އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސިޓީ ގެ މަގުހެދުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ގެ މަގުހެދުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވައިފިއެވެ.

މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ފަށްޓަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަން ޖަޔަޝަންކަރު. އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި މި މަޝްރޫޢަކީ އައްޑޫސިޓީގައި މިހާތަނަށް ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ޖުމްލަ 1,197,068,447.16ރުފިޔާގެ މި މަޝްރޫޢު ކުރިޔަށްގެންދަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު ޤާއިމުކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. އަދި ގާތްގަޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް ، ހިތަދޫ ގައުކެޑިއާ މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ 4 ލޭނުގެ އައު ލިންކްރޯޑެއް ހެދުން ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު