އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 26 ސިކުންތު
- ދުޢާކުރުމުގައި އަތްއުފުލުން:
(ހ) އަތް އުފުލުގެ ޙިކުމަތް:
ދުޢާ ކުރުމުގައިި އަދަބުތަކެއް ވެއެވެ. އޭގެ އެއް އަދަބަކީ ދުޢާކުރާއިރު ﷲގެ ޙަޟުރަތުގައި ތިމާގެ ދެއަތް އުފުލާފަ ބެހެއްޓުމެވެ. މިހެނީ އަތް ދިއްކުރުމަކީ ނުވަތަ އަތް އުފުލުމަކީ ޚާލިޤުވަންތަ ﷲގެ ޙަޟުރަތަށް އެއިލާހުގެ އަޅާ ކުއްތަންވެ ނިކަމެތި ކަމުގެ ފިޔަ ފަތުރާލައިގެން ތިމާގެ ޢާޖިޒީ ކަމާއި ނިކަމެތިކަން ހާމަކޮށް ތިމާގެ މުހުތާދު ފުއްދުމަށް ހުށަހެޅެމުން ދާއިރު ތިމާގެ ދުލާއި ހިތާއެކު ޙާލުގެ ދުލުން ތިމާގެ ހަށިގަނޑުވެސް ބައިވެރި ކުރުވުމެވެ.
(ށ) އަތްއުފުލުމުގެ ފައިދާ:
ދުޢާ ކުރާއިރު އަތްއުފުލުމުން ދޭހަކޮށްދެނީ ނިކަމެތި ފަޤީރު އަޅަކު، އެންމެހައި ކަންތައްތަކުން ފުދިވޮޑިގެންވާ އެއްވެސް އެއްޗަކަށް ބޭނުންވެ ވޮޑިގެންނުވާ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ ވޮޑިގެންވާ، ޚާލިޤުވަންތަ އިލާހުގެ ޙަޟުރަތުގައި ތިމާގެ ދެއަތް ފަތުރާލައިގެން ހުންނަ ހުރުމުގައި އެއިލާހުގެ ޙަޟްރަތުން އެއިލާހުގެ ރަޙްމަތާއި އޯގާވަންތަވެރިކަމާއި ދީލަތިވެ ވޮޑިގަތުން ތިމާއަށް ލިއްބައިދޭނެ މުހިންމު ވަސީލަތެކެވެ. މިބުނެވުނު ނިކަމެތިކަން ﷲގެ ޙަޟުރަތުގައި ދައްކުވައިދެވޭނެ ސިފައަކީ ތިމާގެ ދެއަތް އުފުލާލައިގެންހުރެ ދެންނެވުމެވެ. އެހެންކަމުން މުސްލިމަކު ތިމާގެ ދެއަތް އުފުލާލައިގެންހުުރެ ﷲގެ ޙަޟުރަތަށް ދުޢާގައި ކުއްތަންވުމަކީ ތިމާގެ ޢާޖިޒީކަމާއި ނިކަމެތިކަން ފާޅުކޮށްދޭ ކަމެކެވެ. އަދި މިކަމަކީ ދުޢާ ޤަބޫލު ކުރެއްވުން އަވަސްވުމުގެ ސަބަބެއް ވެސް މެއެވެ. رَسُولُ اللَّهِ h ޙަދީޘު ކުރަށްވާފައި ވެއެވެ. ]إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا (قال التِّرْمِذِي هَذَا حَدِيثٌ حَسَنٌ) وَقَالَ الْحَافِظُ سَنَدُهُ جَيِّدٌ[ މާނައީ: ތިޔަބައިމީހުންގެ ވެރި މަތިވެރި މާތް ﷲއީ އެންމެ ބޮޑަށް ދީލަތިވެ ވޮޑިގެންވާ އިންތިހާއަށް ލަދުވެތިވެ ވޮޑިގަންނަވާ އިލާހެވެ. އެއިލާހުގެ އަޅާ ކަމަކަށް އެދި ތިމާގެ ދެއަތް އުފުލައިލުމުން އޭނާގެ އަތް ހުހަށް ރައްދުކުރެއްވުމަށް އެއިލާހު ލަދުވެތިވެ ވޮޑިގެން ވެއެވެ. އެއްފަހަަރަކު ނަމާދުގައްޔާއި ދުޢާގައި އަތްއުފުލުމުގެ ފައިދާއަކީ ކޮބައިތޯ އިމާމު ޝާފިޢީގެ އަރިހުން އިމާމު މުޙައްމަދު އެއްސެވިއެވެ. ޖަވާބުގައި ޝާފިޢީގެފާނު ވިދާޅުވިއެވެ. فَقَالَ الشَّافِعِيُّ إعْظَامًا لِجَلَالِ اللَّهِ تَعَالَى وَاتِّبَاعًا لِسُنَّةِ رَسُولِهِ وَرَجَاءً لِثَوَابِ اللَّهِ[ މާނައީ: އެއީ މަތިވެރި މާތް ﷲގެ ކީރިތިކަން ހާމަކުރުމާއި އެއިލާހުގެ ރަސޫލާގެ ސުއްނަތަށް ތަބާވުމެވެ. އަދި ﷲގެ ޙަޟުރަތުން ދަރުމަަަައާއި ސަވާބު ލިބުމުގެ އުއްމީދުގައި ކުރާ ކަމެއްމެއެވެ.
(ނ) ދުޢާ ކުރުމުގައި ދެއަތް އުފުލުމަށް ވަނީ ދަންނަބޭކަލުން އިޖްމާޢުވެފައެވެ.
ދުޢާ ކުރުމުގައި ދެއަތް އުފުލުމަކީ ދަންނަބޭކަލުން އޭގެ މައްޗަށް އިޖްމާޢު ވެވަޑައިގެންފައިވާ ކަމެކެވެ. އަދި މިއީ މުސްލިމުންގެ މެދުގައި ތަވާތުރުކޮށް ހިނގަމުން އައިސްފައި އޮތް ކަމެކެވެ. ނަމަވެސް އިސްލާމީ ދައުރުގެ މެދު ދުވަސްވަރުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުމެއް ބައެއް ޢިލްމުވެރިންގެ މެދުގައި އުފެދިފައި ވެއެވެ.
އިމާމު އިބްނި ޙަޖަރު އަލްފަތުޙުގެ 11/146 ގައި އިމާމު އިބްނިއް ތީނުގެ ކިބައިިން ނަގުލު ކުރަށްވާފައި ވަނީ އިމާމު މާލިކު މިފަދައިން ވިދާޅުވެފައިވާ ކަަމަށެވެ. ]عَنْ مَالِكٍ أَنَّ رَفْعَ الْيَدَيْنِ فِي الدُّعَاءِ لَيْسَ مِنْ أَمْرِ الْفُقَهَاءِ[ މާނައީ: ދުޢާ ކުރުމުގައި އަތް އުފުލުމަކީ ފިޤުހުވެރިންގެ ޢަމަލެއް ނޫނެވެ. އިބްނި ޙަޖަރު ޙަވާލާ ދެއްވާފައިވަނީ އެމަޛްހަބުގެ "އަލްމުދައްވަނާ" ކިޔާފޮތަކަށެވެ. އަޅުގަނޑަށް މިފޮތުން އިބްނިއް ތީނުގެ މިބަސްފުޅެއް ހޯދައި ނުފެނުނެވެ. އަދި ބިދާޔަތުލް މުޖްތަހިދުގައި އިބްނި ރުޝްދުގެ ބަސްފުޅެއް ފެނޭތޯވެސް ބަލާލީމެވެ. އަޅުގަނޑަށް އަންދާޒާ ކުރެވެނީ އިމާމު މާލިކުގެ އަރިހުން އައިސްފައިވާ މިބަސްފުޅަކީ އެކަލޭގެފާނު ޖަމުރާތަކަށް ހިލައުކާއިރު ދުޢާކޮށްފައިި އަތް އުފުލުމާ އިންކާރު ކުރަށްވާފައިވާތީ އެކަމާމެދު ވިދާޅުވި ބަސްފުޅެއް ކަމަށެވެ. ޢައްލާމާ ޝައުކާނީ އައްނައިލުގެ 5/98ގައި ވިދާޅުވެފައި ވަނީ މާލިކުގެފާނު އެމަޤާމުގައި އަތްއުފުލުން މަކްރޫހަކުރަށްވާކަމަށެވެ. ދެން ޝައުކާނީ ގެންނަވަނީ އިމާމު އިބްނުލްމުންޛިރުގެ މިބަސްފުޅެވެ. ]قَالَ ابْنُ الْمُنْذِرِ لَا أَعْلَمُ أَحَدًا أَنْكَرَ رَفْعَ الْيَدَيْنِ فِي الدُّعَاءِ عِنْدَ الْجَمْرَةِ إلَّا مَا حُكِيَ عَنْ مَالِكٍ[ މާނައީ: އިބްނުލް މުންޛިރު ވިދާޅުވެފައި ވެއެވެ. ޖަމްރާގައި ދުޢާކުރާއިރު އަތްއުފުލުމާމެދު އިމާމު މާލިކު ފިޔަވައި އެއްވެސް ބޭކަލަކު އިންކާރު ކުރަށްވާފައިވާ ކަމެއް ތިމަން ކަލޭގެފާނަކަށް އެނގިިވަޑައިގެންފައި ނުވެއެވެ.
އިމާމު އިބްނި ޙަޖަރު އަލްފަތުޙުގެ 11/146 ގައި އިމާމު ޠަބަރީގެ ކިބައިން ނަގުލު ކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވަނީ މާތް ﷲ ރުއްސުންލެއްވި އިބްނިި ޢުމަރާއި ޖުބައިރު އިބްނި މުޠްޢިމުގެ އަރިހުގައި އެބޭކަލުން ދުޢާގައި އަތްއުފުލުން މަކްރޫހަ ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. ދެން އިބްނި ޙަޖަރު ވިދާޅުވަނީ ޙަޤީޤަތުގައި އެބޭކަލުން އަތްއުފުލުމާ އިންކާރު ކުރެއްވީއެއް ނޫނެވެ. އެބޭކަލުން އިންކާރު ކުުރަށްވަނީ ދެއަތް ދެކޮނޑާ ހަމައަށް އުފުލުމާ މެދުއެވެ. އެބޭކަލުން ވިދާޅުވާގޮތުގައި އަތްއުފުލުން އައުލާވެގެން ވަނީ މޭކަށިގަނޑާ ހަމަައަށް ކަމަށެވެ. ދެން އިބްނި ޙަޖަރު އިމާމު ޠަބަރީގެ ކިބައިން ނަގުލު ކުރަށްވާފައިވަނީ އިބްނުއްތީނުގެ އަރިހުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢުމަރު ދުޢާގައި ދެއަތްދެކޮނޑާ ހަމައަށް އުފުއްލަވާ ކަމަށެވެ. ހަމަމިމޭރުމުން އިމާމު ބުޚާރީ އެކަލޭގެފާނުންގެ އަލްއަދަބުލް މުފްރަދުގައި ވެސް ޞައްޙަ މަގުން ނަގުލު ކުރަށްވަނީ އިބްނި ޢުމަރު ދުޢާފުޅު ކުރަށްވާއިރު އަތްޕުޅު އުފުއްލަވާ ކަމަށެވެ. މީގެ އިތުރުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސް ވިދާޅުވާ ގޮތުން ދުޢާ ކުރުމުގެ ސިފައަކީ އަތް އުފުލައިގެން ހުރެ ދުޢާކުރުމެވެ.
(ރ) އިސްތިސްޤާ ނަމާދުގައި ނޫނީ ކީރިތި ރަސޫލާ އަތްޕުޅު ނޫފުއްލެވުން:
އިމާމު ބުޚާރީއާއި މުސްލިމާއި އެނޫންވެސް އެތަކެއް މުޙައްދިޘުން އަނަސްގެފާނުންގެ ކިބައިން ރިިވާކުރަށްވާފައި ވެއެވެ. ]عَنْ أَنَسِ بْنِ مَالِكٍ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَرْفَعُ يَدَيْهِ فِي شَيْءٍ مِنْ دُعَائِهِ إِلَّا فِي الِاسْتِسْقَاءِ وَإِنَّهُ يَرْفَعُ حَتَّى يُرَى بَيَاضُ إِبْطَيْهِ[ މާނައީ:އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ h އިސްތިސްޤާގެ ދުޢާގައި ނުނީ އެއްވެސް ކަހަލަ ދުޢާއެއްގައި އެކަލޭގެފާނުންގެ އަތްޕުޅު އުފުއްލަވާފައި ނުވެއެވެ.
މިޙަދީޘުން ދޭހަވާ ގޮތުގައި ކީރިތި ރަސޫލާ ދުޢާއެއްގަައި އަތްޕުޅު އުފުއްލަވާފައިވަނީ ހަމައެކަނި އިސްތިސްޤާގައި ދުޢާ ކުރަށްވާއިރުގައެވެ. އެނޫންތަނެއްގައި އަތްޕުޅު ނޫފުއްލަވާކަމެވެ. މިޙަދީޘާމެދު އިމާމު އިބްނި ޙަޖަރު ފަތުޙުލްބާރީގެ 2/599 ގައި އަދި އިމާމު ނަވަވީ އަލްމިންހާޖުގެ 6/494 ގައި ތަފްޞީލާއެކު ޖަވާބު ދެއްވާފައި ވެއެވެ. ނަވަވީ ވިދާޅުވަނީ މިއީ ޙަޤީޤަތެއް ނޫންކަމަށެވެ. މިހެނީ ޢަދަދުނުކުރެވޭހައި ގިނަ ޙަދީޘުން ކީރިތި ރަސޫލާ ދުޢާކުރެއްވުމުގައި ތަފާތު ޙާލަތްތަކުގައި އެކަލޭގެފާނުންގެ އަތްޕުޅު އުފުއްލަވައިގެން ދުޢާކުރަށްވާކަން ސާބިތުވާން އެބަހުއްޓެވެ. އަދިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. މިކަން ސާބިތުވާ ތިރީހަށް ވުރެން ގިނަ ޙަދީޘު ހަމައެކަނި ބުޚާރީއާއި މުސްލިމުގައި އެބަހުއްޓެވެ. މިޙަދީޘުތައް ތިމަން ވާނީ ޝަރަޙު މުހައްޛަބުގައި ބަޔާންކުރަށްވާފައެވެ.
ދެން މިޙަދީޘުގެ މާނަ ބަޔާން ކުުރަށްވަމުން އެދެބޭކަލުން ވިދާޅުވަނީ މީގެ މުރާދަކީ އަތްޕުޅު އުފުއްލެވުމުގައި އިތުރު އެކަލޭގެފާނުންގެެ އިސްތަށިފުޅަށް ވުރެން މައްޗަށް އުފުުއްލެވި ވާހަކައެވެ. އެހެން ދުޢާތަކުގައި އުފުއްލަވަނީ ކޮނޑުފުޅާ ހަމައަށެވެ. ދެން ނަވަވީ ވިދާޅުވަނީ ޢިލްމުވެރިންނަށް މިގޮތަށް ތައުވީލުކުރަން ޖެހިވަޑައިގަތީ މިޙަދީޘާ އިދިކޮޅަށް ހުރި ޙަދީޘުތައް ގިނަކަމުންނެވެ. އަދިވެސް އިބްނި ޙަޖަރު ވިދާޅުވެފައި ވެއެވެ. އަނަސްގެފާނު އިންކާރު ކުރަށްވާފައި ވަނީ އަތްޕުޅު އުފުއްލެވި ގޮތާއެވެ. އަސްލު އުފުއްލެވުމަކާއެއް ނޫނެވެ. ދެން ނަވަވީ ވިދާޅުވައި ވެއެވެ. ޙަޤީޤަތުގައި މިޙަދީޘަކީ ތަދްލީސުވެފައި އޮތް ޙަދީޘެއް ކަމަށާއި އަނަސްގެފާނުންގެ ކިބައިން ރިވާކުރެއްވި އިމާމު ޤަތާދާއަކީ ތަދްލީސު ކުރަށްވާ ބޭކަލެއް ކަމާއި އެކަލޭގެފާނުންގެ ރިވާޔަތެއް ]عَنْ عَنْ [ އިން ރިވާ ކުރެވިއްޖެނަމަ، ފުށުއަރާ އެހެން ޞައްޙަ ޙަދީޘެއް އޮންނަހިނދު ދޫކޮށްލެވޭނީ ޤަތާދާގެ ޙަދީޘު ކަމަށެވެ.
މިބޭކަލުންގެ ވާހަކަފުޅުގެއިތުރުން މިޙަދީޘުން އަޅުގަނޑަށް ވިސްނޭ އެހެން މައްސަލައެއް އެބައޮވެއެވެ. އެއީ ޙަދީޘުގައި އަނަސްގެފާނު އިންކާރު ކުރަށްވާފައި ވަނީ ޢާއްމު ދުޢާތަކުގައި އަތްޕުޅު ނެންގުވުމަކާއެއް ނޫނެވެ. އެކަލޭގެފާނު އިންކާރު ކުރަށްވަނީ ހުކުރު ޚުޠުބާގައި އިސްތިސްޤާއަށްޓަކައި ކުރެވުނު ދުޢާގައި ނޫނީ ކީރިތި ރަސޫލާ އަތްޕުޅު އުފުއްލަވާފައި ނުވާތީ އެކަމާއެވެ.
(ބ) އަތްއުފުލުމަކީ ހުރިހާ މަޛްހަަބު ތަކެއްގައިވެސް އޮންނަ ކަމެކެވެ.
ދުޢާކުރުމުގައި އަތްއުފުލުމަކީ އެންމެހައި ޢިލްމުވެރިންނާއި ހަތަރު މަޛްހަބުގެ އެންމެހައި އިމާމުން އެއްބަސްވެ ވަޑައިގެންފައިވާ ގޮތުން ސުއްނަތެކެވެ. ޙަންބަލީ މަޛްހަބުގެ ބޭކަލުންވެސް މެއެވެ. އެހެންނަމަވެސް އެމަޛްހަބުގެ ފަހުގެ ބައެއް ބޭފުޅުން ބުރަވެ ވަޑައިގަންނަވަނީ އެމަޤާމެއްގައި ކީރިތި ރަސޫލާ އަތްޕުޅު ނެންގެވިތަނެއް ނޫން އެހެންތަނެއްގައި އަތް ނެގުމީ ސުއްނަތެއް ނޫންކަމަށާއި އެއީ ބިދުޢައެއް ކަމަށެވެ. މިސާލަކަށް ނަމާދުކޮށް ނިމިގެން ދުޢާކުރާއިރު އަތް ނެގުމެވެ. ޙަންބަލީ މަޛްހަބުގެ އެންމެ އިސް އެއް އިމާމު ކަމުގައިވާ އިބްނި ޤުދާމާ އަލްމުޣްނީގައި ވިދާޅުވެފައި ވެއެވެ. ]وَلِأَنَّهُ فِعْلُ مَنْ سَمَّيْنَا مِنَ الصَّحَابَةِ[ މާނައީ: ދެއަތް އުފުލުމަކީ ތިމަންމެންނަށް އެނގޭންތިބި އެންމެހައި އަޞްޙާބު ބޭކަލުންގެ ކިބައިން ސާބިތުވާންއޮތް ކަމެއް ކަމަށެވެ. އިމާމު ރަބީޢު ވިދާޅުވެފައި ވެއެވެ. އިމާމު ޝާފިޢީގެ އަރިހުން ދުޢާގައްޔާއި ނަމާދުގައި އަތްއުފުލުގެ މާނައަކީ ކޮބައިތޯ ދެންނެވީމެވެ. ]مَا مَعْنَى رَفْعِ الْيَدَيْنِ قَالَ تَعْظِيمُ اللَّهِ وَاتِّبَاعُ سُنَّةِ نَبِيِّهِ[ ޖަވާބުގައި ޝާފިޢީގެފާނުވިދާޅުވިއެވެ. އެއީ ﷲގެ މަތިވެރިކަން ހާމަކުރުމާއި އެއިލާހުގެ ނަބިއްޔާގެ ސުއްނަތަށް ތަބާވުމެވެ.
(6 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ)
Advertisement
21 ޖޫން 2020