އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުސްފައިގާ 42 ކިލޯމީޓަރގެ ދިގު ރާސްތާ ދުވީ ބައްޕައަށްޓަކައި

ހުސްފައިގާ 42 ކިލޯމީޓަރގެ ދިގު ރާސްތާ ދުވީ ބައްޕައަށްޓަކައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 57 ސިކުންތު

ހުސްފައިގާ 42 ކިލޯމީޓަރ ނުވަތަ ފުލް މެރަތަންއެއް ދުވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެހެންނަމަވެސް ދިވެހި ބިމަށްއުފަން ދިވެހި ދަރިއެއް މިވަނީ އޭނާގެ ބައްޕައަށްޓަކައި މިކަންކޮށްފައެވެ.



މި އޭޕްރީލް މަހުގެ 14 ވީ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި ކޮކާކޯލާ ޓީއެފްޖީ ލޯންގރަންގައި ދުވި އެންމެންގެ ތެރެއިންވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ މެންދަމު 03:20 ގައި ފެށި 42 ކިލޯމީޓަރ ދުވުމުގައި ބައިވެރިވި ޙަސަން ފަރުހާން މުޙައްމަދު ހުސްފައިގާ އެ ދިގު ރާސްތާ ކަޑައްތު ކުރުމަށް ދުވަން ފެށުމުންނެވެ.



ހަމައެކަނި ދިވެހިންނެއް ނޫނެވެ. އެ ދުވުމުގައި ބައިވެރިވި ބޭރު ޤައުމުތަކުގެ ބައެއް މީހުންގެ ނަޒަރުވެސް ވަނީ އޭނާއަށް ހުއްޓިފައެވެ. ވާނީވެސް އެހެންތާއެވެ. މި ކުޑަކުޑަ ދިވެހި ރާއްޖޭގައި މިގޮތަށް ރޭސްތަކުގައި ހުސްފައިގާ ދުވާ މީހުންނަކީ ވަރަށް މަދުން ފެންނަ ބައެކެވެ.



ކޮންމެއަކަސް އެހެން މީހުންނެކޭ އެއްގޮތަށް އަޅުގަނޑަށްވެސް މި މަންޒަރު ވަނީ ވަރަށް ގާތުން ފެނިފައެވެ. އަދި ފަރުހާނު ނުވަތަ އަޅުގަނޑުމެން ކިޔާގޮތުން ނަމަ، ފަރޭގެ ހިތްވަރުގަދަކަން ވަރަށް ގާތުން ދުށުމުގެ ނަޞީބުވެސް ވަނީ ލިބިފައެވެ.

ބައެއް މީހުންނަށް މިއީ ވަރަށް އާދައިގެ ކަމަކަށް ވެދާނެއެވެ. ނޫންނަމަ، ހުސްފައިގާ ދުވުމަކީ " ވަރަށް ސިމްޕަލް " ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ އެހާ "ސިމްޕަލް" ކަމެއް ނޫނެވެ. އެކަމަކު ފަރުހާނު ފަދައިން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ. ނުވާނޭ ކަމެއްވެސް ނޫނެވެ. ބޭނުންވަނީ ހިތްވަރަކާއި ޢަޒުމެކެވެ.



ފައިބެއަހަރުގެ ލޯންގރަންގައި 10 ކިލޯމީޓަރ ދުވުމަށްފަހު، މިއަހަރު ފުލް މެރަތަންއެއް ޖަހަން ނިންމި ގޮތް މިއަދުނޫހަށް ފަރުހާނު ކިޔައިދިނެވެ.

"މިދިޔަ އަހަރު 10 ކިލޯމީޓަރ ދުވެގެން ލިބުނު މެޑަލް ގެންގޮސް ބައްޕައަށް ދެއްކުމުން ބައްޕަ ދެއްކީ ފޮޓޯއެއް. އެއީ 1980ގެ ތެރޭގައި ރާއްޖޭގައި ބޭއްވި މެރަތަންއެއްގަ ބައްޕަ ދުވެފަ ހުރި ފޮޓޯއެއް. އޭރު ބައްޕަމެން ދުވުނީ ކުރިން ދިވެހިރާއްޖޭގެ އަޑު ހުރިތަނުގައި އޮންނަ އަޑިޕާކު ވަށައި 72 ބުރު ކަމަށް ބައްޕަބުނީ. އަދި އޭގަ ދުވެގެން ބައްޕައަށް ލިބުނީ 3 ވަނަ." ފުލް މެރަތަންއަކަށް ނުވަތަ 42 ކިލޯމީޓަރ ދުވަން ޚިޔާލަށް އައިގޮތް ފަރުހާނު ކިޔައިދިނެވެ.

"އެކަމަކު އޭރުވެސް ހުސްފައިގަ ޖަހާކަށް ޚިޔާލެއް ނުކުރަން އިނގޭ" އަބަދުވެސް މަޖާ މިޒާޖުގެ ފަރޭ ބުންޏެވެ.

ފަރުހާންބުނީ ދުވަން އަރާ ބޫޓަކީ ފެން އެޅިއްޖިއްޔާ އޭގެ ދުވަސްދާ ވަރަށް އާދައިގެ ބޫޓަކަށް ކަމަށާއި އެހެންކަމުން "ވައިބްރަމް" ނަމަކަށްކިޔާ ބޫޓެއް (ވައިބްރަމްއަކީ ދުވާ މީހުން ވަރަށް ގިނައިން ބޭނުންކުރާ ފައިގެ އިނގިލިތައް ގޮތަށް ނުވަތަ ފައިތިލަ ހުންނަ ގޮތަށް އިނގިލިވެސްލާފަ ހުންނަ ބޫޓެއް) ގެންނަން އޯޑަރ ކުރިކަމަށެވެ.

ފުލް މެރަތަންއަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ދަނިކޮށް ވައިބްރަމް ލިބުމުގެ ކުރިން 10 ކިލޯމީޓަރ ދުވަން ޖެހުނު ރެއަކީ ވަރަށް ވިއްސާރަ ރެއަކަށްވާތީ، ވަކި ހިސާބަކުން ބޫޓާއި ސްޓާކީން އެއްކޮށް ތެމުމުން ބޫޓާއި ސްޓާކީން ބާލާފަ ހުސްފައިގާ ދުއްވައިގަތީ ކަމަށް ފަރުހާން ބުންޏެވެ. އަދި ހުސްފައިގާ ދުވަން ފެށި އެ ހިސާބުން ފެށިގެން ކަމަށާއި ވައިބްރަމް އަންނަންދެން އެގޮތަށް ހުސްފައިގާ ދުވަން ނިންމި ކަމަށެވެ.

"އެއީ ވައިބްރަމްގަ ދުވަންޏާ އެބަޖެހޭ ފުރަތަމަ ހުސްފައިގަ ދުވެ، ފައި ވަކިގޮތަކަށް ބައްޓަންވެސް ކުރަން. އެކަމަކު ފަހުން ވައިބްރަމް އައިމަ އެއަށް އަރާހިތެއް ނުވި. ހަމަ ބޭނުންވީ ހުސްފައިގާ ދުވަން. އެކަމަކު ބުނަން އަދި މިއީކީ ނޫން ހުސްފައިގަ ދުވަން ނިންމި ސަބަބަކީ އިނގޭ" ފަރޭ ބުންޏެވެ.

"ބައްޕަވެސް ބުނި ބައްޕަދުވި މެރަތަންގެ ވަކި ހިސާބަކުން ހުސްފައިގަ ދުވި ވާހަކަ. ދެން ކޯޗު ސުޖާޢުގެ އިރުޝާދާއެކު ހުސްފައިގަ ދުވަން ނިންމީ" ފަރުހާނު ބުންޏެވެ.

މީގެ އިތުރުން ތަފާތުކަމެއް ކުރުމުގެ ބޭނުމުގަ އާއި އެންމެން އިންސްޕެއަރ ކުރަނީ އަލްޓްރާ މޭން އާތިފް ކަމަށާއި އެހެންވެ، ބޭނުންވަނީ ޒުވާނުންނަށް ތަފާތު މެސެޖެއް ދޭން ކަމަށްވެސް ފަރުހާން ބުންޏެވެ. އަދި ކުރިއެރޭނީ ތަފާތު ކަންކަން ކޮށްގެން ކަމަށާއި އެހެން މީހުން ނުކުރާ ތަފާތު ކަމެއް ކުރުމަކީ އެއްގޮތަކަށް ފަސްޖެހެންޖެހޭ ކަމެއް ނޫން ކަމަށްވެސް ފަރުހާނު ބުންޏެވެ.

މިއަހަރުގެ ދުވުމުގައި 42 ކިލޯމީޓަރ، 6 ގަޑި އިރާއި 42 މިނެޓުން ނިންމި އިރު، އަމާޒު ހިފީ 7 ގަޑި އިރަށްވުރެ ކުރިން ނިންމުމަށް ކަމަށްވެސް ފަރުހާން ބުންޏެވެ.

ޕްރެކްޓިސްގައިވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި ހުސްފައިގާ ދުވުމަކީ ނުވާނޭ ކަމެއް ކަމަށް ވަރަށް ގިނަ މީހުން ބުނަމުން ދިޔަ ނަމަވެސް ހުރިހާ ކަމަކީވެސް ކޮށްފިނަމަ، "ކުރެވޭނެ" ކަމެއްކަން ޒުވާނުންނަށް ދައްކާލަން ކަނޑައެޅި ޢަޒުމު ފަރުހާން މިވަނީ ކޮށްފައެވެ.

ކޮންމެ މީހަކުވެސް ނަމޫމާއެއްގެ ގޮތުގައި ބަލާ މީހެއް ނުވަތަ ބައަކު ތިބޭނެއެވެ. އެފަދަ މީހުންގެ ކިބައިން ރަނގަޅު ނަމޫނާ ނަގައިގެން މުސްތަޤުބަލުގައި ކުރަން ބޭނުންވާ ކަންތައް ކުރުމަކީ އެއްގޮތަކަށްވެސް ފަސްޖެހެންޖެހޭވަރުގެ ކަމެއް ނޫނެވެ.

"ލަދަކާހުރެ ތަދެއް ނުފިލާނޭ" ބުނާ އުސޫލުން ކޮންމެ ކަމެއްވެސް ކުރަންވާނީ އަމާޒެއް އޮވެގެން ޢަޒުމަކާއެކުގައެވެ. އޭރުން ވާނެއެވެ. ކުރެވޭނެއެވެ.

ދުލުން ބުނަން ކިތަންމެ ފަސޭހަޔަސް ކުރަން އުނދަގޫ ކަންތައްވެސް ކުރެވޭނެއެވެ.

ފަރުހާން ބުނީ "ޕްރެކްޓިސްގައި 32 ކިލޯމީޓަރ ދުވި ދުވަހު ފައިގަ ފޮޅުލާ، ފަޅައިގެންގޮސް، ލޭވެސް އައި" ކަމަށާއި އެކަމުގެ ސަބަބުން "ހިތްމަރުވާ" ޒާތުގެ ބަސްތައްވެސް އަމާޒުވި ކަމަށެވެ. އެހެންނަމަވެސް ހިތްވަރުކޮށްފަ ހުސްފައިގައި 42 ކިލޯމީޓަރ ދުވީ ބައްޕައަށްޓަކައި އާއި ޒުވާނުންނަށް ނަމޫނާއަކަށް ވުމަށް ކަމަށެވެ.

ފަރުހާނަކީ ހުސްފައިގާ 42 ކިލޯމީޓަރ ރާއްކޭގައި ދުވި ފުރަތަމަ މީހާއަށް ނުވެދާނެއެވެ. ނަމަވެސް ހަމަޔަޤީނުންވެސް ހުސްފައިގާ 42 ކިލޯމީޓަރ މިހާތަނަށް ދުވި އެންމެ ޒުވާން މީހާއަށް ވާނެއެވެ.
ފަރުހާނުގެ މި ކާމިޔާބީ އާގުޅިގެން ކޯޗު ސުޖާޢު ބުނީ ފަރުހާނަކީ ހިތްވަރުގަދަ، ޒުވާނުންނަށް ނަމޫނާއެއް ކަމަށެވެ. އަދި ފަރުހާނު ކުރި ހިތްވަރަށް ސާބަސް ރައްދުކުރާ ކަމަށެވެ.

ނިންމާލަމުން ފަރުހާނު ބުނީ " ކޮންމެ މީހަކީވެސް ނަމޫނާ މީހަކަށް ވެވޭނެ މީހެއް " ކަމަށާއި " އެކިމީހުން ނަމޫނާ ދައްކާނީ އެކިގޮތަށް " ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ އުރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ދުވުމަކީވެސް ވަރަށް ޚާއްޞަ ދުވުމެއް ކަމަށާއި ބެލުންތެރިންނަށްވެސް ގާތްތިމާގެ މީހުންނަށް އަދި އެންމެހާ އެކުވެރިންނަށްވެސް "ސަޕްރައިޒް" އަކަށްވާނެ ކަމަށެވެ.

ފަރުހާނުގެ ހިތްވަރަށް މިއަދު ނޫހުގެ ފަރާތުންވެސް ސާބަސް ރައްދު ކުރަމެވެ. އަދި ޒުވާނުންގެ ޒުވާން ލީޑަރަށް އަބަދުވެސް ކާމިޔާބީއަށް އެދެމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް