އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން‍ ‍‍ ހަވަނަބައި

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން‍ ‍‍ ހަވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 13 މިނެޓް, 46 ސިކުންތު

(ޅ) ދުޢާކުރާއިރު އަތް އުފުލުމާ މެދު އައިސްފައި ހުރި ބައެއް ޙަދީޘުތައް:

(1)  އިމާމު ބުޚާރީއާއި މުސްލިމު މާތް ﷲ ރުއްސުންލެއްވި އަބޫ މޫސާގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އޭގައި ވަނީ ޙުނައިނު ހަނގުރާމަ ނިމިގެން އަބޫ ޢާމިރު އިތުރު އެކަލޭގެފާނުންގެ އަރިހުން ދުޢާކޮށް ދެއްވުމަށް އެދިވަޑައިގަތެވެ. ]فَدَعَا بِمَاءٍ فَتَوَضَّأَ ثُمَّ رَفَعَ يَدَيْهِ فَقَالَ اللَّهُمَّ اغْفِرْ لِعُبَيْدٍ أَبِي عَامِرٍ[ މާނައީ: އެހިނދު އިތުރު އެކަލޭގެފާނު ވުޟޫ ކުރެއްވުމަށް ފެންގެނައުމަށް އެދިވަޑައިގަތެވެ. ދެން ފެން ގެނައުމުން ވުޟޫ ކުރެއްވުމަށްފަހު ދެއަތްޕުޅު އުފުއްލަވައިގެން އަބޫ ޢާމިރަށްޓަކައި ]اللَّهُمَّ اغْفِرْ لِعُبَيْدٍ أَبِي عَامِرٍ[ މިފަދައިން ދުޢާ ކުރެއްވިއެވެ.

(2)  އިމާމުބުޚާރީއާއި މުސްލިމު މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. މަދީނާގައި ވާރޭނުވެހޭތީ ފެން ނުލިބިގެން މީސްތަކުން ބަނޑަށް ޖެހޭ ހިސާބަށް ދިއުމުން ހުކުރު ދުވަހެއްގައި ކީރިތި ރަސޫލާ ޚުޠްބާ ދެއްވަން ހުންނަވަނިކޮށް މީހަކު އައިިސް ދުޢާކޮށްދެއްވުމަށް އެދި ދެންނެވުން ކީރިތި ރަސޫލާ އަތްޕުޅު އުފުއްލަވައިގެން ހުންނަވާ ދުޢާކުރެއްވިއެވެ. ވަގުތުން ވާރޭ ވެހެން ފެށިއެވެ. ދެން މިވިއްސާރަ ނުހުއްޓައި ޠޫފާނަކަށް ބަދަލުވުމުން އަނެއް ހަފްތާގައި މީހަކު އައިސް އަނެއްކާ ދުޢާކޮށްދެއްވުމަށް އެދި ދެންނެވިއެވެ. ]فَادْعُ اللَّهَ لَنَا فَرَفَعَ يَدَيْهِ فَقَالَ اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا[ މާނައީ: އޭ ﷲގެ ރަސޫލާއެވެ! ތިމަންމެންނަށްޓަކައި ދުޢާކޮށް ދެއްވަންވީ ނޫންތޯއެވެ؟ މިހާރު ތިމަންމެން ޣަރަޤުވާ ހިސާބަށް ދަނީއެެވެ. އެހިނދު އަނެއްކާ އިތުރުއެކަލޭގެފާނު ދެއަތްޕުޅުއުފުއްލަވާފައި ]اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا[ މިފަދައިން ދުޢާކުރެއްވިއެވެ. އަދި ދުޢާ ކުރެއްވުމާއެކުވަގުތުން ވިއްސާރަހުއްޓާލައި އުޑުމަތި ރީތިކޮށްލައިފިއެވެ.

(3)  އިމާމު ޙާކިމު އަލްމުދްރަކްގައި ޞައްޙަ ސަނަދުން މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނުންގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ عُمَرَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ كَانَ إِذَا مَدَّ يَدَيْهِ فِي الدُّعَاءِ لَمْ يَرُدَّهُمَا حَتَّى يَمْسَحَ بِهِمَا وَجْهَهُ[ މާނައީ: ޢުމަރުގެފާނު ވިދާޅުވަނީ رَسُولُ اللَّهِ h ދުޢާކުރެއްވުމަށް އަތްޕުޅު އުފުއްލަވައިފިއްޔާ މޫނުފުޅުގައި އަތްޕުޅު ފިރުމާލެއްވުމަކާ ނުލައި އަތްޕުޅު ތިރި ނުކުރަށްވަތެވެ. މިއީ ޟަޢީފު ޙަދީޘެކެވެ. ޙާކިމުގެ އިތުރުން ބައިހަޤީވެސް ރިވާކުރެއްވިއެވެ. ނަވެސް ޙަދީޘަށް ގަދަކަން ލިއްބައިދޭނެ ޞައްޙަ ޙަދީޘުތައް ވަރަށް ގިނައެވެ. އިބްނި ޙަޖަރުވެސް ވަނީ މިފަދައިން ވިދާޅުވެފެއެވެ.

(4)  އިމާމު މުސްލިމު މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢަމްރުގެ ކިބައިން ރިވާކުރަށްވާފައި އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ h މިއުއްމަތަށް ޓަކައި ކީރިތި ކުރަށްވައި ދުޢާކުރަށްވާފައި ﷲ އަށް ދުޢާދެންނެވިއެވެ. ]فَرَفَعَ يَدَيْهِ وَقَالَ اللَّهُمَّ أُمَّتِي أُمَّتِي وَبَكَى[ މާނައީ: އެހިނދު އިތުރު އެކަލޭގެފާނު ދެއަތްޕުޅު އުފުއްލަވާފައި ކީރިތި ކުރަށްވަމުން މިފަދައިން ދުޢާކުރެއްވިއެވެ. އަޅުގެވެރި އިލާހެވެ! އަޅުގެ އުއްމަތެވެ. އަޅުގެ އުއްމަތެވެ.

(5)  އިމާމު އަބޫދާއޫދާއި ޠަބަރާނީއާއި އިބްނި ޙަޖަރާއި މިބޭކަލުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ]الْمَسْأَلَةُ أَنْ تَرْفَعَ يَدَيْكَ حَذْوَ مَنْكِبَيْكَ --- وَالِابْتِهَالُ أَنْ تَمُدَّ يَدَيْكَ جَمِيعًا[ މާނައީ: ދުޢާ ކުރުމުގެ ސިފައަކީ ދެއަތް ދެކޮނޑާ ހަމައަށް އުފުލާލައިގެންހުރެ ދުޢާކުރުން ކަމަށާއި ދުޢާގައި ދެއަތް އެކުއެކީ ދިއްކޮށްލައިގެން ހުރުމަކީ ތިމާ މަޑުމޮޅިވެފައި ހުރިކަމުގެ ހެއްކެއް ކަމަށެވެ.

(6) އިމާމު މުސްލިމާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. ދުޢާ ޤަބޫލު ނުކުރެވޭ ސަބަބު ބަޔާން ކުރަށްވަމުން ކީރިތި ރަސޫލާ ދިގު ދަތުރުކޮށްފައި އަންނަ މީހެއްގެ މިސާލު ބަޔާން ކުރެއްވިއެވެ. ]ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ[ މާނައީ: ދެން ޙަދީޘުކުރަށްވަނީ ދިގު ދަތުރެއްކޮށްފައި ބޯ ވިހުރުވާލައިގެން މުޅިމީހާ ހިރަފުހުން ތަތްތެޅިގެން އައިސް އުޑާ ދިމާއަށް ތިމާގެ ދެއަތް ދިއްކޮށްލައިގެން ހުރެ، އަޅުގެވެރި އިިލާހޭ، އަޅުގެވެރި އިިލާހޭ، ކިތަންމެ ގިނައިން އޭނާގެ ދުލުން ދެންނެވި ކަމުގައި ވިއަސް އޭނާގެ ދުޢާ ﷲ ޤަބޫލުކުރަށްވާނޭ ހެއްޔެވެ؟ އޭނާގެ ކެއުމާއި ބުއިން ޙަރާމެވެ. ފޭރާން ހަރާމެވެ.

(7)  އިމާމު ނަވަވީ އަލްމަޖްމޫޢުގައި (3/510) މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެއްފަހަރަކު ވަލީދުގެ އަންހެނުން ކީރިތި ރަސޫލާގެ އަރިހަށް އައިސް އޭނާގެ ފިރިމީހާ އަނިޔާކުރާ ވާހަކަ ދެންނެވުމުން ޙަދީޘުކުރެއްވިއެވެ. ގޮސް އޭނާގެ ގާތު އެވެނިމިވެނި ވާހަކައެއް ބުނާށެވެ. ދެން މީނާގޮސްފައި އެނބުރި އައިސް ދަންނަވައިފިއެވެ. ތިމަން އެވާހަކަ ބުނުމުން އިތުރަށް ތަޅައިގަތީއެވެ. ދެންވެސް ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އަދި ދާށެވެ. ގޮސް އޭނާގެ ގާތުގައި އެވެނިމިވެނިގޮތަކަށް ބުނާށެވެ. އަނެއްކާވެސް ގޮސްފައި އައިސް ދަންނަވައިފިއެވެ. މިހާރުވެސް ތަޅައިގަތީއެވެ. ]فَرَفَعَ رَسُولُ اللَّهِ صَلَّى اللَّهُ تَعَالَى عَلَيْهِ وَسَلَّمَ يَدَهُ فَقَالَ اللَّهُمَّ عَلَيْكَ الْوَلِيدَ[ މާނައީ: ދެންފަހެ رَسُولُ اللَّهِ h އަތްޕުޅު އުފުއްލަވައިގެން ]اللَّهُمَّ عَلَيْكَ الْوَلِيدَ[ މިފަދައިން ދުޢާކުރެއްވިއެވެ.

(8)  އިމާމު ސުޔޫޠީ އެކަލޭގެފާނުންގެ ފައްޟުލް ވިޢާގައި ޞައްޙަ މަގުން ރިވާކުރަށްވާފައި ވެއެވެ. މުޙައްމަދު އިބްނި ޔަޙްޔާ ވިދާޅުވެފައި ވެއެވެ. ]رَأَيْتُ عَبْدَ اللَّهِ بْنَ الزُّبَيْرِ وَرَأَى رَجُلًا رَافِعًا يَدَيْهِ قَبْلَ أَنْ يَفْرُغَ مِنْ صَلَاتِهِ فَلَمَّا فَرَغَ مِنْهَا قَالَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَرْفَعُ يَدَيْهِ حَتَّى يَفْرُغَ مِنْ صَلَاتِهِ قَالَ رِجَالُهُ ثِقَاتٌ[ މާނައީ: ތިމަން ދުށީމެވެ. މީހަކު ނަމާދުގައި ދެއަތްއުފުލާލައިގެން ދުޢާކުރަން ހުއްޓައި މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޒުބައިރަށް ފެނިވަޑައިގެން މީނާ ނަމާދުން ސަލާމް ދިނުމުން އަރިހަށް ގެންނަވާފައި ވިދާޅުވިއެވެ. ނިކަން ދަންނާށެވެ! رَسُولُ اللَّهِ h އެކަލޭގެފާނުންގެ އަތްޕުޅު އުފުއްލަވަނީ ނަމާދުން ނިމިވަޑައިގެން އެކަލޭގެފާނު ދުޢާކުރަށްވާއިރުގައެވެ. (ދެން އިމާމު ސުޔޫޠީ ވިދާޅުވަނީ މިޙަދީޘުގެ އެންމެހައި ރާވީންނަކީ އިތުބާރު ހިފޭ ބޭކަލުން ކަމަށެވެ.) ޢައްލާމާ ޢަބްދުއް ރަޙްމާނު މުބާރަކްޕޫރީ ތުޙްފަތުލް އަޙްވަޛީގެ 2/90 ގައި ވިދާޅުވެފައި މިއީ ޞައްޙަ ޙަދީޘެއް ކަމަށާއި އިމާމު ޠަބަރާނީވެސް މިޙަދީޘު ރިވާކުރަށްވާފައި އެންމެހައި ރާވީންނަކީ އިތުބާރު ހިފޭ ޘިޤާ ރާވީންކަމުގައި ވިދާޅުވި ކަމަށެވެ.

(9)  އިމާމު މުސްލިމާއި އިބްނި ޙަޖަރު ނެރުއްވާއިވާ ޙަދީޘެއްގައި ވެެއެވެ. ޢާއިޝަތުފާނު ވިދާޅުވެފައި ވަނީ، ޠުފައިލް އަމްރީ ކިޔާ ބޭކަލަކު ވަޑައިގެން އެކަލޭގެފާނުންގެ އަރިހުގައި އުޅުނު މީހަކު މަރުވިވާހަކައާއި އޭނާ މަރުވުމުން ހުވަފެނުން އޭނާ ފެނުނުވާހަކައާއި އޭރު އޭނާގެ އަތުގައި އައިބެއްހުރިވާހަކަ ދެންނެވުމުން އޭނާއަށް ޓަކައި ކީރިތި ރަސޫލާ ދުޢާ ކުރެއްވި ކަަމަށެވެ. ]اللَّهُمَّ وَلِيَدَيْهِ فَاغْفِرْ وَرَفَعَ يَدَيْهِ[ މާނައީ: އެހިނދު رَسُولُ اللَّهِ h ދެއަތްޕުޅު އުފުއްލަވައިގެން ހުންނަވައި އޭނާގެ ފާފަ ފުއްސަވައި ދެއްވުމަށް އެދި ދުޢާފުޅު ކުރެއްވިއެވެ.

(10) އިމާމު މުސްލިމު ޢާއިޝަތުގެފާނުންގެ ކިބައިން ރިވާ ކުުރަށްވާފައި ވެއެވެ. އެކަމަނާ ވިދާޅުވަނީ ލޮބުވެތިރަސޫލާ އިރުކޭތަ ހިފިދުވަހު ]وَهُوَ رَافِعٌ يَدَيْهِ يَدْعُو[ (އެކަލޭގެފާނުންގެ ދެއަތްޕުޅު އުފުއްލަވައިގެން ދުޢާ ކުރެއްވި ކަމަށެވެ.

(11)                     އިމާމު މުސްލިމާއި އިބްނި ޙަޖަރު ރިވާކުރަށްވާފައި ވެއެވެ. ބަޔަކު މީހުންނާމެދު އިތުރު އަކަލޭގެފާނުންގެ ޢަމަލުފުޅެއް ބެހެއްޓެވި ގޮތުން ޢާއިޝަތުގެފާނަށް މުޅިން އެކަން ކަމުނުގޮސްގެން އެކަމުގެ ޝަކުވާ ދެންނެވުމުން رَسُولُ اللَّهِ h ދެއަތްޕުޅު އުފުއްލަވައިގެން ހުންނަވާ ދުޢާ ކުރެއްވިއެވެ. ]يَدْعُو رَافِعًا يَدَيْهِ يَقُولُ اللَّهُمَّ إِنَّمَا أَنَا بَشَرٌ[ އަޅުގެވެރި ރަސްކަލާކޮ! އަޅަކީވެސް ހަމަ އިންސާނަކީމެވެ. އަޅަށް ފުއްސަވާނދޭވެ!

(12) އިމާމު ބުޚާރީއާއި މުސްލިމު ރިވާކުރަށްވާފައި ވެއެވެ. ދައުސު ވަންހައިގެ މީހުން މުރުތައްދުވީ ޚަބަރު ކީރިތި ރަސޫލާއަށް ލިބިވަޑައިގެން އޭގެ ތެރެއިން ބަޔަކު އެމީހުންނަށްޓަކައި ދުޢާކޮށް ދެއްވުމަށް އެދިދެންނެވިއެވެ. ]فَاسْتَقْبَلَ الْقِبْلَةَ وَرَفَعَ يَدَيْهِ فَقَالَ اللَّهُمَّ اهْدِ دَوْسًا[ އެހިނދު އިތުރު އެކަލޭގެފާނު ޤިބުލައަށް ކުރިމަތިފުޅު ލައްވަވައިގެން ދެއަތްޕުޅު އުފުއްލަވައިގެން މިފަދައިން ދުޢާކުރެއްވިއެވެ. އަޅުގެވެރި އިލާހު! ދައުސު ވަންހައިގެ މީހުންނަށް ތެދުމަގު ދައްކަވާނދޭވެ!

(13) އިމާމު ބުޚާރީއާއި މުސްލިމާއި އެނޫންވެސް އެތަކެއް މުޙައްދިޘުން ޢާއިޝަތުގެފާނުންގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا قُلْ هُوَ اللَّهُ أَحَدٌ وَ قُلْ أَعُوذُ بِرَبِّ الْفَلَقِ وَ قُلْ أَعُوذُ بِرَبِّ النَّاسِ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ[  މާނައީ: رَسُولُ اللَّهِ h ކޮންމެ ރެއަކުވެސް އަވަހާރަ ލައްޕަވަންވުމުން އެނދުދާންކޮޅުގައި އިންނަވައިގެން ދެއަތްޕުޅު ގާތްކުރަށްވައި އިޚްލާޞް ފަލަޤި ނާސި ތިންސޫރަތް ކިޔަވާވިދާޅުވެ އަތްޕުޅަށް ފުމެލައްވަތެވެ. ދެން އިސްތަށިފުޅާއި މޫނުފުޅުން ފެށިގެން އަތްޕުޅު ފޯރި ހިސާބެއްގައި މުޅި ހަށިކޮޅުގައި އަތްޕުޅު ފިރުމާލައްވަތެވެ. އަދި މިގޮތަށް ތިންފަހަރުމަތިން ކަންތައް ކުރަށްވަތެވެ.

(14) އިމާމު ބުޚާރީއާއި މުސްލިމާއި އެނޫންވެސް އެތަކެއް މުޙައްދިޘުން ޢާއިޝަތުގެފާނުންގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَنْفُثُ عَلَى نَفْسِهِ فِي الْمَرَضِ الَّذِي مَاتَ فِيهِ بِالْمُعَوِّذَاتِ فَلَمَّا ثَقُلَ كُنْتُ أَنْفِثُ عَلَيْهِ بِهِنَّ وَأَمْسَحُ بِيَدِ نَفْسِهِ لِبَرَكَتِهَا فَسَأَلْتُ الزُّهْرِيَّ كَيْفَ يَنْفِثُ قَالَ كَانَ يَنْفِثُ عَلَى يَدَيْهِ ثُمَّ يَمْسَحُ بِهِمَا وَجْهَهُ[ މާނައީ: رَسُولُ اللَّهِ h ސުވަރުގެ ވަޑައިގެންނެވި އާލާސްކަންފުޅުގައި ތިން ޤުލްގެ ސޫރަތް ވިދާޅުވެ ހަށިކޮޅަށް ފުމެލައްވަތެވެ. ދެން އާލާސްކަންފުޅު މާބޮޑުވުމުން އެކަލޭގެފާނުން އަންގަވައިގެން ތިމަންކަމަނާ އެސޫރަތްތައް ކިޔަވާވިދާޅުވެ ފުމެލައްވަމެވެ. އަދި ބަކަރާތަށްޓަކައި އެކަލޭގެފާނުންގެ އަތްޕުޅަށް ފުމެލައްވައިގެން އެކަލޭގެފާނުންގެ އެބަރަކާތް ތެރި އަތްޕުޅުން ތިމަންކަމަނާ އެކަލޭގެފާނުންގެ މޫނުފުޅުގައި ފިރުމާލައި ހައްދަވަމެވެ. ރާވީ ވިދާޅުވަނީ ތިމަން އިމާމު ޒުހުރީއަށް ދެންނެވީމެވެ. އިތުރު އެކަލޭގެފާނު ފުމެހައްދަވަނީ ކިހިނަކުންތޯއެވެ؟ ޒުހުރީ ވިދާޅުވިއެވެ. އެއީ އެސޫރަތް ވިދާޅުވެފައި އަމިއްލަފުޅު އަތްޕުޅަށް ފުމެލައްވާފައި ބަކަރާތްތެރި މޫނުފުޅުގައި ދެއަތްޕުޅު ފިރުމާލައްވަނީއެވެ.  

އެހެން ރިވާޔަތެއްގައި އަންނަނީ فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا[ ދެން ހަށިކޮޅުގެ ވޭން ގަދަވުމުން ތިމަން ކަމަނާ ކިޔަވައި ވިދާޅުވަމެވެ. އަދި އެކަލޭގެފާނުންގެ އަތްޕުޅުގެ ބަރާކާތް ޙާޞިލުކުރެއްވުމުގެ ގޮތުން އެކަލޭގެފާނުންގެ އަތްޕުޅުން މޫނުފުޅުގައި އަތްޕުޅު ކާއްތަވަމެވެ.

(7 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު