އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަސްޖިދުލް އަޤްޞާ ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ މުސްލިމުންގެ ދީނީ ވާޖިބެއް: އިސްލާމިކް މިނިސްޓަރ

މަސްޖިދުލް އަޤްޞާ ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ މުސްލިމުންގެ ދީނީ ވާޖިބެއް: އިސްލާމިކް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

މުސްލިމުންގެ ޤިބްލައެއް ކަމުގައިވާ އަލް މަސްޖިދުލް އަޤްޞާ ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ މުސްލިމުންގެ ދީނީ ވާޖިބެއްކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިހެން ވިދާޅުވީ "ވިތް ޕީސް އެގެއިންސްޓް ދި އޮކިއުޕޭޝަން" ގެ ނަމުގައި ޖެރޫސެލަމްގައި ބޭއްވުނު ކޮންފަރެންސްގައި، ދިވެހިރާއްޖެ ތަމްޞީލް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ ޒޫމް މެދުވެރިކޮށް 29 ޖޫން ވީ ހޯމަ ދުވަހުގެ ހަވީރު 4:45 ގައެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވީ ފަލަސްޠީނުގެ މައްސަލައަކީ ދީނީ އަދި އަޤީދާ އާއި ގުޅިފައިވާ މައްސަލައެއްކަމަށާއި އަދި އެތަނެއްގައި މުސްލިމުންގެ ޤިބްލައެއް ކަމުގައިވާ އަލް މަސްޖިދުލް އަޤްޞާ ހުރުމުގެ ސަބަބުންވެސް އެތަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދީނީ ވާޖިބެއްކަމުގައެވެ.

ހަމައެހެންމެ ދިވެހިރާއްޖެއަކީ އެންމެ ކުރީއްސުރެވެސް، ފަލަސްޠީނުގެ ބިންތަކަށް ގަދަވެގައިންފައިވާ ޔަހޫދީން، މުސްލިމުންނާއި ދެކޮޅަށް ދެމުންދާ އަނިޔާތަކާއި ދެކޮޅަށް އަޑު އުފުލާ ވާހަކަދައްކަމުންދާ ގައުމެއްކަމަގައި ވަނީ ހާމަކުރައްވާފައެވެ. އަދި މިގޮތުގައި ދިވެހީން އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަޤީންކަންވެސް ވަނީ އަރުވާފައެވެ. މިކަމަށް ބާރުދެއްވައި ، ދިވެހިރާއްޖޭގެރައީސް އިބްރާޙިމް މުޙައްދަމު ޞާލިޙް ޔޫ.އެން ގެ 74 ވަނަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ބަސްފުޅުވަނީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންނަށް މިނިސްޓަރ ވަނީ ތަކުރާރުކޮށްދެއްވާފައެވެ. އެއީ " ފަލަސްޠީނު މިނިވަންވުމަށާއި ވަކި ދައުލަތެއްގޮތުގައި އޮތުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ދެގޮތެއްނެތި އަބަދުވެސް ދެމުންގެދާނަމެވެ" މި ބަސްފުޅެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް، މެދުއިރުމަތީގެ މައްސަލަތަށް ހައްލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފާހަގަކުރައްވައި، ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ހާލަތު ބަދަލުކުރެއްވުމަށް ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ނަމުގައާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައިވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގޮތުގައި ލައްވައި، ފަލަސްޠީނުގެ މުސްލިމުން ތަޙައްމަލުކުރަމުން ގެންދަވާ ވޭންދެނެވިވި ދުވަސްތައް ބަދަލުކުރައްވައި އަމާންކަމާއި ފާޤަތިކަން ދެއްވައި ޔަހޫދީންގެ ނުބައި ރޭވުންތަކުން ފަލަސްޠީނުގެ އަޚުންނާއި އުޚްތުން ރައްކާތެރިކޮށްދެއްވައި ފަލަސްޠީނަށް ނަޞްރާ ކާމިޔާބު މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

މި ކޮންފަރެންސަގައި ބައިވެރިވުމަށް މިނިސްޓަރަށް ފަލަސްޠީނުގެ ފަރާތުން ދަޢުވަތުދެއްވި ފަލަސްޠީނުގެ ޕްރެސިޑަންޓް އެޑްވައިޒާ ފޯރ ރެލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަން، ސްޕްރީމް ޖަޖް އޮފް ދަ ޝަރީޢާ ކޯޓްސް، ހިސް އެކްސަލަންސީ މަޙްމޫދު އަލް ޙަބާޝްއަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ކޮންފަރެންސަކީ މިހާރު ޔަހޫދީން ފަލަސްތީނުގެ ބިންތައް އިތުރަށް މިލްކުކޮށް ފަށައިގެން ކުރިއަށްދާ ދަނޑިވަޅުގައި، އެކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކަން އިތުރުކޮށް، އިސްރާ މިޢުރާޖުގެ ބިން އަދި އަލް މަސްޖިދުލް އަޤްޞާ ހިމާޔަތްކޮށް، ފަލަސްޠީނުގައި އިންސާފައި، އަމާންކަމާއި ހަމަޖެހުން ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ ޢިލްމުވެރިންނާއި ދާޢީންވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
50%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު