އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން ‍‍‍‍ ހަތަރުވަނަބައި

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން ‍‍‍‍ ހަތަރުވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 23 މިނެޓް, 42 ސިކުންތު

- ޙުސައިން ރަޝީދު އަޙްމަދު- 

 

(11) ސަލާމް ދިނުމުގެ ކުރިން ކުރަންވާ ދުޢާތައް:

ކުރީގައި ވެސް ހާމަކޮށްފައިވާނެ ފަދައިން އިމާމު އިބްނި ތައިމިޔާ ވިދާޅުވެފައި ވަނީ ]دُبُرَ كُلِّ صَلَاةٍ[ ބޭނުން ކުރެވިފައިވާ ޙަދީޘުތަކުގެ މާނައަކީ އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިން ކަމަށެވެ. އެއްޗެއްގެ ފުރަގަސް ފަރާތަކީ އެއެއްޗެއްގެ އެންމެފަހު ބައިކަމަށްވާތީ އެއަކުން ނަމާދުން ނިމިގެން ދުޢާކުރުމުގެ މާނައެއް ނުނެގޭނެ ކަމަށެވެ. އަޅުގަނޑު ދަންނަވާނީ އައްތަޙިއްޔާތުގައި ކުރަމުންދާ ދުޢާތަކަށް ބަލާއިރު އެއްވެސް ޙަދީޘެއްގައި ]دُبُرَ كُلِّ صَلَاةٍ[ ބޭނުންވެފައެއް ނުވާކަމަށާއި އެއީ އެގޮތަށް ވިދާޅުވާ ބޭފުޅުންގެ ކުށް ހީފުޅެއް ކަމަށެވެ. މިދުޢާތަކާމެދު މުޅިންވެސް އައިސްފައިހުރީ ނަމާދުގައި ކިޔާ ދުޢާ، ނުވަތަ ސަލާމް ދިނުމުގެ ކުރިން، ނުވަތަ އައްތަޙިއްޔާތު ނިމިގެން ކިޔާދުޢާ، މިފަދަ ޢިބާރާތްތަކެވެ. ނަމާދުގެ ފަހުގެ ވާހަކައެއް އެއިން އެއްވެސް ޙަދީޘެއްގައި ބޭނުންކުރެވިފައި ނެތެވެ. މުޙައްދިޘުންގެ ކިބައިން އައިސްފައިވާ ބައެއް މިސާލުތައް ތިރީގައި ހާމަކޮށްލާނަމެވެ.

- އިމާމު ބުޚާރީ ވިދާޅުވެފައި ވަނީ ސަލާމް ދިނުމުގެ ކުރިން ދުޢާ ކުރުމުގެ ވާހަކައެވެ. ދެން ރިވާކުރެއްވި އެއް ޙަދީޘަކީ މިއީއެވެ. ]أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَدْعُو فِي الصَّلَاةِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ[ މާނައީ: ކީރިތި ރަސޫލާ ނަމާދުގައި ]اللَّهُمَّ إِنِّي أَعُوذُ بِكَ[ މިފަދައިން ދުޢާ ކުރަށްވަތެވެ.

- އަދިވެސް ބުޚާރީ ރިވާކުރަށްވާފައި ވެއެވެ. ]عَنْ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ أَنَّهُ قَالَ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلِّمْنِي دُعَاءً أَدْعُو بِهِ فِي صَلَاتِي قَالَ قُلْ اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا[ މާނައީ: އަބޫ ބަކުރުގެފާނު ކީރިތި ރަސޫލާއަށް ދެންނެވިއެވެ. ތިމަން ނަމާދުގައި ކުރަށްވާނެ ދުޢާއެއް ދަސްކޮށްދެއްވަ ބައްލަވާށެވެ. ދެން ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ]اللَّهُمَّ إِنِّي ظَلَمْتُ نَفْسِي[ މިފަދައިން ކިއުއްވާށެވެ.

- އިމާމު މުސްލިމު ވިދާޅުވެފައި ވަނީ ނަމާދުގައި ކިޔާނެ ދުޢާގެ ވާހަކައެވެ. އެކަލޭގެފާނު ރިވާކުރަށްވަނީ ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ކަމަށެވެ. ]عَنْ عَائِشَةَ قَالَتْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْتَعِيذُ فِي صَلَاتِهِ مِنْ فِتْنَةِ الدَّجَّالِ[ މާނައީީ: ތިމަން ކަމަނާ ކީރިތި ރަސޫލާ ނަމާދުގައި ދައްޖާލުގެ ފިތުނައިން ސަލާމަތްވެ ވަޑައިގަަތުމަށް ދުޢާ ދަންނަވާ އަޑު އައްސަވަމެވެ.

- އަދިވެސް މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ]قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ أَحَدُكُمْ مِنْ التَّشَهُّدِ الْآخِرِ فَلْيَتَعَوَّذْ بِاللَّهِ مِنْ أَرْبَعٍ ... [މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު ފަހު އައްތަޙިއްޔާތު ކިޔައި ނިމުމުން ﷲގެ ޙަޟުރަތުން ހަތަރު ކަމަކުން ސަލާމަތަށް އެދި ދަންނަވާށެވެ.

- އަދިވެސް މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ]قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللَّهِ مِنْ أَرْبَعٍ يَقُولُ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ وَمِنْ عَذَابِ الْقَبْرِ[ މާނައީ: رَسُولُ اللَّهِ h ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު އައްތަޙިއްޔާތު ކިޔައި ނިމުން ހަތަރު ކަމަކުން ﷲގެ ޙަޟްރަތުން ސަލާމަތަށް އެދި ދަންނަވާށެވެ. އެއީ ]اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ[ މިދުޢާއެވެ.

- އަދިވެސް މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ]أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَدْعُو فِي الصَّلَاةِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ[ މާނައީ: رَسُولُ اللَّهِ h ނަމާދުގައި މިދުޢާ ވިދާޅުވަތެވެ. އެއީ: ]اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ[ މިއެވެ.

- އަދިވެސް މުސްލިމާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. ]يَكُونُ آخِرِ مَا يَقُولُ بَيْنَ التَّشَهُّدِ وَالتَّسْلِيمِ اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ[ މާނައީ: رَسُولُ اللَّهِ h އައްތަޙިއްޔާތާއި ސަލާމާއި ދެމެދު އެންމެ ފަހުން ވިދާޅުވާ އެއްޗަކީ ]اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ[ މިއެވެ.

ބަޔާންވެދިޔައީ ބައެއް މުޙައްދިޘުން ސަލާމް ދިނުމުގެ ކުރިން ނަމާދުގައި ކިޔަންވާ ދުޢާތަކަކީ ކޮބައިކަމާއި އެއާމެދު ސުއްނަތުގައި އައިސްފައިހުރި ޢިބާރާތް ހުރިގޮތުގެ ވާހަކައެވެ. އެއްވެސް ތަނެއްގައި ]دُبُرَ كُلِّ صَلَاةٍ[ ނުވަތަ ]دُبُرُ الصَّلَاةِ[ ގެ ބަސްފުޅެއް އައިސްފައި ނެތެވެ. އަދި ކިއެއްތޯއެވެ؟ އެހެނީ ޙަދީޘުތަކުގައި އެބަސް އައިސްފައި ހުރީ މުޅިންވެސް ނަމާދުކޮށް ނިމިގެން ކުރަންވާ ކަންތައްތަކާ ގުޅިގެންނެވެ. އެއީ ދުޢާ ކަމުގައި ވިއަސް ޛިކުރު ކަމުގައި ވިއަސް ދަތުރު ކަމުގައި ވިއަސް ސުއްނަތް ނަމާދު ކަމުގައި ވިއަސް އިޙްރާމް ބަނުން ކަމުގައި ވިއަސް ވެހެވެ.

އިބްނި ޤައްޔިމުގެ ސަމާސާ ވާހަކައިން ނިކުންނަ ނަތީޖާ:

ނަމާދުގެ ފަހުން ދުޢާކުރުމުގެ މައްޗަށް ވާހަކަ ދައްކަވަމުން އިމާމު އިބްނި ޤައްޔިމު ބުރަވެ ވަޑައިގަންނަވަނީ ]دُبُرُ الصَّلَاةِ[ގެ މާނަ ދެގޮތަކަށް ކުރެވޭ ކަމަށެވެ. އެއީ ސަލާމް ދިނުމުގެ ކުރިންނާއި ސަލާމް ދިނުމުގެ ފަހުނެވެ. ދެން އެކަލޭގެފާނުންގެ ޝައިޚު އިބްނި ތައިމިޔާ ބުރަވެވަޑައިގަންނަވާ ގޮތް ބަޔާން ކުރެއްވުމަށް ފަހު އެކަލޭގެފާނު އެގޮތަށް ބުރަވެ ވަޑައިގަންނަވާ ސަބަބުވެސް ވިދާޅުވިއެވެ. ދެން މައްސަލައާމެދު ހެއްވާ ބަހެއްގެ ގޮތުގައި ]نُكْتَة لَطِيفَة[ ޖޯކެކޭ ވިދާޅުވެ ސިފަކުރެއްވި މިސާލު ހަމަ ޙަޤީޤަތުގައި ވެސް އަޅުގަނޑަށް ފެނުނީ ޖޯކެއްގެ ގޮތުގައެވެ. އަދި މީހަކު ތިމާއަށް ބުނެވުނު ބަހަކީ ކުށްބަހެއް ކަމުގައި އިޢުތިރާފު ނުވެހުރެ ދެކޮޅަށް ހޭރިޔާކުރާ ބީދައިން ޝައިޚުވެސް ހޭރިޔާ ކުރަަށްވަމުން ވަޑައިގެން އެންމެފަހުން ނުސީދާކޮށް ކުށަށް އިޢުތިރާފުވެ ވަޑައިގަނެވުނީއެވެ. އެކަލޭގެފާނުންގެ ފޮތް ޒާދުލް މަޢާދުގެ 1/250 ގައި ވިދާޅުވަނީ މިފަދައިންނެވެ.

]أَنَّ هَاهُنَا نُكْتَةً لَطِيفَةً وَهُوَ أَنَّ الْمُصَلِّيَ إِذَا فَرَغَ مِنْ صَلَاتِهِ وَذَكَرَ اللَّهَ وَهَلَّلَهُ وَسَبَّحَهُ وَحَمِدَهُ وَكَبَّرَهُ بِالْأَذْكَارِ الْمَشْرُوعَةِ عُقَيْبَ الصَّلَاةِ اسْتُحِبَّ لَهُ أَنْ يُصَلِّيَ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَ ذَلِكَ وَيَدْعُوَ مَا شَاءَ وَيَكُونُ دُعَاؤُهُ عُقَيْبَ هَذِهِ الْعِبَادَةِ الثَّانِيَةِ لَا لِكَوْنِهِ دُبُرَ الصَّلَاةِ فَإِنَّ كُلَّ مَنْ ذَكَرَ اللَّهَ وَحَمِدَهُ وَأَثْنَى عَلَيْهِ وَصَلَّى عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ اسْتُجِيبَ لَهُ الدُّعَاءُ عُقَيْبَ ذَلِكَ، كَمَا فِي حَدِيثِ فَضَالَةَ بْنِ عُبَيْدٍ إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِحَمْدِ اللَّهِ وَالثَّنَاءِ عَلَيْهِ وَيُصَلِّي عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بِمَا شَاءَ قَالَ التِّرْمِذِي هَذَا حَدِيثٌ صَحِيحٌ[ (މާނައީ: މިތަނުން ދޭހަވާ ހެއްވާ ނުކުތާއަކީ ނަމާދުކުރާ މީހާ ނަމާދުކޮށް ނިމި ﷲ އަށް ޛިކުރުކޮށް ހަމްދާއި ތަސްބީޙައާއި ތަހްލީލު ކިޔަވައި ތަކްބީރު ކިއުމަށްފަހު އެހިނދު ނަމާދު ފަހުން ކިއުމަށް މަޝްރޫޢުވެފައިވާ ޛިކުރުތައް ކުރުމަށްފަހު އޭނާއަށް ސުއްނަތް ވެގެންވަނީ ޙަމްދުޘާނާއާއެކު ކީރިތި ރަސޫލާއަށް ޞަލަވާތް ކިއުމަށްފަހު ތިމާ ބޭނުން ދުޢާއެއް ކުރުމެވެ. އޭރުން މިދުޢާ ކުރެވެނީ މިދެވަނަ އަޅުކަމަށް ފަހުގައެވެ. އޭރަކުން އޭނާ ނަމާދުގެ ފަހުން ދުޢާކުރީ ކަމަކަށް ނުވާނެއެވެ. މިހެނީ ﷲ އަށް ޛިކުރުކޮށް އެއިލާހަށް ޙަމްދު ސަނާ ދަންނަވައި ލޮބުވެތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވައިފި މީހާއަށް މުސްތަޙައްބު ވެގެންވަނީ އޭގެފަހުގައި ދުޢާ ކުރުމެވެ. މިއީ ފަޟާލާ އިބްނި ޢުބައިދުގެ ކިބައިން ރިވާވެގެންވާ ޙަދީޘުގައި އަންނަ ފަދައިންނެވެ. رَسُولُ اللَّهِ h ޙަދީޘު ކުރެއްވިއެވެ. ތިޔައިން މީހަކު ނަމާދު ކޮށްފިއްޔާ ފަހެ ﷲ އަށް ޙަމްދު ސަނާ ދަންނަވާށެވެ. އަދި رَسُولُ اللَّهِ hގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ދެން އެއަށްފަހު ބޭނުން ދުޢާއެއް ކުރާށެވެ. (އިމާމު ތިރްމިޛީ ވިދާޅުވެފައިވަނީ މިއީ ޞައްޙަ ޙަދީޘެއް ކަމަށެވެ.)

އިބްނި ޤައްޔިމުގެ މިސަމާސާ ވާހަކަ މުޠާލަޢާކޮށްލުމުން އަޅުގަނޑަށް ނެރެވުނު ނުކުތާތައް:

(ހ) ޚުދް އިބް ޤައްޔިިމު މިތާގައިވެސް ]دُبُرُ الصَّلَاةِ[ މިލަފުޒު ބޭނުން ކުރެއްވީ އަމިއްލަފުޅު ރައުޔާ ޚިލާފަށް ކަމަށްވުން. (އެބަހީ ނަމާދުން ނިމިގެންނެވެ.)

(ށ) ފަރުޟު ނަމާދުގެ ފަހުން ދުޢާކުރުމީ ސުއްނަތްވެގެންވާ މަޝްރޫޢު ކަމެއްކަމުގައި އިޢުތިރާފުވެ ވަޑައިގަތުން.

(ނ) ހަމައެހެންމެ ނަމާދުގެފަނުން ދުޢާކުރުމީ މުސްތަޙައްބު ކަމެއް ކަމުގައި ދަލީލުކޮށްދޭ ހެކި އަމިއްލަފުޅަށް ޞައްޙަ ޙަދީޘަކުން ސާބިތުކޮށް ދެއްވުން. އެޙަދީޘު އިމާމު ތިރްމިޛީ ފިޔަވައި އަބޫދާއޫދާއި ޙާކިމާއި އިބްނި ޚުޒައިމާއާއި ދާރިމީއާއި އިބްނި ޙަޖަރާއި ޠަބަރާނީއާއި ބައިހަޤީއާއި މިބޭބޭކަލުންވެސް ރިވާކުރަށްވާފައި ވެއެވެ. ބައެއް ބޭކަލުން ތަފްޞީލުކޮށް ޙަދީޘު ބަޔާން ކުރެއްވިއެވެ.

(ރ) މިއީ ބަދަވީއަކު ހަމްދު ޞަލަވާތް ނުކިޔަވައި ދުޢާ ކުރުމުން އޭނާއަށާއި ދެން ތިބީންނަށް ދުޢާގެ އަދަބު އުނގަންނަވައި ދެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ދެއްވި ނަޞީޙަތްޕުޅެކެވެ.

(ބ) ޝައިޚު ވިދާޅުވަނީ ﷲ އަށް ޙަމްދު ސަނާ ދެންނެވުމާއި ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރުމަށް އެންގެވުމުން އެއިން އެނގެނީ މިދެވަނަ އަޅުކަމަށް ފަހު ދުޢާ ކުރުން ސާބިތުވީ  ކަމަށާއި ދުޢާގެ ޢަމަލު މިއަންނަނީ ފުރަތަމަ އަޅުކަން (ނަމާދަށް) ފަހުގައި ނޫންކަމެވެ. (ޝައިޚުގެ މިބަސްފުޅަށް ރައްދެއް ނާރުވައި ކިއުންތެރިންގެ ޚިޔާލަށް އަޅުގަނޑު އެވާހަކަ ދޫކޮށްލާނަމެވެ.)

(ޅ) އަޅުގަނޑަށް ހީވަނީ ޝައިޚު ވިދާޅުވެފައިވާ ބަސްފުޅު ޝައިޚަށް ވިދާޅުވެވުނީ އެކޮޅުކޮޅުންނެވެ. މިހެނީ ﷲ އަށް ޙަމްދު ކުރުމަކުން ދުޢާ ކުރާކަށް ނުޖެހެއެވެ. އަދި ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަކުންވެސް ދުޢާކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް ދުޢާގެ އަދަބުތަކުގެ ތެރޭގައި ހިމެނެނީ ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދު ކުުރުމަށާއި އެއަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިއުމަށެވެ. އަދި ދުޢާ ނިމިގެންވެސް ޞަލަވާތް ކިޔެވުމަކީ ސުއްނަތެކެވެ. ކީރިތި ރަސޫލާ މިތާގައި އެންގެވީ ދުޢާކުރާނެ އުޞޫލެވެ.

(ކ) މިތާގައި ކީރިތި ރަސޫލާ އުއްމަތަށް އުނގަންނަވައި ދެއްވާފައިވަނީ ދުޢާ ޤަބޫލު ކުރެއްވުމުގެ މުހިއްމު ދެއަދަބެކެވެ. އެއީ ފުރަތަމަ ޙަމްދު ސަނާ ކުރުމާއި އޭގެ ފަހުން ލޮބުވެތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ. އެހެންކަމުން އިމާމު ތިރްމިޛީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުންގެ ކިބައިން މައުޤޫފު ޙަދީޘެއް ރިވާކުރަށްވާފައި ވެއެވެ. އޭގައި އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ]إِنَّ الدُّعَاءَ مَوْقُوفٌ بَيْنَ السَّمَاءِ وَالْأَرْضِ لَا يَصْعَدُ مِنْهُ شَيْءٌ حَتَّى تُصَلِّيَ عَلَى نَبِيِّكَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ[  މާނައީ: ހަމަކަށަވަރުން ދުޢާކުރާ މީހާ ދުޢާ ކުރުމުން އުޑާއި ބިމާ ދޭތެރޭ އެދުޢާ މަޑުޖައްސައި ލެވެއެވެ. (އެއީ ޞަލަވާތް ނުކިޔާތީއެވެ. އެހެންކަމުން) އެދުޢާގައި رَسُولُ اللَّهِ hގެ މައްޗަށް ޞަލަވާތް ކިޔަވައިފުމަށް ދާނދެން އެދުޢާގެ އެއްވެސް ބައެއް މައްޗަށް ނޫފުއްލެވޭހުއްޓެވެ.

 

(5 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު