އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮގު ހެކިދިނމުގެ ބިރުވެރިކަން ބޮޑުކަމުން އިށީނދެވަޑައިގެން އިންނެވި ހާލަތު ބަދަލު ކުރެއްވި - ޙަދީޘް 3 ފަށް ކުރެއްވި: ޝައިޚް ޢަލީ ޒާހިރު

ދޮގު ހެކިދިނމުގެ ބިރުވެރިކަން ބޮޑުކަމުން އިށީނދެވަޑައިގެން އިންނެވި ހާލަތު ބަދަލު ކުރެއްވި - ޙަދީޘް 3 ފަށް ކުރެއްވި: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ޤިޔާމަތުގެ ކުރިން ދޮގު ހެކި ދޭނެކަމާއި ހައްޤު ހެކި ފޮރުވާނެކަން، އަދި އެއީ ޤިޔާމާތުގެ ޢަލާމާތެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ތެދު، ޙައްޤު ހެކި ނުދީ ފޮރުވުމަކީ އަދި ތެދު ހެކިދޭން ފަހަތަށް ޖެހުމަކީވެސް ނުރައްކާތެރިކަން ބޮޑުވެގެންވާ ކަމެކެވެ. އެއީ މީހުންގެ ފުރާނައާއި ގުޅިފައިވާ ކަންކަމެވެ. މީހުންގެ މުދަލާއި ގުޅިފައިވާ ކަންކަމެވެ. މީހުންގެ އަބުރާ އިއްޒަތާއި ގުޅިފައި ހުންނަ ކަންކަމެވެ. ދޮގު ހެކި ނުދީ، އެކަމުން ދުރުވެގަންނަން ޖެހެނީ މީސްތަކުންނަށް ލިބެންޖެހޭ ހައްޤުތައް އެމީހުންނަށް ލިބިދިނުމަށްޓަކައެވެ.

ފާފަތަކުގެ ތެރެއިން އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތައް އިތުރު ޞަހާބީންނަށް ބަޔާންކޮށްދެއްވަމުން ކައު އިތުރު ރަސޫލާ (ޞޢވ) ހަދީޘްފުޅު ކުރެއްވެވިއެވެ. "އެއީ ﷲ ތަބާރަކަ ވަތަޢާލާއަށް ޝިރުކުރުމެވެ. އަދި މައިންބަފައިންނަށް އުރެދުމެވެ."

މިހިސާބަށް ހަދީޘްފުޅުކުރެއްވެވީ ލެގިވަޑައިގެން އިންނަވައެވެ. ނަމަވެސް ދެން ޙަދީޘްފުޅު ކުރައްވަވަން އޮތް ބައި ބޮޑުކަމުން ނުވަތަ އެ ފާފައިގެ ބޮޑުކަމުން ލެގިވަޑައިގެން އިންނެވުން ދޫކޮށްލައްވައި ހަށިގަނޑު ތެދުކުރެއްވެވުމަށްފަހު ވިދިވިދިގެން 3 ފަހަރު "ދޮގު ބުނުމާއި ދޮގު ހެކިދިނުން" ޙަދީޘްފުޅުކުރެއްވެވިއެވެ.

ކަމުގެ ނުބައިކަން ބޮޑުކަމުން އިށީނދެވަޑައިގެން އިންނެވި ޙާލަތު ނުވަތަ ޕޮޒިޝަން ބަދަލުކުރެއްވެވިއެވެ. އެއީ އެފާފައިގެ ނުބައިކަން ބޮޑުކަމުން އެފާފަ އާއިމެދު ޞަހާބީންގެ ސަމާލުކަން ހޯއްދެވުމަށެވެ. ހަމައެއާއިއެކު ވިދިވިދިގެން 3 ފަހަރު އެވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

(ޞަހާބީންނަކީ އިތުރު މާތް ނަބިއްޔާ ކަމެއް ކުރުމަށް އިރްޝާދެއް ދެއްވެވިނަމަވެސް، އަދި އެންމެ ފަހަރަކު އެންގެވި ނަމަވެސް ކޮންމެ ގޮތަކުން ނަމަވެސް އެކަމެއް ކުރައްވަވަމުން ގެންދެވި ބޭކަލުންނެވެ. ނަމަވެސް ވިދިވިދިގެން 3 ފަހަރު ތަކުރާރު ކުރައްވައި ޞަހާބީންގެ ސަމާލުކަމަށް ގެނެސް ދެއްވެވުމުން ދޮގު ބުނުމާއި ދޮގުހެކި ދިނުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން އެނގިގެން އެބަދެއެވެ.)

ބޮޑެތި ފާފަތައް ކަމަށް މިކިޔެނީ އެފާފައެއްގެ ނުބައިކަން ބޮޑުކަމުން މީސްތަކުންނަށް ނަރަކައަށް ދާން ޖެހިދާނެ ނުވަތަ ޖެހޭނެ ފާފަތަތަކެވެ. އެހައިވެސް ބޮޑެތި ފާފަތަކަށެވެ.

މީސްތަކުންނޭވެ. ދޮގުހެކި ދިނުމަކީ ވަރަށް ބޮޑު ފާފަފައެވެ. އެކަމުގެ ސަބަބުން މީހެއްގެ ނުވަތަ އެތައް ބައެއްގެ އެތައް ބައިވަރު ޙައްޤުތަކެއް ގެއްލިގެން ހިނގައިދާނެއެވެ. އެތައް ބައިވަރު މުދަލެއް ގެއްލިގެން ހިނގައިދާނެއެވެ. އެތައް ދުވަހަކު ބަންދުގައި އުޅެންޖެހިދާނެއެވެ. އަދި ކީއްހެއްޔެ؟ އެކަމުގެ ސަބަބުން މީހެއްގެ ފުރާނަ ގެއްލިގެން ހިނގައިދާނެއެވެ. އެކަމުގެ ސަބަބުން މީހެއްގެ އަބުރާއި އިއްޒަތް އެކުގައި ގެއްލިގެން ހިނގައިދާނެއެވެ.

އެހެންކަމުން ދޮގު ހެކި ދިނުމަކީ އިންތިހާއަށް ބޮޑެތި ފާފަތަކުގެ ތެރޭގައި މާތް ނަބިއްޔާ (ޞޢވ) ހިމަނުއްވަވާފައިވާ ކަމެވެ. ހަމަ އެއާއިއެކު ޤިޔާމާތުގެ ޢަލާ މާތްތަކުގެތެރޭގައި ހިމެނިގެން ހިނގާނެ ކަމެކެވެ.

ޙަޤީޤަތާއި ޚިލާފު ހެކި ދިނުމަކީ ވެސް ހަމަ ދޮގުހެކި ދިނުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ޤަރީނާއެއް އުފައްދައިގެން ނުވަ ދޮގެއް ހަދައިގެން ހެކި ދިން ނަމަވެސް ވާނީ ދޮގުހެކި ދިނުން ކަމަށެވެ. އަދި ހަޤީޤަތެއް ނެތް ލިޔުމެއް އުފައްދައިގެން އެއިގެ ބޭނުންކޮށްގެން ހެކި ބަސް ދިނުމަކީ ހަމަ ދޮގުހެކިދިނުމެވެ.

ބަލި ނޫން މީހަކު ބަލިމީހެއް ކަމަށް ލިޔުން ދީފިނަމަ ނުވަތަ މެޑިކަލް ސެޓުފިކެޓް ދީފިނަމަ އެކަންވެސް ވާނީ ހަމަ ދޮގުހެކި ދިނުމަށެވެ. ހަމަ އެއާއިއެކު ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ވިޔަފާރީގައި ކުރާ މުޢާމަލާތްތަކުގެ ލިޔުންތަކާއި ބިލްފަދަ ތަކެތި އޮޅުވާލައި މަކަރު ހެދުމަކީ ވެސް ހަމަ ދޮގުހެކި ދިނުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ފުރްޤާން މިސްކިތުގައި އިއްޔެ (27 މެއި) ދެއްވި ދަރުސުން -

- ދަރުސްގެ އަޑު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް