އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމުގެ ތަޞައްވުރު ރައީސް ހާމަކުރައްވައިފި

ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމުގެ ތަޞައްވުރު ރައީސް ހާމަކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 22 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ހުރިހާ ރަށަކަށް، އަދި އެންމެހައި ރައްޔިތުންނަށް، ޤައުމީ ތަރައްޤީގެ ނަފާ ހޯދައިދޭން ސަރުކާރުން ގެންގުޅޭ ވިސްނުން ހާމަކޮށްދެއްވާފައެވެ.

ވަކިވަކި އަތޮޅުތަކަކާއި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް މި ކުޑަކުޑަ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޙައްޤުވާ ތަރައްޤީ ގެނެސްދެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ދަށުންނެވެ. ތަރައްޤީ ލާމަރުކަޒު ކޮށްގެންނެވެ. ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދީގެންނެވެ. ދަތުރުފަތުރުކުރުމުގެ ހަރުދަނާ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލައިގެންނެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ބަޔާންކޮށްދެއްވެވި ތަޞައްވުރެވެ. އަދި، މި ކަންކަން ޙަޤީޤަތަކަށް ހެދުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި، ކުރިއަށް ރާވާފައިވާ ކަންކަން އެ މަނިކުފާނު މިއަދު ހާމަކޮށްދެއްވިއެވެ.

ތަރައްޤީ ލާމަރުކަޒުކުރުމުގެ ނާރެހަކީ، ވަޔާއި ކަނޑުމަގުން ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމަކުން ރަށްތަކާއި އަތޮޅުތައް ގުޅައިލުމެވެ. މި މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ހއ. ހޯރަފުށީގައި އެއަރޕޯޓެއް ތަރައްޤީކޮށް، ހުޅުވައި، ޚިދުމަތްދޭން ފަށާފައެވެ. ކުރިއަށް އޮތީ، މިފަދަ އިތުރު ފަސް އެއަރޕޯޓެއް ތަރައްޤީކޮށް، ވައިގެ ދަތުރުފަތުރު ކުރުމުގެ ވިއުގަ އިތުރަށް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އޭގެ ތެރެއިން، މ. މުލީގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ބަޔަކާ ޙަވާލުކުރެވޭނެ. ހދ. މަކުނުދުއާއި، ށ. ބިލެތްފަހި އަދި ބ. ތުޅާދުއާއި ތ. ވިލުފުށީގައި އެއަރޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ވާނީ ހުޅުވާލާފައި،" ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ދެން އޮތީ، ދަތުރުވެރިންނާއި މުދާ އުފުލުމަށް ޚާއްޞަ "ހައި ސްޕީޑް" ފެރީގެ ނިޒާމެއް ޤާއިމުކުރުމެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިހާރު މިވަނީ ފަށާފައެވެ. ހުސްވި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު ސަރުކާރުން ވަނީ އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްފައެވެ. މަގުހެދުމުގެ މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މީގެ ތެރެއިން ވެސް އައްޑޫ ސިޓީގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ޙަވާލުކުރާނެ ކަމުގައެވެ.

ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަކީ ވެސް މި ސަރުކާރުގެ މުހިންމު ތަޞައްވުރެކެވެ. އަދި، މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތައް މާލޭގެ ހުޅަނގުން އޮތް ގުޅިފަޅުން މިހާރު ދަނީ ފެންނަމުންނެވެ. މާލޭގައި ޤާއިމުކޮށްފައިވާ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ހިއްކަން ނިންމާފައިވާ ބިމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިދިޔަ އަހަރު އޮތީ ނިންމާފައެވެ.

"އެބަނދަރު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މި އަހަރު ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. ހަމައެއާއެކު، މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތް ވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 6 މަސްތެރޭގައި ފެށިގެންދާނެ،" ބަނދަރުގެ މަސައްކަތާއި އެކުގައި މާލެ ސަރަޙައްދަށް އަންނާނެ ތަރައްޤީގެ އަނެއް މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައެއް ނެތެވެ. ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޙައްޤެކެވެ. އެ ޙައްޤު ކަށަވަރުކޮށްދޭން ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަމާޒަކީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމެވެ. އެ ކަމުގެ ޔަޤީންކަން، މިއަދު ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެއްވިއެވެ.

"މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މިއަންނަނީ މަސައްކަތް ކުރަމުން،" ދިވެހިންނަށް ފަޚުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޅ. ނައިފަރު، ބ. ތުޅާދޫ އަދި ތ. ތިމަރަފުށްޓަށް ބަލައިލާއިރު، މިއިން ކޮންމެ ރަށެއްގައި 100 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. މ. ކޮޅުފުށީގައި ވެސް މިފަދަ މަސައްކަތްތަކެއް ދާދި އަވަހަށް ފެށޭނެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތަކުގެ ތެރެއިން 1,000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެފޯޑަބަލް ރޭންޖްގެ 2,000 ހައުސިންގ ޔުނިޓްގެ މަޝްރޫޢު މި ހަފުތާގައި ބަޔަކާ ޙަވާލުކޮށްފިއެވެ. އެ މަސައްކަތް މެއި މަހު ފެށޭނެއެވެ. އަދި، އިތުރު 2,000 ޔުނިޓާއެކު، ޖުމުލަ 5,000 ޔުނިޓުގެ އަމަލީ މަސައްކަތް މާލެ ސަރަޙައްދުގައި މި އަހަރުގެ ތެރޭގައި ފެށުމަކީ ސަރުކާރުގެ އަމާޒެވެ. އަދި، މާލޭގެ ރަށްވެހިންނަށް ޚާއްޞަ އިތުރު މަޝްރޫޢެއް ފެށުމުގެ ރޭވުންތައް ސަރުކާރުން މިހާރުދަނީ ކުރަހަމުންނެވެ.

ޤައުމުގެ މުސްތަޤުބަލު ކަމުގައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މި ކަމަށް އޮތް މަގަކީ، ކުޑަކުދިންނަށް އިހާނެތިކޮށް ހިތައި އަދި އަނިޔާވެރިކޮށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. އެ ކުދިން އަނިޔާއިން ދުރުކުރުމެވެ. އަދި ރައްކާތެރި، އަމާން ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ. މި ކަންކަން ކުރުމުގައި ސަރުކާރުން ފަހަތަށް ނުޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މިއަދު ހާމަކުރެއްވިއެވެ.

މީގެ ތެރެއިން ވެސް، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަކީ ޚާއްޞަ ސަލާމަތާއި ރައްކާތެރިކަމެއް ބޭނުންވާ ބަޔެކެވެ. އެ ކަމަށް ޚާއްޞަކޮށް، ޑިސްއެބިލިޓީ މެނޭޖްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މި އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ރާވާފައެވެ. "އެކުދިންނަށް ބޭނުންވާ ތެރަޕީއާއި ފަރުވާ ލިބޭނެ ވަސީލަތްތަކާއެކު، ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިއަންނަނީ ކުރަމުން،" ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ ބޭފުޅުންނަށް ޚާއްޞަކޮށްގެން، ރާއްޖޭގައި މުޅިން އަލަށް، އެލްޑަރލީ ވިލެޖްއެއް ތަރައްޤީ ކޮށްދިނުމަކީ ވެސް ސަރުކާރުގެ މުހިންމު މަޝްރޫޢެކެވެ. އައްޑޫ ސިޓީގައި ބިނާކުރަން ހަމަޖެހިފައިވާ އެ ތަނަކީ، އެ ބޭފުޅުންނަށް ފަޚުރުވެރިކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި ބިނާކުރާ ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަޝްރޫޢުގެ މަސައްކަތްތައް ވެސް މި އަހަރުގެ ތެރޭގައި ފެށުމެއް ރާއްވަވާފައިވާ ކަމުގައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު