އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން 4: ﷲ އަށް ދަރިކަލަކުވާކަމަށްބުނެ ހަދާ ބޮޑު ދޮގުގެ ވާހަކަ -

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން 4: ﷲ އަށް ދަރިކަލަކުވާކަމަށްބުނެ ހަދާ ބޮޑު ދޮގުގެ ވާހަކަ -


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު

(وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾   

"އަދި اللَّه، ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذار ކުރެއްވުމަށްޓަކައެވެ."

މި އާޔަތުގައި މިވަނީ ކުރީ އާޔަތުގައި ބަޔާން ނުކުރައްވާ ދޫކޮށްލެއްވި ބައެއް ކަންތައްތަކުގެ ތަފްޞީލެވެ. މަސީޙު ޢީސާ އަކީ ﷲ ގެ ދަރިކަލެއް ކަމަށް ބުނަމުން އައި ނަޞާރާ އިންނަށާއި، ޢުޒައިރު އަކީ ﷲ ގެ ދަރި އެއް ކަމުގައި ބުނަމުން އައި ޔަހޫދީންނަށް، އަދި މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރިން ކަމުގައި ބުނަމުން އައި މުޝްރިކުންނަށް ވަރުގަދަ އިންޛާރެއް ދެއްވާފައެވެ. 

(مَّا لَهُم بِهِ مِنْ عِلْمٍ) "އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސް علم އެއް ލިބިފައެއް ނުވެއެވެ." އެބަހީ ﷲ އަށް ދަރިކަލަކު ވާ ކަމަށް އެބައިމީހުން ބުނާ ބުނުމުގައި އެބައިމީހުންނަށް ޢިލްމެއް ނެތެވެ. 

(وَلَا لِآبَائِهِمْ) އެބައިމީހުން ބުނި ފަދައިން ބުނި (ﷲ އަށް ދަރިކަލެއްވާ ކަމަށްބުނި) އެބައިމީހުންގެ ކާބަފައިންވެސް.

(كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ)  އެބައިމީހުންގެ އަނގައިން އެބޭރު ކުރަނީ ހާދަހާވާ ބޮޑު ބަހެކެވެ. ސޫރަތު މަރްޔަމްގެ 90 އިން 93 ގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا لِلرَّحْمَـٰنِ وَلَدًا ﴿٩١﴾ وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾) މާނައަކީ: "އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީ رحمن ވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެން ގޮވުމުގެ ސަބަބުންނެވެ. ފަހެ، ދަރިކަލަކު ހިއްޕެވުން رحمن ވަންތަ ރަސްކަލާނގެއަށް އެކަށީގެނެއް ނުވެއެވެ. رحمن ވަންތަ ރަސްކަލާނގެ حضرة އަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ."  

(تَخْرُجُ مِنْ أَفْوَاهِهِمْ) " އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ!"

މި ޖުމްލައިން ދޭހަވަނީ އެބައިމީހުން އެބުނާ ބުނުމެއް ބުނަނީ ހިތުން ޔަގީންކޮށްގެން ނޫން ކަމެވެ. ސަބަބަކީ ﷲ އަށް ދަރިޔަކު ވާކަމަށް ބުއްދި ހުރި މީހަކު ނުބުނާނެއެވެ. ސަބަބަކީ މިދަރިޔަކީ އާދައިގެ އިންސާނެއް ނަމަ، އޭނާ ކާށާއި، ބޯން، އަދި ހެދުން ލާން ބޭނުންވާނެއެވެ. ބަނޑުހައިވުމާއި ހަރުހިއްކުމާއިވެސް ކުރިމަތިވާނެއެވެ. އަދި އެނޫންވެސް އިންސާނުންނަށް ކުރިމަތިވާ ހުރިހާ ކަމެއް ކުރިމަތިވާނެއެވެ. ވީމާ، އެހުރިހާ ކަމެއް ބޭނުންވާ ދަރިކަލަކު، ﷲ އަށް ލިބިގެންވުން އެއީ މުސްތަޙީލު ކަމެކެވެ.  އެހެންވެ، އެބައިމީހުންގެ ވާހަކަތަކަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ.

(إِن يَقُولُونَ إِلَّا كَذِبًا  ) "އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ."  

މިތަނުގައި (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ. އެކަން ބޮޑަށް ދޭހަވަނީ ފަހަތަށް (إِلَّا) "މެނުވީ" ގެންނަވާފައިވުމުންނެވެ. ސޫރަތު ފާޠިރުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ أَنتَ إِلَّا نَذِيرٌ ﴿٢٣﴾  ) މާނައަކީ: " إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ." 

ސޫރަތުލް މާއިދާގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿١١٠﴾ ) މާނައަކީ: "ފަހެ، އެއުރެންގެ ތެރެއިން كافر ވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيان ވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ." 

މި ހުރިހާ ތަނެއްގައިވެސް (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ.

(كَذِبًا ) ދޮގު، ދޮގަކީ ޙަގީގަތާއި ޚިލާފަށް ވާހަކަ ދެއްކުމެވެ.  ޙަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަކީ ތެދުބުނުމެވެ. މިޘާލަކަށް: "މިވެނި މީހަކު އަތުވެއްޖެޔޭ" ބުނާ އިރު އެމީހަކު ނާންނަ ކަމަށް ވަނީނަމަ އެހެދެނީ ދޮގެކެވެ. އެއީ ޙަގީގަތް އެނގިގެން ބުނި އެއްޗެއް ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. އޭގެ ދަލީލަކީ ސުބައިޢިއްޔަތުލް އަސްލަމީ ރަޟިޔަﷲ ޢަންހާގެ ވާހަކަ އެވެ. އެކަމަނާ ބަލިވެ އިންނަވަނިކޮށް ފިރިކަލުން އަވާހަރަވިއެވެ. ފިރިކަލުން ނިޔާވިތާ ކުޑަދުވަސްކޮޅެއް ތެރޭގައި ރައްކާވެވަޑައިގެންފިއެވެ. އެހިސާބުން އެކަމަނާ ޙިދާދު ހެދުން ދޫކޮށްލައްވާ، ކައިވެނި ކުރުމަށް ޓަކައި ޒީނަތްތެރިވެ ވަޑައިގަތެވެ. މިގޮތަށް މިކަންވެފައިވަނިކޮށް އެއްދުވަހަކު އަބުއްސަނާބިލް އެކަމަނާގެ ގާތުގައި ވިދާޅުވިއެވެ. "ހަތަރު މަހާއި ދިހަ ދުވަސް ވުމުން މެނުވީ ކަމަނާ ޙިދާދުގެ ހެދުންކޮޅު ދޫކޮށް ނުލެވޭނެއެވެ." ސަބަބަކީ އެކަމަނާގެ ފިރިކަލުން ނިޔާވިތާ 40 ދުވަސް ނުވަނީސް އެކަމަނާ ރައްކާވެ ވަޑައިގެންފިއެވެ. އަބުއްސަނާބިލް އަށް ހީފުޅުވެފައި އޮތީ ޢިއްދާގައި އިންނަން ޖެހޭނީ އެންމެ ދިގު މުއްދަތަށް ކަމަށެވެ. 

އެހެންވެ، އެކަމަނާ އަލުން ޙިދާދުގެ ހެދުންކޮޅު ތުރު ކުރައްވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް އެވާހަކަތައް ދެންނެވިއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަބުއްސަނާބިލް އިތުރުފުޅު ހައްދަވައިފިއެވެ." މިތަނުގައި އަބުއްސަނާބިލް ހީފުޅު ކުރެއްވީ ދިގު މުއްދަތަށް ޢިއްދާގައި އިންނަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެކަމަށް ރިޢާޔަތް ކުރައްވާ އެކަލޭގެފާނު އެހެން ވިދާޅުވީއެވެ. ކޮންމެ އަކަސް އަބުއްސަނާބިލް އަށް އެނގިވަޑައިނުގެން ނަމަވެސް ޙަގީގަތާއި ޚިލާފަށް ވިދާޅުވުމުން އެކަން ވެފައި އެވަނީ "ދޮގަކަށެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު