އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން 2 - ޝަރީޢަޠާ ފުށޫއަރާ ގޮތަށް ކުރާ ޢަމަލު ޤަބޫލުފުޅެއް ނުކުރައްވަވާނެ!

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން 2 - ޝަރީޢަޠާ ފުށޫއަރާ ގޮތަށް ކުރާ ޢަމަލު ޤަބޫލުފުޅެއް ނުކުރައްވަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 49 ސިކުންތު

(قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾) 

(قَيِّمًا) (އެ ފޮތް ބާވައިލެއްވީ) ސީދާވެގެންވާ ފޮތެއްކަމުގައެވެ.

ފުރަތަމަ ބަޔާން ކުރެއްވީ ގުރްއާނަކީ އެއްވެސް ގުދުކަމެއް ނުސީދާ ކަމެއް ނުވާ ފޮތެއް ކަމަށެވެ. (ޢައިބު ނަފީ ކުރީއެވެ.) އެއަށްފަހު ގުރްއާނުގެ ފުރިހަމަކަން އިތުރަށް ޘާބިތުކޮށްދެއްވީއެވެ. 

ގުރްއާން ބާވާލެއްވުމުގެ ޙިކްމަތް ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ. ( لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا )  "އެކަލާނގެ حضرة ން (كافر ންނަށް) ހުރި ގަދަފަދަ عذاب އެއްގެ ވާހަކައިން إنذار ކުރެއްވުމަށެވެ. އަދި صالح عمل ތައްކުރާ مؤمن ންނަށް، ހެޔޮވެގެންވާ ދަރުމަހުރިކަމުގެ އުފާވެރި خبر ދެއްވުމަށެވެ." 

(لِّيُنذِرَ) މިތަނުގައި ޟަމީރު ރުޖޫޢަވަނީ (عَبْدِهِ ) "ރަސޫލާ" އަށް ކަމަށްވެސް، އަދި (الْكِتَابَ) "ފޮތަށް" ކަމަށް ވުން ވެސް އެކަށީގެންވެއެވެ. މި ދެގޮތްވެސް ރަގަޅެވެ. އެހެނީ، ރަސޫލާގެ މައްޗަށް ފޮތް ބާވާލެއްވުނީ އެފޮތުން މީސްތަކުންނަށް އިންޛާރު ދެއްވުމަށް ޓަކައެވެ. އަދި ފޮތް އޭގެ ޛާތުގައިވެސް އެއީ އިންޛާރު ދޭ އެއްޗެކެވެ. 

(لِّيُنذِرَ) އިންޛާރަކީ މީސްތަކުންނަށް ބިރުވެރި ކަމުގެ ޚަބަރު ދެއްވުމެވެ. 

(بَأْسًا شَدِيدًا مِّن لَّدُنْهُ ) "އެކަލާންގެ ޙަޟްރަތުން އަތުވެދާނެ ގަދަފަދަ ޢަޛާބަކުން"

(بَأْسًا) މިއީ ޢަޛާބުގެ ވާހަކަ އެވެ. ސޫރަތުލް އަޢްރާފްގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَاءَهَا بَأْسُنَا بَيَاتًا أَوْ هُمْ قَائِلُونَ ﴿٤﴾) މާނައަކީ: "ތިމަންރަސްކަލާނގެ ކޯފާލައްވައި، ހަލާކު ކުރެއްވީ ކިތައްކިތައް ރަށް ހެއްޔެވެ؟ ފަހެ، ރޭގަނޑުގައި، ނުވަތަ މެންދުރު އެއުރެން ނިދާފައި ތިއްބައި އެ ރަށްތަކަށް ތިމަންރަސްކަލާނގެ عذاب އައެވެ." 

(مِّن لَّدُنْهُ ) ﷲ ގެ ޙަޟްރަތުން.

(وَيُبَشِّرَ الْمُؤْمِنِينَ ) އައްތަބްޝީރަކީ އުފާވެރިކަމުގެ ޚަބަރު ދެއްވުމެވެ.  

(لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾  )

(لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ ) "ﷲ ގެ ޙަޟްރަތުން އަތުވެދާނެ ޢަޛާބެއްގެ މަތިން އިންޛާރު ދެއްވުމަށެވެ." މި ތަނުގައި މަފްޢޫލު ބިހީ (ކަން ރައްދުވާ ފަރާތް) ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޖެހިގެން އިން ޖުމްލާގައި (وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ  ) "އީމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް އުފާވެރި ކަމުގެ ޚަބަރު ދެއްވުމަށެވެ." އޮތުމުން ކުރީ ތަނުގެ މަފްޢޫލު ބިހީ ނުވަތަ ކަން ރައްދުވާ ފަރާތަކީ ކޮބައިކަން ދޭހަވެއެވެ. އެއީ "ކާފިރުންނެވެ." ސަބަބަކީ އުފާވެރި ކަމުގެ ޚަބަރު ދެއްވަނީ އިމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށް ކަމަށްވަނީނަމަ، އިންޛާރު ދެއްވާނީ އެގޮތަށް ނޫޅެ ކާފަރުވީ މީހުންނަށް ކަމަށްވާތީވެއެވެ. 

(الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ ) "އީމާންވެ ހެޔޮ ޢަމަލު ކުރި މީހުން" މި ތަނުން ދޭހަވާ ގޮތުގައި ހަމަ އެކަނި އީމާންވިޔަސްވެސް ނުފުދެއެވެ. އެޔާއި އެކު ހެޔޮ ޢަމަލުވެސް ކުރަން ޖެހެއެވެ. އެހެންވެ، ބައެއް ސަލަފުންގެ އަރިހުން ސުވާލު ކުރެވިފައިވެއެވެ. "ސުވަރުގޭގެ ތަޅުދަނޑި އަކީ "ލާ އިލާހަ އިއްލަﷲ" "ﷲ މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވޭ" މިޔެއް ނޫން ހެއްޔެވެ؟ ވީމާ، މިފަދައިން ކިޔައިފި މީހަކަށް ސުވަރުގޭގެ ދޮރުތައް ހުޅުވޭނެ ނޫން ހެއްޔެވެ؟ ޖަވާބުގައި އެބޭފުޅުން ވިދާޅުވެފައިވެއެވެ. އާދޭހެވެ. ނަމަވެސް، ދަތް ނެތް ތަޅުދަނޑި އަކުން ހުޅުވާނީ ކިހިނެއް ހެއްޔެވެ؟" ވީމާ، ޝަހާދަތުގެ ދެކަލިމަ ކިޔާ އީމާންވުމަށްފަހު ހެޔޮ ޢަމަލު ކުރަން ޖެހެއެވެ. ހެޔޮ ޢަމަލަކީ ތަޅުދަނޑީގެ ދަތްތައް ފަދަ އެވެ.

(الْمُؤْمِنِينَ  ) އީމާންވުން ވާޖިބު ވެގެންވާ ކަންތައްތަކަށް އީމާންވެފައިވާ މީހާ، އެއީ ކޮންކަންތައްތަކެއްކަން ޖިބްރީލް ޢަލައިހިއްސަލާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާން ކޮށްދެއްވާފައެވެ. ޙަދީޘް ކުރެއްވިއެވެ. "އީމާން ކަމަކީ ﷲ އަށާއި މަލާއިކަތުންނަށާއި، ބާވާލެއްވި ފޮތްތަކަށާއި، ފޮނުއްވި ރަސޫލުންނަށާއި، އާޚިރަތްދުވަހަށާއި، ގަޟާ ގަދަރުގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އިމާންވުމެވެ." 

(الَّذِينَ يَعْمَلُونَ الصَّالِحَاتِ ) ހެޔޮ ޢަމަލުކޮށް އުޅޭ މީހުން، ހެޔޮ ޢަމަލަކަށް ވަނީ ދެކަމެއް ފުރިހަމަވީމަ އެވެ. އެއީ:

• ﷲ އަށް އިޚްލާޞްތެރިވުން. ކުރާ ކޮންމެ ކަމަކީވެސް ﷲ އާއި އާޚިރަތް ދުވަސް އެދިގެން ކުރާ ކަމަކަށް ވުން. 

• ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެއްގޮތަށް ޢަމަލުތައް ކުރުން.

އިޚްލާޞްތެރި ކަމުގެ އިދިކޮޅު ޞިފަ އަކީ ޝިރްކު ކުރުމެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މުތާބަޢާ ކުރުމުގެ އިދިކޮޅު ޞިފަ އަކީ ބިދުޢަ ހެދުމެވެ. ކިތަންމެ ޒީނަތްތެރިވެ، ކިތަންމެ ބިރުވެރި ކަމާއި ޚުޝޫޢަތްތެރި ކަމާއި އެކު ކުރިނަމަވެސް ބިދުޢަވެރި ޢަމަލެއް ﷲ ގެ ޙަޟްރަތުގައި ގަބޫލު ނުކުރައްވާނެއެވެ. އެއީ ޝަރީޢަތާއި އެތްގޮތް ކަމަކަށްނުވާތީވެއެވެ. އެހެންކަމުން، މީސްތަކުން ކިތަންމެ ރިވެތި ކަމެއްގެ ގޮތުގައި ބަލައިގެން ނަމަވެސް ބިދުޢަވެރި ޢަމަލަކީ ﷲ ގެ ޙަޟްރަތުގައި ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ، އެއީ މަގުފުރެދިފައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (كل بدعة ضلالة) މާނައަކީ: "ކޮންމެ ބިދުޢަ އަކީ ގެއްލެނިވި ކަމެކެވެ."  

މީހަކު ބޭރުފުށަށް ފެންނަ ފެނުމުގައި ޝަރީޢަތާއި އެއްގޮތަށް ކުރި ނަމަވެސް އޭނާގެ ހިތުގައި ދެއްކުންތެރި ކަމެއް އޮވެއްޖެނަމަ އެކަމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެކަމުގައި އިޚްލާޞްތެރިކަން ނެތިފައިވާތީވެއެވެ. ހަމައެފަދައިން ޝަރީޢަތާއި ފުށޫ އަރާ ގޮތަށް ޢަމަލެއް ކުރިޔަސް އެކަންވެސް ގަބޫލެއް ނުކުރައްވާނެއެވެ. ވީމާ، ޢަމަލުތައް ގަބޫލު  ކުރެއްވުމުގައި ދެ ޝަރްޠެއް ހަމަވާން ޖެހެއެވެ. އެއީ އިޚްލާޞްތެރި ކަމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުތާބަޢާ ކުރުމެވެ. 

މުއިމިނުންނަށް ދެއްވާ އުފާވެރި ކަމުގެ ޚަބަރަކީ ކޮބައިކަން އަންގަވާ ވަޙީ ކުރެއްވިއެވެ. (أَنَّ لَهُمْ أَجْرًا حَسَنًا ) ﷲ ގެ ޙަޟްރަތުން ދެއްވާ މަތިވެރި ޘަވާބާއި ދަރުމައެވެ.

މިތަނުގައި ޘަވާބަށް "އަޖްރު" ގެ ނަން ދެއްވާފައިވަނީ އެ އަޖްރު ލިބެނީ އެބައިމީހުން ކުރާ ހެޔޮ ޢަމަލާއި ގުޅިގެން ކަމަށްވާތީވެއެވެ. މިއީ ﷲ ގެ ޢަދުލުވެރި ކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެނީ އެކަލާންގެ އަށް ކިޔަމަންތެރި އަޅުންނަށް ދެއްވާ ޘަވާބަށް "އަޖްރު" ގެ ނަން ދެއްވާފައިވުމުން، އިންސާނާ އަށް ހިތްހަމަ ޖެހުން ލިބެއެވެ. އެގޮތަކީ އޭނާގެ މަސައްކަތުގެ އަޖްރު ލިބޭނެކަން ކަށަވަރެވެ. މަސައްކަތެއް ކޮށްފިނަމަ އޭގެ އުޖޫރަ ލިބޭ އުޞޫލުންނެވެ. 

(أَجْرًا حَسَنًا) "ހެޔޮވެގެންވާ ދަރުމަ"، މިދަރުމަ މިޔަށްވުރެ ފުޅާކޮށް ލިބޭނެކަން އަންގަވާ ސޫރަތު ޔޫނުސްގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ) މާނައަކީ: "ހެޔޮ عمل ކުޅަމީހުންނަށް، އެންމެހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެއެވެ.) އަދި އޭގެއިތުރަށްވެސް ހުށްޓެވެ. (އެއީ اللَّه ގެ ދީދާރުފުޅު ދެއްކެވުމެވެ.)" 

ސޫރަތުއް ރަޙްމާންގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ ﴿٦٠﴾   ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟" 

ވީމާ، ޢަމަލުތަކުގެ ޖަޒާ ދެއްވަނީ ޢަމަލާއި އެއްވަރަށްތޯ ނުވަތަ އެއަށްވުރެ ފުރިހަމަ އަށް ތޯ؟ މިއީ އުފެދޭ ސުވާލެކެވެ. ޖަވާބަކީ: އެންމެ ފުރިހަމަ އަށެވެ. ވީމާ، (حَسَنًا) މިބަސްފުޅުގެ މުރާދަކީ އެންމެ ހެޔޮވެގެންވާ ދަރުމަ އެވެ. ސަބަބަކީ ސުވަރުގޭގެ ދަރުމަ އާއި އެއްގޮތް އެހެން ދަރުމަ އެއް ނުވާތީވެއެވެ. 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް