އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު
ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތް ކުރަމުން ގެންދާ އެމްޑީއެން އާއި އަދި އެ ޖަމިއްޔާއިން ހާމަކުރި "ޝައިޠާނީ ރިފޯމް ޕޭޕަރސް" ނެރުނު ބައަކާއިމެދު ޤާނޫނީ ގޮތުން އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދިނީ ޢިލްމުވެރިންގެ އިސް ބައެއް ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދީނީ ޢިލްމުވެރިއަކު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ދީނީ ޢިލްމުވެރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ތަފްޞީލުކޮށް ދެންނެވިކަމަށެވެ. "ރައީސް ވިދާޅުވި ފުރަތަމަ ދުވަހުން ފެށިގެން އެ މައްސަލަ ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް. އަދި އެކަމާއި ގުޅިގެން އެ ޖަމިއްޔާ އަށާއި އެ ރިޕޯޓް ނެރުނު ބައަކާއިމެދު ޤާނޫނީ ގޮތުން އެޅުއްވެން ހުރި ފިޔަވަޅުތައްވެސް އަޅުވަވާނެ ކަމަށް."
މިއަދުގެ ބައްދަލުވުމުގައި ދީނީ ޢިލްމުވެރިން ވަނީ އެބޭފުޅުންނަށް ހުރި އެހެން ބައެއް ދަތިތަކުގެ މައްސަލަތައްވެސް ރައީސުލްޖުމްހޫރިއްޔާ އާއި ހިއްޞާކޮށްފައެވެ. އެގޮތުން ފާހަގަކުރެއްވި އެއް މައްސަލައަކީ ސްކޫލްތަކަށް ވަޑައިގެން ދަރުސް ދެއްވަން އެޑިޔުކޭޝަން މިނިސްޓްރީން ހުރަސްއަޅާފައި އޮތް މައްސަލައެވެ. އެ މައްސަލަ ވެސް ބައްލަވައި ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވިދާޅުވެފައެވެ.
ދަރިވަރުންނާއި ދީނުގެ އެއްވެސް ވާހަކައެއް ނުދެއްކޭނެ ގޮތް ހެދުމަކީ އެމްޑީއެންގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ.
Advertisement
8 އޮކްޓޯބަރ 2019