އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައެވެ.

ރައީސް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޒަމާންވީ ބަދަހިގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާ އެގުޅުން އެގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޖަޕާނަށް ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ބޮޑު ވަޒީރު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ރާއްޖޭގެ އުމުރާނީ ތަރައްޤީއާ މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގައި ވެސް މަސައްކަތް ކޮށްދެއްވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވިއެވެ.

ޖަޕާނުގެ ބޮޑުވަޒީރާ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެގައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޒަމާންވީ ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެކެވެ. އެގޮތުން އުމުރާނީ ތަރައްޤީއާ އިޖުމާއީ އަދި އިޤްޞާދީ ދާއިރާ އިންވެސް ގިނަގުނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ވެދީފައިވެއެވެ. އޭގެ ތެރޭގައި ޞިއްޙީ ދާއިރާއާ ތަޢުލީމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި މުވާސަލާތީ ދާއިރާއިން ވެސް އެތައް އެހީތަކެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވެއެވެ.

މިބައްދަލު ވުމުގައި ރައީސް ވަނީ ޖަޕާނުގެ ތަހުތަށް އެމްޕެރަރ ނަރުހީޓޯ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. ހަމަ އެހެންމެ ނިމިދިޔަ ހަފުތާގެ ތެރޭގައި ޖަޕާނުގެ ކަންޓޯ ސަރަހައްދަށް އެރި ތޫފާން "ހަގިބިސް" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެމަނިކުފާނުގެ އިހްލާސްތެރި ހެޔޮދުޢާ ރައްދުކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ރައީސް ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ދައުވަތު އަރުވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ