އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަރިން ބޮޑެތިވުމުން ޒުވާންކުދިން ފަހަތުން ދުވެވޭނަމަ ދަރިން މިފަދަ ފިޔަވަޅުތައް އަޅާނެ! ޢިބްރަތް ޙާޞިލުކުރައްވާ!

ޙަޤީޤީ ޙާދިސާ: ދަރިން ބޮޑެތިވުމުން ޒުވާންކުދިން ފަހަތުން ދުވެވޭނަމަ ދަރިން މިފަދަ ފިޔަވަޅުތައް އަޅާނެ! ޢިބްރަތް ޙާޞިލުކުރައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 27 ސިކުންތު

އަޅުގަނޑަކީ ކިތަންމެ ބުރަކޮށް އުޅެންޖެހުނަސް މެންދުރު ކާން ގެއަށްދާ މީހަކީމެވެ. އެދުވަހު ގެއަށް ގޮސް ހެދުން ބަދަލުކޮށްލަން ކޮޓަރިއަށް ވަންނަން އުޅުނުއިރު އަނބިމީހާ ފޯނުން ވާހަކަދައްކަނީއެވެ. އެހެންވެ އަޑުއަހަން މަޑުކޮށްލީމެވެ. ފޯނު ނިމުމުން ކޮޓަރިއަށް ނުވަދެ ގޮސް އަމިއްލައަށް ކާއެއްޗެތި އަޅައިގެން ކާލައިގެން ނުކުމެގެންދިއައީއެވެ. އެހެންވެ ގެއިން އަނބިމީހާ އާއި ބައްދަލެއް ނުވެއެވެ. 

އާދައިގެމަތިން ހަވީރު ގެއަށް ދިއުމުން މެންދުރު ގެއަށް ގޮސް ގޮވާވެސް ނުލައި ކައިގެންދިއައީ ކީއްވެގެންތޯ ސުވާލުކުރުމުން އެއީ ވަރަށް އަވަހަށް ދާންޖެހޭތީ ވަގުތުނެތުމުން ކަމަށް ބުނީމެވެ. އަދި އެކަމަށްޓަކައި މާފަށްވެސް އެދުނީމެވެ. 

އަނބިމީހާ ބުނީ އެރޭ އެކުވެރިއަކާއިއެކު ބާޒާރަށް ގޮސްލަން ބޭނުންކަމަށެވެ. އަހަރެންނަކީ އަނބިމީހާ އެދގޮތަށް އެދުމުން އެކަމަށް ހުރަސްއަޅާ މީހަކީމެއް ނޫނެވެ. އެހެންވެ ވަގުތުން ހުއްދަދިނީމެވެ. އަދި ރޭގަނޑު ކައިގެން މަސައްކަތެއްކޮށްލަން އޮފީހަށްދާންޖެހޭ ކަމަށްވެސް ބުނީމެވެ.

އަޅުގަނޑު ދިއައީ އޮފީހަކަށް ނޫނެވެ. އަނބިމީހާ އޭނާގެ ލޯބިވެރިޔާ އާއި ބައްދަލުކުރަން ދިއަ ހޮޓަލަށެވެ. އަނބިމީހާ ކޮޓަރިއަކަށް ވަނުމުން ދޮރުގައި ޓަކިޖެހީމެވެ. އަނބިމީހާ ސުވާލުކުރިއެވެ. "މަގޭ ލޯބިވާ ފިރިމީހާ މިތާކުރަނީ ކީއްހެއްޔެވެ؟" ޖަވާބުގައި ސުވާލުކުރީމެވެ. "މަގޭ ލޯބިވާ އަނބިމީހާ މިތާކުރަނީ ކީއްހެއްޔެވެ؟" ޖަވާބުނުދީ އެދުނީ މާފަށެވެ. މާފުކުރާށޭ ބުނަމުން ބިންމަތީގައި ކަކޫޖައްސައި އަޅުގަނޑުގެ ފައިގައި އަތްލަން އުޅުމުން އެކަން މަނާކުރީމެވެ.

ބުނީމެވެ. "މިހިރަފެންނަ ހަގު ޒުވާނާ އާއިއެކު މިކޓަރިއަށް ތިއައީ އަހަރެންނަށް ކަލެއަށް ކޮންކަމެއް ކޮށްނުދެވިގެންހެއްޔެވެ؟ އެއްދާން ކޮށްނުދެވިގެން ހެއްޔެވެ؟ އެހެން ބޭނުމެއް ފުއްދައި ނުދެވިގެންހެއްޔެވެ؟ އެހެންވީމާ ކަލޭ ކުރަން ތިއައައި ބާޒާރަކީ ޒުވާނެއްގެ ގުނަވަން ގަތުން ނޫންހެއްޔެވެ؟ ހަމަގައިމުވެސް އޭނާ އެންމެ ޑޮލަރެއް ދީފައިވެސް ތިއަވަރުގެ މުސްކުޅިއެއް ނުގަންނާނެއެވެ. ބޭނުންވަރަކަށް ތިއަބާޒާރުކުރާށެވެ. މިވަގުތަށްފަހު އަހަރެން ކަލޭގެ ސޫރަވެސް ދެކެން ބޭނުމެއް ނޫނެވެ." 

އެހެން ބުނެފައި މަޑުނުކޮށް ނުކުމެގެން ދިއައީއެވެ. އެހެން ބުނަންޖެހުނީ އެއިރު ކައިވްންޏަށް 16 އަހަރެވެ. އަނބިމިހާގެ އުމުރުން 43 އަހަރެވެ. އަނބިމީހާ އާއިއެކު ހުރި ޒުވާނާގެ އުމުރަކީ ގާތްގަނޑަކަސް 20 ވަރަކަށް އަހަރެވެ. 20 އަހަރުގެ ޒުވާނަކު އެއުމުރުގެ އަންހެނަކަށް ޚަރަދުނުކުރާނެތީއެވެ. 

ހޮޓަލުން ނުކުމެގެން އަޅުގަނޑުދިއައީ ގެއަށެވެ. ގެއަށްދިއުމަށްފަހު ދޮރާށި ތަޅުލުމަށާއި އަނބިމީހާ އައިނަމަވެސް ނުވައްދަން ބުނީމެވެ. އަދި ދަރިންގެ ޙާޒިރުގައި ކަންކަން ފައިސަލާކޮށް ގޮތް ނިންމަން މާދަމާ މެންދުރު 2 ޖަހާއިރު އަންނަން ބުނަން ބުނީމެވެ. 

ގެއަށްވަންނަމަވެސް ރުޅިގަދަވެ ތުރުތުރުއަޅައެވެ. މޫނުން އޮއްދާތައް އޮހޮރެއެވެ. އެތަންފެނުމުން 3 ދަރިން އައިސް ސުވާލުކުރަން ފެށުމުން ބުނީމެވެ. "މާދަމާ މެންދުރު މަންމަ އަތުވެއްޖެނަމަ މަންމަގެ ޙާޒިރުގައި ކިޔައިދޭނަމެވެ. ބައްޕައަށް ކެތްތެރިވެވޭނެއެވެ. ދަރިން ކަންބޮޑުނުވެ ތިބޭށެވެ!" 

އަނެއްދުވަހު އަނބިމީހާ ގެއަށް އައެވެ. ބާރަށް ރޮއިހެދިއެވެ. ބުނީމެވެ. ކިތަންމެ ބާރަށް ރުއި ނަމަވެސް ވެގެންއުޅޭ ގޮތެއް ދަރިންނަކަށް ނުއެނގޭނެއެވެ. އެނގޭނީ ކިޔައިދިނީމައެވެ. 

އޭނާއަށް ކިޔައި ނުދެވުމުން އަޅުގަނޑު ކިޔައިދިނީމެވެ. ކުދިން އެދުނީ މަންމަވަރިކުރާށެވެ! ވަރިކުރި ނަމަވެސް ދަރިންނާއިއެކުގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުގޮސް ގޭގައި އިންނަން މަންމަ ބޭނުންވާނަމަ މަންމަ ގޭގައި ބެއިންދުމަށެވެ. އަދި ބޭނުންވާއެއްޗެއް ގަނެދިނުމަށާއި އެއްވެސް ފައިސާއެއް މަންމަގެ އަތަށް ނުދިނުމަށެވެ. އަދި އަޅުގަނޑު ބޭނުންނަމަ އެހެން އަންހެނަކާއި ކައިވެނިކުރަންވެސް ހުއްދަދިނެވެ. ހީވަނީ މިއީ ބޮޑު މައްސަލައެއް ޖެހިއްޖެކަން އެނގުމުން 3 ދަރިން ސައްލާކޮށް އެއްބަސްވެފައިވާ ކަންކަންހެންނެވެ.  

ކޮންމެއަކަސް އޭނާ ބޭނުންވީ ކުދިން ހުށަހެޅި ގޮތަށް ގޭގައި އިންނާށެވެ. އެހެންވެ އަޅުގަނޑުގެ އެއްވެސް ކަމަކާއި ނުބެހުން ޝަރުޠުކޮށް ދަރިންބަލަން ގޭގައި ބެއިންދީމެވެ. އަދި މަހެއްހައި ދުވަސްފަހުން ކައިވެނިކޮށް އަންތބަކުވެސް ގެއަށް ގެނައީމެވެ. 

އަޅުގަނޑަކީ މަހަކު 10،000 ޑޮލަރުގެ އާމަދަނީއެއް ލިބޭ މީހެކެވެ. ދިރިއުޅުމަށް ޚަރަދުކުރަންޖެހޭނީ 4،000 ޑޮލަރެވެ. އެކައުންޓުގެ ކޭޝްކާޑު ބޭއްވީ އަނބިމީހާގެ އަތުގައެވެ. ވީމާ ފައިސާއަށް ދަތިވެފައެއް ނުވާނެއެވެ. ދުވަހަކުވެސް ހިލޭ އަނހެނަކާއި އެއްވެސް ގުޅުމެއް ނުބާއްވަމެވެ. ވީމާ ހިތްދަތިވާންޖެހޭނެކަމެއް މެދުވެރިވެފައެއް ނުވާނެއެވެ.

ކައިވެނިކުރުމަށްފަހު އޭނާއަށްވެސް ބޭނުން މީހަކާ ކައިވެނިކުރަން ބުނީމެވެ. ކައިވެނިކޮށްގެން ގެއަށް ގެންނަންވެސް ހުއްދަދިނީމެވެ. 5 އަހަރުވީއިރުވެސް އޭނާ ކައިވެނިނުކޮށް އިންތިޒާރުކުރަނީ އަޅުގަނޑާއި ގުޅުމަށެވެ. ނަމަވެސް އެކަނި ހުންނަން ޖެހުނަސް، ދެއަންތބަށްވެސް އޭނާ އާއި ކައިވެނިކުރާކަށް އަޅުގަނޑުގެ ހިތަކު ނެތެވެ. 

މިއީ އަޅުގަނޑާއި އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. މިވާހަކަ ކިޔާފައި އަންހެނަކަށްވެހުރެ އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އަޅުގަނޑަށް ދިމާވީ މީގެ އިދިކޮޅަށެވެ. މިވާހަކައިގައި އަނބިމީހާ ކަންކަންކުރި ގޮތަށް ކަންކަންކުރީ އަޅުގަނޑުގެ ފިރިމީހާއެވެ. ދަރިއެއްހައި ކައިވެންޏަށް 23 ވަނަ އަހަރު ދަރިއަކުހައި ހަގު އަންހެންކުއްޖަކާއިއެކު ގެސްޓް ހައުސެއްގެ ކޮޓަރިއަކުން ނުކުމެވުނީ އެތަނުގެ މަސައްކަތެއް ކުރަން ގޮސް އުޅުނު ހަމައެއުމުރުގެ ދަރިފުޅުގެ ކުރިމައްޗަށެވެ. 

ބައްޕައަށް ވަގުތުން ޙުކުމްކުރީ ދަރިފުޅެވެ. "ބައްޕަ ދެން މަންމަގެ ކުރިމައްޗަށް ނާރާތި!" ބުނެފައި އަޅުގަނޑަށް ފޯނުކޮށްފައި ބުނީ ބައްޕައަކީ ނަޖިސް މީހެއް ކަމަށާއި ގެއަށް ވައްދައިގެން ނުވާނެ ކަމަށެވެ. ހަވީރު ފިރިމިހާ ގެއަށް އައުމުން ގޭގައިތިބި ކުދިން އޭނާއަށް އެންގީ ދޮންމަންމައާއިއެކު ޒުވާންކޮށް ދިރިއުޅެން ދިއުމަށެވެ. ގޭގައި މަޑުކުރިއަވެސް ނުދީ ގެއިން ނެރެލީއެވެ. ވީގޮތެއް އަޅުގަނޑަށް އޮޅުންފިލީވެސް އެރޭގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދަރިން ބޮޑެތިވީމާ ޢަމަލުތައް އިޞްލާޙް ނުކުރެވޭނަމަ މިފަދަ ކަންކަން ދިމާވާނެ ކަމަށެވެ. ހިތާމައަކީ ކުރަން ދެވިހިފާފައި ހުންނަ ނުބައިކަންކަން ކުރުން ހުއްޓައިނުލެވޭކަމެވެ.

 

- ނިސްރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް