އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން‍ ‍‍‍‍- ހަތްވަނަބައި

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން‍ ‍‍‍‍- ހަތްވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 35 މިނެޓް, 57 ސިކުންތު

- ޙުސައިން ރަޝީދު އަޙްމަދު -

 

(ކ) އަތް އުފުލުމާއި ނޫފުލުން:

رَسُولُ اللَّهِ ﷺ ގެ އަރިހުން އެކަލޭގެފާނުންގެ ޢަމަލުފުޅުތަކަށް ބަލާއިރު ދެގޮތަކަށް ޢަމަލު ކުރަށްވާފައި ވެއެވެ. އެއީ ބައެއް ފަހަރު އަތްޕުޅު ނުނެންގެވުމެވެ. އަދި އަނެއްބައިފަހަރު އަތްޕުޅު ނެންގެވުމެވެ. މިގޮތުން ޢިލްމުވެރިން ވިދާޅުވަނީ އެއީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެއީ އަތްނެގުމާއި ނުނެގުން ދެގޮތްމެ އުނގަންނަވައި ދެއްވުމާއެކު ވަކިގޮތަކަށް އިރުޝާދު ދެއްވާފައި ނުވުމުން އެނގެނީ އެއީ ދުޢާކުރާމީހާގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. ޢައްލާމާ ޝަމުސުލް ޙައްޤާއި ޝައުކާނީ ވިދާޅުވަނީ ޢާއްމުކޮށް ކުދިކުދި ދުޢާތަކުގައި ކީރިތި ރަސޫލާ އަތްޕުޅު ނުނަންގަވާ ކަމަށާއި އެނޫން ދުޢާތަކުގައި ނަންގަވާކަމަށެވެ. މިސާލަކަށް މިސްކިތަށް ވަދެނިކުތުމާއި ފާޚާނާއަށް ވަދެނިކުތުމާއި ނިދުމާއި ހޭލުމާއި ކެއުމާއި ބުއިމާއި ބައެއްފަހަރު ނަމާދުގެ ފަހުން ކިޔަން އޮންނަ ކުދި ދުޢާތަކެވެ. އަޅުގަނޑު ދަންނަވާނީ ބައެއް ފަހަރު ކުދި ދުޢާތަކުގައިވެސް އަތްޕުޅު ނަންގަވާފައި އެބަހުއްޓެވެ. އަދި ނަމާދުގެ ފަހުގައި ކިޔާ ކުދި ދުޢާގައިވެސް ނަންގަވާފައި އެބަހުއްޓެވެ. މިކަން މަތީގައި ބަޔާންކުރެވުނު ޙަދީޘުތަކުން ސާފުވާނެއެވެ. އެހެންކަމުން ބެލެވެނީ މިއީ އެމީހާގެ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށެވެ. ތިމާ ބޭނުމިއްޔާ ކުދި ދުޢާތަކުގައި އަތް ނެގުމަކުން މައްސަލައެއް ނެތެވެ. ބޭނުމިއްޔާ ކުދި ދުޢާތަކުގައި އަތް ނުނެގުމަކުންވެސް މައްސަަލައެއް ނެތެވެ. މިހެނީ އެއީ ދުޢާގެ އަދަބުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ.

އޭގެ ބައެއް މިސާލުތައް މަތީގައި ބަޔާންވެ ހިނގައްޖެއެވެ. އިތުރު މިސާލެއް ގެނެސްދޭނަމެވެ. އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން ބޭކަލުން މާތް ﷲ ރުއްސުންލެއްވި ސަހުލު ބިން އިބްނި ސަޢުދުގެ ކިބައިން ރިވާކުރަށްވާފައި ޙަދީޘެކެވެ. އެއްފަހަރަކު ބަޔަކުމީހުން ޞުލްޙަ ކުރުވުމަށް ކީރިތި ރަސޫލާ ވަޑައިގަތެވެ. މިގޮތަށް ކީރިތި ރަސޫލާ އުޅުއްވަނިކޮށް ނަމާދު ގަޑިޖެހިގެން ވަގުތު ދާތީ އަޞްޙާބު ބޭކަލުން ނަމާދު ފެއްޓެވުމަށް އަބޫބަކުރުގެފާނަށް ދެންނެވުމުން އެކަލޭގެފާނު ނަމާދަށް ފެއްޓެވިތަނާހެން ކީރިތި ރަސޫލާ ވަޑައިގެންފިއެވެ. އެހިނދު ކީރިތި ރަސޫލާ އިމާމަކަށް ވަޑައިގަތުމަށް އަބޫބަކުރުގެފާނު މަސައްކަތް ކުރެއްވުމުން ކީރިތި ރަސޫލާ އިޝާރަތުން ނަމާދު ކުރިއަށް ގެންދިއުމަށް އަބޫ ބަކުރުުގެފާނަށް އެންގެވިއެވެ. އެހިނދު ހިތްޕުޅަށް ކުރި އުފާވެރިކަމުގެ އަސަރުގެ ބޮޑުކަމުން އަބޫ ބަކުރުގެފާނުން ބޭއިޚްތިޔާރުގައި ﷲ އަށް ޙަމްދު ދެންނެވިއެވެ. فَرَفَعَ أَبُو بَكْرٍ يَدَيْهِ فَحَمِدَ اللَّهَ[ މާނައީ: އެހިނދު އަބޫ ބަކުރުގެފާނު ދެއަތްޕުޅު އުފުއްލެވުމާއެކު ﷲ އަށް ޙަމްދު ދެންނެވިއެވެ. 

(އ) ފަރުޟު ނަމާދުގެ ފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުން:

ސުއްނަތް ނަމާދުތަކުގެ ފަހުގައި ދުޢާކުރުމީ އެކަމުގައި ޚިލާފެއްނެތި ދަންނަބޭކަލުންގެ މެދުގައި ޢަމަލުވަމުންދާ ކަމެކެވެ. ނަމަވެސް ފަރުޟު ނަމާދުގެ ފަހުގައި ދުޢާ ކުރުމާމެދު ޚިލާފު އުފެދިފައި ވެއެވެ. ޚާއްޞަކޮށް މިއަދުގެ ޙަންބަލީ މަޛްހަބުގެ ނުވަތަ ސަލަފީ ޢިލްމުވެރިިންގެ މެދުގައެވެ. އެއީ އިމާމު އިބްނި ތައިމިޔާ އެގޮތަށް ފަތުވާ ދެއްވާފައިވާތީއެެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ]أَنَّ الدُّعَاءَ لاَ يُشْرَعُ بَعْدَ الصَّلاَةِ وَإِنَّمَا مَحَلُّ الدُّعَاءِ فِي الصَّلاَةِ لاَ خَارِجِهَا[ މާނައީ: ޝައްކެއްނެތި ދުޢާކުރުމަކީ ނަމާދުފަހުން މަޝްރޫޢުވެގެންވާ ކަމެއް ނޫނެވެ. މިހެނީ ދުޢާގެ  މަޤާމަކީ ނަމާދުގެ އެތެރެއެވެ. އޭގެ ބޭރުގައެެއް ނޫނެވެ. އެހެންކަމުން އެކަލޭގެފާނުންގެ އަރިހުގައި ނަމާދުފަހުން ދުޢާކުރުމީ ބިދުޢައެކެވެ.

މިވާހަކައިގެ ޖަވާބު ކުރިން ބަޔާންވެ ހިނގައްޖެއެވެ. އިމާމު ޖަލާލުއްދީން ސުޔޫޠީ ވަނީ ދުޢާކުރާއިރު އަތް އުފުލުމަކީ ސުއްނަތެއްކަން ސާބިތުކުރެއްވުމުގެ ގޮތުން ބޮޑު ފޮތެއް ލިއުއްވާފައެވެ. އެފޮތުގެ ނަމަކީ ]فَضُّ الْوِعَاءِ فِي أَحَادِيثِ رَفْعِ الْيَدَيْنِ فِي الدُّعَاءِ[ އެވެ.

މިއަދުގެ ސަލަފީ ޢިލްމުވެރިއެއް ކަމުގައިވާ އައްލާމާ ޢަބްދުއް ރަޙްމާން މުބާރަކުޕޫރީ ތުޙުފަތުލް އަޙްވަޛީގެ 2/168 ގައި ވިދާޅުވެފައި ވަނީ ]الْقَوْلُ الرَّاجِحُ عِنْدِي أَنَّ رَفْعَ الْيَدَيْنِ فِي الدُّعَاءِ بَعْدَ الصَّلَاةِ جَائِزٌ لَوْ فَعَلَهُ أَحَدٌ لَا بَأْسَ عَلَيْهِ إِنْ شَاءَ اللَّهُ تَعَالَى[ މާނައީ: ތިމަން  ދެކޭގޮތުގައި އެންމެ ގަދަ ބަސްފުޅަކީ ފަރުޟު ނަމާދަށްފަހު ދުޢާކުރުމާއި ދުޢާގައި ދެއަތް އުފުލުމަކީ ހުއްދަކަމެއް ކަމެވެ. މިގޮތުން މީހަކުއެކަން ކުރުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި ޝައިޚު ވިދާޅުވެފައި ވެއެވެ. ]لَا رَيْبَ فِي ثُبُوتِ الدُّعَاءِ بَعْدَ الِانْصِرَافِ مِنَ الصَّلَاةِ الْمَكْتُوبَةِ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَوْلًا وَفِعْلًا[ މާނައީ: ފަރުޟު ނަމާދުން ސަލާމްދީ ނިމިގެން ކީރިތި ރަސޫލާގެ އަރިހުން ޢަމަލުފުޅުންނާއި ބަސްފުޅުން ދުޢާކުރެއްވުން ސާބިތުވާކަމީ އޭގައި ޝައްކެއް އޮތް ކަމެއް ނޫނެވެ. 

(ވ) ޙަންބަލީ މަޛްހަބުގެ ބޭފުޅުންނަށް އިމާމު އިބްނި ޙަޖަރުގެ ރައްދެއް:

ނަމާދުގެ ފަހުން ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނުގައި އަތްއެޅުމާއި މިމައްސަލައަށް ވާހަކަ ދައްކަވަމުން، ޙަންބަލީ މަޛްހަބުގެ ބައެއް ބޭފުޅުންނަށް ރައްދުދެއްވައި އިމާމު އިބްނި ޙަޖަރު އަލްފަތުޙުގެ 11/136 ގައި ވިދާޅުވެފައި ވެއެވެ. އަދި މިވާހަކަ އައްތުޙުފާގެ 2/168 ގައި މުބާރަކުޕޫރީވެސް އިބްނި ޙަޖަރުގެ އަރިހުން ނަގުލު ކުރެއްވިއެވެ. ]وَفَهِمَ كَثِيرٌ مِمَّنْ لَقِينَاهُ مِنَ الْحَنَابِلَةِ أَنَّ مُرَادَ ابْنِ الْقَيِّمِ نَفْيُ الدُّعَاءِ بَعْدَ الصَّلَاةِ مُطْلَقًا وَلَيْسَ كَذَلِكَ فَإِنَّ حَاصِلَ كَلَامِهِ أَنَّهُ نَفَاهُ بِقَيْدِ اسْتِمْرَارِ اسْتِقْبَالِ الْمُصَلِّي الْقِبْلَةَ وَإِيرَادِهِ بَعْدَ السَّلَامِ وَأَمَّا إِذَا انْتَقَلَ بِوَجْهِهِ أَوْ قَدَّمَ الْأَذْكَارَ الْمَشْرُوعَةَ فَلَا يَمْتَنِعُ عِنْدَهُ الْإِتْيَانُ بِالدُّعَاءِ حِينَئِذٍ[ މާނައީ: ތިމަންމެންނާ ބައްދަލުުވި ވަރަށް ގިނަ ޙަންބަލީ މަޛްހަބު މީހުންނަށް ވަނީ، ފަރުޟު ނަމާދުން ނިމިގެން ސަލާމް ދިނުމަށްފަހު އިމާމު މީހާ ޤިބުލަައަށް އިނދެ ޢާދަކޮށް ޖަމާޢަތުގައި ދުޢާކުރުމާ ބެހޭ ގޮތުން އިމާމު އިބްނި ޤައްޔިމު އިންކާރު ކުރެއްވި ބަސްފުޅުގެ މާނަ އޮޅުވާލެވިފައެވެ. އެއީއަކީ އެކަލޭގެފާނު ވިދާޅުވި ގޮތެއް ނޫނެވެ. އެހެންކަމުން މީހަކު ތިމާ އިންތަން ދޫކޮށް ނުވަތަ ސުއްނަތް ވެގެންވާ ޛިކުރުތައް ކުރުމާއެކު އޭގެފަހުން ދެން ދުޢާކުރުމީ އެކަލޭގެފާނުންގެ އަރިހުގައި މައްސައެއް ނޫނެވެ. 

(މ) ނަމާދަށްފަހު ދުޢާކުރުމުގައި އަތްއުފުލުމާމެދު ތުޙްފަތުލް އަޙްވަޛީގެ މުޞައްނިފުގެ ނިންމެވުން:

ޝައިޚު މުބާރަކުޕޫރީ އައްތުޙުފާގެ 2/171 ގައި ވިދާޅުވެފައި ވެއެވެ. ]هَذَا مَا قَالَهُ اِبْنُ كَثِيرٍ فِي تَفسِيرِهِ عَنْ سَعِيدِ بْنِ الْمُسَيِّبِ عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَفَعَ يَدَيْهِ بَعْدَ مَا سَلَّمَ وَهُوَ مُسْتَقْبِلَ الْقِبْلَةِ فَقَالَ اللَّهُمَّ خَلِّصِ الْوَلِيدَ بْنَ الْوَلِيدِ .... وَقَالَ ابْنُ جَرِيرٍ حَدَّثَنَا الْمُثَنَّى .. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَدْعُو فِي دُبُرِ صَلَاةِ الظُّهْرِ اللَّهُمَّ خَلِّصِ الْوَلِيدَ وَسَلَمَةَ بْنَ هِشَامٍ. وَلِهَذَا الْحَدِيثِ شَاهِدٌ فِي الصَّحِيحِ مِنْ غَيْرِ هَذَا الْوَجْهِ كَمَا تَقَدَّمَ انْتَهَى مَا فِي تَفْسِيرِ ابْنِ كَثِيرٍ. قُلْتُ : وَفِي سَنَدِ هَذَا الْحَدِيثِ عَلِيُّ بْنُ زَيْدِ بْنِ جُدْعَانَ وَهُوَ مُتَكَلَّمٌ فِيهِ[ މާނައީ: މިއީ އިބްނި ކަޘީރު އެކަލޭގެފާނުންގެ ތަފްސީރުގައި ގެންނަވާފައިވާ ވާހަކަތަކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން އިމާމު އިބްނި މުސައްޔިބު ރިވާކުރަށްވާފައިވެއެވެ. رَسُولُ اللَّهِ ﷺ ނަމާދުގައި ސަލާމް ދެއްވުމަށްފަހު ދެއަތްޕުޅު އުފުއްލަވައިގެން ޤިބުލައަށް އިންނަވައިގެން މިދުޢާ ކުރެއްވިއެވެ. ]اللَّهُمَّ خَلِّصِ الْوَلِيدَ[ މިއެވެ. އަދިވެސް އިމާމު އިބްނި ޖަރީރު މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވަނީ رَسُولُ اللَّهِ ﷺ މެންދުރު ނަމާދުގެފަހުގައި ދުޢާކުރަށްވަތެވެ. އަދި ވަލީދާއި ސަލަމާއާއި އެނޫން މީހުންގެ މައްޗަށް މިފަދައިން ދުޢާކުރަށްވަތެވެ. ދެން އިބްނި ކަޘީރު ވިދާޅުވެފައި ވަނީ މިޙަދީޘުގެ މައްޗަށް ހެކިދޭނެ ޞައްޙަ ޙަދީޘު މިނޫން މަގުން އައިސްފައި އެބަހުރި ކަމަށެވެ. ދެން މުބާރަކުޕޫރީ ވިދާޅުވަނީ މިހިސާބަށް އިބްނި ކަޘީރުގެ ވާހަކަ ނިމުނީއެވެ. ތިމަން ބުނާނީ، މިދެވަނަ ޙަދީޘުގެ ސަނަދުގައި އިބްނި ޖުދްޢާން އުޅުއްވާ ކަމަށާއި އޭނާއަކީ އޭނާގެ ވަނަވަރާމެދު ވާހަކަ ދެކެވިފައިވާ ބޭކަލެއް ކަމަށެވެ.

މިއާއެކު މުބާރަކުޕޫރީ ގެންނަވާފައިވަނީ ނަމާދުގެ ފަހުން ދުޢާކުރާއިރު ދުޢާއަށް އަތްއުފުލުން ސާބިތުވާކަމަށް ޢިލްމުވެރިން ވިދާޅުވާ ފަސް ޙަދީޘެކެވެ. ބައެއް ޙަދީޘުތަކުގެ ސަނަދު ޞައްޙަވެފައި އަނެއް ބައި ޙަދީޘުތަކުގެ ސަނަދުގެ މައްޗަށް ވަނީ ވާހަކަ ދެކެވިފައެވެ. އެއް ޙަދީޘަކީ އިމާމު ސުޔޫޠީ ނެރުއްވާފައިވާ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޒުބައިރުގެ ރިވާޔަތެވެ. ]قَالَ رَأَيْتُ عَبْدَ اللَّهِ بْنَ الزُّبَيْرِ وَرَأَى رَجُلًا رَافِعًا يَدَيْهِ قَبْلَ أَنْ يَفْرُغَ مِنْ صَلَاتِهِ فَلَمَّا فَرَغَ مِنْهَا قَالَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَرْفَعُ يَدَيْهِ حَتَّى يَفْرُغَ مِنْ صَلَاتِهِ قَالَ رِجَالُهُ ثِقَاتٌ[ މާނައީ: މީހަކު ނަމާދުގެ ތެރޭގައި އަތްއުފުލައިގެން ހުރެ ދުޢާކުރަނިކޮށް ޢަބްދުﷲ އަށް ފެނިވަޑައިގެން އޭނާ ނަމާދުން ނިމުމުން އޭނާގެ ގާތުގައި ވިދާޅުވިއެވެ. ދަންނާށެވެ! ނަމާދުން ނިމިވަޑައިގެން ނޫނީ އެކަލޭގެފާނުންގެ ދުޢާފުޅުގައި އަތްޕުޅު ނޫފުއްލަވަތެވެ. ދެން ސުޔޫޠީ ވިދާޅުވަނީ މިރިވާޔަތުގެ ސަނަދުގެ އެންމެހައި ބޭކަލުންނަކީ އިތުބާރުހިފޭ ޘިޤާ ރާވީން ކަމަށެވެ.

އެއަށްފަހު ޝައިޚު މުބާރަކުޕޫރީ ވިދާޅުވެފައިވަނީ މިރިވާޔަތް އިމާމު ހައިޘަމީ މަޖްމަޢުއް ޒަވާއިދުގައި ވެސް ބަޔާން ކުރެއްވި ކަމަށާއި އިމާމު ޠަބަރާނީވެސް އެރިވާޔަތް ބަޔާން ކުރެއްވި ކަމަށާއި އެބޭކަލުން ވިދާޅުވަނީ މިރިވާޔަތުގެ ސަނަދުގެ އެންމެހައި ރާވީންނަކީ ޘިޤާ ރާވީން ކަމަށެވެ. (އަޅުގަނޑު މަޖްމަޢުއް ޒަވާއިދުން މިރިވާޔަތް ބަލައިލީމެވެ. އެރިވާޔަތް ވަނީ އެފޮތުގެ 10/169 ގައެވެ. އޭގައި އިމާމު ޠަބަރާނީ ވިދާޅުވި ކަަމަށް ވަނީ އެރިވާޔަތުގެ ސަނަދުގެ ރާވީންނަކީ އިތުބާރު ހިފޭ ޘިޤާރާވީން ކަމަށެވެ.)

އަދިވެސް އެތަކެއް ޙަދީޘެއް ޝައިޚުވަނީ ޢިލްމުވެރިންގެ ފަރާތުން މައްސަލަ ސާބިތު ކުރެއްވުމުގެ ގޮތުން ބަޔާން ކުރަށްވާފައެވެ. މިދިރާސާ ކުރުކޮށްލުމުގެ ގޮތުން ޝަައިޚުގެ މިބަސްފުޅު ލިޔެލުމަށްފަހު ފުއްދާލާނަމެވެ. އޭނާ ވިދާޅުވެފައި ވެއެވެ. ]وَاسْتَدَلُّوا أَيْضًا بِعُمُومِ أَحَادِيثِ رَفْعِ الْيَدَيْنِ فِي الدُّعَاءِ قَالُوا إِنَّ الدُّعَاءَ بَعْدَ الصَّلَاةِ الْمَكْتُوبَةِ مُسْتَحَبٌّ مُرَغَّبٌ فِيهِ وَإِنَّهُ قَدْ ثَبَتَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الدُّعَاءُ بَعْدَ الصَّلَاةِ الْمَكْتُوبَةِ وَأَنَّ رَفْعَ الْيَدَيْنِ مِنْ آدَابِ الدُّعَاءِ وَأَنَّهُ قَدْ ثَبَتَ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَفْعُ الْيَدَيْنِ فِي كَثِيرٍ مِنَ الدُّعَاءِ. وَأَنَّهُ لَمْ يَثْبُتِ الْمَنْعُ عَنْ رَفْعِ الْيَدَيْنِ فِي الدُّعَاءِ بَعْدَ الصَّلَاةِ الْمَكْتُوبَةِ بَلْ جَاءَ فِي ثُبُوتِهِ الْأَحَادِيثُ الضِّعَافُ قَالُوا فَبَعْدَ ثُبُوتِ هَذِهِ الْأُمُورِ الْأَرْبَعَةِ وَعَدَمِ ثُبُوتِ الْمَنْعِ لَا يُمْكِنُ أَنْ يَكُونَ رَفْعُ الْيَدَيْنِ فِي الدُّعَاءِ بَعْدَ الصَّلَاةِ الْمَكْتُوبَةِ بِدْعَةً سَيِّئَةً بَلْ هُوَ جَائِزٌ لَا بَأْسَ عَلَى مَنْ يَفْعَلُهُ[ މާނައީ: ބަޔާންވެދިޔަ ޙަދީޘުތަކުގެ އިތުރުން ޢިލްމުވެރިން ވިދާޅުވަނީ ދުޢާކުރުމުގައި ދެއަތް އުފުލުމާމެދު އައިސްފައި ހުރި ޢާއްމު ޞައްޙަ ޙަދީޘުތައް ދަލީލުގެ ގޮތުގައި މިބާބުގައި ފުދޭކަމަށެވެ. އެބޭކަލުން ވިދާޅުވެފައި ވެއެވެ. ފަރުޟު ނަމާދަށް ފަހު ދުޢާކުރުމީ އެކަމަށް ދީނުގައި ބާރު އަޅުއްވާފައިވާ މުސްތަޙައްބު ކަމެކެވެ. މިހެނީ ހަމަކަށަވަރުން رَسُولُ اللَّهِ hގެ އަރިހުން ފަރުޟު ނަމާދަށް ފަހުގައި ދުޢާކުރުމަކީ ސާބިތުވެގެންވާ ކަމެކެވެ. އަދި ދުޢާގައި އަތްއުފުލުމަކީ ދުޢާގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ވަރަށް ގިިނަ ދުޢާތަކުގައި رَسُولُ اللَّهِ h އަތްޕުޅު އުފުއްލަވާފައި ވާކަމީ ސާބުތުވާން އޮތް ކަމެކެވެ. އަދި ޔަޤީންކަމާއެކު ދަންނަވަން ޖެހޭ ކަމަކީ ފަރުޟު ނަމާދުކޮށް ސަލާމް ދިނުމަށްފަހު ދުޢާކުރުމާއި ދުޢާގައި އަތް ނެގުމަކީ މަނާކަމެއް ކަމުގައި ދަލީލުކޮށްދޭނެ އެއްވެސް ހެއްކެއް ސާބިތުވާކަށެއް ނެތެވެ. އެއާ ޚިލާފަށް އެކަމަށް ބާރުއަޅައިދޭ ޙަދީޘުތަކެއް ޟަޢީފު ނަމަވެސް ސާބިތުވާން އެބަހުއްޓެވެ. ވުމާއެކު ބަޔާންވެދިޔަ ހަތަރު މައްސަލަ ސާބިތުވުމަށްފަހު، ފަރުޟު ނަމާދަށް ފަހުން ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާމެދު އެކަން މަނާވެގެންވާ އެއްވެސް ހެއްކެއް ނެތްހިނދު އެއީ ނުބައިވެގެންވާ ބިދުޢައެކޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. އެހެންކަމުން ތިމަންބުނާނީ މިއީ ހުއްދަ ކަމެއް ކަމަށާއި ނަމާދުފަހުން ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމަކީ މައްސަލައެއް ނޫންކަމެވެ.

މިތާގައި އަޅުގަނޑު ދަންނަވާލާނީ އަތްއުފުލުމުގެ ޙަދީޘުތައް ޟަޢީފުކަމަށް ޝައިޚު ވިދާޅުވިކަމުގައި ވިއަސް އެޙަދީޘުތައް އެކަތި އަނެކައްޗަށް ވާގިދޭ ކަމާއި އެއަށް ބާރުއަޅައިދޭ ހެކިތައް ހުރިކަމީ ޝައްކެއްހުރި ކަމެއްނޫނެވެ. އެވާހަކަ އިބްނި ޙަޖަރު ބުލޫޣުލް މަރާމުގައި ވިދާޅުވެފައިވާ ކަމަށް ޚުދް ޝައިޚުވަނީ ބަޔާން ކުރަށްވާފައެވެ. އަދި ޝައިޚު މަތީގައި ބަޔާންކުރެއްވި ޢަބްދުﷲ އިބްނި ޒައިދުގެ ރިވާޔަތަކީ އެއްވެސް ކިލަނބުކަމެއްނެތް ސާފު ދަލީލެކެވެ. 

(ފ) ޤުނޫތުކިޔާއިރު އަތްއުފުލުން:

ނަމާދުގައި ޤުނޫތު ކިޔާއިރު އަތް އުފުލުމަށް ދީނުގެ ގިނަ ޢިލްމުވެެރިން ވިދާޅުވެފައި ވެއެވެ. އިމާމު އަބޫ ޙަނީފާ ވިދާޅުވަނީ އަތްއުފުލާފައި ހަށަންބަނދެގެން ހުރެ ދުޢާކުރުމަށެވެ. އެއީ ރުކޫޢުގެ ކުރިންނެވެ. މިކަމުގެ ދަލީލު ޢަބްދު ﷲ އިބްނި މަސްޢޫދުގެ ކިބައިން އައިސްފައި ވެއެވެ. އެރިވާޔަތް ފަހުން ގެންނާނަމެވެ.  

1-  އިމާމު ބައިހަޤީ އައްސުނަނުލް ކުބްރާގެ 2/211 ގައި އަދި އިމާމު ނަވަވީ އަލްމަޖްމޫޢުގެ 3/500 ގައި ޞައްޙަ ސަނަދުން، އަނަސްގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ]لَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا صَلَّى الْغَدَاةَ يَرْفَعُ يَدَيْهِ يَدْعُو عَلَيْهِمْ يَعْنِي عَلَى الَّذِينَ قَتَلُوهُمْ[ މާނައީ: ޤާރީވެރިން މަރާލުމާ ގުޅިގެން ކޮންމެރެއަކު ފަތިސްނަމާދުގައި އެބޭކަލުން ޝަހީދުކޮށްލި މީހުންގެ މައްޗަށް އަތްޕުޅު އުފުއްލަވައިގެން رَسُولُ اللَّهِ ﷺ ދުޢާފުޅު ކުރަށްވާތަން ތިމަން ދެކެވަޑައި ގަންނަވަމެވެ.

2-  އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. ]كَانَ عُمَرُ يَقْنُتُ بِنَا بَعْدَ الرُّكُوعِ وَيَرْفَعُ يَدَيْهِ وَيُسْمَعَ صَوْتُهُ مِنْ وَرَاءِ الْمَسْجِدِ- أَنَّ عُمَرَ رَفَعَ يَدَيْهِ فِي قُنُوتِ الْفَجْرِ[  މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ތިމަންމެންނާއިގެން އިސްވެހުންނަވައި ފަތިސްނަމާދު ކުރަށްވަތެވެ. އޭގައި ދެއަތް އުފުއްލަވައިގެން ހުންނަވާ އިޢުތިދާލުގައި ޤުނޫތު ކިއުއްވަތެވެ. އަދި އެކަލޭގެފާނުގެ އަޑުފުޅު މިސްކިތުން ބޭރަށްވެސް އިވެތެވެ.

3-  އިމާމު އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. ]عَنْ ابْنِ عَبَّاسٍ أَنَّهُ صَلَّى فَقَنَتَ بِهِمْ فِي الْفَجْرِ بِالْبَصْرَةِ فَرَفَعَ يَدَيْهِ حَتَّى مَدَّ ضَبْعَيْهِ[ މާނައީ: މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ބަޞަރާގައި މީސްތަކުންނާއިިގެން އިސްވެ ފަތިން ނަމާދު ކުރެއްވިއެވެ. ދެން އޭގައި ޤުނޫތު ކިއުއްވިއެވެ. އެހިނދު ޤުނޫތު ކިއުއްވިއިރު އެކަލޭގެފާނުންގެ ދެއަތްޕުޅުގެ ހިކަނދި މަސްގަނޑު ފެންނަ މިންވަރަށް އަތްޕުޅު އުފުއްލަވައިގެން ހުންނެވިއެވެ.

4-  އިމާމު އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. ]عَنْ عَبْدِ اللَّهِ أَنَّهُ كَانَ يَرْفَعُ يَدَيْهِ فِي قُنُوتِ الْوِتْرِ[ މާނައީ: މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ މަސްޢޫދުގެ ކިބައިން ރިވާވެގެެން ވެއެވެ. އެކަލޭގެފާނު ވިތުރީގެ ޤުުނޫތު ކިއުއްވާއިރު ދެއަތްޕުޅު އުފުއްލަވަތެވެ.

6- ޤުނޫތު ކިއުމަށް އަތް އުފުލާނެގޮތް:

މިޙަދީޘުތައް ތުޙުފަތުލް އަޙްވަޛީގައި (2/460) ޝައިޚު މުބާރަކްޕޫރީވެސް ގެންނަވާފައި ވެއެވެ. އަދި އިމާމު ނަވަވީ އެހެން ދަލީލުތަކާއެކު އަލްމަޖްމޫޢުގައި (3/511) ވެސް ނެރުއްވާފައި ވެއެވެ. އަދި އިމާމު ބައިހަޤީވެސް ނެރުއްވާފައި ވެއެވެ. ދެން ބައިހަޤީގެ ކިބައިން ނަވަވީ ނަގުލު ކުރަށްވަނީ އަޞްޙާބު ބޭކަލުންގެ ތެރެއިިން ގިނަ ޢަދަދެއްގެ ބޭކަލުން ޤުނޫތުގައި އަތްޕުޅު އުފުއްލަވާ ކަމަށެވެ. މިތާގައި ޤުނޫތަށް އަތްނަގާ ގޮތަށް ބަލާއިރު ޙަނަފީ މަޛްހަބުގައި އަންނަނީ ހަށަންބަން ތަކްބީރަށް އަތް އުފުލާފަދައިިން އުފުލުމަށް ފަހު އަނެއްކާވެސް ހަށަންބަނދެގެން ހުރުމެވެ. އެހެންބޭކަލުން ދެކެވަޑައިގަންނަވަނީ ދުޢާކުރުމަށް އަތްއުފުލާ ފަދައިން އުފުލައިގެން ހުރުމެވެ. އަބޫ ޙަނީފާގެ މިބަސްފުޅަކީ އިބްނި މަސްޢޫދުގެ އަރިހުން އެކަލޭގެފާނަށް ލިބިވަޑައިގަތް ޢަމަލުފުޅެވެ. މުޞައްނިފު ޢަބްދުއް ރައްޒާޤުގައި (4/326) އައިސްފައި ވެއެވެ. ]عَنْ إِبْرَاهِيمَ أَنَّ ابْنَ مَسْعُودٍ كَانَ يَرْفَعُ يَدَيْهِ فِي الْوِتْرِ ثُمَّ يُرْسِلُهُمَا بَعْدُ[ މާނައީ: އިބްރާހީމް ނަޚްޢިގެ ކިބައިިން ރިވާވެގެން ވެއެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި މަސްޢޫދު ވިތުރީގައި ޤުނޫތު ވިދާޅުވުމަށް އަތްޕުޅު އުފުއްލަވާފައި ދެން ވައްޓާލައްވައި އަތްޕުޅު ބަންނަވަތެވެ.

އިމާމު ބައިހަޤީ އައްސުނަނުލް ކުބްރާގެ 2/211 ގައި އަދި އިމާމު ނަވަވީ އަލްމަޖްމޫޢުގެ 3/500 ގައި ޞައްޙަ ސަނަދުން، އަނަސްގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ]لَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كُلَّمَا صَلَّى الْغَدَاةَ يَرْفَعُ يَدَيْهِ يَدْعُو عَلَيْهِمْ يَعْنِي عَلَى الَّذِينَ قَتَلُوهُمْ[ މާނައީ: ޤާރީވެރިން މަރާލުމާ ގުޅިގެން ކޮންމެ ރެއަކު ފަތިސް ނަމާދުގައި އެބޭކަލުން ޝަހީދުކޮށްލި މީހުންގެ މައްޗަށް އަތްޕުޅު އުފުއްލަވައިގެން ކީރިތި ރަސޫލާ ދުޢާފުޅު ކުރަށްވަަތެވެ. އަދިވެސް އިމާމު ބައިހަޤީ މާތް ﷲ ރުއްސުންލެއްވި އަބޫ ރާފިޢުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ أَبِي رَافِعٍ قَالَ صَلَّيْتُ خَلْفَ عُمَرَ بْنِ الْخَطَّابِ رَضِيَ اللَّهُ عَنْهُ فَقَنَتَ بَعْدَ الرُّكُوعِ وَرَفَعَ يَدَيْهِ وَجَهَرَ بِالدُّعَاءِ قَالَ الْبَيْهَقِيُّ هَذَا عَنْ عُمَرَ صَحِيحٌ[ މާނައީ: އަބޫ ރާފިޢު ވިދާޅުވެފައި ވެއެވެ. ތިމަން ޢުމަރުގެފާނުންގެ ފަހަތްޕުޅުގައި ފަތިސްނަމާދު ކުރީމެވެ. އެކަލޭގެފާނު އިޢުތިދާލުގައި ޤުނޫތު ކިއުއްވިއެވެ. ދުޢާ ބާރަށް ވިދާޅުވިއެވެ. (ބައިހަޤީ ވިދާޅުވަނީ ޢުމަރުގެފާނުންގެ އަރިހުން މިއީ ޞައްޙަ ޢަމަލުފުޅެއް ކަމަށެވެ.)

އިބްނި އަބީ ޝައިބާ ރިވާކުރަށްވާފައި ވެއެވެ. ]كَانَ عُمَرُ يَقْنُتُ بِنَا بَعْدَ الرُّكُوعِ وَيَرْفَعُ يَدَيْهِ وَيُسْمَعَ صَوْتُهُ مِنْ وَرَاءِ الْمَسْجِدِ- أَنَّ عُمَرَ رَفَعَ يَدَيْهِ فِي قُنُوتِ الْفَجْرِ[ މާނައީ: މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ތިމަންމެންނާއިގެން އިސްވެހުންނަވައި ފަތިސްނަމާދު ކުރަށްވަތެވެ. އޭގައި ދެއަތް އުފުއްލަވައިގެން ހުންނަވާ އިޢުތިދާލުގައި ޤުނޫތު ކިއުއްވަތެވެ. އަދި އެކަލޭގެފާނުގެ އަޑުފުޅު މިސްކިތުން ބޭރަށްވެސް އިވެތެވެ. 

(ދ) ދުޢާގައި އަތް އުފުލަންވާ މިންވަރު:

ދުޢާކުރުމުގައި އަތް އުފުލުން އޮންނަނީ ދެ މިންވަރަކަށެވެ. އެއްމިންވަަރަކީ އިސްތިސްޤާގެ ދުޢާއާއި ބޮޑެތި ކަންކަމަށް ދަންނަވާ ބޮޑެތި ދުޢާތަކުގައި ބޮލުން މައްޗަށް އަތް އުފުލާފައި ބެހެއްޓުމެވެ. އަނެއް ގޮތަކީ އެނޫން ދުޢާތަކުގައި ދެކޮނޑާހަމައަށް އަތް ހުންނަ މިންވަރަށް އަތް އުފުލާފައި ބެހެއްޓުމެވެ. މިއީ ދީނުގެ ޢިލްމުވެރިންގެ މެދުގައި، ނާދިރު ބަސްފުޅެއްގައި ނޫނީ، ރައުޔު ތަފާތުވެފައި އޮތް ކަމެއް ނޫނެވެ. އިމާމު އިބްނިއަބީ ޝައިބާ އެކަލޭގެފާނުންގެ މުޞައްނިފުގެ 2/370 ގައި މާތް ﷲ ރުއްސުންލެއްވި ސަހުލު އިބްނި ސަޢުދުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ]وَلَقَدْ رَأَيْتُ يَدَيْهِ حَذْوَ مَنْكِبَيْهِ وَيَدْعُو[ މާނައީ: رَسُولُ اللَّهِ h އެކަލޭގެފާނުންގެ ދެއަތްޕުޅު ދެކޮނޑާ ހަމައަށް އުފުއްލަވައިގެންވާ ޙާލު ދުޢާ ކުރަށްވަނިކޮށް ތިމަން ދުށީމެވެ. މިއީ އަތް އުފުލުގެ ޢާއްމު މިންވަރެވެ. ގިނަ މުޙައްދިޘުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިިން ރިވާކުރަށްވާފައި ވެއެވެ. ]رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَرْفَعُ يَدَيْهِ فِي الدُّعَاءِ حَتَّى يُرَى بَيَاضُ إبْطَيْهِ[ މާނައީ: رَسُولُ اللَّهِ h އެކަލޭގެފާނުންގެ ދެއަތްޕުޅު މައްޗަށް އުފުއްލަވައިގެން ދުޢާކުރަށްވަނިކޮށް ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭރު އެކަލޭގެފާނުންގެ ކިހިލިިފަތްޕުޅުގެ ދޮންކަންވެސް ފެންނާންހުއްޓެވެ.

މިބުނެވިދިޔަ ގޮތަށް ބޯމައްޗަށް އަތް އުފުލުން އޮންނަނީ ހަމައެކި ބޮޑެތި ކަންކަމަށް ދަންނަވާ ދެންނެވުމުގައެވެ. އޭރު ތިމާގެއަތް ބަހައްޓަންވާނީ ދަމާލައިފައެވެ. އަތް އުފުލާފައި ހުންނަންވާނީ ދެއަތްތިލައިގެ ފުށަތް މައްޗަށް ބަހައްޓައިގެން ބަނޑުފުށް ތިރިއަށް ވާގޮތަށެވެ. އިމާމު އިބްނި ޙަޖަރު ފަތުޙުލްބާރީގެ 2/599 ގައި ވިދާޅުވެފައި ވެއެވެ. ]السُّنَّةُ فِي كُلِّ دُعَاءٍ لِرَفْعِ الْبَلَاءِ أَنْ يَرْفَعَ يَدَيْهِ جَاعِلًا ظُهُورَ كَفَّيْهِ إِلَى السَّمَاءِ وَإِذَا دَعَا بِسُؤَالِ شَيْءٍ وَتَحْصِيلُهُ أَنْ يَجْعَلَ كَفَّيْهِ إِلَى السَّمَاءِ[ މާނައީ: ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ބަލާ މުޞީބާތުން ސަލާމަތް ވުމުގެ ގޮތުން ކޮންމެ ދުޢާއެއް ކުރިކަމުގައި ވިއަސް ސުއްނަތް ގޮތަކީ ތިމާގެ ފުށަށް އުޑުމަތިފަރާތަށް ވާގޮތަށް ދެއަތް އުފުލާފައި ބެހެއްޓުމެވެ. އަދި ކަމެއް ޙާޞިލުވުމަށް އެދި ދަންނަވައި ދުޢާކުރާނަމަ އަތްތިލައިގެ ބަނޑުފުށް އުޑުމަތިފަރާތަށް ވާގޮތަށް ބެހެއްޓުމެވެ. 

(3) ދުޢާކުރުމުގައި އަތްއުފުލައިފިނަމަ މޫނުފިރުވުން:

(ހ) މޫނު ފިރުވުން:

ދުޢާކުރާއިރު މޫނު ފިރުވުމަނީ ﷲގެ ޙަޟުރަތުން ލިބޭ ބަރަކާތާއި ރަޙްމަތް ތިމާގެ މޫނުން ފެށިގެން ހަށިގަނޑަށް ވާޞިލުކޮށްލުމުގެ މިސާލެއްގެ ގޮތުގައެވެ. އަދި މޫނަކީ އިންސާގެ ހަށިގަނޑު ހުންނަ އެންމެ މަތިވެރި އެންމެ މޫރިތި ގުނަން ކަމުގައިވާތީވެސް މެއެވެ. ދުޢާކުރުމުގައި ދެގޮތެއް ވެއެވެ. އެއީ ދުޢާގައި އަތް އުފުލުމާއި އަތް ނޫފުލުމެވެ. ކުރުކުރު ދުޢާއެއް ނަމަ އަތް އުފުލުމާއި ނޫފުލުމަކީ އެމީހާގެ އިޚްތިޔާރެކެވެ. ކީރިތި ރަސޫލާ ބައެއް ދުޢާތައް އަތްޕުޅު ނޫފުއްލަވާވެސް ކުރަށްވާފައިއެބަހުއްޓެވެ. އަނެއްބައިފަހަރު ވަރަށްކުރުކުރު ދުޢާގައި އަތްޕުޅު އުފުއްލަވާފައިވެސް އެބަހުއްޓެވެ. އެހެންކަމުން ދުޢާގައި އަތް އުފުލައިފިނަމަ މޮޅުއިތުރު ވެގެންވަނީ މޫނު ފިރުވުމެވެ. މިއީ ދީނުގެ ޢިލްމުވެރިިންގެ ތެރެއިން ހަތަރު މަޛްހަބުގެ ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ މައްސަލައެކެވެ.

ޝާފިޢީ މަޛްހަބުގެ ދެވަނަ ޝައިޚު ކަމުގައިވާއިމާމު އިމާމު ނަވަވީ އިމާމު ޣަޒާލީގެ އަރިހުން ނަގުލުކުރަށްވައި އަލްއަޛްކާރުގެ 396 ގައި ވިދާޅުވެފައި ވެއެވެ. ދުޢާކުރާއިރު ޤިބުލައަށް ހުރުމާއި ދެއަތް އުފުލުމާއި ދުޢާކޮށް ނިމިގެން ދެއަތުން މޫނު ފިރުވުމުމަކީ ދުޢާގެ އަދަބުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދިވެސް އިމާމު ނަވަވީ މުޣްނިލް މުޙްތާޖު 1/370 ގައި ވިދާޅުވެފައި ވެއެވެ. ޝާފިޢީ މަޛްހަބުގެ އިމާމުން ކަމުގައިވާ ޒަކަރިއްޔާ އަންޞާރީއާއި ޚަޠީބުއް ޝަރްބީނީ ފަދަ އިމާމުން ވިދާޅުވާގޮތުގައި މޫނުފިރުވުމަކީ ދުޢާގެ މުސްތަޙައްބު ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޙަންބަލީގެ މަޛްހަބުގެ އެންމެ ބޮޑު އިމާމު ކަމުގައިވާ އިމާމު އިބްނި ޤުދާމާ އަލްމުޣްނީގައި ވިދާޅުވަނީ ދުޢާގައި އަތްއުފުލުމާއި މޫނުގައި އަތްއެޅުމަކީ މުސްތަޙައްބު ކަމެއްކަމަށެވެ. އިމާމު ބަހޫތީ މުންތަހަލް އިރާދާތު 1/241 ގައި ވިދާޅުވެފައި ވެއެވެ. ދުޢާކޮށް ނިމުމުން ޤުނޫތަށް ފަހުގައްޔާއި ނަމާދުގެ ފަހުގައްޔާއި އެނޫން ތަންތާގައި މޫނުގައި އަތް އެޅުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ.

މާލިކީ މަޛްހަބުގެ އިމާމެއް ކަމުގައިވާ ޝިހާބުއްދީން އައްނަފްރާވީ އެކަލޭގެފާނުންގެ ފޮތް އަލްފަވާކިހުއް ދިވާނީގެ 2/335 ގައި ވިދާޅުވެފައި ވެއެވެ. ]وَيُسْتَحَبُّ أَنْ يَمْسَحَ وَجْهَهُ بِيَدَيْهِ عَقِبَهُ كَمَا كَانَ يَفْعَلُهُ عَلَيْهِ الصَّلَاةُ وَالسَّلَامُ[ މާނައީ: ލޮބުވެެތި ރަސޫލާގެ ޢަމަލުފުޅު އޮތް ފަދައިން ދުޢާކުރާ މީހާއަށް މުސްތަޙައްބު ވެގެންވަނީ ދުޢާގެ ފަހުގައި ތިމާގެ މޫނުގައި ދެއަތްފިރުމާލުމެވެ.

ޙަނަފީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އިމާމު ޝަަރަންބިލާލީ އެކަލޭގެފާނުންގެ ފޮތް މަރާޤިލް ފަލާޙުގެ 1/120 ގައި ވިދާޅުވެފައި ވެއެވެ. ]ثُمَّ يُمْسَحُونَ بِأَيْدِيهِمْ وُجُوهَهُمْ فِي آخِرِهِ[ މާނައީ: އެއަށްފަހު މުސްތަޙައްބު ވެގެންވަނީ ދުޢާ ނިމިމުން ތިިމާމެންގެ އަތުން ތިމާމެންގެ މޫނުގައި އަތް ފިރުވުމެވެ. 

(ށ) މޫނު ފިރުވުމަކީ ބިދުޢައެއްބާ!

ސަލަފުއް ޞާލިޙުންގެ ބަސްފުޅުތަކާއި ފަތުވާއާއި އެބޭކަލުންގެ ޢަަމަލުފުޅުތައް މިހެން އޮތް އިރު މިހާރަކަށް އައިސް ފަހުގެ ބައެއް ޙަންބަލީ ޢިލްމުވެރިން ވިދާޅުވަނީ މޫނު ފިރުވުމަކީ އޮންނަކަމެއް ނޫންކަމަށެވެ. އަދި ހަމައެެހެންމެ އެބޭފުޅުން ނަމާދުގެފަހުން ދުޢާކުުރުމާވެސް އިންކާރު ކުރަށްވައެވެ. އަދި އަތްއުފުލުމާއި މޫނުގައި އަތްއެޅުމަކީވެސް ނ ެތްކަމެއް ކަމުގައި އެބޭފުޅުން ވިދާޅުވެއެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ވިދާޅުވަނީ މޫނުފިރުވުމަކީ ސުއްނަތެއް ނޫން ކަމަށެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ ބިދުޢައެއް ކަމަށެވެ. އެހެންނަމަވެސް އަޅުގަނޑު ޙައިރާންވަނީ އެބޭފުޅުން ޤުނޫތުގައި ދުޢާކޮށް ނިމިގެން މޫނުގައި އަތްއެޅުމަކީ ސުއްނަތެއް ކަމުގައި އިޢުތިރާފުވެ ވަޑައިގަންނަވާތީއެވެ. އެހެންނާ ނަމާދުގެ އެއްވެސް ތަނެއްގެ ދުޢާގައި މޫނުގައި އަތްފިރުމުން ނޯންނަހިނދު ހުކުރު ޚުޠުބާގެ މެދުތެރޭގައި ކީރިތި ރަސޫލާ ވާރޭ ވެއްސެވުމަށާއި ގަދަވިއްސާރައިން ސަލާމަތްވުމަށް އެދިވަޑައިގެން އަތްޕުޅު އުފުއްލަވާފައި ދުޢާފުޅު ކުރެއްވި ހިނދު މޫނުފުޅުގައި އަތްޕުޅު އަޅުއްވާފައި ނެތުމުން މިއިން ސާބިތުވަނީ އަތް އެޅުމަކީ ނަމާދުގެ ނެރޭގައި ނޯންނަ ކަމެއް ކަމެވެ.

ދުޢާކުރުމަށްފަހު މޫނުގައިއަތްއެޅުން ސުއްނަތެއްކަަމަށް ވިދާޅުވާބޭކަލުން އެކަމާ ގުޅޭ ތަފާތު ޙަދީޘުތައް ގެންނަވާފައި ވެއެވެ. އޭގެ ތެރޭގައި ޞައްޙަ ޙަދީޘުތަކާއި ޟަޢީފުޙަދީޘުތައް ވެސް ބަޔާންވެފައި ވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު ޙަދީޘަކީ އިމާމު ތިރްމިޛީއާއި ބައިހަޤީ ޢުމަރުގެފާނުންގެ ކިބައިން ރިވާކުރެއްވި މިޙަދީޘެވެ. ]كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا رَفَعَ يَدَيْهِ فِي الدُّعَاءِ لَمْ يَحُطَّهُمَا حَتَّى يَمْسَحَ بِهِمَا وَجْهَهُ[ މާނައީ: ދުޢާފުޅުގައި އަތްޕުޅު އުފުއްލަވާހިނދު މޫނުފުޅު ފިރުމާލެއްވުމަކާ ނުލައި އަތްޕުޅު ތިރި ނުކުރަށްވަތެވެ. އިމާމު ތިރްމިޛީ ވިދާޅުވަނީ  މިއީ ޣަރީބު (ބަލިކަށި) ޙަދީޘެއް ކަމަށެވެ. އިމާމު އިބްނި ޙަޖަރު ބުލޫޣުލް މަރާމުގެ 1/164 ގައި ވިދާޅުވެފައި ވަނީ އަބޫ ދާއޫދު ރިވާކުރަށްވާފައިވާ އިބްނި ޢައްބާސްގެ ރިވާޔަތުން މިޙަދީޘަށް ހެކިލިބޭ ކަމަށެވެ. އަދި ހުރިހާ ރިވާޔަތްތައް އެއްކޮށްލުމުން ޙަސަން ދަރަޖައަށް އާދެވޭ ކަމަށެވެ. އެހެނަސް އަޅުގަނޑު ދަންނަވާނީ އަބޫދާއޫދު ވިދާޅުވެފައި ވަނީ އިބްނި ޢައްބާސްގެ ރިވާޔަތުގެ އެންމެހައި މަގުތައް ޟަޢީފުކަމަށެވެ. ޢައްލާމާ ޞަންޢާނީ ބުލޫޣުލް މަރާމުގެ ޝަރަޙަ ސުބުލުއް ސަލާމުގެ 2/109 ގައި ވިދާޅުވެފައި ވަނީ މިއީ ދުޢާކޮށް ނިމިގެން މޫނުގައި އަތްފިރުމުން މަޝްރޫޢުވެގެންވާ ކަމުގެ ދަލީލެއް ކަމަށެވެ. ނަމަވެސް އިމާމު ބައިހަޤީއާއި ނަވަވީ ވިދާޅުވަނީ މީގެ ހުރިހާ ރިވާޔަތްތައްވެސް ޟަޢީފު ކަމަށެވެ. 

1- ސަނަދުން ސާބިތު ނުވުމަކީ އެކަން ނެތުމެއް ނޫނެވެ.

އުޞޫލީ ގޮތުން ބަލާއިރު، މީހެއްގެ ކިބައިން ކަމެއް ސާބިތު ކުރުމުގައި އެކަން ފެނުނު މީހާގެ އެބަސް ޞައްޙަ ކަމަށް ސާބިތު ނުވުމަކީ ކަންކުރާ މީހާ އެކަން ނުކުރާ ކަމެއް ސާބިތުވުމެއް ނޫނެވެ. މިގޮތުން ކީރިތި ރަސޫލާގެ އަރިހުން ކަމެއް ކުރެއްވި ކަމަށް އަންނަ ރިވާޔަތެއް ޟަޢީފުވުމަކީ އިތުރު އެކަލޭގެފާނުން އެކަމެއް ނުކުރަށްވާކަން ސާބިތުވުގެ ހެއްކެއްނޫނެވެ. ކިތަންމެކަމެއް އެކަލޭގެފާނުކުރަށްވާފައި އެއާބެހޭގޮތުން ޞަޙާބީއަކު ދެކެވަޑައިގަތްކަމަށް އަންނަ ރިވާޔަތް ޟަޢީފުވެފައި އެބަހުއްޓެވެ. އެހެނަސް އަޞްޙާބު ބޭކަލުން ފެށިގެން ކޮންމެވެސް އެއްބަޔަކު ވަނީ އެކަން ސުއްނަތެއް ކަމުގައި ބަލައިގެންފައެވެ. މިސާލަކަށް ފޫޅުން ތިރީ އަތް ބަނުމާއި އާމީން ސިއްރުން ކިއުމާއި ފަތިސް ނަމާދުގެ ޤުނޫތާއި ވިތުރީގެ ޤުނޫތާއި މިފަދަ އެތައް ކަމެކެވެ. މިއިން ކަމަކީ ފަހަރެއްގައި ވެސް ސުއްނަތާ ޚިލާފުކަމެކޭ ނުބުނެވޭނެއެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ ލޮބުވެެތި ރަސޫލާގެ އަޞްޙާބުން ފެށިގެން ދުޢާކުރުމުގައި އަތް އުފުލުމާއި މޫނުފިރުވުމާއި މިކަންކަން ޢިލްމުވެރިންގެ ޢަމަލުން އެއްޖީލުން އަނެއް ޖީލަށް ވާރުތަވަމުން އައިސްފައި އޮތް އޮތުމަކީ މިއީ މިކަން މުސްތަޙައްބުވުމުގެ ސާފުހެއްކެވެ. މިއަދު އެކަން ފަނޑުކޮލަން އުޅުމަކީ ދީން ފަނޑުކޮށްލަން އުޅުންފަދަ ކަމެކެވެ. އެހެންކަމާހުރެ ހަތަރު މަޛްހަބުގައިވެސް ވަނީ ދުޢާކޮށް ނިމިގެން މޫނުފިރުވުން ދުޢާގެ އަދަބެއްގެ ގޮތުގައި ހިމަނާފައެވެ. 

2- ދުޢާގައި އަތް ނޫފުލާނަމަ މޫނުފިރުވުމެއް ނޯންނާނެެއެވެ.

ތުޙްފަތުލް އަޙްވަޛީގައި (4/265) ޙަނަފީ މަޛްހަބުގެ މަޝްހޫރު އިމާމެއް ކަމުގައިވާ އިމާމު އައްޠީބީގެ ބަސްފުޅު މިފަދައިން ނަގުލު ކުރަށްވާފައި ވެއެވެ. އަދި އިމާމު ޢައިނީވެސް ވިދާޅުވެފައި ވެއެވެ. ޙަދީޘުގައި ބަޔާންވެގެންވާ ބަސްފުޅު، "ކީރިތި ރަސޫލާ ދުޢާގައި އަތްޕުޅު އުފުއްލަވައިފިނަމަ މޫނުފުޅު އަޅުއްވަތެވެ." މިބަސްފުޅުން ދަލީލުކޮށްދެނީ އިތުރު އެކަލޭގެފާނު އެދުޢާއެއްގައި އަތްޕުޅު ނުނަންގަވާނަމަ އަތްޕުޅު މޫނުފުޅުގައި ނާޅުއްވަވާ ކަމެވެ. މިއީ ވަރަށް ފުރިހަމަ ޤައިދެއް ކަމަށެވެ. އެބަހީ ދުޢާގައި އަތްނުނަގާނަމަ މޫނު ފިރުވުމެއް ނޯންނާނެއެވެ. އިމާމު ނަވަވީ އަލްމަޖްމޫޢުގެ 3/500 ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. ]وَأَمَّا مَسْحُ الْوَجْهِ بِالْيَدَيْنِ بَعْدَ الْفَرَاغِ مِنْ الدُّعَاءِ فَإِنْ قُلْنَا لَا يَرْفَعُ الْيَدَيْنِ لَمْ يُشْرَعْ الْمَسْحُ [ މާނައީ: ދުޢާއިން ނިމިގެން މޫނުގައި ދެއަތް އެޅުމާ ބެހޭގޮތުން ދަންނާށެވެ. ތިމަންމެންގެ މަޛްހަބަކީ ދުޢާގައި ދެއަތް ނޫފުލާނަމަ މޫނުވެސް ނުފިރުމެވެ. މިއެވެ. އެހެންކަމުން އިތުރު އެކަލޭގެފާނު ކުދިކުދި ދުޢާތަކުގައިވެސް އަތްޕުޅު ނަންގަވާފައި އޮތް ހިނދު ވަރަށް ގިިނަ ތަންތާގައި އަތްޕުޅު ނުނަންގަވާ ހުރިކަން އެނގޭން އެެބަހުއްޓެވެ. މިސާލަކަށް ނަމާދުގެ ތެރޭގެ ދުޢާތަކާއި ޠަވާފާއި ނަމާދުފަހުގެ ބައެއް ދުޢާތަކާއި އަވަހާރަ ލައްޕަވާއިރުގައްޔާއި ފަރީކުޅުއްވާއިރުގައްޔާއި އަދިވެސް މިފަދަ ތަންތަނެވެ. މިތަންތާގައި އަތްޕުޅު ނުނަންގަވައެވެ. ހަމައެހެންމެ މޫނުގައި އަތްޕުޅު ނާޅުއްވަވައެވެ. ކޮންމެއަކަސް ދުޢާކޮށްގެން ބަރަކާތަކަށްޓަކައި ތިމާގެ މޫނާއި ހަށިގަނޑުގައި އަތްފިރުވުމަކީ ސުއްނަތެއްކަން އަންގައިދޭ ވަރަށް ގިނަ ޙަދީޘުތައް ވާރިދުވެފައި އެބަހުއްޓެވެ.  

3- ޞައްޙަ އެތަކެއް ޙަދީޘުތަކުން މޫނުފިރުވުން ސާބިތުވާން އެބައޮތެވެ.

ކުރިންވެސް އަޅުގަނޑު ބުނިފަދައިން ޢިލްމުވެރިންގެމެދުގައި ޚިޔާލުތަފާތުވެފައިވަނީ މޫނު ފިރުވުމުމާއި މެދު އައިސްފައިހުރި މަޝްހޫރު ޙަދީޘުތައް ޟަޢީފުވުމުންނެވެ. ފަހަރެއްގައިވެސް މޫނުފިރުވުން ނޯންނަ ވާހަކައެއް ނޫނެވެ. އެހެންނާ ޢިލްމުވެރިން އެޙަދީޘުތައް ޟަޢީފު ކުރަށްވާ ޙާލު އެއީ މުސްތަޙައްބު ކަމެއް ކަމުގައި ވިދާޅުނުވީހެވެ. މިއިން އެނގެނީ ސަލަފުއް ޞާާލިޙުން އަޅުކަމުގައި ޢަމަލީގޮތުން ބައްލަވަމުން އައީ ތަވާތުރު ޢަމަލުތަކަށް ކަމެވެ. އަދި ޢިލްމީ ގޮތުން ބެއްލެވި ބެއްލެވުމުގައި ކަމާގުޅޭ ބައެއް ޙަދީޘުތަކުގެ ސަނަދުގައި ބަލިކަށިކަން އޮތުުމުން އެކަން ބަޔާން ކުރެއްވީއެވެ. މިއީ ޢިލްމީ އަމާނާތްތެރިކަމާއި ތަޙްޤީޤުގެ ފުރިހަމަ ކަމެވެ. ތިރީގައި މިވަނީ ދުޢާކުރުމުގައި މޫނު ފިރުވުމީ މުސްތަޙައްބު ކަމެއްކަން ސާބިތު ކޮށްދޭ ބައެއް ރިވާޔަތްތަކެވެ.

(ހ) އިމާމު ތިރްމިޛީ ޙަސަން ސަނަދުން ރިވާކުރަށްވާފައި ވެެއެވެ. ]حَدَّثَنَا أَبُو زَيْدِ بْنُ أَخْطَبَ قَالَ مَسَحَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَدَهُ عَلَى وَجْهِي وَدَعَا لِي[ މާނައީ: މާތް ﷲ ރުއްސުންލެއްވި އަބޫޒައިދުގެ ރިވާކުރަށްވާފައިވެއެވެ. رَسُولُ اللَّهِ ﷺ ތިމަން ކަލޭގެފާނަށްޓަކައި ދުޢާކޮށް ދެއްވާފައި އެކަލޭގެފާނުންގެ ބަރަކާތްތެރި އަތްޕުޅުން ތިމަންކަލޭގެފާނުންގެ މޫނުފުޅުގައި ފިރުމާލެއްވިއެވެ. އިމާމު އަޙްމަދުގެ ގެންނެވި ރިވާޔަތުގައި އަންނަނީ ]مَسَحَ وَجْهَهُ وَدَعَا لَهُ بِالْجَمَالِ[ ކީރިތި ރަސޫލާ އަބޫ ޒައިދުގެ ރީތިކަން ދެމެހެއްޓެވުމަށް ދުޢާފުޅު ކުރަށްވައި މޫނުފުޅުގައި ބަރަކާތްތެރި އަތްޕުޅު ފިރުމާލެއްވިއެވެ. އިމާމު ތިރްމިޛީ ވިދާޅުވަނީ އަބޫ ޒައިދު 120 އަހަރުވަން ދެން ދިރިއުޅުއްވި ކަމަށާއި އަވަހާރަވީ އިރުގައިވެސް އިސްތަށިކޮޅުގައި އެންމެ ނުރައެއްވެސް ނެތް ކަމަށެވެ.

(ށ) އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން އެތަކެއް މުޙައްދިޘުން މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَوَى إِلَى فِرَاشِهِ نَفَثَ فِي كَفَّيْهِ بِقُلْ هُوَ اللَّهُ أَحَدٌ وَبِالْمُعَوِّذَتَيْنِ جَمِيعًا ثُمَّ يَمْسَحُ بِهِمَا وَجْهَهُ وَمَا بَلَغَتْ يَدَاهُ مِنْ جَسَدِهِ[ މާނައީ: رَسُولُ اللَّهِ ﷺ އަވަހާރަ ލެއްޕެވުމަށް އެކަލޭގެފާނުންގެ އެނދުދާންކޮޅަށް ވަޑައިގަންނަވާ ހިނދު އިޚްލާޞް ފަލަޤި ނާސި ތިންސޫރަތްވިދާޅުވެ އަތްޕުޅަށް ފުމެލައްވަތެވެ. ދެން އެދެއަތްޕުޅުން އެކަލޭގެފާނުންގެ މޫނުފުޅުގައްޔާއި ހަށިކޮޅުން އަތްޕުޅު ފޯރިހިސާބެއްގައި އަތްޕުޅު ފިރުމާލައްވަތެވެ. 

ނުނިމޭ (8 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު