އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެލިދޫގެ ތަރައްޤީގެ ކަންކަމާބެހޭގޮތުން ރައީސް އާއި މަޝްވަރާކުރައްވައިފި

ވެލިދޫގެ ތަރައްޤީގެ ކަންކަމާބެހޭގޮތުން ރައީސް އާއި މަޝްވަރާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުންނާއި ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ ވެލިދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަގުހެދުމުގެ މަޝްރޫޢާ ގުޅިގެން ކައުސިލަރުން ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އަދި ބަނދަރު ބޭނުންކުރުމުގައި ހުރިދަތިތަކާއި ރަށުން ގޯތި ދޫކުރުމާއި، ކުނިކޮށްޓާގުޅިގެން ހުރި ކަންބޮޑުވުންތަކާއި، ބިންހިއްކާފައިވާ ސަރަހައްދުގެ ފަސްގަނޑު ލެވެލްކުރުމާ އަދި މި ނޫންވެސް ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ތައުލީމީދާއިރާއާ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރަންބޭނުންވާ ކަންކަމާއި ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ބައެއް މަޝްރޫޢުތަކާއި ޚިދުމަތްތައް ކައުންސިލަރުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ.

ވެލިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވެލިދޫ ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި ގިނަ ކަންކަމަކީ ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރަން ފެށުމުން ޙައްލުލިބިގެންދާނެ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކައުންސިލުން ކަންބޮޑުވުން ފާޅުކުރެއްވި މައްސަލަތައް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު