މީހުންނަކީ ހަމަ އެކަނި ވަކިގޮތަކަށް ހެދުން އަޅައިގެން ވަކިގޮތަކަށް ބޭރުފުށުން ދއްކައިގެން ތިބޭ ބައެއް ނޫންކަން މިއަދު މިޤައުމު އެއްކޮށް ޤަބޫލުކުރަން ޖެހޭކަމަށް ޝައިޙް އަނީލް ވަނީ ވިދާޅުވެފައެވެ.
ހަރުކަށި ފިކުރުތައް ފަތުރަމުންދާ ގޮތްތަކާއިބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝައިޚް ވިދާޅުވީ އަދުގެ އިސްލާމީ އުންމަތުގައި ހާލުގައި ޖެހިފައިވާ މީހުންގެ ވިޑިއޯފަދަ ތަކެތި ދައްކާ ޒުވާނުން ޖަޒުބާތުގައި ޖައްސައި އިސްލާމީ އުންމަތުގެ ވެރިންނާއި އިލްމުވެރިނާއި މެދު ނަފްރަތު އުފއްދާ ޒުވާނުން އެފަދަ ހަރުކަށި ފިކުރު ތަކާއި ދިމާލައް ލެންބުމަށް މަސައްކަތް ކުރާ ކަމަށެވެ.
އަދި އެފިކުރުތައް ފަތުރާމީހުންގެ އެންމެ ބޮޑު ޢަދާވާތްތެރިންނަކީ އިސްލާމީ ޤައުމުތަކުގެ ވެރިންނާއި އިލްމުވެރިން ކަމަށް އެބައިމީހުން ދެކޭ ކަމަށާއި އެއިގެ ސަބަބަކީ އެފިކުރު ފެތުރުމަށް އޮންނަ ހުރަހަކީ މިއީ ކަމުގައި މިބައިމީހުން ދެކޭތީ ކަމަށް ވިދާޅުވިއެވެ.
ހަރުކަށި ފިކުރުތަކުގެ ވާހަކަ ދެކެވޭއިރު އައިއެސްގެ ވާހަކަ ގިނައިން ދެކެވެނީ، އެޖަމާއަތުގެ ނުބައިކަމާއި ނުރައްކާތެރިކަން، އެހެން ޖަމާއަތްތަކަށްވުރެ ބޮޑު ވުމުން ކަމަށް ވިދާޅުވެ ސްރީލަންކާގައި އައިއެސް ދިން ހަމަލާތަކުން ހެކިދެއްކެވިއެވެ. އަދި އައި އެސް އަކީ އިސްލާމީ ދައުލަތެއް ނޫން ކަމަށާާއި އެއީ ޖަރީމާ ހިންގާ ބައިގަނޑެއް ކަމުގައި ވިދާޅުވިއެވެ.
މިފިކުރު ފެތުރުން ހުއްޓުވުމަށް އޮތް ހައްލަކީ އިސްލާމް ދީނުގެ ޞައްޙަ އަގީދާ އާއި ތަޢްލީމް ޒުވާނުންނާއި ޅަ ދަރިންނަށް އުނގަންނައި ދިނުންކަމައް ޝައިޚް ވަނީ ވިދާޅުވެފައެވެ.
މިސެމިނަރގެ ނިންމާލަމުން އައްޝައިޙް އަނީލާއި ސުވާލުކުރުމަށް ހުޅުވާލުމުން އެޖަލްސާއަށް އައި ބައަކުވަނީ ޝައިޙްއާއި ސުވާލުކޮށް ޖަވާބު ދިނުމައް ދަތިކޮށް ޒުވާބުކޮށް ބޭ އަދަބީކޮށް މުޢާމަލާތް ކޮއްފައިއެވެ. ޝަޚް އަނިލް އަކީ ވަރައް ކުރިއްސުރެ ފެށިގެން މި ފިކުރާ ދެކޮޅައް ފާޅުގައި މަސައްކަތް ކުރަމުންދާ އިލްމުވެރިއަކައްވާތީ އެފަދަ ފިކުރު ތަކުގެ މީހުންގެ ފަރާތުން ތަކުރާރުކޮށް އިންޒާރުތައް ލިބެމުން ދާކަމަސް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މައުލޫމާތު: އިސްލާމިކް މިނިސްޓްރީ
Advertisement
18 ސެޕްޓެމްބަރ 2019