އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ހުރި އެންމެ ދަރިފުޅު ނިކަމެތި އެކަނިވެރިމައަކާ ކައިވެނިކުރުމުން ބަލައިނުގަނެވުނު ކަމާއިމެދު މިއަދުވެސް ހިތާމަކުރާ މައެއްގެ އިޙްޞާޞްތައް-

ޙަޤީޤީ ޙާދިސާ: ހުރި އެންމެ ދަރިފުޅު ނިކަމެތި އެކަނިވެރިމައަކާ ކައިވެނިކުރުމުން ބަލައިނުގަނެވުނު ކަމާއިމެދު މިއަދުވެސް ހިތާމަކުރާ މައެއްގެ އިޙްޞާޞްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

އަޅުގަނޑަކީވެސް އެކަނިވެރި މަންމައަކީމެވެ. ނަމަވެސް މާލީ ގޮތުން ތަނަވަސްކަން ހުރުމުން ހަމައެކަނި އިޙްޞާޞްކުރަންޖެހުނީ ފިރިމީހާ ނިޔާވިކަމެވެ. ފައިސާގެ ދަތިކަން އެއްވެސް ވަރަކަށް އީޙްޞާޞްކުރާކަށް ނުޖެހެއެވެ. 

އަޅުގަނޑުގެ މައިންބަފައިންނަކީވެސް ތަނަވަސް ބައަކަށްވެފައި ފިރިމީހާއަކީވެސް ތަނަވަސްކަންހުރި މީހަކަށްވުމުން ދުވަހަކުވެސް ފައިސާގެ ދަތިކަން އިޙްޞާޞްކުރަން ނުޖެހޭތީ ފަޤީރުކަން އިޙްޞާޞްކުރެވިފައެއްވެސް ނުވެއެވެ. ތެދަށް ބުނާނަމަ ފަޤީރުން އިޙްޞާބްތަކަކީ ކޮބައިކަން ނުވެސް އެނގެއެވެ. 

ފިރިމީހާ ނިޔާވިއިރު ހުރީ އެންމެ ދަރިއެކެވެ. އެއިގެފަހުން ކައިވެންޏެއް ނުކުރާތީ އިތުރު ދަރިއަކު ނުވެސް ލިބެއެވެ. ލިބިފައިހުރި ހަމައެކަނި ދަރިފުޅަށް ސަމާލުކަންދީގެން ގެންގުޅެ ބޮޑުކުރީމެވެ. ކިޔަވައިދީ މޮޅު ކުއްޖަކަށް ހެދީމެވެ. 

ދަރިފުޅު އޮފީހަކުން ވަޒީފާ ހޯދައިގެން މަސައްކަތް ފަށާފައި އޮފީސް ދަތުރެއްގައި ރާއްޖެތެރޭގެ ރަށަކަށް ގޮސް 3 މަސްވަންދެން ހުރެފައި އެނބުރި އައީ އަންތބަކު ގޮވައިގެންނެވެ. އަދި އޭނާއަކީ 3 އަހަރުގެ ދަރިއަކުވެސް ހުރި އަންހެނެކެވެ. އެހެންވެ ދަރިއެއްގެ ގޮތުގައި އޭނާ ބަލައިގަންނާކަށް ބޭނުމެއް ނުވިއެވެ.

ތެދަށް ބުނާނަމަ ބަލައި ނުގަތީ ބީރައްޓެހި ކުއްޖަކަށްވެފައި ތައުލީމީ ގޮތުން ފެންވަރުދަށްވީމައެވެ. އަޅުގަނޑު އުންމީދުކޮށްގެން ހުރީ ދަރިފުޅާއި އެއްފެންވަރުގެ ކުއްޖަކާއި ކައިވެނިކުރުވަން ކަމަށްވާތީއެވެ.

ނަތީޖާ ނުކުތީ އަޅުގަނޑު ބޭނުންވި ގޮތަކަށް ނޫނެވެ. ޢެނާ ގެއަށް ނުވެއްދުމުން ދަރިފުޅު އޭނާ ގޮވައިގެން ދިއައީއެވެ. ދަރިފުޅު ދޫކޮށްލީ އަޅުގަނޑެވެ. އެކަމާއި ވީދެރައިން ވަރަށް ބޮޑަށް ބަލިވިއެވެ. ތެދުވެ އުޅެންވެސް އުނދަގޫވިއެވެ. އެކަމަކުވެސް ގޮތް ދޫނުކުރަންވެގެން ދަރިފުޅަށް ނުގުޅައި ހުއްޓައި ހަފްތާއެއްހައި ދުވަސްފަހުން އެއް ދުވަހު ދަރިފުޅު އަނެއްކާވެސް އައީ އަނބިމީހާ އާއި ކުޑަކުއްޖާ ގޮވައިގެންނެވެ.

އެއިރު އަޅުގަނޑުގެ ބަލިހާލަތުހުރިގޮތުން ގެއަށް ވެއްދިއަނުދީ ފޮނުވައިލާނެ ހިތްވަރެއް ނުލިބުނެވެ. އެހެންވެ ގޭގައި އުޅެން ރުހުނީމެވެ. ކުރިން ޢަމަލުކުރެވުނު ގޮތާއިމެދު މާފަށް އެދުނީމެވެ. އެއްވެސް ހިތްބުރަކަމެއް ނުބާއްވައި އޭނާ އަޅުގަނޑަށް މާފުކުރިއެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ދަރިފުޅުގެ ކައިވެންޏަށް 12 އަހަރު ފުރިއްޖެއެވެ. ދަރިފުޅުގެ އަނބިމީހާއަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ޖަވާހިރެއް ފަދަ ކުއްޖެކެވެ. ދުވަހަކުވެސް ހެވިފައި ހުރެގެން ނޫނީ އަޅުގަނޑާއި ވާހަކަވެސް ނުދައްކައެވެ. އަދި ކަމަކު ބޭނުންވެގެން ގޮވާލައިފިނަމަ ކޮންމެ ކަމެއް ހުރެފައިވެސް ދުވަމުން އައިސް އެކަމެއް ކޮށްދެއެވެ.

އެންމެ ބޮޑަށް އުފާވަނީ ރޯގާއެއް ޖެހިލިނަމަވެސް ކައިރިން ދުރަށް ނުގޮސް އިނދެ ކަންކަން ކޮށްދޭތީއެވެ. ގައިގައި ބާމު އުގުޅައިދިނުމާއި އާވިއެރުވުމާއި އެހެންގޮސް ފަރުވާގެ ގޮތުގައި މީހުން ކޮށްއުޅޭ ހުރިހާ ކަންކަން ކޮށްދޭނެއެވެ.

މިހާރު ހިތަށް އަރައެވެ. "ދަރިފުޅާއި އެއް ފެންވަރުގެ ކުއްޖަކު ގެއަށް ގެނެވުނުނަމަ މިފަދަ އެއްވެސް ޚިދުމަތެއް ނުލިބޭނެއެވެ. ޑޮކްޓަރަށް ދެއްކުން ނޫން ކަމެއް ކޮށެއް ނުދޭނެއެވެ. އަދި ކަމަކަށް ބޭނުންވި ނަމަވެސް އެހައި ފަސޭހައިން ކޮށެއް ނުދޭނެއެވެ."

ގޭގައި އުޅެން ފަށާފައި ދަރިފުޅު ބުނި ބަސްތައް މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. "މަންމާއެވެ! ނިކަމެތި ފަޤީރު ކުދިންނަށް ހެޔޮކޮށް ކަންކަން ކުރީމާ މަންމައަށް ލިބޭ އުފާވެރިކަން މާބޮޑުވާނެއެވެ. މަންމައަށް ކުރާ ޤަދަރާއި އިޙްތިރާމްވެސް މާބޮޑުވާނެއެވެ. ވިމާ ކައިވެނި މިކުރީ މަންމައަށް ހެޔޮކޮށް ކަންކަން ކޮށްދޭނެ އަންހެނަކަށް ބަލައިގެންނެވެ." ދަރިފުޅު ދެއްކި ވާހަކަތައް އެދުވަހު އެހައި ބޮޑަށް ޤަބޫލުކުރެވުނަސް މިއަދު އެކަންކަން މިވަނީ ކުރެވިފައެވެ.

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ފުރަތަމަ ދުވަހު ކަންކަން ކުރެވުނު ގޮތާއިމެދު މިހާރުވެސް ލަދުވެތިވަމުންނެވެ. ދަރިފުޅުގެ ނިންމުމަކީ އަޅުގަނޑަށް އެންމެ ފައިދާކުރާނެ ގޮތަށް ނިންމި ނިންމުމެއްކަން މިއަދު ޔަޤީންކުރެވުމުން ބޭނުންވަނީ އަޅުގަނޑަށް އެދުވަހު ކަންކަން ކުރެވުނު ގޮތަށް އެއްވެސް މައަކު ކަންކަން ނުކުރަން ބުނެލުމަށެވެ.  

- ޙަފީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް