އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހުފި ސޫރަތާއި އަދުގެ ޒަމާނީ ދުނިޔެ

ކަހުފި ސޫރަތާއި އަދުގެ ޒަމާނީ ދުނިޔެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 11 މިނެޓް, 20 ސިކުންތު

- ފެށުން

ބުއްދީގެ އަޅު އާދަމުގެ ދަރިޔާއެވެ! ހިނދުކޮޅަކަށް ނަމަވެސް ފިކުރުކޮށްލަބަލާށެވެ. މިއުޅެވެނީ ކޮންފަދަ ކެހިވެރި ޒަމާނެއްގައި ހެއްޔެވެ؟ ވަށައިގެން މިވަނީ ކޮންފަދަ ޢަޖާއިބުކުރަނިވި ދުނިޔެއެއް ހެއްޔެވެ؟ ބިމުގައި އިންސާނާ ލެއްވީއްސުރެ މިވަރުގެ ފަސާދައަކާއި ފިތުނަވެރިކަމެއް ދުނިޔެ ނުދެކެއެވެ. އެއްކައުވަންތަ އިލާހު ޤަބޫލުނުކުރާ މިވަރުގެ ބޮޑު މުޖުތަމަޢުއެއް ނުއުފެދެއެވެ.

ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ހުރިހައި ކަމެއް އެއްބައެއްގެ މުށުތެރެއަށް ލައިފިއެވެ. މުޅި ދުނިޔޭގެ ކޮންޓްރޯލް އެއްބަޔަކު ނަގައިފިއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި ކާބޯތަކެއްޗާއި ޘަޤާފަތާއި ސިޔާސީކަންކަމާއި ގުޅުންތައްވަނީ އެމީހުންގެ އަތުގައެވެ. އިޤުތިޞާދާއި ވިޔަފާރިއާއި ފައިސާއާއި ބާޒާރާއި އުފެއްދުންތެރިކަންވެސް އެގޮތަށެވެ. މުވާސަލާތާއި ޚަބަރާއި ދަތުރުފަތުރާއި ކުޅިވަރާއި މުނިފޫހިފިލުވުމާއި ފެޝަންގެ ވެރީންނަކީވެސް އެމީހުންނެވެ. އެހެން އެއްވެސް ބަޔަކަށް ވާދަނުކުރެވޭވަރަށް މުދަލާއި ބާރު އެމީހުން އަތުގައިވެއެވެ. ދުނިޔޭގެ ޢިއްޒަތާއި ޝަރަފާއި ތަނަވަސްކަމާއި ޒީނަތާއި ބާރުގެ ރަމްޒަކީ އެމީހުންނެވެ.

ދެކިބަލާށެވެ! އެމީހުންގެ މުށުގައިވަނީ މިދުނިޔެ އެކަންޏެއްނޫނެވެ. އެކަމަކު އަދުގެ އިންސާނާގެ މުޅި ވިސްނުމާއިފިކުރުގެ ކޮންޓްރޯލްވެސްމެއެވެ. އެމީހުންވަނީ އިންސާނާގެ ހަޔާތުގެ ހުރިހައިކަމަކަށް ވެރިވެފައެވެ. ތާރީޚުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ އެންމެނަށް އެއްކެއުން މީރުވެއްޖެއެވެ. އެއް ބުއިން ކަމުގޮސްފިއެވެ. އެއް ފޭރާން ނުވަތަ ފެޝަން ރީތިވެއްޖެއެވެ. އެއްބައެއްގެ އުޅުން ހިތްގައިމުވެއްޖެއެވެ. އެއް ޘަޤާފަތަކާއި ގަޔާވެވިއްޖެއެވެ. ކުޅެން ބޭނުންވަނީ އެއްކުޅިވަރުތަކެވެ. ކުރާ ހިތްވަނީ އެއްކަހަލަ ކަންތަކެވެ. ވާހަކަދައްކަން ރީތީ އެއްބަހެކެވެ.

ތަދައްބުރުކޮށްލަބަލާށެވެ! އަދުގެ އިންސާނާ ހޭބޯނާރާ މިއުޅެނީ ކޮން ތަރައްޤީއަކާއި ތަހުޒީބަކަށްތޯއެވެ؟ ހަތް ތަރީގެ އަރާމާއި އުފަލުގެ ދިރިއުޅުމެވެ. ވަރލްޑްކަޕް ފުޓުބޯޅައެވެ. އޮލިމްޕިކްސް ކުޅިވަރު މުބާރާތެވެ. މިސް ވަރލްޑް ޕެޖަންޓުންފެށިގެން މިސް ޔުނިވަރސް ޕެޖަންޓެވެ. އޮސްކަރ އެވޯރޑްސްއިން ފެށިގެން ފިލްމްފެއަރ އެވޯރޑެވެ. ރޮކް ކޮންސަރޓްތަކާއި މިއުޒިކް ޝޯތަކެވެ. ނައިޓް ކުލަބުތަކާއި ކާނިވަލްތަކާއި ޑިސްކޯތަކާއި ލައުންޖްތަކާއި ނާސިގެތަކެވެ. ކޮފީ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކެވެ. ޓީވީގެ އެތައްހާސް ޗެނަލާއި އިންޓަރނެޓެވެ. ސައުވީސްގަޑިއިރު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކެވެ. މިހެންގޮސް މިބާވަތުގެ ހުރިހައިކަމެކެވެ.

ފިކުރުކޮށްލަބަލާށެވެ! ކެހިވެރިކަމުގެ މިއިންޤިލާބުން ޤައުމުތަކާއި އިންސާނުންގެ މެދުގައި ލައްވާފައިވާ ފިޠުރަތުގެ ތަފާތުތައް ނެތިކުރަންފަށައިފިއެވެ. އެއްގަމާއި ކަނޑާއި ވައިގެ އިންތައް ނައްތާލައިފިއެވެ. ދީނާއި ޘަޤާފަތާއި އުޅުންވެސް ފަސާދަކޮށްފިއެވެ. ޙައްޤު އިލާހާއި ދީނާއި އަޚުލާޤު،ޤަދީމީ ބޯދާ ފުލޯކު ފިކުރުތަކަށް ހަދައިފިއެވެ. ތިމާއަށް ފެންނަގޮތް އެއީ ޙަޤީޤަތްކަމަށް ޤަބޫލުކުރުވައިފިއެވެ. 'ފެންނަގޮތުގައި' ބަޔާންމިކުރެވުނީ އަދުގެ ހުޅަނގުގެ ޒަމާނީ ޢިލްމާނީ އަދި މާއްދީ ޙަޟާރަތެވެ.

ވިސްނާލަބަލާށެވެ! ޖިންސީ ގުޅުމަކީ ދިރިއުޅުމުގެ އުފަލެވެ. ކައިވެނީގެ މުޤައްދަސްކަމެއްނެތެވެ. ބަފަޔަކާއިނުލާ ހޯދާ ދަރިން ހަލާލުކޮށްފިއެވެ. ފިރިހެނުންނާއި ފިރިހެނުން އަންހެނުންނާއި އަންހެނުން ކާވެނިކުރެއެވެ. ގާތްތިމާގެ މީހުންނާއި ޖިންސީގުޅުން ހިންގުމަކީ ނުބައިކަމެއްނޫނެވެ. ބަނގުރަލާއި ނުލާ އެއްވެސް މުނާސަބަތެއް ފުރިހަމައެއްނުވެއެވެ. ރިބާއާއި ސޫދަކީ އެންމެނަފާބޮޑު ވިޔަފާރިއެވެ. މިއަދުގެ ޒަމާނީ ބޭންކިންގެ ބިންގަލަކީ ރިބާއެވެ. ކުރުކޮށް ބުނާނަމަ އަޚުލާޤު ނެތިއްޖެއެވެ.

ދެލޮލުން ބަލައި ދެކަންފަތުން އަޑު އަހާށެވެ! 'ޙަޤީޤަތުގައި' މިއަދުގެ ޙަޤީޤަތް ނުވަތަ ޙައްޤު ހާލަތު ބަޔާންކޮށްދެނީ ކީރިތި ޤުރުއާނެވެ. ވަކިން ޚާއްޞަކޮށް ކަހުފި ސޫރަތާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކެވެ. ކަހުފި ސޫރަތް އަދުގެ މިޙަޤީޤަތަށް އިންސާނާ ހޭލައްވަނީ އަޖާއިބުވާހާ ފުރިހަމައަށެވެ. ކުރިމަތީގައި ތަމްޘީލެއްހެން ކުޅެވެމުންމިދާ އަދުގެ ޒަމާނީ އުޅުމަކީ ޙަޤީޤަތުގައި ދައްޖާލުގެ ފިތުނައެވެ. ދުނިޔޭގެ ވެރިކަންމިކުރަނީ ދައްޖާލުގެ ފިތުނައިގެ ޒަޢާމަތުގައި ޔަޢުޖޫޖާއި މަޢުޖޫޖްބާގައަށްވާންތިބި މީހުންނެވެ.

މިފޮތް ލިޔުމުގައި މައިގަނޑު އެހީއަކަށްވެފައިވަނީ ޢަލީ އަކްބަރު ލިޔުއްވާފައިވާ އިސްލާމް އެންޑް ދަ ހޮލީ ޕްރޮފެސީސް އިން ހޮލީ ޤުރްއާންއާއި ޢިމްރާން ޙުސައިން ލިޔުއްވާފައިވާ ކަހުފް ސޫރާ އިން މޮޑްން އޭޖްއާއި ކަހުފް ސޫރަތަށް ނޫމާން ޢަލީ ޚާންގެ ގެންސްދެއްވާފައިވާ ދިރާސާ ތަފްސީރެވެ. މިފޮތަކީ ކަހުފި ސޫރަތަށް ހޭލެއްވުމަށް ޖެހޭ ރަނގަބީލެކެވެ. މިސޫރަތުގައި ފޮރުވިފައިވާ މާނަތައް ހޯދައި ދެނެގަތުމަށް ހުޅުވޭ ދޮރެކެވެ. އަދި މިސޫރަތް އުނގެނި ދަސްކޮށް އެއަށް ޢަމަލުކުރުމަށް ކޮށާދެވޭ މަގެކެވެ. ޣާފިލުކަމުން ތެދުވެ ތިމާގެ ނަފުސާއި ގުޅިލާމެހިފައިވާ ދައްޖާލުގެ ފިތުނަވެރިކަމުން މިންޖުވާން ދެވޭ އެހީއެކެވެ.

މިފޮތް ވިދާޅުވެދެއްވައި މިފޮތަށް ދެއްވި ގިނަގުނަ އިސްލާހުތަކަށްޓަކައި އަޅުގަނޑުގެ އަޚު އައްޝައިޚު މުޙައްމަދު ޠައްޔިބު ޢަބްދުލްޙަކީމަށް އިންތިހާއަށް ޝުކުރުވެރިވަމެވެ. އަދި މިފޮތުން ކުށްފިލުވައި ބަސްމަގު ރަނގަޅުކޮށްދެއްވި އަޅުގަނޑުގެ މިތުރު ޢަބުދުﷲ ނަޢީމް އިބުރާހީމްވެސް މިޝުކުރުގައި ޝާމިލުކުރަމެވެ. އަޅުގަނޑުގެ ދުޢާއަކީ ކީރިތި ﷲ، ދައްޖާލުގެ ފިތުނަވެރިކަމުން ދިވެހިން މިންޖުކުރެއްވުމެވެ. މިފޮތަކީ ﷲ ގެ މަގުގައި އެކަލާނގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ލިޔެވުނު ފޮތެއްކަމުގައި ލައްވައިދޭނވެ! އާމީން  

 

- ކަހުފި ސޫރަތުގެ ހިތްގައިމުކަން ދެނެގަތުން

ކަހުފި ސޫރަތުގެ ހިތްގައިމުކަން ދެނެގަތުމަށްޓަކައި މުހިންމު ތިންކަމެއް ކުރަންޖެހެއެވެ. ފުރަތަމަ ކަމަކީ ނަޞާރާ ދީނުގެ ތާރީޚަށް ބެލުމެވެ. މިތާރީޚުން ކަހުފި ސޫރަތުގެ ތަފުސީރަށް ވަންނަން ފަސޭހަވެއެވެ. ދެވަނަކަމަކީ ކަހުފިގެ އަސްޙާބުން ނުވަތަ ހޮހަޅައިގަ ތިބި ޒުވާނުންގެ ވާހަކަ ނަޞާރާއިންގެ ތާރީޚުން ދެނެގަތުމެވެ. ތިންވަނަ ކަމަކީ ކަހުފި ސޫރަތް އެތުރިފައިވާގޮތް އެނގުމެވެ. ހަތަރުވަނަ ކަމަކީ ވަގުތުގެ ތަފާތު ހާލަތުތަކެއް (ޑައިމެންޝަން) ނުވަތަ ދުނިޔެތަކެއް ވާކަން ދެނެގަތުމެވެ. މިކަންކަން އެނގުމުން ކަހުފި ސޫރަތާއި އަޅުގަނޑުމެން ގުޅިލާމެހިފައިވާވަރު ތަސައްވުރުކުރެވޭނެއެވެ. އެކަމުގެ ސަބަބުން މިސޫރަތުގެ ހަގީގީ ހިތްގައިމުކަން ވަޒަންކުރެވޭނެއެވެ.

 

- ނަޞާރާ ތާރީޚަށް ކަޅިއެއް

ޙަޤީޤީ ނަޞާރާ ދީނަކީ ޢީސާ ޢަލައިހި ސަލާމް ގެނެސްދެއްވި ޙައްޤު ދީނެވެ. އެއީ ހުޅަނގަށް ނުވަތަ ޔޫރަޕަށް އުފަންވި ދީނެއްނޫނެވެ. ޢީސާ ޢަލައިހި ސަލާމް ފޮނުއްވީ ޤުދުސް (ޖެރޫސެލަމް) އަށެވެ. އެކަލޭގެފާނަށް ތަބާވި ކޮންމެ މީހަކު މާތް ﷲ އަށް އީމާންވިއެވެ. އެހެންކަމުން އިސްލާމް ދީނެކޭ އެއްގޮތަށް ނަޞާރާ ދީނަކީ ބާވައިލެއްވި ޙައްޤު ދީނެކެވެ. އެކަމަކު މިހާރު ދުނިޔޭގައި މިއޮތް ނަޞާރާ ދީނާއި ޢީސާގެފާނު ގެންނެވި ޙައްޤު ދީނާއި މާބޮޑު ގުޅުމެއްނުވެއެވެ.

ޢީސާގެފާނު މިދުނިޔެއާއި ވަކިވެޑައިގަތްތާ މަގިނަ ދުވަހެއްނުވެ މިހާރު މިއޮތް ނަޞާރާ ދީން ދުނިޔެއަށް އުފަންވިއެވެ. މި ދީނުގެ އަސްލަކީ ސެންޓް ޕޯލް ލިޔުއްވި ނިއު ޓެސްޓެމަންޓް ނުވަތަ އަހުދުލްޖަދީދްއެވެ. މުޅި ނަޞާރާ ދީނީ ފަލްސަފާ ބިނާވަނީމިފޮތަށެވެ. ސެންޓް ޕޯލްއަކީ ރޫމީ ޚިލާފަތަށް ނިސްބަތްވި ޔަހޫދީއެކެވެ. ނަޞާރާއިންގެ ރޮމަން ކެތަލިކް މަޒުހަބު ބިނާވީ ޕޯލްގެ ލިޔުންތަކަށެވެ. އެހެންވެ ސެންޓް ޕޯލްއަކީ ނަޞާރާ ދީނުގެ އެންމެބޮޑު ވަލީވެރިބޭކަލެވެ.

ނަޞާރާ ދީން ފެތުރެންފެށިއިރު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ އެއް ރަސްކަމަކީ ރޫމީ ޚިލާފަތް ނުވަތަ ރޯމަން އެމްޕަޔަރއެވެ. އޭރު ރޫމީންގެ ތެރޭގައި އާންމުވެފައިއޮތީ ބުދަށް އަޅުކަންކުރުމެވެ. ޢީސާގެފާނަށްފަހު ރޫމީންގެ މެދުގައި ތަފާތު ފިކުރީ ޚިލާފުތައް ހިނގިއެވެ. އެގޮތުން އެމީހުން މައިގަނޑު ތިން ބަޔަކަށް ބެހުނެވެ. އެއީ ޢީސާގެފާނަށް ތަބާވިމީހުންނާއި ފުލޯކު ވާހަކަތަކަށް ތަބާވި މީހުންނާއި ތަފާތު ފަލްސަފާތަކަށް ތަބާވި މީހުންނެވެ. މިގޮތަށް ތަފާތު ދީންތަކަށް މީހުން އުޅުމަކީ ރޫމީ ރަސްގެފާނަށް ފަސޭހަފުޅުކަމަކަށްނުވިއެވެ. ސިޔާސީގޮތުން ރައްޔިތުންގެ ވަފާތެރިކަން އޮންނަންޖެހެނީ ރަސްގެފާނަށެވެ. އަދި ރައްޔިތުން ތިބެންވާނީ ރަސްގެފާނު ހުންނަވާގޮތަކަށެވެ. އެހެންވެ މީލާދީން 380 ވަނަ އަހަރު ރަސްގެފާނު ޘުޔޫދޫސް 1 ރޫމީ ޚިލާފަތުގެ ރަސްމީ ދީނަކީ ޢީސާއީ ދީންކަމުގައި ހަމަޖެއްސެވިއެވެ. އެއަށްފަހު ރޫމީ ޚިލާފަތުގައިވާ ކޮންމެ މީހަކު ނަޞާރާއަކަށްވުމަށް އަމުރުކުރެއްވިއެވެ.

ދެން ރަސްގެފާނުގެ އަމުރުފުޅަށް ދީނަށް ނުވަން ހުރިހާ ފަލްސަފާވެރިންނާއި ޢިލްމުވެރިން ރޫމީ ޚިލާފަތުން ބޭރުކުރެއްވިއެވެ. އަދި ރަސްގެފާނު ކަނޑައެޅުއްވި ޕޯލިއަން ފަލްސަފާއާއި ޚިލާފުވާ ކޮންމެ މީހަކީ ނަޞާރާއެއްނޫންކަމަށްވެސް އޭނާ ކަނޑައެޅުއްވިއެވެ. އަދި އެފަދަ މީހުންނަކީ މުރުތައްދުވާ މީހުންކަމަށް ބަލައި މެރުމަށް ނިންމެވިއެވެ. މިކަންކަމަށްފަހު ދީން ފުރިހަމަކުރެއްވުމުގެގޮތުން ރަސްގެފާނު ނަޞާރާ ދީނުގެ މައިގަނޑުތައް ކަނޑައަޅުއްވައި އިއުލާންކުރެއްވިއެވެ.

އެގޮތުން ދީނުގެ ތަނބަކަށް ހަމަޖެއްސެވީ ޓްރިނިޓީ ނުވަތަ ޘާލޫޘް ގެ މަފްހޫމް އެވެ. އެއީ އެކަކާއި އެކަކާއި އެކެއް އެއްކުރުމުން ތިނެއްގެ ބަދަލުގައި ޖުމުލަ އެކެއް ނިކުންނަ ވިސްނުމެވެ. ޓްރިނިޓީ ކަނޑައެޅުނީ ރަސްގެފާނު ގިސްނަތީނާ (ކޮންސްޓެންޓީން) ގެ އަމުރުފުޅަށް ނީގިޔާ (ނައިސިއާ) ގައި މީލާދީން 325 ވަނަ އަހަރު ނަޞާރާ ފާދިރީންގެ ފުރަތަމަ މަޖުލިހުގައެވެ. މިމަޖުލިހުގައި ޢީސާގެފާނު ކަލަކަށްހަދައި، ކަލާނގެ ދަރިކަލަކަށް ހަދައި މަތިވެރި ރޫޙަށް ހެދިއެވެ. ނައިސިއާއަކީ މިހާރުގެ ތުރުކީގެ އިޒްނިކްއެވެ.

ދީނުގެ އެހެން އަސާސްތަކުގެތެރޭގައި އެންމެ މުހިންމު އެއްޗަކީ ކިތާބުލް މުޤައްދަސް (ބައިބުލް) އެއް ނޫނެވެ. އެކަމަކު ފާދިރީންނެވެ. އަދި ބައިބުލް އޮންނަންވާނީ ފައްޅީގައެވެ. އެއީ މީހުން އަތުގައި އޮންނަ އެއްޗަކަށްވެގެންނުވާނެއެވެ. ޕޯޕްއަށް ކުށެއް ނުކުރެއްވޭނެއެވެ. އަދި ޕޯޕްއަށް ކަލާނގެއަށް ސީދާކޮށް ދެންނެވޭނެއެވެ. ހަމައެހެންމެ ޕޯޕަށް ޢަފޫކުރެއްވޭނެއެވެ. ނަތީޖާއަކަށްވީ މުޅި ނަޞާރާ ދީން ބަޔަކު އުފައްދައި ގަޑުބަޑުކުރި އެއްޗަކަށްވުމެވެ. ރޫމީ ޚިލާފަތުން ނަޞާރާ ދީން ޤަބޫލުކުރުމުގެ ކުރިން ދީނާއި ދައުލަތް އެއީ އެއީ އެކައްޗެކެވެ.

ރޫމީ ރަސްގެފާނު ނިންމެވި ނިންމެވުންތަކަށް ތަބާނުވާ މީހާއަކީ ދީނުން ބޭރުވެފައިވާ މީހެކެވެ. އެހެންކަމުން އޭނާއަށް އަނިޔާ ހިމެނޭގޮތަށް މަރުގެ އަދަބު ކަނޑައެޅުނެވެ. މިދުވަސްވަރު ނަޞާރާ ދީނުގައި ތިބި އެތައް ބަޔަކު ޔޫރަޕް ދޫކޮށް ހިޖުރަކުރިއެވެ. އަނެއްބަޔަކު ރަށުން ބޭރުކޮށް އެހެން ސަރަހައްދުތަކަށް ފޮނުވާލެވުނެވެ. އެގޮތުން ބައެއް މީހުން ޢަރަބި ހިސާބުތަކުގައި ވަޒަންވެރިވިއެވެ. ނަތީޖާއަކަށްވީ ނަޞާރާ ދީނުގައިހުރި ބޯދާ އާދަކާދަތައް ޢަރަބިބަހުން ލިޔެވުމެވެ. އަދި އެފަދަ އާދަކާދަ ބަޣުދާދާއި އަންދަލުސްފަދަ ރަށްރަށުގައި ހުރުމެވެ. ހަމަ އެހެންމެ ހައްޤު ޢީސާއީ ދީންވެސް ކޮންމެވެސްވަރަކަށް ޢަރަބި ހިސާބުތަކަށް ފެތުރުމެވެ.

ރޫމީ ރަސްގެފާނު ޘުޔޫދޫސް، ދީނާއި ގުޅޭގޮތުން ނިންމެވި ނިންމުންތަކުގެ ނަތީޖާއަކަށްވީ ފައްޅީގެ އަނިޔާ އިންތިހާއަށް ބޮޑުވުމެވެ. އެންމެފަހުން ސޯޅަ ވަނަ ގަރުނުގައި ޔޫރަޕްގެ މީސްތަކުން ދީނާދެކޮޅަށް ތެދުވާންފެށިއެވެ. އަދި ޔޫރަޕުގައި އިންގިލާބުފެށި ގައުމަކަށްފަހު ގައުމަކަށް އިންގިލާބުއައެވެ. ފައްޅީގެ ވަކިތަކުން ސަލާމަތްވުމާއެކު ޔުރަޕުގެ ރައްޔިތުން ކަނޑައަޅަންފެށީ އެމީހުންގެ ދިރިއުޅުމުގައި ފައްޅިއަށް ނުވަތަ ދީނަށް އެއްވެސް ޖާގައެއްނުދިނުމަށެވެ. ނުވަތަ އެމީހުންގެ މައްޗަށް ދީނުގެ ވެރިކަން ނުބޭއްވުމަށެވެ. ސަބަބަކީ ދީން އެމީހުންނަށް މުސީބާތަކަށްވުމެވެ. މީސްތަކުން އަނިޔާއާއި އަޅުވެތިކަމުގައި އުޅެންޖެހުމެވެ. ދީނުން އެމީހުންނަށް ތަރައްޤީ ނުލިބުމެވެ. އެހެންކަމުން އެމީހުން ނިންމީ މިނިވަންކަމާއެކު ވިސްނުން ބޭނުންކުރާ މުޖުތަމައުއަކަށް އެމުޖުތަމައު ހެދުމަށެވެ. މިއީ އިލްމާނިއްޔަތުގެ (ސެކިއުލަރިޒަމްގެ) ފެށުމެވެ.

ސެކިއުލަރިޒަމްގެ އަސާސަކީ ތިމާމެންގެ ކަންކަން ތިމާމެން އަމިއްލައަށް ހަމަޖެއްސުމެވެ. ހުޅަނގުގެ ޑިމޮކްރަސީ އުފަންވީ މިހިސާބުންނެވެ. މިބަހުސްތަކުގައި އެމީހުންނަށް އެއްބަސްވެވުނީ އެތައް ސަތޭކަ އަހަރަކަށް ދީން ކިޔަވައިގެން އެމީހުންނަށް ފައިދާނުކުރިކަމެވެ. ކަލާނގެއާމެދު ވިސްނައިގެން އެއްވެސްކޮޅެއްގައި ނުޖެހުނުކަމެވެ. ދީނަށް އުޅެގެން އެމީހުންނަށް ކުރިއެރުމާއި ތަރައްގީނުލިބުނުކަމެވެ. އެހެންވެ ކަލާނގެއާއި އެއްވަރަށް ބޮޑުނުވިޔަސް ބޮޑުކަމަށް ފެންނަ ކައުނުގެ (ޔުނިވަރސްގެ) ހަގީގަތްތައް ހޯދަން އުޅުން ބުއްދިވެރިވާނެކަމަށް އެމީހުންނަށް ފެނުނެވެ. އެގޮތުން ސައެންސަށް ފޯކަސް ބަދަލުކޮށް ފިޒިކުސްއާއި ކެމިސްޓްރީފަދަ މާއްދާތައް އުނގެނުން މާރަނގަޅުވާނެކަމަށް އެމީހުން ކަނޑައެޅިއެވެ. ނުފެންނަ އެއްޗެއްސާއި ކަންކަމަށް ހަކަތަ ހުސްކުރުމަށްވުރެބޮޑަށް ފެންނަ ކަންކަމާއި އެއްޗެއްސަށް މަސައްކަތްކުރުމުން ލިބޭ ފައިދާ ބޮޑުވާނެކަމަށް އެމީހުން އެއްބަސްވިއެވެ. އެގޮތުން ރޫހު ދޫކުރުމަށްފަހު ހަށިގަނޑަށް ފިކުރު ހިންގުމަށް އެމީހުން ނިކުތެވެ. އަދި ފިޒިއޮލޮޖީއާއި ސައިކޮލޮޖީފަދަ މާއްދާތަކަށް އިސްކަންދިނެވެ. އާޚިރަތަށް އޮތް ސަމާލުކަން މިހާތަނުން ނިމުނެވެ. އެއަށްވުރެބޮޑަށް މުހިންމުވީ މިދުނިޔޭގެ ކަންކަން ހަމަޖެއްސުމެވެ. ނުވަތަ މިހަޔާތް ބާއްޖަވެރިކޮށް އުފާފާގަތިކުރުމެވެ. އެގޮތުން ސިޔާސީ ނިޒާމް ރަނގަޅުކޮށް އިގުތިސާދީ ނިޒާމް އިސްލާހުކުރުމުގެ ދުނިޔަވީ މަސައްކަތް ފެށުނެވެ.

މިނިވަން ފިކުރުން އުފަންވި ސެކިއުލަރިޒަމްއާއި ޑެމޮކްރަސީން ޒަމާނީ އިންސާނާގެ ފިކުރަށް އިންގިލާބީ ބަދަލެއް ގެނައެވެ. އެބަދަލުގައި މައިގަނޑު ހަތަރުކަމެއް ހިމެނުނެވެ. އެއީ އެކެއް، އިލާހުގެ ބަދަލުގައި ކައުނަށް ފޯކަސްކުރުމުވެ. ދެވަނައަށް އާޚިރަތުގެ ބަދަލުގައި ދުނިޔަވީ ހަޔާތަށް ފޯކަސްކުރުމެވެ. ތިންވަނައަށް ރޫހުގެ ބަދަލުގައި ހަށިގަނޑަށް ފޯކަސްކުރުމެވެ. ހަތަރުވަނައަށް ވަހީގެ ބަދަލުގައި ތިމާގެ ބުއްދިއަށް (ރީޒަނިންގ) ފޯކަސްކުރުމެވެ.

މިހަތަރު ކަންތަކުން އެންމެބޮޑަށް ފާހަގަކުރެވުނު ކަމަކީ ޢައިބުގައިވާ ކަންކަން ނެތިދިއުމެވެ. އެއްކައުވަންތަ އިލާހު ﷲ ވަނީ ޢައިބުގައެވެ. އެކަމަކު ކައުނު ފެނެއެވެ. އާޚިރަތްވަނީ ޢައިބުގައެވެ. އެކަމަކު މިއަދު (މިދުވަސް) އަހަރެމެންނަށް ފެނެއެވެ. ރޫހުވަނީ ޢައިބުގައެވެ. އެކަމަކު ހަށިގަނޑު ފެނެއެވެ. ވަޙީ އަންނަނީ ޢައިބުންނެވެ. އެކަމަކު އަހަރެމެންގެ ވިސްނުމާއި ފިކުރު އޮތީ ފެންނާށެވެ.

- ނުނިމޭ - 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު