އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު
އަޅުގަނޑު ހަނދާންހުންނަންފެށިއިރު އަޅުގަނޑު އުޅެނީ މާލޭގައެވެ. ދުވަހަކުވެސް ބައްޕަ އާއި ބައްދަލެއް ނުވެއެވެ. ފެންނަނީ ދޮންބައްޕައެވެ. ބައްޕަ ކޮބައިތޯ؟ ބައްޕައަކީ ކާކުތޯ؟ ސުވާލުކޮށްފިނަމަ މަންމަ ރުޅިއާދެއެވެ. ބައްޕަ އާއި ދިމާއަށް އެއްޗެތި ގޮވައެވެ. ބުނެއެވެ. "ދަރިފުޅު ލިބުނުތަނާ އެހެން އަންހެނަކާއި ހިތާވެފަ އަހަރެމެން ދެމައިން އެއްލައިލީއެވެ. ބައްޕަވީތަނެއް ނޭނގެއެވެ."
މަންމަ އަޅުގަނޑުދެކެ ލޯތްބެއް ނުވެއެވެ. ދޮންބައްޕައަށް ލިބިފައި ތިބި ކުދިންނާ ވަރަށް ބޮޑަށް ތަފާތުކުރެއެވެ. އެހެންވެ އަބަދުވެސް ހުންނަންޖެހެނީ ހިތްދަތިކަމެއްގައެވެ. އަދި މަންމަ އަޅުގަނޑުގެ ބައްޕަ އަޅުގަނޑު އެއްލައިލީކަމަށް ބުނާބުނުން އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. ކޮންމެވެސް ދުވަހަކުން ބައްޕަ އާއި ބައްދަލުވާނެކަމަށް ހުރީ އުންމީދުކޮށްގެންނެވެ.
ބައްޕަ ހޯދަން މަސައްކަތްކުރުމުގެ ބާރު އަޅުގަނޑަށް ލިބުނީ އުމުރުން 18 އަހަރުވީފަހުންނެވެ. އައިޑީ ކާޑުން ބައްޕަގެ ރަށް އެނގޭތީ ބައްޕަގެ ރަށަށް ދިއައިމެވެ. ދިއައީ ދޯންޏެއްގައެވެ. ދޯނިން ފޭބިތަނާ އެރަށުން ބައްދަލުވި އެއް އުމުރުގެ ކުއްޖެއް ގާތު ބައްޕަގެ ނަމާ އެޑްރެސް ބުނެފައި އޭނާ ކޮބައިތޯ ސުވާލުކުރުމުން އެކުއްޖާ އަޅުގަނޑު ގެންދިއައީ އެކުއްޖާގެ ގެއަށެވެ. އަދި އޭނާގެ މަންމައަށް އަޅުގަނޑު ދައްކާފައި ބުނީ މިހިރީ މިއަދު މާލެއިން އައިސް ބޮޑުބެ ހޯދަން އުޅޭ ކުއްޖެ ކަމަށެވެ.
އެދައްތަ އަޅުގަނޑާއިމެދު ވަރަށް ހެޔޮކޮށް ކަންކަންކުރިއެވެ. އަދި ކޮޓަރިއެއް ދައްކާފައި ދަބަސް ކޮޓަރިއަށް ވެއްދިއެވެ. އަދި ފެންވަރައިގެން ނުކުންނަން ބުންޏެވެ. ފެންވަރައިގެން ނުކުތުމުން ސައިދީފައި ކިޔައިދިނެވެ. "ދަރިފުޅު ފެނުމުން ތިއައީ ދޮންބެގެ ދަރިފުޅުކަން އެނގިއްޖެއެވެ. ވީމާ މިކިޔައިދެނީއެވެ. ދަރިފުޅު ވިހާފައި މަންމަ ދަރިފުޅުގެ ބައްޕަގެ ގާތުން ވަރިވެއްޖެއެވެ. އަދި ރަށަށް ފޮނުވާލާފައި ހުރި މީހަކާ ހިތާވެ ކައިވެނިކޮށްގެން އުޅެނިކޮށް އޭނާ މިނިވަންވުމުން ދަރިފުޅުވެސް ގޮވައިގެން ފުރައިގެން ދިއައީ އެއްވެސް މީހަކަށް އަންގައިވެސް ނުލައެވެ. ދަރިފުޅު ގެންދިއުމުން ލިބުނު ހިތާމައިގައި ބައްޕަ ވަނީ ދުނިޔެ ދޫކޮށްފައެވެ. މިރަށުގެ ވަރަށް ގިނަ އަންހެނުން ބައްޕަ އާއި ކައިވެނިކުރަން މަސައްކަތްކުރިއެވެ. ނަމަވެސް މަރުވީވެސް އެއްވެސް އަންހެނަކާއި ކައިވެނި ނުކޮށް ހުރެއެވެ. މަރުވުމުގެ ކުރިން ވަޞިއްޔަތްކޮށްފައިވަނީ ގެއާއި ގޯތި ދަރިފުޅަށް ދިނުމަށެވެ. އަދި އެކަންވަނީ ކޯޓުގައިވެސް ހަމަޖައްސައިފައެވެ. އަވަހަށް ގެއާއި ޙަވާލުވާން އަންނާށެވެ!"
ބޮޑުދައިތަ އަޅުގަނޑުގެ އަތުން ދޫކޮށްލީވެސް އެގެއަށް ވައްދައިފައެވެ. އެއިރު ގެބަލަހައްޓައިގެން ގޭގައި އުޅެނީ ބޮޑުދައިތަގެ ދޮށީ ދަރިފުޅެވެ. ދެން އެދައްތަ ގޮސް އަޅުގަނޑުގެ ދަބަސް އެގެއަށް ގެނެސް އެގޭގެ އެންމެ ބޮޑުކޮޓަރީގައި އަޅުގަނޑު ބެހެއްޓީއެވެ.
އެހިސާބުން އަޅުގަނޑު ނިންމީ މާލެ ނުދިއުމަށެވެ. ބައްޕަގެ ޢާއިލާގެ އެންމެންވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. ވީމާ ލޯބިނުވާ މަންމައެއްގެ ގާތުގައި އުޅުމަށްވުރެ ލޯބިވާ ބައަކު ގާތުގައި އުޅުމުން މާއުފާވެރިކަން ލިބޭނެތީއެވެ. އެރަށުގައި އުޅެމުން އަޅުގަނޑު ކައިވެނިކޮށް މިހާރު މިވަނީ ދަރިންވެސް ލިބިފައެވެ.
އަދިވެސް އަޅުގަނޑު މާލެއެއް ނުދަމެވެ. ނަމަވެސް މަންމައާއި ފޯނުން ވާހަކަދައްކަމެވެ. ގުޅުން ބާއްވަމެވެ. މަންމަ ގާތަށް ނުދަނީ ބައްޕަ އާއިމެދު މަންމަ ހެދި ދޮގުތަކަށް ހިތުގެ އަޑިން މާފުނުކުރެވޭތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ މަންމަ ބުނި ނަމަވެސް ބައްޕަ ބުނި ނަމަވެސް ބުނާހައި ވާހަކަތަކެއް ޤަބޫލުނުކުރާށެވެ! ކަމުގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާށެވެ.
- ފިރާޤް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 ޖެނުއަރީ 2022