އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރިވެރިންގެ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރާ ޙަސަން އާހިލް - ކުޑަކުއްޖަކަށްހުރެ ޙާފިޡަކަށްވެ އިމާމަކަށްވުމަށްކުރި ހިތްވަރުގަދަ ދަތުރު

ވިޔަފާރިވެރިންގެ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރާ ޙަސަން އާހިލް - ކުޑަކުއްޖަކަށްހުރެ ޙާފިޡަކަށްވެ އިމާމަކަށްވުމަށްކުރި ހިތްވަރުގަދަ ދަތުރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ވިޔަފާރިވެރިންގެ މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރާ ޙަސަން އާހިލްގެ އުމުރަކީ އެންމެ 17 އަހަރެވެ. ޙަސަން އާހިލުވަނީ އިމާމުވެ ނަމާދުކުރުމުގައި ޖަމާއަތުގައި ނަމާދުކުރާ އެންމެންގެ ލޯބިހޯދައިފައެވެ. 

މިއަދުނޫހުން ޙަސަން އާހިލް އާއި ބައްދަލުކޮށް އޭނާ ކުރި ހިތްވަރުގަދަ ދަތުރުގެ މައުލޫމާތު އޮޅުންފިލުވައިލީމެވެ. 

ޙަސަން އާހިލް: 

އަޅުގަނޑު ތަޢުލީމް ހާސިލް ކުރަމުން މިގެންދަނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ގްރޭޑް 11 ގައެވެ. އަޅުގަނޑު ޤުރުއާން ހިތުދަސްކުރަން ފެށީ 2011 ވަނަ އަހަރުއެވެ. މުރާޖައާކޮށް ހާފިޛުންގެ ކޮމިޓީއަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ފާސްވި 2019 އަހަރުގެ ފެބްރުއަރީ މަހުގައެވެ. އަދި ހަމަ އެއަހަރު ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް ހާސިލްކުރީމެވެ.

އެންމެ ކުޑައިރުވެސް ޤުރުއާން ކިޔެވުމަށް އަޅުގަނޑު ލޯބިކުރީމެވެ. އޭރުވެސް އަޅުގަނޑުގެ ހިތުދަސްކުރުމުގެ ބާރު ގަދައެވެ. މަންމައާއަ ބައްޕައަށް މިކަން ފާހާގަވުމުން އަޅުގަނޑު ޤުރުއާނާ ބެހޭ މަރުކަޒުގެ ކްލާހެއްގައި ބައިވެރި ކުރުވިއެވެ. ހިތުދަސް ކޮށް ނިންމީ ވެސް ޤުރުއާނާ ބެހޭ މަރުކަޒުގައެވެ.  ޙިފްޒު ކުރަން ފަށައިގެން އެކަން ނިމުމަށްދާންދެންވެސް އަޅުގަނޑުގެ އެންމެ ބޮޑު ހިތްވަރެއް ކަމުގައިވީ އަޅުގަނޑުގެ މަންމައާއި ބައްޕައެވެ. 

އިމާމްވެ ތަރާވީޙް ނަމާދު ކުރުމަކީ ހިތުދަސް ކުރަން ފެށީއްސުރެވެސް އަޅުގަނޑު ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެކެވެ. ﷲގެ އިރާދާ ފުޅާއިއެކު އެހުވަފެން ހަޤީޤަތަކަށްވީ މިއަހަރު ވިޔަފާރިވެރިންފެ މިސްކިތުގައި އިމާމްވެ ތަރާވީޙް ކުރަން ލިބުނު ފުރުސަތާއިއެކުއެވެ. 

ރަމަޟާން މަސް ފެށި އިރު އަޅުގަނޑާއެކު އެހެން އިމާމަކު ނަމާދު ކުރިކަމުގައި ވިޔަސް މިހާރު ކުރަނީ އަޅުގަނޑު އެކަންޏެވެ. ނަމާދުކުރުމަށް ތައްޔާރުވުމުގެ ގޮތުން  އަޅުގަނޑު އެރެއަކު ކިޔަން ޖެހޭ ބައި މުރާޖަޢާ ކުރުމަށްފަހު ސްކޫލުގައި ކިޔަވައިދޭ މިޞްރު ޓީޗަރަކަށް ނުވަތަ ޤުރުއާން ހިތުދަސް ކުރަމުންދާ ރަޙުމަތްތެރިއަކަށް ކިޔައިދެމެވެ. ސްކޫލްގެ އިމްތިޙާނުތައް ކައިރި ވަމުންދާއިރު ބުރަވި ކަމުގައި ވިޔަސް ހިތްވަރާއެކު އަޅުގަނޑު މިކަން ކުރަނީ މިކަމަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުންނެވެ. އުންމީދަކީ ބޮޑުވެގެންވެސް ވަޒީފާ އަދާކުރަމުން ކިތަންމެ ބުރަކޮށް އުޅުނު ކަމުގައިވިޔަސް އިމާމުވެ ނަމާދުކުރުމައިގެން ކުރިޔަށް ދިއުމެވެ. 

މިކަމުގައި އަޅުގަނޑަށް އެހީވެ އަޅުގަނޑަށް ހިތްވަރުދޭ ކަމަށްޓަކައި އަޅުގަނޑުގެ އާއިލާއާއި މުދައްރިސުންނާއި އެކުވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަމެވެ.

މިއަދުނޫހުން އެދެނީ ޙަސަން އާހިލް އަށާއި އޭނާފަދަ ހިތްވަރުގަދަ ހުރިހާ އިތުރު ކާމިޔާބީއަށެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް