އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅުގަނޑުގެ ބޯ ޗިސްޗިސްވުމުން ސަލާމަތްކޮށް ދެއްވަވައިފި! އަލްޙަމްދުލިﷲ ޝުކުރު !

އަޅުގަނޑުގެ ބޯ ޗިސްޗިސްވުމުން ސަލާމަތްކޮށް ދެއްވަވައިފި! އަލްޙަމްދުލިﷲ ޝުކުރު !


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ކޮންމެ ދުވަހަކުވެސް ތަފާތު ދީނީ ވާހަކަތައް ލިޔަމުން މިގެންދަނީ އެކި ޢިލްމުވެރިންގެ ލިޔުއްވުންތަކުންނެވެ. ތަފާތު ތަޖުރިބާތައް ކޮށްފައިވާ މީހުންގެ ވާހަކަތަކުންނެވެ. ނަމަވެސް ހުކުރު ދުވަހުގެ ހަދިޔާއެއްގެ ގޮތުން މިއަދު މިލިޔަނީ މިމަހުގެ 1 ވަނަ ދުވަހު އަޅުގަޑަށް ކުރެވިފައިވާ ތަޖުރިބާއެކެވެ.

ނޮވެމްބަރު 26 ވަނަ ދުވަހު އަޅުގަނޑު ކޮންމެހެން ބައިވެރިވާން ޖެހޭ ކަމެއް ކުރަން ރޭވުނެވެ. ނަމަވެސް ދިމާވި ސަބަބުތަކާއި ހުރެ އެކަން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށް ލަސްކުރިއެވެ. އެދުވަހު އަޅުގަނޑު އެކަމުގައި ހުއްޓައި މުވައްޒިފަކު ފޯނުކޮށްފައި ބުނީ ކޮންމެ ސަބަބެއް ކުރިމަތިވެގެން ނަމަވެސް އަޅުގަނޑު އޮފީހުގައި ނެތްކަން އެއީ މުވައްޒިފުންނާއި އަޅުގަނޑުގެ ނަޞީބު ކަމަށެވެ. އޮފީހުގައި އިންނަމަ އަޅުގަނޑުގެ ބޯ އަނބުރައި ނުލިބޭނެ ކަމަށެވެ.

ވެގެން އުޅޭ ގޮތް އޮޅުންފިލިއިރު އަޅުގަނޑު އޮފީހުގައި އިންނަ މޭޒާއި ދިމާއިން ފާރުގައި ހަރުކޮށްފައި ހުންނަތާ ގިނަ ދުވަސްވީ ބޮޑު ލަކުޑި ފައިލިންގ ކެބިނެޓެއް ވެއްޓުނީއެވެ. ވެއްޓި އަޅުގަނޑު އިށީނދެ އިންނަ ގޮނޑި ހަލާކުވެ މޭޒުވެސް ބިންދައިގެން ދިއައީއެވެ.

އޭނާ އެބުނީ ހަމަ ރަނގަޅަށެވެ. އަޅުގަނޑު އޮފީހުގައި އިންނަމަ އޮބޮޑު ކަބަޑެއް ފަދަ ނުހަނު ބަރު އަލަމާރިފަޅި ވެއްޓި ޖެހޭނީ ހަމަ އަޅުގަނޑުގެ ބޮލުގައެވެ. އަޅުގަނޑުގެ ބޮލެއް ނުލިބޭނެއެވެ. އޮންނާނީ ހަމަ ޗިސްޗިސްވެފައެވެ.

މިހާރަކަށް އައިސް އަޅުގަނޑަކީ ވަރަށް މަދުން ނޫނީ އިވެންޓްތައް ކަވަރުކުރަން ގޮސް އުޅޭ މީހެއް ނޫނެވެ. އެހެންކަމުން އަޅުގަނޑަކީ ހެނދުނު އޮފީހަށް ވަނުމަށްފަހު އިރުއޮއްސެންދެން މޭޒުދޮށުގައި އިނދެގެން މަސައްކަތް ކުރާ މީހެކެވެ. ވީމާ އެވަގުތަކީ އަޅުގަނޑު އޮފީހުގައި ނެތް ވަގުތެއްކަން އެއީ އަޅުގަނޑުގެ ފުރާނަ ސލާމަތްވި ސަބަބެވެ. އިސްލާމް ދީނަށް އިތުރު ޚިދުމަތްކޮށް ކިޔުންތެރިންނަށް އިތުރު ލިޔުމެއް ހުށަހަޅައިލުމުގެ ފުރުޞަތު ލިބިގެން މިދިއައީ އެ ނުރައްކާތެރި ހާދިސާއިން ﷲ ތަޢާލާ އަޅުގަނޑު ސލާމަތްކޮށް ދެއްވެވީތީއެވެ.

މި ނުރައްކާތެރި ޙާދިސާ ކިޔުންތެރިންނާއި ހިއްޞާކޮށްލީ ވަރަށް މަތިވެރި ބޭނުމަކުއެވެ. އެއީ ދަފާތު ދަރުސްތަކާއި ގުޅިގެން އެންމެ ގިނައިން އަޅުގަނޑަށް ލިޔެވިފައިވާނެ އެއް ވާހަކައަކީ ފަތިސް ނަމާދުން ދުވަސް ފަށާ މީހާ އެދުވަހު ހުންނާނީ ﷲ ތަޢާލާގެ ރައްކައުތެރިކަމުގެ ދަށުގައި ކަމުގެ ވާހަކައެވެ. އަޅުގަނޑުގެ އަމިއްލަ ޙަޔާތުން ތަޖުރިބާކުރެވިގެން މިދިއައީ އެކަމުގެ ތެދުކަމެވެ.

ވިސްނަވައިލައްވާށެވެ! އަޅުގަނޑަށް ނުއެނގުނު ނަމަވެސް މިހާދިސާ ހިނގާނެ ދުވަހާއި ހިނގާނެ ވަގުތު ﷲ ތަޢާލާ ވަނީ މާކުރިން ލިޔުއްވަވައިފައެވެ. ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ބާއްވަން އޮތް ކަމެއް ޑިސެމްބަރު 1 ވަނަ ދުވަހަށް ބަދަލުވިގޮތެވެ. އަބަދު އޮފީހުގައި އިންނަ މީހަކު އޮފީހުން ނުކުންނަން މެދުވެރި ކުރެއްވެވި ސަބަބެވެ. ސުބްހާނަﷲ!

ބައެއް މީހުން ފުރަން އޮންނަ ފްލައިޓަށް ވަގުތަށް ނުދެވުމުން ނުފުރި ކަންބޮޑުވެފައި ހުއްޓައި ފްލައިޓް ވެއްޓުން ފަދަ ކަމެއް މެދުވެރިވާ ހާދިސާތަކުގެ ވާހަކަވެސް ލިޔެވިފައި ހުންނާނެއެވެ. އަޅުގަނޑަށްވެސް އެދުވަހު ކުރެވުނީ ހަމަ އެފަދަ އިޙްޞާޞްތަކެކެވެ. ޝުކުރުވެރިވާ އަޅަކުކަމުގައިވުމަށް އިތުރަށް މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ!

މިކަމާއި ގުޅިގެން އެއްވެސް ކިޔުންތެރިއަކު އެއްވެސް ކަމެއް ބައްލަވައިލައްވަން ބޭނުންފުޅުނަމަ މިއަދުނޫހުގެ އިދާރާއަށް ދަޢުވަތުއަރުވަމެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް