އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ފަރީދާ ބުނަނީ ދަހި ފިރިއަކާއެކު އުޅުމަށްވުރެ ބުދަކާއެކު އުޅުންވެސް މާރަނގަޅުކަމަށް-

ޙަޤީޤީ ޙާދިސާ: ފަރީދާ ބުނަނީ ދަހި ފިރިއަކާއެކު އުޅުމަށްވުރެ ބުދަކާއެކު އުޅުންވެސް މާރަނގަޅުކަމަށް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

އަޅުގަނޑު ކައިވެނިކުރީ ޒުވާން އުމުރުގައެވެ. އެންމެ 23 އަހަރުގައެވެ. އެހެންވެ މީހުންގެ ސިފަތައް ދެނެގަންނާކަށް އެހައިރަނގަޅަކަށް ނޭނގެއެވެ. ކައިވެނިކުރިއިރުވެސް އޭނާއަކީ ޚަރަދުކުރުމުގައި ހިފަހައްޓާ މީހަކުކަން އެނގެއެވެ. ނަމަވެސް ވިސްނިފައި އޮތީ އެއީ އިޤްޠިޞާދުކުރުން ކަމަށެވެ. 

ފިރިމީހާގެ ޙަޤީޤަތް ރަނގަޅަށް އެނގެން ފެށީ ދަރިއަކު ލިބުނުފަހުންނެވެ. ދަރިފުޅަށް ޚަރަދުކުރަން ޖެހުމުން އިތުރު ފައިސާ ބޭނުންވާންފެށުމުންނެވެ. ފިރިމީހާއަކީ ނުލިބޭ މީހެއް ނޫނެވެ. ތަނަވަސް މީހެކެވެ. ނަމަވެސް ބުނަން ފެށީ ދަރިފުޅަށް ނެޕީ ގަންނަންޖެހޭތީ ގެއަށް ގަންނަ ކިރުފަދަ އަސާސީތަކެތިވެސް ގަތުން މަދުކުރަންޖެހޭނެ ކަމަށެވެ. 

އެފަދަ ހުރިހާ ކަމަކަށްވެސް ކެތްތެރިވީމެވެ. އަޅުގަނޑަކީ މާގިނަ ކަންކަމަށް ބޭނުންވާ މީހެއް ނޫނެވެ. ލިބޭ މިންވަރަށް އަބަދުވެސް ޝުކުރުކުރަން ހުރީ ދަސްވެފައެވެ. އަޅުގަނޑަކީ އަބަދުވެސް ކޮންމެވެސް ވަރަކަށް ފެހުމުގެ މަސައްކަތްކުރާ މީހަކަށްވުމުން ކޮންމެވެސް ވަރަކަށް ފައިސާ ލިބެއެވެ. އަޅުގަނޑަށް ފައިސާ ލިބޭ މިންވަރަށް ކަންކަން ބަޖެޓުކޮށް ފިރިމީހާ އާއި އެއްވެސް ޝަކުވާއެއް ނުކުރަމެވެ. 

ކެތް ނުކުރެވުނީ ދަރިފުޅު ބަލިވެގެން ތަންކޮޅެއް ގިނައިން ޑޮކްޓަރަށް ދައްކަން ޖެހުމުންނެވެ. އެކަމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުވާހަކަ ދައްކަން ފެށުމުންނެވެ. އެހިސާބުން އަޅުގަނޑު ނިންމީ ފިރިމީހާ އާއި ވަކިވާށެވެ. ކޮންމެޙާލެއް ޖެހުނު ނަމަވެސް ދަރިފުޅު ގޮވައިގެން އެގެއިން ނުކުތުމަށެވެ. 

ވަރިވާން އެދުމުން ވެސް އޭނާ ކަންބޮޑެއް ނުވެއެވެ. ހަމައެކަނި ބުނި ވާހަކައަކީ ދަރިފުޅަށް ދޭންޖެހޭ ޚަރަދު ކޯޓަށް ބަރާބަރަށް ދައްކާނެ ކަމަށާއި އިތުރަށް ފައިސާ ހޯދަން ނުގުޅުމަށެވެ. އަޅުގަނޑު އެކަމަށްވެސް ރުހުނީމެވެ.

2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދަރިފުޅު ގޮވައިގެން ގެއިން ނުކުތީއެވެ. ދެ ދުވަހަކު ބައިބޮއި ހަދާނެ މިންވަރަށް ނޫނީ އަތުގައި ފައިސާއެއް ވެސް ނެތެވެ. ނަމަވެސް ކަންބޮޑެއް ނުވަމެވެ. ހިންމަތާއިއެކު މަސައްކަތްކުރުމުން މާތް ﷲ ދެއްވަވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮންނާތީއެވެ. 

އެކަނި ދިރިއުޅެން ފެށިތާ 3 މަސްވަރު ވީތަނާ ދަރިފުޅު ބަލައިދޭނެ އެކަނިވެރި މައަކު ލިބުނެވެ. އޭނާގެވެސް 4 އަހަރުގެ ދަރިއަކު ހުރެއެވެ. ދެ މައިން ބަލަން ފެށުމުން އަޅުގަނޑަށް ދެއްވަވާ ރިޒްޤްވެސް ބޮޑުތަނުން އިތުރުވިއެވެ. 

ކުރުކޮށްލާނަމެވެ. މިއަދު އަޅުގަނޑަކީ ފަހާ 2 ތަނާއި 7 މުވައްޒިފުން ގެންގުޅޭ އަންހެނަކީމެވެ. ލޯބިވާ ފިރިއަކުވެސް އެބަހުއްޓެވެ. އޭނާއަށްވެސް ދަރިއަކު ވިހައިފީމެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ފިރިހެނުންނަށް ބުނެލަން ބޭނުމީ ދަރިން ބަލިވުމުން ބޭސްފަރުވާކުރަން ހޭދަކުރަން ޖެހިލުންވާ ޙާލަތަށް ވިސްނުން ހިނގައްޖެނަމަ ދަހިވެތިކަން އެވަނީ އިންތހާއަށް ގޮސްފައެވެ. ދަހިވެތި މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. މަރުވެގެން ވަޅުލާއިރު ބޭންކް އެކައުންޓުގައި ހުންނަ ފައިސާ ތިމާއާއިއެކު ވަޅެއް ނުލާނެއެވެ. ނަމަވެސް އަނބިދަރިންނަށް ހެޔޮގޮތުގައި ޚަރަދުކޮށްފައިވާނަމަ ކުރި ޚަރަދު ތިމާއާއިއެކު ވަޅުލެވޭނެއެވެ. ކައްވަޅުގައިވެސް އަދި އާޚިރަތް ދުވަހުގައިވެސް ތިމާއާއިއެކުގައިވާނެއެވެ. 

އަންހެން ކިޔުންތެރިންނަށް ބުނެލަން ބޭނުމީ ދަހިފިރިންނާއިއެކުގައި ކުރިއަށްދާނަ މަސައްކަތްނުކުރާށެވެ. އެންމެ ބޮޑަށް އަޅުގަނޑަށް ތަޖުރިބާކުރެވުނު އެއްކަމަކީ ދަހިމީހުން ވާހަކަދެއްކުންވެސް މަދުކަމެވެ. ކަމަކު ކިޔައިފާނެތީ ހުންނަނީ އަނގައިން ނުބުނަން ތުން ފިއްތައިގެންނެވެ. އެފަދަ މީހަކާއިއެކު ދިރިއުޅުމަށްވުރެ ބުދަކާއިއެކު ދިރިއުޅުންވެސް މާރަނގަޅުވާނެއެވެ. މާއުފާވެރިވާނެއެވެ. 

ދެން ބުނެލަން ބޭނުމީ ހޯދާ ޑޮކްޓަރީ ފާހަށްވުރެ ދަސްކުރާ މަސައްކަތުން ކުރާ ފައިދާ ކުޑަ ނޫން ކަމަށެވެ. އެކަމުގެ ހެއްކަކަށް އަޅުގަނޑުގެ ކަންކަން ފުދޭނެއެވެ. 

- ފަރީދާ ސަލީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް