އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިމަތިވެފައިވާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން: ރައީސް ޞާލިޙް

ކުރިމަތިވެފައިވާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ދުނިޔޭޭގެ އެހެން ޤައުމުތައް ފަދައިން ދިވެހި ޤައުމު މިހާރު ތަޙައްމަލު ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެބާރުލުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

މިމޭރުމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައި ޢާންމުކުރެއްވެވި ޚިޠާބުގައެވެ. 

ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި "ކޯވިޑް-19"ގެ ސަބަބުން، އިޖްތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައި އޮތުމާއެކު، ޢީދު ދުވަހަކީ މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަށް، އެމަނިކުފާނު އިލްތިމާސްކުރެއްވެވިއެވެ. 

އަދި އެކުގައި ދިރިއުޅޭ މީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކު ވެސް، މުވާޞަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، "ކޯވިޑް-19"ގެ ސަބަބުން، ތަފާތު ނިކަމެތި ޙާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖްތަމަޢުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިޠުރު ޢީދުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި، ޢާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމަށާއި، ޢުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ޚިދުމަތްކޮށްދިނުމުގެ ރޫޙު އާލާކުރެއްވުމަކީ މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، ޢާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމުގައި އެމަނުކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ފިޠުރު ޢީދު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިޤްތިޞާދުކުރުމަށް ނަފްސުތައް ތަރުބިއްޔަތުކޮށްދިން މޫސުމަކަށް ފަހުގައިކަމަށްވުމާއެކު، އަދި މިއީ ޤައުމުގެ އިޤްތިޞާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުން ޙާޞިލުވި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް