އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 5 ސިކުންތު
އަޅުގަނޑާއި ލީޒާގެ ކައިވެނިކުރެވުނީ ވަރަށް ލޯބިން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ. ކައިވެންޏަށްފަހުގައިވެސް ދެމީހުން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ. އެހެންކަމާއިއެކުގައިވެސް އަޅުގަނޑަށް ލީޒާދެކެ ފޫހިވެވެން ފެށުނެވެ. ސަބަބަކަށްވީ ލީޒާގެ އެންމެ ގާތް އެކުވެރިޔާ، ނަޢީމާ ދެކެ ލޯބިވެވެން ފެށުމެވެ.
ނަޢީމާވެސް ހުރީ ކައިވެނިކޮށްގެންނެވެ. ދިރިއުޅެނީވެސް ވަރަށް ލޯބިންނެވެ. އެހެންވެ އެބާވަތުގެ ވާހަކައެއް އޭނާގެ ގާތުގައި ދައްކާނެ ފުރުޞަތުވެސް އަޅުގަނޑަކަށް ނުލިބެއެވެ. ދެމަފިރިން އެކުގައި އަޅުގަނޑުމެންގެ ގެއަށް އަންނަ ދުވަސްތަކުގައި އަދި އެމީހުންގެ ގެއަށް އަޅުގަނޑުމެންނަށް ދެވޭ ދުވަސްދުވަހު ނަޢީމާގެ ފިރިމީހާދެކެ ވަރަށް ރުޅި އާދެވެއެވެ. ކައިވެނި އަވަހަށް ރޫޅުމަށް އެދެވެއެވެ. ބައެއް ފަހަރު އޭނާގެ ފިރިމީހާ އަވަހަށް މަރުވުމަށްވެސް އެދެވެއެވެ.
ކަންތައް މެދުވެރިވީ އަޅުގަނޑު އެދެމުން އައި ގޮތަށެވެ. ނަޢީމާގެ ފިރިމީހާގެ ސިކުނޑިއަށް ސްޓްރޯކެއްޖެހި ހޭނާރާ ދުވަސްކޮޅަކު އޮވެފައި މަރުވީއެވެ. އެކަމާއި ވަރަށް ވަރަށް ދެރަވިކަމަށް ހެދިގެން ޖަނާޒާގެ ކަންތަކުގައި އުޅުނުއިރުވެސް ހުރެވެނީ އުފަލުން ނަށަނަށައެވެ. ދާދިއަވަހަށް ނަޢީމާ އާއި ކައިވެނިކުރެވިދާނެކަމުގެ އިޙްޞާޞްތަކުގައެވެ.
ނަޢީމާގެ ފިރިމީހާ މަރުވުމުން ގިނަގިނައިން އެގެއަށް ދަމެވެ. ނަޢީމާ ބުނާހައި ކަމެއްވެސް ކޮށްދެއެވެ. ނަމަވެސް ނަޢީމާ އަޅުގަނޑާއިމެދު ކަންކަން ކުރަނީ އެއްބަނޑު އެއްބަފާ މީހަކާއިމެދު ކަންކަންކުރާ ގޮތަށެވެ. އަދި ހިލޭ ފިރިހެނަކާއިމެދުވެސް ކަންކަން ކުރާނެ ގޮތަށެވެ. އެގޮތުން އޭނާ ބުނާ ކިތަންމެ ކުޑަ އެއްޗެއް ގެންގޮސްދިން ނަމަވެސް އަގުދޭނެއެވެ. ނުހިފަން އުޅެފިނަމަ ބޭނުމެއް ނުކުރާނެއެވެ. ވީމާ އަޅުގަނޑަށް ޤަބޫލުކުރެވުނީ އެއީ ލީޒާ އާއި ކައިވެނިކޮށްގެން ހުންނާތީކަމަށެވެ.
އެވިސްނުމުގައިހުރެ ވަރިނުކުރުން އެދި ލީޒާ ރޮއި އާދޭސްކުރަމުން ދަނިކޮށް އަޅުގަނޑު ލީޒާވަރިކުރީމެވެ. ބޫނީމެވެ. "ލީޡާ ކިތަންމެހައިވެސް ރަނގަޅެވެ. ތިއައީ ބަސްޤަބޫލުކުރާ ކިޔަމަންތެރި އަދި އަހަރެންދެކެ ލޯބިވާ އަންތބެކެވެ. ނަމަވެސް އަހަރެންގެ ހިތް އެހެން އަންހެނަކަށް ދެވިއްޖެއެވެ. އަހަރެންނަށް މާފުކުރާށެވެ!"
އެރޭ ވަރަށް ރީތިވެލައި އެންމެ އަގުބޮޑު ސެންޓުޖަހައިގެން ނަޢީމާ އާއި ބައްދަލުކުރަން ދިއައިމެވެ. ނަޢީމާއަށް އެންމެ ރީތިކުލައިން ގަމީސްވެސް ލައިގެންނެވެ. ބައްދަލުކުރުމުން ނަޢީމާ ދިންޖަވާބުން ދިއައީ ސިއްސައިގެންނެވެ. "ދެން އަހަރެންނަށް ނުގުޅާށެވެ! ހޯދަންވެސް ނާންނާށެވެ! އަހަރެން ކަލެއާއި ގުޅުން ބޭއްވީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، ލީޒާގެ ފިރިމީހާކަމަށްވާތީއެވެ. އެކަމެއް މިހާރަކު ނެތެވެ. އެއިގެ އިތުރުން ކަލެއަކީ ވަރަށް ބޮޑު އަނިޔާވެރިއެކެވެ. މުޖުރިމެކެވެ. ކަލޭ ތިއަހުރީ ލީޒާގެ ހިތް ކުދިކޮށް ކޮށާލައިގެންނެވެ. ތިއަކަހަލަ ފިރިހެނުންނާ ވާހަކަދައްކަންވެސް ހެޔޮނުވާނެއެވެ!" އެހެން ބުނެފައި އިތުރަށް އެންމެ ބަހެއްވެސް ނުބުންޏެވެ.
އެއިގެ 2،3 ދުވަސްފަހުން ލީޒާ އާއި ބައްދަލުކޮށް މާފަށް އެދުނީމެވެ. ލީޒާވެސް ދިނީ ހަމަ އެފަދަ ޖަވާބެކެވެ. "މާފުކޮށްފީމެވެ. ނަމަވެސް ދެން ދުވަހަކުވެސް ކަލެއާއި ގުޅުމެއް ނެތެވެ. ދެވަނަފަހަރު ކައިވެނިކުރިނަމަވެސް ވަރިނުކުރާނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ ތިއަބާވަތުގެ ފިރިހެނުން އަބަދުވެސް އުޅޭނީ ތިއަކަހަލަ ގޮތަކަށެވެ."
ބުނެވޭނެ އެއްޗެއް ނެތުމުން ވަރަށް ދެރަވެ ހުރެ ނުކުމެގެން ދިއައީއެވެ. ދެމީދާފެހިބުޅަށްވީވަރުގެ ވާހަކަ އެންމެންވެސް އަޑުއަހާނެއެވެ. އަޅުގަނޑަށްވެސް ޖެހުނީ ހަމަ އެޙާލެވެ.
ވީގޮތެއް ނުއެނގެއެވެ. ކައިވެނިކުރަން އުޅެއުޅެ އެކަމެއް ނުވިއެވެ. ކުދިންނާ ރައްޓެހިވަމެވެ. ނަމަވެސް ކައިވެންޏާއި ހަމައަށްދާތަނުން އޮންނަނީ ދެމީހުން ވަކިވާންޖެހިފައެވެ. ކައިވެންޏެއް ކުރެވުނީ އެތައް ކުދިންނަކާ ރައްޓެހިވެ ކައިވެނިނުކުރެވި އެޙާލެއްގައި 10 އަހަރު އުޅުނުފަހުންނެވެ. ކައިވެނިކުރެވުނީ އަޅުގަނޑަށްވުރެ 10 އަހަރު ދޮށީ އަންހެނަކާއިއެވެ.
އަޅުގަނޑާއި ލީޒާ އަދި ނަޢީމާގެވެސް ގެ ހުންނަނީ ދާދި ގާތުގައެވެ. އެދެއަންހެނުން ދާދިއަވަހަށް ކައިވެނިކޮށް ސައިކަލް ފަހަތުގައި ބުރުޖަހަންދާތަން ފެނުމުން ވަރަށް އަސަރުކުރެއެވެ. ނަމަވެސް ހިންދިރުވާލައިގެން ހުރުން ނޫންގޮތެއް ނެތީމާ ފެނުނަސް ނުފެންނަ ކަމަށް ހަދައިގެން ހުންނަނީއެވެ.
ކައިވެނިކުރި ރޭ ހުވަފެނުގައި ނަޢީމާގެ ފިރިމީހާ ފެނުނެވެ. ހުރީ ވަރަށް ސާފު ހުދުހެދުމެއްގައެވެ. ބުނިހާވެސް ބަހަކީ "ކަލޭ ކުރި ދުޢާތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! އެދުޢާތަކުގެ ސަބަބުން އަހަރެން މިވަނީ ﷲ ގެ ތަނަވަސް ރަޙްމަތުގައެވެ. ކައިވެނި ތިއަކުރެވުނީ ނަޢީމާ އާއިދޯއެވެ!" އެހިސާބުން އޭނާ ގެއްލުނީއެވެ. ޖަވާބުދީ މާފަށް އެދޭނެ ފުރުޞަތެއްވެސް ނުލިބުނެވެ. ހޭލެވުމުން ވަރަށް ދެރަވިއެވެ.
އެހުވަފެނުގެ ވާހަކަ ޢިލްމުވެރިއަކަށް ކިޔައިދިނުމުން ބުނީ ތައުބާވުމަށެވެ! އަދި ނަޢީމާގެ ފިރިމީހާއަށް ހެޔޮ ރަހްމަތް ލެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމަށާއި އަދި އޭނާއަށްޓަކައި ޞަދަޤާތްވެސް ކުރުމަށެވެ.
އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ކަންކަން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ އެންމެ ބޭނުމަކުއެވެ. އެއީ ވަފާތެރި ހެޔޮލަފާ އަނބިންގެ ހިތުގައި ޖެއްސުމާއި ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އެހެން މީހުންގެ އަނބިންނަށް ހިތްކިޔުމަކީ ކިތަންމެ ބޮޑު ލިބިދާނެ ކަމެއްކަން ބަޔާންކުރުމަށެވެ. އަޅުގަނޑަށް މިވަނީ އެދެކަންތަކުގައި ހުރި ހިތިރަހަ ވަރަށް ރަނގަޅަށް އިޙްޞާޞް ކުރެވިފައެވެ.
- އިބްރާހީމް ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
17 ފެބްރުއަރީ 2022