އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ފެރީ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި

ޤައުމީ ފެރީ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

މިގޮތުން މިމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރުމަށް މިއަދު ބޭއްވުނު ޙާއްސަ ރަސްމިއްޔާތު ގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީ އިން ބުނެފައި ވަނީ ފުރަރަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށާއި މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ މި މަޝްރޫއުގެ ފުރަތަމަ ވިޔަވައްސަށް ޖުމުލަ 157 މިލިއަން ރުފިޔާ ޚަރަދު ވާއިރު ޒޯން 1 ގެ ހައި ސްޕީޑް ފެރީ ވިއުގައިގައި ޖުމުލަ 17 ލޯންޗް ބޭނުންކުރެވޭނެ ކަމަށާއި މި ލޯންޗް ތަކުގައި 40-50 ދެމެދުގެ އަދަދަށް ފަސިންޖަރުން އުފުލޭނެ ކަމަށެވެ، 

އެއާކޯން ކުރެވިފައިވާ މިލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިކަމަށާއި ލޯންޗް ގެ ސްޕީޑަކީ ގަޑިއަކު 30 ނޯޓިކަލް މޭލު ކަމަށްވާއިރު ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުއްނާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ. މިޙިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެއެވެ.

"ނޭޝަނަލް ސްޕޭޓިއަލް އެކްޝަން ޕްލޭން )2020-2040 ")އާއި އެއްގޮތްވާ ގޮތުގެ މަތިން، މި ނެޓްވޯރކްގެ ދަށުން، ރާއްޖެ 6 ސަރަޙައްދަކަށް ބަހާލާއި، ދަތުރުކުރުމަށް ތަފާތު 2 ނެޓްވޯރކެއް ޤާއިމުކުރެވޭނެއެވެ. މި ނެޓްވޯރކްތަކަކީ ސަރަޙައްދު ތެރޭގައާއި އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދެވޭގޮތަށް ޤާއިމުކުރެވޭނެ ނެޓްވޯރކްތަކެކެވެ. މި ނެޓްވޯރކްތަކުގެ ޒަރީޢާއިން ކަނޑުދަތުރުފަތުރުގެ ޙިދުމަތް އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޙިދުމަތާއި ގުޅުވާލަދޭނެއެވެ. އަދި މިނެޓްވޯރކްގެ ޒަރީޢާއިން ރަށްތަށް ގުޅުވާލަދޭނީ 3 ވަށްތަރެއްގެ ފެރީ ނިޒާމަކުންނެވެ. އެއީ "ކޮމިއުޓް ލިންކް"، "ނޮން- ކޮމިއުޓް ލިންކް" އަދި "ހައިވޭ ލިންކް" އެވެ. އާންމު ދަރުތު ފަތުރުގެ ޚިދުމަތަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ދެވޭ ޚިދުމަތެއްކަމުން، މިކުންފުންޏަށް މި ޚިދުމަތުންވާ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ސަބްސިޑީއެއް ހަމަޖައްސަވާ ދެއްވުމަށް ވަނީ އެއްބަސްވެފައެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މަޤްޞަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުމެވެ. 

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރައްތަކަށް ތަރައްޤީ ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު