އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު
މަސްޖިދުއްޛިކުރާ ކައިރިން ބަންގްލަދޭޝް މީހަކު ނަގައިގެން ގޮސް ދުވަހު މަސައްކަތެއް ކުރުވުމާ އަހަރު ދުއަހަރަށް ސަރުކާރާއިއެކު އެއްބަސްވުން ހަދައިގެން ކުރާ މަސައްކަތަށް ބޭނުންވާ މުވައްޒިފުން ގެންގުޅުމަކީ ތަފާތު 2 ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.
މިސާލަކަށް އެއް ކަމެއްގެ ގޮތުން މާލެ ސިޓީގެ މިސްކިތްތައް ސާފުކުރުނަ ނަގަމާތޯއެވެ؟ މަސައްކަތްކުރަނީ ކުންފުނިހަދައިގެން ސަރުކާރާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. މިސްކިތްތައް ސާފުކުރުމަކީ "ނާސާގެ ސައިންސްވެރިން ގެނެސްގެން ހިންގަން ޖެހޭ މަލްޓިބިލިއަން ޑޮލަރުގެ، ދިވެހިންގެ ކިބައިގައި އެވަރުގެ ޤާބުލުކަން ނެތްވަރުގެ ބޮޑެތި މަޝްރޫޢުތައް ކަމުގައިވާތީ" މިހާރު ބައެއް މިސްކިތްތައް ބަލަހައްޓާ ކުނފުނީގެ ބޮޑުމީހާއަކީ ދިވެހިބަސް ނުއެނގޭ މީހުންކަން މިއަދު ނޫހަށް ވަނީ ފާހަގަކުރެވެއެވެ.
ދެން މިސްކިތްތައް ސާފުކުރަން އުޅެނީ ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އޮތް މުވައްޒިފުންނެއް ނޫނެވެ. ކޮވިޑާއިހުރެ ބޭރުން ލޭބަރުން ނުގެނެވޭނަމަ މިހާރު އެފޮނުވާ ލޭބަރުންނަކީ އެކުނފުނީގެ މުވައްޒިފުން ކަމުގައި ހަމަޖައްސައިފިނަމަ ޤަވާއިދާއި ޚިލާފަށް ތިބި ބައެއްގެ މައްސަލަވެސް ޙައްލުކުރެވުނީއެވެ.
ޤަބޫލުކުރާ ގޮތުން މަގުމަތިން ހޮވައިގެން މިފަދަ މަސައްކަތްކުރުވަނީ މުސާރަ ނުދީ ހިފެހެއްޓުމުގެ ބޭނުމުގައެވެ. މިސްކިތްތައް ސާފުކުރުމަށް ހެދި ކުރީ އެގްރިމަންޓްތަކުގެ މުއްދަތު ހަމަވެ ބާޠިލުވެގެންދިއައިރު މުސާރަ ނުދޭތާ 9 މ،ަސް ދުވަސްވެފައިވާ މުވައްޒިފުން ރޮއިރޮއި ތިބިތަން ވަނީ ފެނިފައެވެ. ފަހުން ހެދި އެގްރިމަންޓްތަކުގެ ދަށުންވެސް މުސާރަ ނުދޭތާ 3 މަސް ފާއިތުވެފައިވާ ކުންފުނިތައް އެބަހުރިކަން ވަނީ އެނގިފައެވެ. ޤަވާއިދާއި ޚިލާފަށް ތިބޭ މީހުންލައްވައި މަސައްކަތްކުރުވުމުން މަސައްކަތްކުރުވާފަރާތައް ލިބޭ ބޮޑު ފައިދާއަކީ މުސާރަ ނުދިނުމުން ޝަކުވާކުރަން މައްސަލަ ހުށަހަޅަން އޭނާ ބިރުގަންނާތީ މައްސަލަ ނުޖައްސާ ކަމެވެ.
ސަރުކާރުގެ ފަރާތުން މަޝްރޫޢްތަކާ ބިޑްތައް ކާމިޔާބުކޮށްގެން ކުރާ މަސައްކަތް ކުރާ މީހުންނަކީ ޤަވާއިދުން ރާއްޖޭގައި ތިބި ބައެއްކަން ބަލަހައްޓައިލެވޭނެ ފެންވަރު އިކޮނޮމިނިސްޓްރީގައި ނެތްކަން މިވަނީ އެނގިފައެވެ.
މިވަރުގެ ކުދިކުދި ކަންކަން ހަމަޖައްސައިލުމުގެ ޤާބިލުކަން ނެތި މިއުޅެނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި 2 ލައްކަ މީހުންގެ މައްސަލަ ހަމަޖައްސަންކަމަށް ބުނީމާ އަންނާނީ ކޮންއެއްޗެއްތޯއެވެ؟ އަދި ފެންނަ ގޮތުން 5 އަހަރުތެރޭ އެކަން ކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ޤަވާއިދާއި ޚިލާފަށް ތިބޭ މީހުންގެ ނަމުގެ ފަހަތައް އިކޮނޮމިކް މިނިސްޓްރީ އިތުރުކުރުމެވެ. މިސާލަކަށް "މުސިން ސުމޮން ޖަޑިލަ" ގެ ނަން ލިޔާއިރު "މުސިން ސުމޮން ޖަޑިލަ އިކޮނޮމިކް މިސްޓްރީ" ނުވަތަ "މުސިން ސުމޮން ޖަޑިލަ ފައްޔާޟް އިސްމާޢީލް"ފަދަ ގޮތަކަށް ނަންލިޔެފައި ކާޑު ދޫކުރުމެވެ.
Advertisement
21 ޖޫން 2021