އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މުނީރާ ބުނަނީ އަނިޔާ ލިބެން ފެށުމުން އޭނާ އަމަލުކުރި ގޮތަށް ޢަމަލުކުރާނަމަ ފިރިމީހާ ގެއްލޭތީ ކަންބޮޑުވާން ނުޖެހޭނެ ކަމަށް!

ޙަޤީޤީ ޙާދިސާ: މުނީރާ ބުނަނީ އަނިޔާ ލިބެން ފެށުމުން އޭނާ އަމަލުކުރި ގޮތަށް ޢަމަލުކުރާނަމަ ފިރިމީހާ ގެއްލޭތީ ކަންބޮޑުވާން ނުޖެހޭނެ ކަމަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

އަޅުގަނޑުމެންގެ ކައިވެންޏަށް 17 ވަނައަހަރު، 4 ކުދިންވެސް ލިބިފައިވަނިކޮށް ކުއްލިއަކަށް އަޅުގަނޑު ހުންނަ ސިފަ އާއި ސްޓައިލާ އަދި ހެދުންއަޅާ ގޮތް ފިރިމީހާއަށް ކަމުނުދާން ފަށައިފިއެވެ. ހުރިހާ ކަންކަން ފިރިމީހާ ދައްކާ ގޮތަށް ބަދަލުކުރަންޖެހިއްޖެއެވެ. 

އިންކާރެއް ނުކުރަމެވެ. ބުނިހާ ގޮތަކަށް ކަންކަން ބަދަލުކުރީމެވެ. އެކަން އެހެން އެވާ ސަބަބުވެސް އެނގިހުރެއެވެ. ސަބަބަކީ ފިރިމީހާ ހިތާވި ޅަކުއްޖާ އާއި އަޅުގަނޑު އެއްގޮތް ކުރުމެވެ. އަޅުގަނޑު ބުރުގާ ނެގުން ފިޔަވައި ހުރިހާ ކަމެއް އެއްގޮތްކުރީ އެވަރުންވެސް ފިރިމީހާއަށް އަޅުގަނޑު ކަމުގޮސް އަޅުގަނޑު ދޫކޮށްނުލައި އަޅުގަނޑާއިއެކު ދިރިއުޅެފާނެ ކަމުގެ އުންމީދުގައެވެ. 

ނަަމަވެސް އެއުންމީދު ދިއައީ ފެނަށެވެ. ދެމީހުން ކައިވެނިކުރަން އުޅޭކަން އެނގިއްޖެއެވެ. އެހިސާބުން އަޅުގަނޑުވެސް ކުޑަކޮށް އިތުރަށް އެއްގޮތްވެލީމެވެ. އެއީ ފޯނުގައި ގިނަ ވަގުތު ހޭދަކުރުމާއި ރޭގަނޑު ބޭރަށް ދިއުމެވެ. އެކުވެރިންނާއިއެކު ރެސްޓޯރަންޓްތަކަށް ދާން ފެށުމާއި ކޮފީގައި ވަގުތު ހޭދަކުރުމެވެ. ނަމަވެސް އަޅުގަނޑު ވަގުތު ހޭދަކުރީ ހިލޭ ފިރިހެނުންނާއިއެކުގައެއް ނޫނެވެ. އެކުވެރި އަންހެނުންނާއިއެކުގައެވެ. އެއީ ތަފާތެކެވެ. 

ޖެހިލުންވާންވީ ކޮން ކަމަކަށްތޯއެވެ؟ ގެއަކީ އަޅުގަނޑުގެ ގެއެވެ. ދިރިއުޅެނީ އަޅުގަނޑުގެ މައިންބަފައިން ހަދިޔާކުރި ތަނަވަސްކަމުން ލިބޭ ފައިސާގައެވެ. އެހިސާބުން ފިރިމީހާ ކުޑަކޮށް ރަތަށް އަރަން ފަށައިފިއެވެ. ސުވާލުތައް ގިނަކުރަން ފަށައިފިއެވެ. ވަރަށް ސާފުކޮށް ބުނީމެވެ. "އަދިވެސް މިއުޅެނީ ހުރިހާ ކަމެއް އެއްގޮތްކޮށް ނުލެވިގެންނެވެ. އެއްގޮތް ނުކުރާނެ ކަންކަން އެބަހުއްޓެވެ. އެއީ ހިލޭ ފިރިހެނުންނާއިއެކު ތަންތަނަށް ދިއުމާ ގުޅުން އުފެއްދުމާ މީހުންގެ ފިރިންނާ ގުޅުމެވެ." 

ހީވަނީ އެހިސާބުން ފިރިމީހާއަށް ބަދަލުތަކެއް އައިހެންނެވެ. ނަމަވެސް އެކަންވީ ކުޑަދުވަސްކޮޅެއްގެ ކަމަށެވެ. ދެން ލިބުނީ ދެއަންތބަށް ކައިވެނިކުރަން ކޯޓަށް ފޯމުލީ ޚަބަރެވެ. އެކަން އެނގުނީ ކޯޓުން އަޅުގަނޑު ރުހޭކަން ބަލަން ގުޅުމުންނެވެ. 

އެދުވަހު ބައްޕަގެ އެހީތެރިކަމާއިއެކު ފިހާރައިގެ ހުރިހާ ކަމެއް އަޅުގަނޑުގެ ބާރުގެދަށަށް ގެނައީމެވެ. ބޭންކު އެކައުންޓަކީވެސް ބައްޕަގެ އެކައުންތަކަށްވެފައި އަޅުގަނޑުމެންނަށް ދެއްވާފައި އޮތީ އޮޕަރޭޓްކުރުމުގެ ހުއްދަކަމުން އޭނާގެ ސޮޔަށް ޢަމަލުނުކުރަން ބޭންކަށް އެންގީއެވެ. އަދި ފިރިމީހާއަށް ފިހާރައަށް ނުވަންނަން ވެސް އެންގީމެވެ. އަދި އެކަންކަން އޭނާގެ ލޯބިވެރިޔާއަށްވެސް އެންގީމެވެ. 

ވީގޮތެއް ނޭނގެއެވެ. އެހިސާބުން ކައިވެނި ހުއްޓިއްޖެއެވެ. އަބަދު ގޭގައި އުޅެން ފަށައިފިއެވެ. އަޅުގަނޑަށް އިންތިހާއަށް ހެޔޮބޮޑުވެއްޖެއެވެ. ވަރަށް ވިސްނީމެވެ. ފިރިމީހާ އާއިއެކުގައި އުޅޭނީތޯއެވެ؟ ނޫނީ އެހެންމަގެއް ހޯދާނީތޯއެވެ؟ ބޮޑަށް ބުރަވެވުނީ އައުކޮށްލާށެވެ. ސަބަބަކީ މާފުކުރިނަމަވެސް ހިތުގެ އަޑިން މާފުނުކުރެވޭނެތީއެވެ. ލޯބިނުވެ ލޯބިވާކަމަށް ދައްކައިގެން އުޅުމުން މުނާފިޤަކަށްވާނެތީއެވެ. 

އެހެންވެ ކޯޓަށް ގޮސް ވަރިވީއެވެ. އެއިރު އުމުރުން 48 އަހަރެވެ. އުމުރުގެ ބޮޑުބައިވަނީ ގޮސްފައެވެ. މުސްކުޅިވެފައެވެ. ނަމަވެސް އެކަނި މާގިނަ ދުވަހު ހުންނާކަށް ނުޖެހުނެވެ. ހަމަ އަޅުގަނޑަށް ދިމާވިފަދަ ކަމެއް މެދުވެރިވެ އަނިޔާ ލިބިފައި ހުރި ފިރިހެނަކާއި ބައްދަލުވެގެން ކައިވެނިކުރީމެވެ. އެކައިވެންޏަށް މިއީ 6 އަހަރެވެ. ދިރިއުޅެމުން މިދަނީ ހަމަ ވަރަށް އުފަލުގައެވެ އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ދިރިއުޅުމަކީ ކުޅިވަރެއްކަމަށް ނުދެކޭށެވެ. ދިރިއުޅުމަކީ ޗެލެންޖެކެވެ. ދެމަފިރިންގެ ތެރެއިން އެކަކު އަނިޔާވެރިވާނަމަ އެތަން ބަލަން ފުދިގެން ނުތިބޭށެވެ. އުޚުތުންނަށް ދަންނަވާލަން އޮތީ ކޮންމެ ބޭކަނބަލެއްގެ ތަނަވަސްކަން ނެތިދާނެއެވެ. އެއީ އެއްވެސް ޙާލެއްގައި އަޅުވެތިވާންޖެހެންވީ ސަބަބެއް ނޫނެވެ. ތަނަވަސްކަމަކީ ﷲ ގެ ޙައްޤެކެވެ. މަގުފަހިކޮށްދެއްވަވަނީ ﷲ އެވެ. ޙައްޤުގައި ސާބިތުވި އެއްވެސް އަންހެނަކަށް ނާކާމިޔާބުވިކަން އެނގިފައެއް ނެތެވެ. ވީމާ އަޅުވެތިވެގެން ނުތިބޭށެވެ! ރިޒުޤްވެސް ދެއްވަވާނެތެވެ. ކުރިއަށް ދެވޭނެ މަގުވެސް ދައްކަވާނެތެވެ. ދިރިއުޅުންވެސް އުޖާލާކޮށްދެއްވަވާނެތެވެ. ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ސާބިތުވުމެވެ. ސާބިތުވުމަށްފަހު ވަކީލުކުރާ އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެތެވެ. އިން ޝާ ﷲ 

- މުނީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް