އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ މަޖިލީހުގެ އެންމެ މެންބަރަކު ކޮމިޓީއެއްގަ އިނދެގެން ކަމެއް ނިންމީމާ ހިޔުމަން ރައިޓްސް ފިލައި ޣައިބުވެއްޖެ!

ރައްޔިތުންގެ މަޖިލީހުގެ އެންމެ މެންބަރަކު ކޮމިޓީއެއްގަ އިނދެގެން ކަމެއް ނިންމީމާ ހިޔުމަން ރައިޓްސް ފިލައި ޣައިބުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ﷲ ތަޢާލާއަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސްބުނެ ފުރައްސާރަކޮށް ކީރިތި ޤުރްއާނުގެ އާޔަތްތައް ދޮގުކޮށް ގޮންޖެހުމުން އެކަން ކުރި އެމްޑީއެން އުވާލަން ބައަކު ބުނުމުން އިންސާނީ ޙައްޤުތަކާއި ބެހޭ ކަމަށް ބުނާ ޖަމިއްޔާތަކުންނާއި އިސްލާމް ދީނާއި އިދިކޮޅު ފިކުރުގެ މީހުންތައް ނުކުމެގަތްއިރު ހީވީ މަގޫދަރުގަނޑަކަށް ހޫނުވީމާ ހިނިތައް ނުކުމެގަތް ހެންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސަބްކޮމިޓީން ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އަޅަން ނިންމިކަން މިހާރު ހާމަވެފައިވާވަރުން އެކަން ކުރީ މެންބަރު ޙަސަން ލަޠީފް އެކަނި ކޮމިޓީގައި އިނދެގެންނެވެ. ކޮމިޓީގައި ދެން ތިބި 2 މެންބަރުންގެ ޣައިރު ޙާޒިރުގައެވެ. މިވަރުގެ ބޮޑު ކަމެއް ކުރިމަތިވުމުން ބަހެއް ބުނެލަން ކެރުނު މީހަކު ވަރަށް މަދެވެ. 

ވީމާ މިކަމުން ވެސް އެނގިގެން މިދަނީ ހުރިހާ ޙައްޤުތަކެއްވެސް ގުޅިފައިވަނީ އިސްލާމް ދީން ނައްތާލަން ކުރާ މަސައްކަތްތަކަށް ވާގިވެރިވުމާއި ކަމެވެ. އިންސާނީ ޙައްޤަކީވެސް ހަމައެކަނި އިސްލާމް ދީނާއި އިދިކޮޅު ފިކުރުގެ މީހުންނާއި ޖަމިއްޔާތައް ޙިމާޔަތް ކުރުން ކަމެވެ. 

ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް އަރައިގަތުން މިވީ މަޖިލީހަށްވެސް ވަރަށް ކުޑަކުޑަ ކަމަކަށެވެ. އަދި އެކަން ކުރި މީހުންނަށް ޖެހެނީ މާފުވެސް ކުރާށޯލައެވެ. މާފުކުރާނެ ހިތްވަރުވެސް ހުންނަން ޖެހޭނެޔޯލައެވެ. ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލައިގައި ސަލަފް ޖަމިއްޔާގެ ދައުރެއްވާކަން ފުލުހުން ލައްވައި ތަޙްޤީޤްވެސް ކުރާކަށް ނުޖެހެޔޯލައެވެ! 

މިއަދު މިފެނުނު ކަންކަމުން އެކަނިވެސް ރައްޔިތުންގެ މަޖިލިސް މިއަދު އޮތް ޙާލަތާއި ވަކި މީހަކު އަންގާ ކަމެއް ކުރަން ނިންމާނަމަ ކޮމިޓީއެއްވެސް ބޭނުން ނުވާ ކަމާއި އެންމެ މީހަކު އިނދެގެންވެސް ނިންމައިލެވޭނެކަން މިވަނީ ވަރަށް ރަނގަޅަށް އެނގިފައެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މިއަދު ހެއްދެވި ބޮޑެތި އިތުރުފުޅުތަކުގެ ސަބަބުން މިކަންކަން މަޖިލީހުން ކުރާނެ ގޮތް ވަނީ ހާމަވެ ނިމިފައެވެ. 

ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ދޭނީ ބޮޑުވަޒީރުކަމުގައި ހުރެގެން ކަމަށްވާނަމަ މަޖިލީހުގެ ރިޔާސަތުގައި އިނދެގެން އެކަން ނުކުރާނެ ކަމަށް ބުނުމަކީ އަތްޖަހަން ޖެހޭ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ދުޢާ އަކީ މަކަރުވެރިންގެ މަކަރުވެރި ރޭވުންތަކުން މާތް ﷲ ދިވެހި އުންމަތް ސަލާމަތްކޮށްދެއްވެވުމެވެ! އާމީން.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް