އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
ރާއްޖޭގެ ޤާނޫނުގައި ބުނާ ގޮތުން 18 ނުފުރޭ ކޮންމެ ކުއްޖަކީ ކުޑަ ކުއްޖެކެވެ. އެ ކުއްޖާއަށް ލިބެން ޖެހޭ ޙައްޤުތަކެއް ވެއެވެ. މި އުޞޫލަކީ ކިތަންމެ ރަނގަޅު އުޞޫލެއް ކަމަށް ޤަބޫލުކުރި ނަމަވެސް މައްސަލަތަކެއް އެބަހުއްޓެވެ.
ފުރަތަމަކަމަކީ ކުޑަކުއްޖަކު ކަމުގައި ބަލާ އުމުރުގެ ކުއްޖަކު ބޭނުންވެގެން ނަމަވެސް އެ ކުއްޖާ އާއިއެކު ޖިންސީ ގުޅުން ހިންގައިފިނަމަ އެ މީހަކަށް ބޮޑެތި އަދަބުތައް ދޭއިރު ޖިނާޢީ އެހެްނ ކުށްތައް ކުދިން ލައްވައި ކުރުވާ މީހާއަށް އެއްވެސް އަދަބެއް ނުދޭކަމެވެ. މިސާލަކަށް މަސްތުވާތަކެތި ބޭނުންކުރަން ދަސްކޮށްދީ އެކަމަށް މަގުފަހިކުރުވުމާއި މަސްތުވާތަކެތި ޑީލްކުރުވުމާއި ކުދިން ލައްވައި ވައްކަން ކުރުވުން ފަދަ ކުށްތައް ކުދިން ލައްވައި ކުރުވަމުން ގެންދާއިރު އެކަންކަން ކުރުވާ މީހުންގެ މައްޗަށް އެއްވެސް ޙުކުމެއް އިއްވުނުކަން އެނގެން ނެތުމެވެ.
ކޮންމެ އަހަރަކު 18 އަަހރު ނުފުރޭ އެތައް ކުދިން ލޯބިވެރިޔާ އާއިއެކު ކުރާ ކަންކަމުގެ ސަބަބުން އެބަ ދަރިން ވިހައެވެ. ލޯބިވެގެން ކުރުމުން އެކަން ޖިންސީ ގޯނާއަކަށް ނުވާނަމަ މިކިޔެނީ ކީކޭތޯއެވެ؟ މިދެއްކެނީ ކޮން ޙައްޤުތަކެއް ޙިމާޔަތްކުރުމުގެ ވާހަކަތޯއެވެ؟ ލޯބިގެން ކުރުމުން ފާފައަކަށް ނުވާގޮތަށް އިސްލާމް ދީނުގައި އޮތީ ކޮންކަމެއްތޯއެވެ؟ ލޯބިވެގެން ކުރުމުން ކުދިންގެ ހަށިގަނޑަށް އަނިޔާ ނުލިބެނީތޯއެވެ؟ ޙައްޤުތަކޭ ކިޔައިގެން އަޑުގަދަކުރާ ޖަމިއްޔާތަކަކީ ޝައިޠޯނާގެ ބައިވެރިން ނޫން ނަމަ މިގޮތަށް ލޯބިން ކުދިންނަށް އަނިޔާ ކުރާ މީހުން ހިފައި ހައްޔަރުކޮށް އަދަބުދޭން ގޮވާނުލަނީ ކީއްވެގެންތޯއެވެ؟
ކުޑަކުދިންގެ އަޚްލާޤަށް ބޮޑެތި ބަދަލުތަކެއް އަންނަމުން މިދަނީ އެކަމުގައި ގިނަ ފަރާތްތަކެއްގެ އިހްމާލުވުން ވަރަށް ބޮޑަށް އޮވެގެންނެވެ. ފުރަތަމަ ބައަކީ މައިންބަފައިން ނުވަތަ ބެލެނިވެރިން ކަމަށްވާއިރު ބެލެނިވެރިންނަށް ހުރި ޤާނޫނީ ހުރަސްތަކުގެ ވާހަކަ އެއްވެސް މުއައްސަސާއަކުން ދައްކާއަޑެއް ނީވެއެވެ!
ސުވާލަކީ ކުޑަކުދިންގެ ޢުމުރު ޤާނޫނުން ކަނޑައަޅައި އކުދިންނަށް ލިބެން ޖެހޭ ޙައްޤުތައް ޤާނޫނުގައި ބަޔާންވެގެންވާއިރު އެކުދިން ތިބެން ޖެހޭ އިންތައް ބަޔާންވެފައި ނެތުމެވެ. އެއިންތަކުން ކުދިން ބޭރުވާނަމަ އަޅަންޖެހޭ ފިޔަވަޅުތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާއި ފިޔަވަޅު އަލަންޖެހޭ ފަރާތެއް ބަޔާންވެފައި ނެތުމެވެ.
ބެލެނިވެރިއަކު ނެތިއްޖެ ޙާލަތުގައި ކުދިން ހިޔާތަކަށް ގެންދިއުމުން ހިޔާވަހިކަން ލިބެއެވެ. ރައްކައުތެރިކަން ލިބެންވާވަރަށް ލިބޭކަމަށް އަދި ބުނެވޭކަށް ނެތެވެ. ސުވާލަކީ ކުދިންގެ އަޚްލާޤް ގޯސްވެ ދީނުން ބޭރުވެ، މުޖުތަމަޢުއަށް ނުރައްކަލަކަށްވާ ހާލަތުގައި ވެސް އިޞްލާޙް ކުރަން ކުރެވެނީ ކޮންކަމެއްތޯއެވެ؟ އެއްވެސް ކަމެއް ހަމަ އެބަ ކުރެވޭތޯއެވެ؟
ކޮންމެ ގޮތަކަށް މި މައްސަލަތައް ހުރި ނަމަވެސް ކުޑަކުދިން ނުބައި އަމަލުތައް ކުރާނަމަ އެކަމުގެ ޒިންމާ އުފުލަން ބޮޑެތި މީހުންނަށް ޖެހޭނެއެވެ! މައިންބަފައިންނަކީވެސް ބޮޑެތި މީހުންނެވެ. ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގައި ވެސް ތިބީ ހަމަ ބޮޑެތި މީހުންނެވެ. ޤާނޫނު ހަދާ މަޖިލީހުގައި ތިބީވެސް ހަމަ ބޮޑެތި މީހުންނެވެ. ކުދިން ނުބައި އަމަލުތައް ކުރަން ޝައުޤުވެރިވަނީ ވެސް ހަމަ ބޮޑެތި މީހުންގެ އަމަލުތަކުގެ ސަބަބުންނެވެ. ވީމާ ކުދިން ގޯސްވެގެން މިދަނީ ހަމަ ބޮޑެތި މީހުންގެ ސަބަބުންނެވެ.
ކަންމިހެން އޮތުމުން ކުދިން ފަޟީޙަތް ކުރުމުގެ ބަދަލުގައި ކުދިން އިޞްލާޙްކުރަން މަސައްކަތްކުރާ ބައަކަށްވަމާތޯއެވެ!
"ކުޑަކުދީންގެ ކަރާމަތާއި އަބުރަށް އުނިކަން އަންނަ ފަދަ ވީޑިއޯއާއި ފޮޓޯ ފަދަ ތަކެތި ސޯޝަލްމީޑިއާގައި ޢާއްމު ކުރުމަކީ މުސްލިމު މުޖުތަމަޢެއްގައި ކޮށްގެންވާނެ ކަމެއްނޫނެވެ. އެކުދިން ފަޟީޙަތްކުރުމުގެ ބަދަލުގައި ތަރުބަވީ ގޮތުން އެކަންކަން ހުއްޓުވަން މަސައްކަތްކުރުން އައުލާކަންބޮޑެވެ!" ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
Advertisement
30 ޖޫން 2020