އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 46 ސިކުންތު
އަޅުގަނޑުގެ އެކުވެރި ހާރިސް ބޮޑުވެ ލޯބިވެރިއަކު ހޯދައި ކައިވެނިކުރަން ބޭނުންވުމުން މަންމަގެ ރުހުން ހޯދަން ލޯބިވެރިޔާ ދެއްކުމުން މަންމަ ކައިވެންޏަށް ދެކޮޅުހެދިއެވެ. އަދި އެއީ ކަމުދާ އަންހެނެއް ނޫންކަމަށް ބުނެ އަނހެންކުއްޖާގެ ކުރިމަތީގައި އޭނާގެ އަގު ވައްޓައިލިއެވެ.
އެޙާލަތުގައި ހާރިސް އިޚްތިޔާރުކުރީ އޭނާގެ ލޯބިވެރިޔާއެވެ. މަންމަގެ ހުރި ހަމައެކަނި ދަރިފުޅު ނަމަވެސް ހާރިސް ބޭނުންވީ މަންމަ ދޫކޮށްފައި ގެއިން ނުކުމެގެންދާށެވެ. ހެއިން ނުކުމެ ލޯބިވެރިޔާ އާއިއެކު އޭނާގެ ގޭގައި އުޅެމުން ކައިވެނިކުރިއެވެ.
ކައިވެނިކޮށް ދަރިއަކު ލިބުނުތަނާ ސްޓްރޯކެއްޖެހި ހާރިސް ނިޔާވީއެވެ. ޙާރިސް ނިޔާވިކަން އެނގުމުން މަންމަ މަސައްކަތްކުރީ ދެމައިން އޭނާގެ ގާތަށް ގެންނާށެވެ. ނަމަވެސް އެކަގޮތަށް ކަންތައްކުރަން ހާރިސްގެ އަނބިމީހާ ބޭނުމެއް ނުވިއެވެ.
އެއިގެ ކުޑަދުވަސްކޮޅެއްފަހުން މަންމައަށް ސްޓްރޯކެއް ޖެހި އެފަޅިން ވާގިދިއައެވެ. އެހީތެރިއަކު ނެތި ހޮސްޕިޓަލުގައި އޮތްކަން އެނގުމުން ހާރިސްގެ އަންހެނުން ސީމާ ހޮސްޕިޓަލަށް ގޮސް މަންމައަށް އެހީތެރިވާންފެށިއެވެ. އަދި ގެއަށް ގެންދެވޭވަރުވުމުން ގެއަށް ގެންގޮސް މަންމަ ބަލަން ފެށިއެވެ. އަމިއްލަ މަންމަ ފަދައިންނެވެ.
މަންމައަށް ލުއިލިބި އެކަނި އުޅެލެވޭވަރުވުމުން މަންމަ ސީމާ އާއި ސުވާލުކުރިއެވެ. "ދަރިފުޅާއެވެ! ހާރިސް މަރުވުމުން ދެމައިން ބަލައިދިއުމުން ނައިސްހުރެފައި މިއަދު އައިސް މަންމައަށް ތިއަ އެހީތެރިވަނީ ކީއްވެގެންހެއްޔެވެ؟ މަންމައަށް ދަރިފުޅު ވަރަށް ގިނަ ޚިދުމަތް ކޮށްދީފީމުއެވެ. އަދި މިހާރުވެސް ތިއަގެންދަނީ އެހީތެރިވަމުންނެވެ. ދަރިފުޅު އެހީތެރިނުވިނަމަ މަންމައަށް ޖެހޭނެ ޙާލެއް ނުވެސް އެނގގެއެވެ."
ޖަވާބުގައި ސީމާ ބުންޏެވެ. "މަންމާއެވެ. ހާރިސް ދެކެ އަހަރެން ވަރަށް ބޮޑަށް ލޯބިވެއެވެ. ހާރިސް މަންމަ ދޫކޮށްލި ސަބަބުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެކަންކަންވީގޮތް މަންމައަށްވެސް އެނޭނެއެވެ. ހާރިސް ހުރީ މަންމައާއިއެކު ދުވަހަކުވެސް ދިރިއުޅޭ ގޮތަކަށް ނޫނެވެ. ވީމާ މަންމަ އަހަރެމެން ގެންނަން ބޭނުންވި ދުވަހު އަހަރެން އިޙްތިރާމްކުރީ ހާރިސް ބޭނުންވާނެ ގޮތަށެވެ. ނަމަވެސް މަންމަ ބަލިވެއްޖެ ނަމަ ހާރިސް ބަލާނެއެވެ. ހުރިޖާ ކަމެއްވެސް ކޮށްދޭނެއެވެ. ވީމާ މަންމަ ބަލިވުމުންވެސް އަހަރެން މިއިޙްތިރާމް ކުރީ ހާރިސް ބޭނުންވާނެ ގޮތަށެވެ."
ކޮންމެއަކަސް މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން އޮތް ވާހަކައަކީ ދަރިންގެ ކައިވެންޏަށް ހުރަސް އަޅަންވާނީ ވަކި ވަރަކަށެވެ. ދަރިންނާއި ގުޅުންކެނޑިގެންދާނެ ގޮތަށް ކަންކަން ނުކުރާށެވެ. އެކަމުގެ ނަތީޖާ ކިތަންމެހައިވެސް ހިތާމަވެރިވެދާނެއެވެ. މިއީ އެފަދަ ޙާދިސާއެއްގެ ވާހަކައެވެ.
ދެން ބުނެލަން އޮތީ ހާރިސްގެ މަންމަ ކައިވެންޏަށް ދެކޮޅު ހެދި ސަބަބުގެ ވާހަކައެވެ. އެއީ ސީމާގެ ކިބައިގައި ހަޑި މާޒީއެއް އޮތުމެވެ. ވިސްނަންވީ މާޒީ ކިތަންމެ ހަޑިނަމަވެސް މީހަކު ބަދަލުވެދާނެއެވެ. އިޞްލާޙްވެދާނެއެވެ. ޙަޤީޤީ ލޯބިވެރިއަކު ލިބުމުން އިޞްލާޙްވެ ހެޔޮލަފާ އަންތބަކަށްވުމަކީ ހަމަ ގިނައިން ފެންނަމުން އަންނަ ކަމެކެވެ. ވީމާ އިޞްލާޙްވާން މަސައްކަތްކުރާނަމަ ފުރުޞަތުޑޭންވާނެއެވެ.
ސީމާގެ ކުރީގެ މާޒީ ކިތަންމެ ހަޑިނަމަވެސް ހާރިސް އާއި ކައިވެނިކުރިފަހުން ސީމާއަކީ އަޚްލާޤީ ގޮތުން ނަމޫނާ އަންތބެކެވެ. ހާރިސް މަރުވުމުންވެސް ސީމާ ދައްކައިއެދިނީ ކޮންފަދަ ރިވެތި އަޚަލާޤެއްތޯއެވެ؟
ވީމާ މިއީ ހަމަ މައިންބަފައިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ. އަދި އެންމެންވެސް ވިސްނަން ޖެހޭނެ ކަންކަން ކަމުގައި އަޅުގަނޑު ދެކެމެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
13 ޖެނުއަރީ 2022