އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން: ވަކީލުން

ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން: ވަކީލުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެ މައްސަލައިގެ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ. 

މިކަމާއި ގުޅިގެން ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަށް ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ އަމުރު ނެރުމަށް މަސައްކަތް ކުރުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށެވެ. 

ޔާމީންގެ ވަކީލުންގެ ފަރާތުން ނެރު ބަޔާނުގައި ބުނެފައިވަނީ އިސްތިއުނާފުގެ ހައްގު ލިބިދީފައި އޮންނަ ބޭނުމަކީ ވެސް ދަށުކޯޓު ގެ ނިންމުން އަލުން ބަަލައި އެ ނިންމުން ބަދަލުކުރުމަށް މަސަައްކަތް ކުރުމުގެ ހައްގު ލިބިދިނުން ކަމަށް ވާއިރު، އެ ފުރުސަތު ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދީފައި ވަނިކޮށް، އިސްތިއުނާފުގެ މަރުހަލާގައި، ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ ފަދަ އަމުރުތަކަށް އެދި، އެފަދަ އަމުރުތައް ނެރެން ދައުލަތުން މަސަައްކަތް ކުރުމަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ދެކޭކަމަށެވެ.

މީގެއިތުރުން ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ފަރާތްތަކުން ވަނީ ޓްވީޓާގައި ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. 

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމު ވިދާޅުވީ "ރައީސް ޔާމީންގެ އެކައުންޓުގައިވާ ފައިސާ ދައުލަތަށް ނަގާކަށް ދައުލަތުން ދަށު ކޯޓުގައި ނުވެސް އެދޭ. އަދި ހުކުމުގައި ވެސް ނެތް. ޕީޖީން މިޖަހަނީ ބޮޑުވެގެންވާ ސަކަރާތެއް" ކަމަށެވެ. 

ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ ޕީޖީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކަމަށް އެދިފައި ނުވާ ކަމަށާއި އަދި ކްރިމިނަލް ކޯޓުން ހުކުމް ކުރި އިރު ވެސް ދައުލަތަށް އެ ފައިސާ ނަގަން އަމުރުކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން މިހާރު ދައުލަތަށް އެ ފައިސާ ނަގަން އަމުރު ނެރުމަކީ ހުކުމަށް ބަދަލު ގެނައުން ކަމަށާއި އެއީ ނުކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވަކީލު އަހްމަދު އާސިފު ވިދާޅުވީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ދައުލަތަށް އެއްވެސް ފައިސާއެއް ނަގަން ޖެހޭނަމަ އެ ކަމެއް އެ މައްސަލާގައި ކޯޓުން ކުރާ ހުކުމުގައި ހިމަނަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިިދިޔަ މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ނެގުމަށް ވެސް ހުކުމުގައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު