އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯއައިސީ ގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި މިނިސްޓަރ ޝައުނާ ތަޤްރީރުކުރައްވައިފި

އޯއައިސީ ގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި މިނިސްޓަރ ޝައުނާ ތަޤްރީރުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އޯއައިސީގެ ސައިންސް އެންޑް ޓެކްނޯލޮޖީގެ ދެވަނަ ސަމިޓުގައި ތަޤްރީރުކުރައްވައިފިއެވެ.

އޮންލައިންކޮށް ބޭއްވުނު މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމަކަށްވެފައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑު ކަމަށެވެ. އަދި، ކޯވިޑް 19 ގެ ސަބަބުން މިހާރު ހުރިހާ ޤައުމެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް އަސަރުކޮށްފައިވާކަމަށާއި، ދިވެހިރާއްޖެއަކީ އިމްޕޯޓަށާއި، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދުކުރުމާއި ބޭރު ޤައުމުތަކާއި ދެމެދު އޮންނަ ދަތުރުފަތުރުގެ ކަންކަމަށް ބުރޫއަރާފައި ވުމާއެކުވެސް، ކާބޯތަކެތެއްޗާއި އެނަރޖީ ސެކިއުރިޓީއަށް އޭގެ އަސަރު ނުކުރީ ދިވެހި ސަރުކާރު އެކަމަށް ރަނގަޅަށް ތައްޔާރުވެފައި އޮތުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަކީ މުހިއްމު ކަމަކަށްވާތީ، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އަޕްޑޭޓެޑް އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާނެކަމަށާއި ބޭނުންވާ ވަރަށް ޓެކްނޮލޮޖިކަލް އަދި ފައިސާގެ އެހީ ލިބިއްޖެނަމަ 2030 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންމެ އަތޮޅަކުން މަދުވެގެން 1 ރަށާ، 1 ފަރާ، 1 ކަނޑޫފާ ހިމެނޭގޮތަށް ހިމާޔަތްކުރުމަކީ މިސަރުކާރުގެ ވަޢުދެއްކަމަށާއި އަދި އަތޮޅުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް މުޅި އަތޮޅު ބަޔޯސްފިއަރ ރިޒަރވެއް ގޮތުގައި ކަނޑައަޅާނެކަމަށަވެ. އަދި މީހުންގެ ސިއްޙަތާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް، ދިވެހިރާއްޖެއަށް ވަކި ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުމާއި، އުފެއްދުމާއި ބޭނުންކުރުން މަނާކޮށް، ތިމާވެއްޓާއި ރައްޓެހި ތަކެތި ޕްރޮމޯޓް ކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒު ކުރަން ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖެ ނެޓު ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި، ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށުގައި ސޯލާރ ޕީވީ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ނެޝަނަލް ރިޒިލިއެންސް އެންޑް ރިކަވަރީ ޕްލޭންގައިވާ ގޮތަށް، ގަވަރމަންޓް ޓެކްނޯލޮޖީ އޭޖެންސީއެއް ޤާއިމުކުރެވޭނެ ކަމަށާއި، ޑިޖިޓަލް ނޭޝަނަލް އައިޑެންޓިޓީވެސް ތަޢާރަފުކުރެވިގެން ދާނެކަމަށާއި މިކަމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތް ދެ އަހަރުގެ އަމާޒަކީ ސަރުކާރުން ދޭ ޚިދުމަތްތަކާއި، ސިއްޙީ ގިނަ ޚިދުމަތުމްތައް އޮންލައިންކޮށް ލިބިގަނެވޭނެ ގޮތްތައް ހަމަޖެއްސުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.  

މިނިސްޓަރ ވިދާޅުވީ އިސްލާމްދީން ބުނެދެނީ ލބިފައިވާ ޢިލްމުގެ ބޭނުން ހިފުމަށްކަމަށާއި މިހާރު ޤައުމުތަކުގައި ހުރި ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ދަތިތަކުން އަރައިގަތުމަށް ޢިލްމާއި، ފަންނީ ލަފައާއި ވަޞީލަތްތައް ޤައުމުތަކުގެ މެދުގައި ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިނިސްޓަރ ވަނީ ސައިންސް، ޓެކްނޯލޮޖީ، ސިއްޙަތު އަދި ތަޢުލީމާއި ތިމާވެށީގެ އިތުރުން އަންހެނުން ބާރުވެރިކުރުމާއި އެހެނިހެންވެސް ދާއިރާތައް ކުރިއެރުވުމަށް މެމްބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އޯއައިސީގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، މީހުންގެ ޢަމަލުތަކަށާއި، ތިމާވެއްޓަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތައް ދެނެގަނެ އެކަންކަމާ ވިސްނަން ޖެހޭކަމަށެވެ.

ރާއްޖެއިން އޯއައިސީގެ މެމްބަރު ޤައުމަކަށްވީ 1976 ވަނަ އަހަރުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު