އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ޚުޠުބާއިން ސިފައިންގެ ވަޒީފާ އާއި ޞަހާބީން ﷲ އަށްޓަކާ ކުރެއްވެވި ޚިދުމަތް އޮޅިއްޖެ

މިއަދުގެ ޚުޠުބާއިން ސިފައިންގެ ވަޒީފާ އާއި ޞަހާބީން ﷲ އަށްޓަކާ ކުރެއްވެވި ޚިދުމަތް އޮޅިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 21 ސިކުންތު

"ދެލޮލެއްގައި ނަރަކައިގެ އަލިފާން ނުހިފާ ހުއްޓެވެ. އެއީ ﷲ ދެކެ ބިރުން ރުއި ލޮލާއި ﷲ ގެ މަގުގައި ރޭގަނޑު ފާރައަށް ހުރި ލޮލެވެ." މިއީ މިއަދުގެ ހުކުރު ޚުޠުބާގައި ކިޔާފައިވާ ޙަދީޘްފުޅެކެވެ.

މި ހަދީޘްފުޅު ގުޅުވާފައިވަނީ ސިފައިންގެ ޚިދުމަތާއިއެވެ. މިއަދުގެ ސިފައިންނާއި ފުލުހުންނަކީ ބޮޑެތި މުސާރަ އާއި އިނާޔަތްތައް ނަގައިގެން ވަޒީފާ އަދާކުރުމަށް ހޭލައި ތިބޭ ބައެކެވެ. ދައުލަތުން ކާންދެއެވެ. ނިދާނެތަންދެއެވެ. ޔުނީފޯމާއި ދުއްވާނެ ވެހިކަލްވެސް ދެއެވެ. އެއިގެ ތެރޭގައި އަރާނެ ބޫޓުވެސް ހިމެނެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޒަމާނުގައި ޤައުމާއި އިތުރު މާތް ނަބިއްޔާގެ ދިފާޢުގައި ޞަހާބީން ހޭފުޅުލައްވައި ފާރައަށް ތިއްބެވީ މިފަދަ އެއްވެސް އިނާޔަތެއް ނެންގެވުމަކާއި ނުލައި ހަމައެކަނި މާތް ﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އެބޭކަލުންގެ ހިތްޕުޅުގައިވާ ލޯބިންނެވެ.

ޞަޙަބީން އެޚިދުމަތް ކުރެއްވެވީ އަމިއްލަފުޅު ގެކޮޅުގައި ދިރިއުޅުއްވަމުންނެވެ. އަމިއްލަފުޅަށް ލިބިވަޑައިގެންނެވި އެއްޗެއް ފަރިއްކުޅުއްވަމުންނެވެ. އެއްޗެއް ނެތް ނަމަ ފަރިއްނުކުޅުއްވަވައި ތިއްބަވައިގެންނެވެ. އަމިއްލަފުޅު ފޭރާންކޮޅު ތުރުކުރައްވައިގެން ތިއްބަވައިގެންނެވެ.

އެބޭކަލުންނަށް ލިބިވަޑައިގެންނެވި ހަމައެކަނި ހިތްޕުޅުހަމަޖެހިވަޑައިގަތުމަކީ މާތް ﷲ އާއި ކުއްތަންވެވަޑައިގެންނެވޭކަމުގެ ހިތްޕުޅުހަމަޖެހިވަޑައިގަތުމެވެ. އިސްލާމް ދީން މަތިވެރިކުރައްވަން މަސައްކަތްޕުޅު ކުރެއްވޭ ކަމުގެ ހިތްޕުޅު ހަމަޖެހިވަޑައިގަތުމެވެ.

ޞަހާބީން މަސައްކަތްޕުޅުކުރެއްެވެވީ ފްލެޓެއް ހޯއްދެވުމަކަށް ނޫނެވެ. އަދި ރޭންކް މަތިވެ ބޮޑު މުސާރަ ހޯއްދެވުމަކަށްވެސް ނޫނެވެ. ރޭންކް މަތިވެ ދުއްވާނެ ކާރާއި ސައިކަލް ލިބިވަޑައިގަތުމަކަށްވެސް ނޫނެވެ. އެޒަމާނަށް ބަލައިފިނަމަ ޖަމަލު ފަދަ ސަވާރީއެއް ހޯއްދެވުމަކަށް ނޫނެވެ.
އެބޭކަލުންގެ ހުރިހައި ވެސް އުންމީދަކީ މާތް ﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ލޯބި ލިބިވަޑައިގަތުމެވެ. އާޚިރަތް ދުވަހެވެ. ސުވަރުގެ ލިބިވަޑައިގަތުމެވެ. ސުވަރުގެއިން މަތީ ދަރަޖައެއް ލިބިވަޑައިގަތުމެވެ.

ޚުޠުބާ ވިދާޅުވި އިމާމާ ކުރެން ތިއަ އެއްވަރު ކުރެއްވެވީ ޞަޙާބީންނާއި މިއަދުގެ ސިފައިންނާއިތޯ ސުވާލުކުރުުމުން ފުރަތަމަ ވިދާޅުވީ މިހާރުގެ ސިފައިންވެސް ތިބެނީ ހޭލާ ކަމަށެވެ. ސިފައިން ހޭލާ ތިބެނީ ބޮޑެތި މުސާރަ އާއި އިނާޔަތް ހޯދައިގެން ނޫންތޯ އާއި ޞަހާބީން އެފަދަ ބޭނުންފުޅެއް ފުއްދެވިތޯ ސުވާލުކުރުމުން ވިދާޅުވީ ތިއަ ތަފާތު އެބައޮތް ކަމަށެވެ. ނަމަވެސް ޚުޠުބާ ވިދާޅުވަނީ ލިޔެފައި ދޭ ގޮތަށް ކަމަށެވެ.

ސައުދިއަރަބިޔާއަށް ބެލި ނަމަވެސް އެންމެ ފަހުން މުސާރަ އާއި އިނާޔަތްތައް ބޮޑުކުރިއިރުވެސް އެންމެ ބޮޑެތި އަދަދުތަކުން މުސާރަ ބޮޑުވީ ސަލާމަތީ ބާރުތަކުގެ މުވައްޒިފުންގެއެވެ. އިސްލާމީ އެހެން ޤައުމުތަކުގައިވެސް މިކަން ހިނގަނީ ހަމަ މިމަގުންނެވެ.

ކޮންމެ ޤައުމެއްގައި ނަމަވެސް މިއަދުގެ ސިފައިންނާއި ފުލުހުންވެސް ކުރަނީ ޤައުމީ ޚިދުމަތެކެވެ. ނަމަވެސް އެ ޚިދުމަތް އިސްލާމް ދީނާއި ގުޅުވާނަމަ ހަޤީޤަތާއި އެއްގޮތަށް ގުޅުވުމުން ނޫނީ ބޮޑެތި އޮޅުންތައް ދާނީ އަރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް