އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ތައްޔާރުވުން 27: ރޯދަ ރޯދައަކަށް ހެދުމަށް އަމަލުކުރަންވީ ގޮތް ކީރިތި ޤްރްއާނުން އެނގެން އެބައޮތް- އޮތީ ޢަމަލުކުރުން!

ރޯދައަށް ތައްޔާރުވުން 27: ރޯދަ ރޯދައަކަށް ހެދުމަށް އަމަލުކުރަންވީ ގޮތް ކީރިތި ޤްރްއާނުން އެނގެން އެބައޮތް- އޮތީ ޢަމަލުކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތަކީ ރޯދަ އާއި ގުޅިގެން އެންމެން އެންމެ ގިނައިން އަޑުއަހައި އުޅޭ އާޔަތެވެ. ޢިލްމުވެރިން އެންމެ ގިނައިން ވިދާޅުވާ އާޔަތެވެ. "ރަމަޟާން މަހަކީ އެމަހެއްގައި ކީރިތި ޤްރްއާން ބާވައިލެއްވެވުނު މަހެވެ. (އެ ޤްރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ހައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ ތިއަ ބައިމީހުންގެ ތެރެއިން އެމައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ އެމަހުގައި ރޯދަ ހިފާހުށިކަމެވެ....."

މިއާޔަތަށް ބަލާއިރު ރަމަޟާން މަހު ދިރި ދުނިޔޭގައި ރޯދަ ހިފޭހާލުގައި ހުރި ކޮންމެ މީހަކު ރޯދަ ހިފުމަށް މާތް ﷲ މިވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ނަމަވެސް ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވެވުމުގެ ކުރިން ބަޔާން ކުރައްވަވާފައި އެވަނީ ކީރިތި ޤްރްއާނުގެ ވާހަކައެވެ.

ކީރިތި ޤްރްއާން ބާވައިލެއްވެވި ސަބަބާއި އެއިން ލިބިގަނެވޭނެ ފައިދާތަކުގެ ވާހަކައެވެ. ރޯދަ ހިފުމުގެ ވާހަކަ ވަޙީ ކުރައްވަވާފައި އެވަނީ އެއިގެ ފަހަތުންނެވެ.

މިއާޔަތުން އެނގިގެންދަނީ ރަމަޟާން މަހާއި ކީރިތި ޤްރްއާނާއި ގުޅިލާމެހިފައިވާ މިންވަރެވެ. ރޯދަ ރޯދައަކަށް ވާނީ ކީރިތި ޤްރްއާނާއި ގާތްވި މިންވަރަކުންކަމެވެ.

ކިރިތި ޤްރްއާނާއި ގާތްވުމަކީ ހަމައެކަނި ކީރިތި ޤްރްއާން ކިޔެވުމެއް ނޫނެވެ. އާޔަތްތަކުގައި ބަޔާންކުރައްވަވާފައިވާ ކަންތައްތައް ހިތަށް ގެނެވެން ވެސް ޖެހެއެވެ. މާނައަކީ ކީރިތި ޤްރްއާނުގެ މާނަވެސް ކިޔައި ހިތަށް މަޑުމޮޅިކަން ގެންނަން ޖެހެއެވެ. ހަމަ އެއާއިއެކު ކީރިތި ޤްރްއާނަށް އަމަލުކުރަންވެސް ޖެހެއެވެ. ކީރިތި ޤްރްއާނާއި ގާތްވުމަކީ މިހުރިހާ ކަންކަމެއް ކުރުމެވެ.

ކީރިތި ޤްރްއާނަށް އަމަލުކުރީމާ ދާނީ ފުރިހަމައަށް ރޯދަ ހިފެމުންނެވެ. އެހެނީ ފަރުޟު ކަންކަމާއި ސުންނަތް ކަންކަން ކުރުމަށް ކީރިތި ޤްރްއާން ގޮވާލައެވެ. އަޚްލާޤް ބަހައްޓަންވީ ގޮތް ކީރިތި ޤްރްއާން ބުނެދެއެވެ. ޞަދަޤާތްކުރުމާއި އެހީތެރިވުމުގެ ވާހަކަތައް ވަނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންނެވެ.

ދެން ކީރިތި ޤްރްއާނުން އެއިގެ ކުރިއަށް ޖެހިލަމާ ހިނގާށެވެ. ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތަށް ބަލައިލަމާ ހިނގާށެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިއަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟޫ ކުރެއްވެވި ފަދައިން ތިއަ ބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިއަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ."

ރޯދަ ފަރުޟުކުރެއްވެވި މަޤްޞަދު ކިތަންމެ ރަނގަޅަކަށްވެސް މިއޮތީ އެނގޭށެވެ. އެއީ ތަޤްވާވެރިވުން ކަމެވެ. ތަޤްވާވެރިވެވޭނީ ކީރިތި ޤްރްއާން ކިޔަވައި އެއަށް އަމަލުކުރިވަރަކުންނެވެ.

ވީމާ ބަރަކާތްތެރި ރަމަޟާން މަސް އަންގައިދެނީ ކޮން ކަންތައްތަކެއް ކަމާއި އަމަލުކުރަންވީ ކޮން ކަންތައްތަކަކަށް މިއޮތީ ވަރަށް ސާފުކޮށް ކީރިތި ޤްރްއާނުން ފެންނާށެވެ. އެގޮތުގައި ހިފަހައްޓަން ގަދައަޅައި މަސައްކަތްކުރަމާތޯއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް