އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު
"އެޒުވާނާހުރީ ވައްކަން ކުރުމުގަ ހައްދު ފަހަނައަޅައިފަ. ހުކުރަށް ޙަރަންބަންނަ ވަގުތު މިސްކިތާ ޖެހިގެން ހުރި ފިހާރަވެސް ފަޅައިލީ. އަބަދު ވައްކަންކުރަނީ. ފުލުހުންނަށް މައްސަލަ ހުށަހެޅުނު ވަރެއްވެސް ނޭނގެ! ކުރެވުނު އެއްވެސް ކަމެއް އޮތް ކަމަކަށް ނުވި.
އެންމެފަހުން ފިހާރައަކުން ވައްކަންކޮށްގެން އެމީހުންގެ ދެވަނަ ފިހާރައަށް އެއްޗެތި ވިއްކަން ގެންދިއަ ހިސާބުން ކަންކަން ގޯސްވީ. ބައަކު ލޭކެކި އަމިއްލައަށް އިންޞާފުހޯދަން އުޅެފަ އޮއޮތީ! ޤާނޫނުން ނުވަތަ ދީނުގަ އެކަން ހުއްދަ ނުވިނަމަވެސް މީހަކު އަބަދު ވައްކަންކުރާނަމަ އެކަން ބަލަހައްޓައިގެން ތިބޭކަށް އެއްވެސް ބައަކަށް އަބަދު ތިބެން ފަސޭހައެއް ނުވާނެ ނޫންތޯ؟
ވަގުކަލޭގެ ދިފާޢުކުރަން އޭނާގެ ގްރޫޕުން ނުކުމެ ފުލުހުންނަށް އިންޒާރުދޭކަމުގެ ޚަބަރުތައްވެސް މިހާރު ރަށުތެރެއިން އެބަ ލިބޭ! ރަށުގަ ތިބި ނުލާހިކު ހީވާގި ހުނަރުވެރި، އަމިއްލަ މަސައްކަތުން ކުރިއަރަމުން އަންނަ 4 ޒުވާނުން މިހާރު އެތިބީ ހައްޔަރުކޮށްފަ. އަނިޔާކުރީތީ ދިގު މުއްދަކަށް ޖަލަށް ޙުކުމްވެސް ކުރާނެ!
އަޅުގަނޑުމެންގެ ސުވާލަކީ މިޙާލަތަށް މިކަންކަން މިދަނީ ވަގުންނަށް އަދަބު ނުދެވޭތީ ނޫންތޯއޭ؟ ވައްކަންކުރީމާ ފިޔަވަޅު ނޭޅޭތީ ނޫންތޯއޭ؟ ވަގުން ހައްޔަރުކޮށް އެންމެ ކުޑަމިނުން ރިހިބިލިޓޭޓް ކުރެވޭނެ އިންތިޒާމެއް ނެތީމަ ނޫންތޯއޭ؟ އެކަންކަން ދައުލަތުގަ ނެތި ކިހިނެއްތޯއޭ މިފަދަ ޙާލަތު މެދުވެރިވުން ހުޓުވާނީ؟ ޖެހީމާ ތަދުވާހެން އުމުރު ދުވަހު ކުރާ މަސައްަތް ވަގަށް ނެގީމާ ތަދުނުވާނީތޯއޭ؟ އަބަދު ކެތްކޮށްގެން ތިބުމަކީ ކުރެވޭނެ ކަމެއްތޯއޭ؟"
މިއީ ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށް ތަޅައި އަނިޔާކުރި މައްސަލައިގައި މިއަދުނޫހަށް މައުލޫމާތު ދެއްވި ކުޅުދުއްފުށީގެ އެންމެ އިސް ރައްޔިތަކު ހިއްޞާކުރެއްވި ކަންކަމެވެ.
އަނިޔާ ލިބުނު ޒުވާނާއަކީ މާލެއިން ރަށަށްދާނެ ޓިކެޓެއް ނުލިބިގެން އެހީހޯދަން ފޮށްޓެއް ހަދައިގެން ވިޔަފާރިވެރިންގެ މިސްކިތުގައި ދުވަސްކޮޅެއްކުރިން އިން ޒުވާނެކެވެ.
Advertisement
6 ޖޫން 2021