އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން‍ ‍‍‍‍- ހަތްވަނަބައި

ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން‍ ‍‍‍‍- ހަތްވަނަބައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 41 މިނެޓް, 25 ސިކުންތު

- ޙުސައިން ރަޝީދު އަޙްމަދު -

 

(ނ) އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން އެތަކެއް މުޙައްދިޘުން ޢާއިޝަތުގެފާނުންގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا اشْتَكَى يَقْرَأُ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَيَنْفُثُ فَلَمَّا اشْتَدَّ وَجَعُهُ كُنْتُ أَقْرَأُ عَلَيْهِ وَأَمْسَحُ بِيَدِهِ رَجَاءَ بَرَكَتِهَا[ މާނައީ: رَسُولُ اللَّهِ އާލާސްކަންފުޅެއް ދިމާވާހިނދު މުޢައްވަޛާތު ތިންސޫރަތް ވިދާޅުވެ ފުމެލައްވަތެވެ. ދެން އާލާސްކަންފުޅު ބޮޑުވާހިނދު ތިމަންކަމަނާ އެކަލޭގެފާނުންގެ ހަށިކޮޅަށް އެސޫރަތް ކިޔަވާ ހައްދަވަމެވެ. އަދި ބަކަރާތް ހޯދުމުގެ ގޮތުން އެކަލޭގެފާނުންގެ އަތްޕުޅުން ހަށިިކޮޅުގައި ފިރުމާލަ ދެއްވަމެވެ.

(ރ) އިމާމު މާލިކާއި ހައިމާމުންގެ ތެރެއިން ތިރްމިޛީއާއި ނަސާއީ ފިޔަވައި އަނެއް ހަތަރު މުޙައްދިޘުން ރިވާކުރަށްވާފައި ވެއެވެ. ]أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا اشْتَكَى نَفَثَ عَلَى نَفْسِهِ بِالْمُعَوِّذَاتِ وَمَسَحَ عَنْهُ بِيَدِهِ فَلَمَّا اشْتَكَى وَجَعَهُ الَّذِي تُوُفِّيَ فِيهِ طَفِقْتُ أَنْفِثُ عَلَى نَفْسِهِ بِالْمُعَوِّذَاتِ الَّتِي كَانَ يَنْفِثُ وَأَمْسَحُ بِيَدِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْهُ[ (ޢާއިޝަތުގެފާނު ވިދާޅުވެފައި ވެއެވެ. އެއްވެސް އިރަކު ކީރިތި ރަސޫލާ އަށް އާލާސްކަންފުޅެއް އިޙްސާސްވެ ވަޑައިގަންނަވާ ހިނދު އެކަލޭގެފާނު ޢަަމަލުފުޅު އޮންނަގޮތަކީ މުޢައްވަޛާތު ތިންސޫރަތް ވިދާޅުވެ އަތްޕުޅަށް ފުމެލައްވާފައި އަތްޕުޅުން ހަށިކޮޅުގައި ކާއްތަވާލެއްވުމެވެ. ދެން އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ދިމާވި ޙާދިޘާގައި އާލާސްކަންފުޅު ބޮޑުވުމުން ތިމަންކަމަނާ އެކަލޭގެފާނުންގެ މައްޗަށް އެސޫރަތްތައް ކިޔަވާ ވިދާޅުވަމެވެ. އަދި އެކަލޭގެފާނު ހައްދަވާގޮތަށް އެކަލޭގެފާނުންގެ އަތްޕުޅަށް ފުމެލައްވަމެވެ. އަދި އިތުރު އެކަލޭގެފާނުންގެ އަތްޕުޅުން ހަށިކޮޅުގައި ފިރުމާލައްވަމެވެ.

(ބ) އިމާމުނަސާއީ ފިޔަވައި ޞައްޙަ ހަފޮތުގެ ފަސް އިމާމުން ރިވާކުރަށްވާފައި ވެއެވެ. އާއިޝަތުފާނު ވިދާޅުވެފައި ވެއެވެ. ]قَالَتْ عَائِشَةُ فَلَمَّا اشْتَكَى كَانَ يَأْمُرُنِي أَنْ أَفْعَلَ ذَلِكَ بِهِ[ މާނައީ: ދެން އާލާސްކަންފުޅު ބޮޑުވުމުން އެގޮތަށް ކަންތައް ކުރައްވަން ތިމަން ކަމަނާއަށް އިތުރު އެކަލޭގެފާނު އަމުރު ކުރަށްވަތެވެ.

(ޅ) އިމާމު އަޙްމަދު މާތް ﷲ ރުއްސުންލެއްވި އިބްނި ޢައްބާސްގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]عَنِ ابْنِ عَبَّاسٍ مَسَحَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأْسِي وَدَعَا لِي بِالْحِكْمَةِ – فَقَالَ اللَّهُمَّ عَلِّمْهُ تَأْوِيلَ الْقُرْآنِ[ މާނައީ: ޢަބްދު ﷲގެ ފާނު ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ތިމަން ކަލޭގެފާނަށްޓަކައި ޙިކުމަތްތެރިކަން ދެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އަދި ތިމަން ކަލޭގެފާނުންގެ އިސްތަށިފުޅުގައި އަތްޕުޅު ފިރުމާލެއްވަމުން ދުޢާގައި ވިދާޅުވިއެވެ. އަޅުގެވެރި އިލާހު! މިކުއްޖާފުޅަށް ބުއްދި ދެއްވައި ޤުރުއާނު މާނަ  ކުރުމުގެ ޢިލްމު ދެއްވާނދޭވެ! (މިއީ ޞައްޙަ ޙަދީޘެކެވެ. އިމާމު އަޙްމަދާ އިބްނި ޢައްބާހާއި ދެމެދު ތިއްބެވި ތިން ބޭކަލުންނަކީވެސް އިތުބާރު ހިފޭ ޘިޤާ ރާވީންނެވެ. މިޙަދީޘު އިމާމު ޛަހަބީވެސް އައްސިޔަރުގެ (3/332) ގައި ޞައްޙަ މަގުން ނެރުއްވާފައި ވެއެވެ.)

(ކ) އިމާމު އަޙްމަދާއި ބުޚާރީ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޘަޢުލަބާގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]وَكَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَسَحَ وَجْهَهُ أَنَّهُ رَأَى سَعْدَ بْنَ أَبِي وَقَّاصٍ يُوتِرُ بِرَكْعَةٍ وَاحِدَةٍ[ މާނައީ: ބަދުރު ހަނގުރާމައިގައި ސަޢުދު އިބްނި ވައްޤާޞް ޢިޝާގެ ފަހުން ވިތުރީގެ އެއް ރަކްޢަތް ކުރެއްވިތަން ދެކެވަޑައިގެން رَسُولُ اللَّهِ ﷲ އަށް ޙަމްދު ކުރަށްވައި މޫނުފުޅުގައި ފުއްސެވިއެވެ.

(އ) އިމާމު އަޙްމަދު ޞައްޙަމަގުން އުއްމުލް މުއުމިނީނަ ސިއްތިނާ ޢާއިޝާގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ]عَنْ عَائِشَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَتَى إِلَى فِرَاشِهِ فِي كُلِّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا وَقَرَأَ فِيهِمَا قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الْفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ ثُمَّ مَسْحَ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ مَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ[ މާނައީ: އެކަމަނާ ވިދާޅުވެފައި ވެއެވެ. رَسُولُ اللَّهِ ކޮންމެރެއަކު އަވަހާރަ ލެއްޕެވުމަށް އެނދުދާންކޮޅަށް ވަޑައިގަންނަވާހިނދު ދެއަތްތިލަފުޅު ޖައްސަވައިގެން އިޚްލާޞްފަލަޤިނާސި ތިންސޫރަތް ކިޔަވާވިދާޅުވެ ފުމެލައްވަތެވެ. ދެން ހަށިކޮޅުގައި ދެއަތްތިލަފުޅު ފޯރިހިސާބެއްގައި އަތްތިލަފުޅުން ފިރުމާލަށްވަތެވެ. ފިރުމާލައްވަން ފަށްޓަވަނީ އިސްތަށިފުޅާއި މޫނުފުޅުންނެވެ. ދެން ހަށިކޮޅުގެ ބާކީ ހުރިތަންތާގައި އަތްޕުޅު ޖައްސަވަތެވެ. މިގޮތަށް ތިންފަހަރުމަތިން ކަންތައް ކުރަށްވަތެވެ.

(ވ) ކުރިންވެސް ބުނިފަދައިން ދުޢާކުރުމަށް ފަހު މޫނުފިރުމަކީ އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުން ކުރަށްވަމުން އައިކަމެކެވެ. އަދި އެއްޖީލުން އަނެއް ޖީލަށް ތަބާވަމުން އުއްމަތް އެއަށް ޢަމަލު ކުރަމުން އައިސްވާ ކަމެކެވެ. އަދި ދުޢާކުރުމާއި އާމީން ކިއުމާއި ދުޢާއަށް އަތް އުފުލުމާއި ދުޢާކޮށް ނިމިގެން މޫނު ފިރުމާއި މިކަންކަމަކީ އިސްލާމް ދީނުގެ އިތުރުން ސަމާވީ އެހެން ދީންތަކުގައި ވެސް އޮންނަ ކަމެކެވެ. އިމާމު ބުޚާރީ އެކަލޭގެފާނުންގެ ފޮތް އަލްއަދަބުލް މުފްރަދްގައިި މިކަމާބެހޭ ބާބެއް بَابُ رَفْعِ اْلأَيْدِي فِي الدُّعَاءِ[ މިނަމުގައި ގެންނަވާފައިވެއެވެ. އޭގައި ޞައްޙަ މަގުން މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރާއި ޢަބްދު ﷲ އިބްނި ޒުބައިރު ދުޢާކުރަށްވާފައި މޫނުފުޅުގައި އަތްޕުޅު އަޅުއްވާ ކަމަށް ރިވާ ކުރަށްވާފައި ވެއެވެ. ހަމައެހެންމެ އިމާމު ސުޔޫޠީ فض الوعاء[ ގެ ނަމުގައި، ދުޢާކުރާއިރު އަތް އުފުލުމާއި މޫނުގައި އަތްއެޅުމާ ބެހޭގޮތުން ފޮތެއް ލިއުއްވިއެވެ. އެއިން އެއް ރިވާޔަތް މިތާ ހާމަ ކޮށްލާނަމެވެ. އެއީ އެފޮތުގެ 1/101 ގައި މާތް ﷲ ރަޙްމަތްލެއްވި އިމާމު ފަރްޔާބީ ރިވާކުރެއްވި ޞައްޙަ ރިވާޔަތެކެވެ. ]حَدَّثَنَا اِسْحَقُ بْنُ رَاهَوَيْهِ أَخْبَرْنَا الْمُعْتَمِرُ بْنُ سُلَيْمَانَ قَالَ رَأَيْتُ أَبَا كَعْبٍ صَاحِبِ الْحَرِيرِ يَدْعُو رَافِعًا يَدَيْهِ فَاِذَا فَرَغَ مَسَحَ بِهِمَا وَجْهَهُ فَقُلْتُ لَهُ مَنْ رَأَيْتَ يَفْعَلُ هَذَا قَالَ الْحَسَنُ بْنُ أَبِي الْحَسَنِ- اِسْنَادُهُ حَسَنٌ[ މާނައީ: އިމާމު އިސްޙާޤު އިބްނި ރާހުވައިހިގެ ޝައިޚު މުޢުތަމިރު ވިދާޅުވެފައި ވެއެވެ. ތިމަން ޝައިޚު އަބޫ ކަޢުބު ޢަބްދު ރައްބުހޫ ދުޢާކުރެއްވިއިރު ދެއަތްޕުޅު އުފުއްލެވިތަނާއި ދުޢާއިން ނިމިވަޑައިގެން ދެއަތްޕުޅުން މޫނުފުޅުގައި ފުއްސެވިތަން ފެނިވަޑައިގެން ތިމަން ދެންނެވީމެވެ. ތިގޮތަށް ކަންކުރެއްވިތަން ކަލޭގެފާނަށް ފެނިވަޑައިގެންފައި ވަނީ ކޮން ބޭކަލެއްގެ ފަރާތުންތޯއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއީ އަލްޙަސަނުލް ބަޞްރީއެވެ.

 

 

1-    ޤުނޫތު ކިޔަައި ނިމިގެން މޫނު ފިރުމުން:

ކުރިންވެސް ބުނި ފަދައިން ނަމާދުގެ ތެރޭގައި ދުޢާ ކުރުމުގެ އެއްވެސް މަޤާމެއްގައި މޫނު ފިރުމެއް ނޯވެއެެވެ. އަދި އެގޮތަށް މޫނު ފިރުމައިގެން ވެސް ނުވާނެއެވެ. މިހެނީ އެއީ ކީރިތި ރަސޫލާގެ އަރިހުން އެއްވެސް ނައްޞަކުން އަދި އަޞްޙާބު ބޭކަލެއްގެ ޢަމަލަކުން ވިއަސް ސާބިތުވާން އޮތް ކަމެއް ނޫނެވެ. އަދި އެއީ ނައްޞެއް ނެތްތާ ބުއްދިއާ ގުޅޭކަމެއް ވެސް ނޫނެވެ. އަދި ޤިޔާސްވެސް އެއަށް ތަންދޭ ކަމެއްނޫނެވެ.

އިމާމު ނަވަވީ އަލްމަޖްމޫޢުގެ 3/501 ގައި ވިދާޅުވެފައި ވެއެވެ. ޞައްޙަ ގޮތަކީ ޤުނޫތުގައި އަތް ނެގުމާއެކު މޫނުގައިއަތް ނޭޅުމެވެ. އިމާމު ބައިހަޤީއާއި ރާފިޢީއާއި އެހެނިހެން މުޙައްޤިޤުން ވެސް ޞައްޙަ ކުރަށްވަނީ މިގޮތެވެ. ބައިހަޤީ ވިދާޅުވެފައި ވެއެވެ. ސަލަފުއްޞާލިޙުންގެ އެއްވެސް ބޭކަލެއްގެ ކިބައިިން އެއިން ބޭކަލަކު ނަމާދުގެ ތެރޭ އެއްވެސް ތަނެއްގައި މޫނުގައި އަތްއެޅުއްވިކަމެއް އަދި އެގޮތަށް ވިދާޅުވި ބަސްފުޅެއް ވިއަސް ތިމަން ކަލޭގެފާނަށް ލިބިވަޑައިގެންފައި ނުވެއެވެ. އެހެންނަމަވެސް ނަމާދުން ބޭރުގެ ދުޢާގައި އޭގެ ތެރޭން ބައެއް ބޭކަލުންގެ ކިބައިން އެކަން ސާބިތިވެފަައި ވެއެވެ. ދެން ބައިހަޤީ ވިދާޅުވެފައި ވަނީ، ]فَأَمَّا فِي الصَّلَاةِ فَهُوَ عَمَلٌ لَمْ يَثْبُتُ فِيهِ خَبَرٌ وَلاَ أَثَرٌ وَلَاقِيَاسٌ فَالْأَوْلَى أَنْ لَا يَفْعَلَهُ وَيُقْتَصَرَ عَلَى مَا نَقَلَهُ السَّلَفُ عَنْهُمْ مِنْ رَفْعِ الْيَدَيْنِ دُونَ مَسْحِهِمَا بِالْوَجْهِ فِي الصَّلَاةِ[ މާނައީ: ކޮންމެއަކަސް ނަމާދުގެ ތެރޭ މޫނުގައި އަތްއެޅުމާ ބެހޭގޮތުން ދަންނާށެވެ! ފަހެ އެއީ އެކަމަށް ޙަދީޘެއްވެސް އަދި ދަންނަބޭކަލެއްގެ ޢަމަލުފުޅެއްވެސް އަދި އެއާގުޅޭ ޤިޔާސެއްވެސް ސާބިތުވާން އޮތް ކަމެއް ނޫނެވެ. އެހެންކަމުން މޮޅުގޮތަކީ ނަމާދުގައި މޫނުގައި އަތް ނޭޅުމެވެ. އަދި ސަލަފުއް ޞާލިޙުންގެ ފުށުން ސާބިތުވާން އޮތް މިންވަރަށް ޤުނޫތުގައި މޫނުގައި އަތް އެޅުމެއްނެތި ހަމައެކަނި ދެއަތް އުފުލާލައިގެން ދުޢާކުރުމާ ހަމައިން ފުއްދާލުމެވެ.

 

2-    ހުކުރު ޚުޠުބާގެ މެދުތެރޭގައި އަތްއުފުލުން:

ހުކުރު ޚުޠުބާއާއި އެނޫން ޚުޠުބާގެ މެދުތެރޭގައި ޚާއްޞަކޮށް ފަހު ޚުޠުބާގެ ދުޢާގައި އިމާމު މީހާ އަތް ނެގުމަކީ އޮންނަ ކަމެއް ނޫނެވެ. އިމާމު ނަވަވީ އަލްމިންހާޖުގެ 6/470 ގައި ވިދާޅުވެފައި ވެއެވެ. ދަންނާށެވެ! ސުއްނަތް ގޮތަކީ ޚުޠުބާގެ މެދުތެރޭގައި އިމާމު މީހާ އަތް ނުގެގުމެވެ. މިއީ އިމާމު މާލިކާއި ތިމަންމެންނާއި އެނޫންވެސް ދީނުގެ ގިނަ ދަންނަބޭކަލުންގެ ބަސްފުޅެވެ. މާލިކީ މަޛްހަބުގެ ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ހުއްދަ ކަމެއްކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ވާރެއަށް އެދިގެން އައިސް ދެންނެވުމުން ކީރިތި ރަސޫލާ ޚުޠުބާގެ މެދުތެރޭގައި އަތްޕުޅު އުފުއްލަވާފައި ކުރަށްވާފައި އޮތުމެވެ. އަހަރެމެންގެ ދަލީލަކީ އިމާމު މުސްލިމު މާތް ﷲ ރުއްސުންލެއްވި ޢުމާރާގެ ކިބައިގެން ރިވާކުރަށްވާ މިރިވާޔަތެވެ. ]عَنْ عُمَارَةَ بْنِ رُؤَيْبَةَ قَالَ رَأَى بِشْرَ بْنَ مَرْوَانَ عَلَى الْمِنْبَرِ رَافِعًا يَدَيْهِ فَقَالَ قَبَّحَ اللَّهُ هَاتَيْنِ الْيَدَيْنِ لَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَزِيدُ عَلَى أَنْ يَقُولَ بِيَدِهِ هَكَذَا وَأَشَارَ بِإِصْبَعِهِ الْمُسَبِّحَةِ[  މާނައީ: ބަޞަރާގެ ގަވަރުނަރު ބިޝްރު އިބްނި މަރްވާން މިންބަރުމަތީ ހުންނަވައިގެން ދުޢާކުރަށްވަން ދެއަތްޕުޅު ނެންގެވިތަން ދެކެވަޑައިގެން މާތް ﷲ ރުއްސުންލެއްވި ޢުމާރާ ވިދާޅުވިއެވެ. ތިޔަ ދެއަތް މާތް ﷲ ވައުކުރަށްވާނދޭވެ! އެހެންނާ ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދުވަހަކުވެސް މިންބަަރުމަތީ (ޝަހާދަތުގެ ކަލިމައަށް) ޝަހާދަތް އިނގިލިފުޅުން އިޝާރަތެއް ކުރެއްވުމުގެ އިތުރަށް އެއްވެސް ކަމެއް رَسُولُ اللَّهِ ނުކުރަށްވަތެވެ. މިއެވެ.

އިމާމު މީހާ ފިޔަވައި މައުމޫމުން ދުޢާގެ ވަގުތު އަތް ނެގުމާމެދުވެސް ދީނުގެ ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވެއެވެ. މިޞްރުގެ ދާރުލް އިފްތާ 3447 ވަނަ ނަންބަރުގައި ވިދާޅުވެފައި ވަނީ ޢާއްމުކޮށް ދުޢާކުރާއިރު އަތް ނެގުމަކީ އެތަކެއް ޙަދީޘުން ސާބިތުވާ ސުއްނަތެއް ކަމަށާއި ޚުޠްބާގެ ވަގުތު އަތްނެގުމީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައި ދެގޮތަށް ވެސް ސަލަފުއްޞާލިޙުންގެ ޢިލްމުވެރިން ތިއްބެވީތީ ދެގޮތުންކުރެ ކޮންމެ ގޮތެއް އިޚްތިޔާރު ކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. ސަޢުދީ ޢަރަބިޔާގެ ކުރީގެ މުފްތީ ސަމާޙަތުއް ޝައިޚު އިބްނި ބާޒު ވިދާޅުވެފައިވަނީ މިމައްސަލާގައި ޢިލްމުވެރިންގެ ރައުޔު ދެގޮތަށް އޮތްކަމަށާއި ބޮޑަށް ބުރަވެވެނީ އަތް ނުނެގުން ކަމަށެވެ. ސަބަަބަކީ ޚުޠުބާ އަޑުއެހުން ވާޖިބުވެގެންވާއިރު ދުޢާއަކީވެސް ޚުޠުބާގެ ބަޔަކަށް ވެފައި އިތުރު ޢަމަލެއް ޚުޠްބާގެ މެދުތެރޭގައި ކުރުމަށްވުރެން ރައްކައުތެރިކަން ބޮޑީ ހަމައެކަނި އާމީންވެސް ހިތުން ކިޔާލައިގެން ޚުޠްބާއަށް ކަނުލައިގެން އިނުމެވެ. އަޅުގަނޑު ދަންނަވާނީ ޝައިޚުގެ ބަސްފުޅަކީ މިމައްސަލާގައި އެންމެ ފުރިހަމަ ބަސްފުޅު ކަމުގައެވެ. وَاللَّهُ أَعْلَمُ!

ޚުލާޞާ:

މިދިރާސާ ނިންމާލަމުން ޚުލާޞާއެއްގެ ގޮތުގައި އަޅުގަނޑު ދަންނަވާނީ:

1-    ދުޢާއަކީ އަޅުކަމުގެ ސިކުނޑިއެވެ. ސިކުނޑިއެއް ނެތް އިންސާނެއްގެ ބޭނުމެއް ނުހިފޭ ފަދައިިން ދުޢާއާއި ނުލައި ކުރެވޭ އަޅުކަމުުގެވެސް ފައިދާއެއް ނުފެންނާނެއެވެ.

2-    ދުޢާ ކުރުމުގެ އަދަބުތަކެއް ވެއެވެ. އިިމާމު ޣަޒާލީއާއި ބައިހަޤީގެ ކިބައިިން ފަނަރަ އަދަބު ހިމެނިގެންވާކަމަށް އައިސްފައި ވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމުު އަދަބުތަކަކީ ދުޢާކުރާއިރު ޤިބުލައަށް ކުރިމަތިލުމާއި ދުޢާގެ ދެކޮޅުގައި ހަމްދު ޞަލަވާތް ކިޔެވުމާއި މަޑުމޮޅިކަމާއިއެކު ދުޢާ ކުރުމާއި ދުޢާކުރާއިރު ﷲގެ ޙަޟުރަތުގައި ތިމާގެ ދެއަތް އުފުލާލައިގެން ހުރުމާއި ދުޢާކޮށް ނިމިގެން ތިމާގެ މޫނުގައި އަތް ފިރުމުމެވެ.

3-    ނަމާދުގެ ތެރޭގައި ޤުނޫތު ފިޔަވައި އެއްވެސް ތަނެއްގައި އަތް ނެެގުމެއް ނޯވެއެވެ.

4-    ޤުނޫތުގައި އަތް ނެތުމަކީ ސުއްނަތެކެވެ. އަދި ޤުނޫތުގައި މޫނުފިރުމުމަކީ ސުއްނަތާ ޚިލާފު ކަމެކެވެ.

5-    ފަރުޟު ނަމާދުވެސް އަދި ސުއްނަތް ނަމާދުވެސް ކޮށް ނިމިގެން ދުޢާކުރުމަކީ މުސްތަޙައްބު ވެގެންވާ ކަމެކެވެ. އަދި އެއީ ތިމާގެ  ނަމާދު ޤަބޫލު ވުމާއި ތިމާއަށް ނަމާދުގެ ފުރިހަމަ ސަވާބު ލިއްބައިދިނުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

6-    ދުޢާކުރުމުގައި ﷲގެ ޙަޟުރަތުގައި ޢާޖިޒީވެ އަޅާގެ ނިކަމެތިކަން ހާމަކޮށްދޭ ސިފަައަކީ ﷲގެ ހަޟުރަތުގައި އަޅާގެ ދެއަތް އުފުލާލައިގެން ހުންނަ ހުރުމެވެ. އެހެންކަމުން އެދެވިގެންވަނީ ދުޢާގައި އަތް އުފުލުމެވެ.

7-    ދުޢާކުރާއިރު ދެއަތް އުފުލުމާއި ނޫފުލުންވެސް ލޮބުވެތި رَسُولُ اللَّهِ ގެ އަރިހުން ސާބުވެފައި ވެއެވެ. އެހެންކަމުން އަތްނެގުމާއި ނުނެގުމަކީ ތިމާގެ އިޚްތިޔާރުގައި އޮންނަކަމެކެވެ. އެކަމަކު މުސްތަޙައްބު ގޮތަކީ ތިމާއަށް ދަތިނޫން ކޮންމެ ވަގުތެއްގައި އަތް އުފުލައިގެން ހުރެ ދުޢާ ކުރުމެވެ.

8-    ފަރުޟު ނަމާދުގެ ފަހުން ދުޢާ ކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނުފިރުމަކީ ސުއްނަތާ ޚިލާފުވާ ކަމެއް ނޫނެވެ. އަދި އެއީ ބިދުޢައެއްވެސް ނޫނެވެ. އަދި ކިއެއްތަ އެއީ ސުންނަތެކެވެ.

9-    ފަރުޟު ނަމާދުގެ ފަހުން ޢާދަކޮށް ޤަވާޢިދުން އިމާމު މީހާ އިސްވެ ހުރެ އެކުގައި ދުޢާކުރުމަކީ ސުއްނަތާއި ޚިލާފު ކަމެކެވެ. ނުވަތަ ބިދުޢައެކެވެ. ނަމަވެސް އުނގަންނައި ދިނުމުގެ ގޮތުން ނުވަތަ ކުއްލި ޙާލަތަކާހުރެ ނުވަަތަ ޟަރޫރީ ޙާލަތަކަށްޓަކައި ނަމާދުގެ ފަހުންނާއި އެނޫން ވަގުތުތަކުގައި ޖަމާޢަތުގައި ދުޢާކުރުމީ ހުއްދަވެގެންވާ ކަމެކެވެ.

10-            ހުކުރު ޚުޠުބާގައި އިމާމާވެސް އަދި މުޤްތަދީންވެސް ދުޢާކުރާއިރު އަތް ނެގުމަށްވުރެން ރަނގަޅީ ނުނެގުމެވެ. އެހެނަސް އެއީ އަކީ ބިދުޢައެއް ނޫނެވެ.

މިދިރާސާ އަޅުގަނޑު ނިންމާލާނީ އިމާމު ސުޔޫޠީ އެކަލޭގެފާނުންގެ ފޮތް ފައްޟުލް ވިޢާ، ނިންމާލައްވަމުން އެކަލޭގެފާނު ގެންނަވާފައިވާ ޅެންބައިތުންނެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.

اِرْفَعْ يَدَيْكَ إِلَى الرَّحْمَنِ مُبْتَهِلاً ... وَاسْأَلْ سُؤَالَ ذَلِيلٍ بِالْبُكَا ضَرَعًا

فَاللهُ أكْرمُ مَنْ يُرْجَى وَأَعْظَمُ أَنْ ... يَرُدَّ بِالْيَأْسِ مَنْ كَفَا لَهُ رَفْعًا[

އޭ އިންސާނާއެވެ! ބަލަ އިންތިހާއަށް އޯގާވަންތަ އިލާހުގެ ޙަޟުރަތުގައި މަޑުމޮޅިކަމާއި ނިކަމެތިކަން ދައްކުވައި ދިނުމުގެ ގޮތުން ތިމާގެ ދެއަތް އުފުލާލައިގެން ހުރެބަލާށެވެ. އަދި ނިކަމެތިކަމުގެ ފިޔަފަތުރާލައިގެން ރޮއިރޮއިފައި އިޚްލާޞްތެރި ހިތަކުން ބޭނުންކަމަކަށް އެދި ދަންނަވަ ބަލާށެވެ.

އެނގޭހެއްޔެވެ! ﷲ އަކީ ފުރިހަމަ އުއްމީދާއެކު އެއިލާހުގެ ޙަޟުރަތަށް ކުއްތަންވާ އަޅާގެ ބޭނުން ފުއްދައިދެއްވުމުގައި އެންމެ ދީލަތިވަންތަ އިލާހެވެ. އަދި ތިމާގެ އަތްތިލަ އުފުލާލައިގެން ހުންނަ އަޅާގެ ނާއުއްމީދު އެންމެ ފުރިހަމަ ގޮތުގައި ނިޢުމަތައް ބަދަލުކޮށްލަ ދެއްވަނީ ވެސް ހަމަ އެއިލާހެވެ.

 

8 ޖޫން 2020

وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު