އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާވެސް މައްސަލައަކީ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި އަންހެނުން ނިކަމެތިކުރަމުން ގެންދާތީ!

ހުރިހާވެސް މައްސަލައަކީ ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި އަންހެނުން ނިކަމެތިކުރަމުން ގެންދާތީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އަންހެނުންގެ ދުވަސް ފާހަގަކުރަން މިރޭ ބޮޑު ޕެނެލް ޑިސްކަޝަނެއް ބާއްވާ ބައަކާއި "ތިއަ ޕެނެލްގައި ދީނީ އެއްވެސް ޢިލްމުވެރިއަކު ބައިވެރިކުރައްވަންތޯ؟" ސުވާލުކުރުމުން ބުނީ ބައިވެރިނުކުރާ ކަމަށެވެ. 

އުފެދޭ ސުވާލަކީ އިސްލާމް ދީނުގެ މަގުން ކަންކަންކޮށްގެން ނޫނީ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ކުރިއެރުމެއް ލިބިދާނެތޯއެވެ؟ ޙައްޤުތައް ހޯދައިދޭން ނުކުމެ އުޅޭ ޖަމިއްޔާތައް އިސްލާމް ދީނާއި މިހައި ދުރުވެގެން މިއުޅެނީ ކީއްވެގެންތޯއެވެ؟ 

އަންހެނަކަށްވިޔަސް ފިރިހެނަކަށްވިޔަސް ކުރިއެރުން ލިބޭނެ ހުރިހާ މަގުތަކެއް ތަނަވަސްވާން އޮތީ އިސްލާމް ދީނުގެ ތެރެއިންނެވެ. އެކަން އެންމެ ބޮޑަށް އެނގިގެންދަނީ ހަމައެކަނި ޙައްޤުތަކުގައި ހިފައިގެން ތިބި ދުނިޔޭގެ އެންމެ ފުންނާބު އުސް ޤައުމުތަކުންނެވެ. ޙަޤީޤަތަށް ބަލައިފިނަމަ އަންހެނުން އެންމެ ނިކަމެތި ޙާލުގައި ތިބީ އެ ޤައުމުތަކުގައެވެ. 

އަންހެނުންނަށް އެންމެ މަތީ ޤަދަރާއި ޙިމާޔަތާއި ރައްކައުތެރިކަން ދީފައިވާ ދީނަކީ އިސްލާމް ދީނެވެ. އެއީ މުޅި ދުނިޔެވެސް އެއްބަސްވާ ޙަޤީޤަތެކެވެ. އެއްބަސްވި ނަމަވެސް މިނިވަންކަމުގެ ނަމުގައި ޤަބޫލުނުކުރަން ބައަކު ތިބުމަކީ އިސްލާމް ދީނުގެ މައްސަލައެއް ނޫނެވެ. އަމިއްލަ އެދުން ބޮޑު އެބައެއއްގެ މައްސަލައެކެވެ. އެމީހުން ކުރާ ވަކާލާތުތަކުން ބައަކު މަގުފުރެދެމުންދަނީއެވެ. މަގުފުރެދެމުންދާ މީހުންނަށް އެއްވެސް މޮޅެއް ލިބޭނަމަ އަންހެނުންނަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތައް ކުރިމަތިވެފައެއް ނުވާނެއެވެ. 

ރާއްޖެއަށް ބަލައިފިނަމަ އަންހެނުންނަށް ވަނީ ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. އަންހެނަކަށްވީތީ ނުކުރެވޭ މަސައްކަތެއް ނެތެވެ. އަދާނުކުރެވޭ މަޤާމެއް ނެތެވެ. ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ އެއްވެސް ޙައްޤެއް ލިބުމަށް އެއްވެސް ހުރަހެއް ނެތެވެ. 

އަންހެނުންވެސް ފިރިހެނުންވެސް ކުރިއަރައިދާނީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތް ޤަބޫލުކޮށް ޢަމަލުކުރުމުންނެވެ. އަމިއްލައަށް އިތުރު ގޮތްތައް ހަދަން އުޅެގެން ލިބޭނީ ނިކަމެތިކަމެވެ. އެހެނީ އަންހެނުންވެސް ފިރިހެނުންވެސް އުފެއްދެވީ ﷲ ތަޢާލާއެވެ. މީސްތަކުންނަށް އެންމެ ފައިދާހުރި ގޮތް ދެނެވޮޑިގެންވަނީވެސް ﷲ އެވެ. އެންމެހައި މީސްތަކުންނީ އެކަލާނގެ އަޅުންނެވެ! ވީމާ އޮންނާނެ ހަމައެކަނި ގޮތަކީ ބޯލަނބައި ކިޔަމަންވުމެވެ. 

ހުރިހާވެސް މައްސަލައަކީ ﷲ ތަޢާލާގެ އެންގެވުންތައް ދޫކޮށްލައި ޙައްޤުތައް ހޯދައިދިނުމުގެ ނަމުގައި އަންހެނުން ނިކަމެތިކުރަމުން ގެންދާތީއެވެ. ވީމާ އޮތް ހަމައެކަނި ޙައްލަކީ ޙަޤީޤަތް ޤަބޫލުކުރުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް