އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން‍‍- 6

ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން‍‍- 6


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 59 ސިކުންތު

(إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾)

(جَعَلْنَا) ތިމަން ﷲ ލެއްވީމޭ، 

(جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا ) ބިންމަތީގައިވާހާ އެއްޗެއް ތިމަން ﷲ ލައްވާފައިވަނީ ބިންގަނޑުގެ ޒީނަތަކަށްޓަކައެވެ. އެއީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށެވެ. އެމީހުން އަޅައިގަންނަނީ އެ ޒީނަތްތެރިކަމަށްތޯ، ނުވަތަ އެ ޒީނަތްތެރިކަން ލެއްވި ފަރާތަށްތޯ ބައްލަވާ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަކު ޒީނަތްތެރިކަމާއި ގުޅިގަނެއެވެ. 

އަނެއްބަޔަކު އެޒީނަތްތެރިކަން ޚަލްގު ކުރެއްވި އިލާހާއި ގުޅެއެވެ. މިކަން ބަޔާން ކުރައްވާ ސޫރަތުލް އަޢްރާފްގެ 175 އިން 176 އަށް ވަޙީ ކުރައްވާފައިވެއެވެ. 

(وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ﴿١٧٥﴾ وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ ﴿١٧٦﴾ ) މާނައަކީ: " ތިމަންރަސްކަލާނގެ آية ތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެ خبر ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطان އާ އޭނާގެ ފަހަތުން ދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آية ތަކުގެ ސަބަބުން އޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް حملة ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ." 

އެހެންކަމުން، ޒީނަތްތެރިކަމަކީ ﷲ ގެ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ކަމެކެވެ. އެއީ ﷲ އުފެއްދެވި ޒީނަތްތެރި ކަމަކަށްވިޔަސް އަދި މަޚްލޫގުން އަމިއްލަ އަށް އުފެއްދި ޒީނަތްތެރިކަމެއް ވިޔަސް ވެސް އެވެ. 

(لِنَبْلُوَهُمْ) އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

(أيُّهُمْ أَحْسَنُ عَمَلًا) އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށެވެ.

މިތަނުގައި (أَكْثَرُ عَمَلًا) "އެންމެ ގިނައިން ޢަމަލު ކުރަނީ" ގެ ބަދަލުގައި (أَحْسَنُ عَمَلًا ) "އެންމެ ހެޔޮ ޢަމަލު ކުރަނީ" އޮތުމުގެ ޙިކްމަތަކީ ގިނައިން ކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ރަގަޅަށް ކުރުމެވެ. މިޘާލަކަށް މީހަކު ދަމު ނަމާދުގައި 4 ރަކްޢަތް ކުރަނީ، އެހެންނަމަވެސް، ޚުޝޫޢަތްތެރި ކަމެއް ނެތިއެވެ. އެހެން މީހަކު މި ކުރަނީ ދެރަކްޢަތެވެ. ނަމަވެސް ޚުޝޫޢަތްތެރި ކަމާއި އެކުގައެވެ. މި ޙާލަތުގައި ޚުޝޫޢަތްތެރި ކަމާއި އެކު ދެރަކްޢަތް ކުރި މީހާ މާބޮޑަށްވެސް ރަގަޅެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް