އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު
މާލޭގައި ގުދަންކޮށްފައިހުރި ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ. މާލޭގެ އިމާރާތްތަކުގައި ގުދަން ކޮށްފައިހުރި ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ސަލާމަތީ ގިނަ ފިޔަވަޅުތަކަކާއިއެކު ތިލަފުށީގައި ހަދާ ގުދަންތަކުގެ މަސައްކަތް ނިމިފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައިހުރި ކެމިކަލް ގުދަންތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސަށް ފަހު، މާލޭގައި ގުދަންކޮށްފައިހުރި ކެމިކަލްތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިެޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ، ކެމިކަލް ރައްކާކުރަން ތިލަފުށީގައި އިމާރަތްކުރި ގުދަންތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި މުޙުލަތު ނިމުމުގެ 6 ދުވަސް ކުރިން ނިންމާފައިވާކަމަށެވެ.
އެ މަސައްކަތަށް 9.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެެވެ. އަދި މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތަކުގެ ތެރެއިން މިވަގުތު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދަނީ އެމްއެންޑީއެފުން މިހާރުން މިހާރަށް ބަދަލުކުރަން އަންގާފައިވާ 34 ގުދަންކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ކެމިކަލް ރައްކާކުރުމަށް ތިލަފުށީގައި ހަދާފައިވަނީ 320 އަކަފޫޓުގެ ކޮންޓެއިނަރގެ ގުދަނާއި، 800 އަކަފޫޓާއި 1000 އަކަފޫޓުގެ ގުދަނެވެ. މި ގުދަންތަކަކީ، ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ގުދަންތަކެއް ކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިެޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި ގުދަންތައް ހަދާފައިވަނީވެސް އެހެނިހެން މަސައްކަތްކުރާ ސަރަހައްދާއި ދުރުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ގުދަންތަކުގެ އެތެރެއާއި ފުރާޅުވެސް ފަޔަރ ޕްރޫފްކޮށްފައިވާއިރު، އެލާމް ސިސްޓަމާއި އަލިފާން ނިއްވާ ސިސްޓަމްވެސް ހަރުކޮށްފައިވާކަން ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިެޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ގުދަންތައް ހުރި ސަރަހައްދުއެއްކޮށް އިންޝުއަރެންސްކޮށްފައިވާއިރު، 24 ގަޑިއިރު އެ ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ގުދަންތަކުގެ އިތުރުން ވިޔަފާރި އުސޫލުން އިތުރު ކެމިކަލް ގުދަންތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ގުދަންތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވިއެވެ.
Maaley rayyithunnah amaan vetteh hoadhavaidhevvumah chemical gudhanthah Thilafuttah badhalukurumah raees @ibusolih ninmavai, alhugan'dah dhevvee 60 dhuvas. Kurimathikuruvi hurasthakaaekuves. 54 dhuvahun gudhanthah mivanee alhaaninmaafa. @MDPSecretariat @Mihaarunews @RajjeTv pic.twitter.com/kWYxw2LDNe
— MaamigiliIbu (@Mmgibu) November 15, 2019
Advertisement
16 ނޮވެމްބަރ 2019